twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – އައިޝާ

Sep 13, 2011

އިނާޔަތު އަލީ

އޮއްސެމުން އައި އިރާއިއެކު އުޑުމައްޗަށް އަންނަމުންދާ ރީތި ކުލަވަރުތައް ބަލަން ގޮނޑުދޮށުގައި އިން އައިޝާ އިނީ ފުން ޚިޔާލަކަށް ގެއްލި ހުސްވެފައިއެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު މިނިވަންކަމާއެކު ހުއްޓުމެއްނެތި ވިހުރެނީއެވެ. ކުދި ކުދި ރާޅުތައް އައިސް އޭނާގެ ފައި ތިލައިގައި ބީހިލާފައި ދާއިރުވެސް އޭނާއަކަށް އެކަން އިހްސާސް ވެސް ނުވާ ކަހަލައެވެ.

“ބައްޕާ! މަންމައަށް ތިހެން ނުހަދާ! ހެޔޮނުވާނެ މަންމައަށް އަނިޔާ ނުކުރޭ…!” އައިޝާއަށް ގޮވުނު އެންމެ ބާރަކަށް މިހެން ގޮވަމުން އާދޭސް ކުރަމުން ދާއިރުވެސް ފަންތޮށިގަނޑަކުން އައިޝާގެ ބައްޕަ އަލީ، އޭނާގެ ކުށެއްނެތް އަނބިމީހާގެ ގައިގައި ތަޅަމުން ދަނީ އެއްވެސް ރަހުމެއް ނެތިއެވެ. އައިޝާގެ މަންމަ މަރިޔަމްގެ ރޮއެ އާދޭސް ކުރުމަކުން އަލީގެ އަނިޔާއަށް ހުއްޓުމެއް ނައެވެ. އައިޝާގެ ކުރިމަތީގައި އޭނާގެ ބައްޕަ އޭނާގެ މަންމަގެ ގައިގައި ތަޅާތީވެ، އޭނާއަށް ހުރެވުނީ ކުރާނެކަމެއް ނޭނގިފައެވެ. އައިޝާ ދުވެފައިގޮސް ގޭގައި ހުރި ބިއްލޫރި ފުޅިއަކުން އޭނާގެ ބައްޕަގެ ބޮލުގައި ޖެހިއެވެ. އަލީގެ ބޯފަޅައިގެން ދިއުމުގެ އިތުރުން ބޮލަށް މުށިތައް ވަދެފައި ހުއްޓެވެ. އައިޝާގެ ގައިގައި ތަޅައިގަތުމަށް އަލީގެ އަތް ހޫރާލި ވަގުތު އެތަނަށް އައިސް އޭނާ ހުއްޓުވީ ކުރިމަތީގައި ހުންނަ ގޭގައި އުޅޭ ހަސަނެވެ. ހަސަނު އައިސް ފުލުހުންނަށް ގުޅައި އެކަންތައް ހުއްޓުވިއެވެ. އަދި މަރިޔަމް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

“ހިތްވަރު ކުރޭ. ނުރޮއެ ހުއްޓާލާ…” ހިތްވަރު ދިނުމުގެ ގޮތުން އައިޝާގެ ބޮލުގައި ފިރުމާލަމުން ހަސަނު ބުންޏެވެ. އައިޝާގެ މަންމަ އޮތީ އައިސީޔޫގައެވެ. ބޭރުގައި ހުރި ގޮނޑުބަރިތަކުން ގޮނޑިއެއްގައި އިށީނދެލައިގެން އިން އައިޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދެއެވެ. ވަރަށް ދަންވަންދެން އެތަނުގައި އިނދެފައި ބައްޕަ އާއެކު އައިޝާ ނިދަން ދިޔައީ ގެއަށެވެ. އައިޝާގެ ކިބައިން މައާފަށް އެދުނެއްކަމަކު އަލީ އެހެން ބުނީ ކުރެވުނު ކަމާމެދު ދެރަވެގެންނެއް ނޫނެވެ. އެއްވެސް ސަބަބަކާއި ނުލައި މަރިޔަމްގެ ގައިގައި ތެޅުމަކީ އަލީގެ އާދައެވެ. ރުޅި މަޑުވުމުން މައާފަށްވެސް އެދޭނެއެވެ. ދެން އެހެން ނުވާނެއޭވެސް ބުނާނެއެވެ. ދެހަފްތާވެސް ނުވަނީ މިފަދަ އެހެން ކަންތައްގަނޑެއް ހިންގާލާނެއެވެ.

އައިޝާ ކޮޓަރީގައި ނިދޭތޯ އޮވެއޮވެ ނުނިދުނެވެ، އަލީ ދިޔައީ މަރިޔަމްގެ ގާތަށް ހޮސްޕިޓަލަށެވެ. ވަރަށް ގިނައިރު ފުރޮޅި ފުރޮޅި އޮވެފައި އައިޝާއަށް ނިދިއްޖެއެވެ. ހޭލެވުނު އިރު 8:30 ވަނީއެވެ. އައިޝާ ފެންވަރާލައިގެން ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ. އައިޝާއަށް އަދި އެންމެ ނުވައަހަރު ކަމުގައި ވިޔަސް ރަށުގައި އުޅެ ބޮޑުވެފައި ވާތީ ހޮސްޕިޓަލަށް ދާން އޭނާއަށް އެނގުނެވެ.

ހޮސްޕިޓަލަށް ގޮސް ވަންއިރު ވަރަށް ގިނަމީހުން ތިއްބެވެ. ދުވެފައި އައިސް އައިޝާގެ ބައްޕަ އައިޝާ އުރާލިއެވެ. އަދި ހިތްވަރު ކުރާށޭ ކިޔާފައި ރޯން ފެށިއެވެ. މަންމައަށް ކޮންމެވެސް ކަމެއް ވީކަން އައިޝާއަށް އެނގުމުން މަންމަ ކޮބާތޯ ސުވާލު ކުރިއެވެ. ކަމަކު ދާކަށް ނެތެވެ. އައިޝާގެ މަންމަ، މި ފަނާވަނިވި ދުނިޔެއާއި ވަކިވީއެވެ. އައިޝާ އެކަނި ކޮށްލާފައެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައީ ވަރަށް އަވަހަށެވެ. ފުލުފުލުގައި ގިނަ ކަންތައްތަކެއް ވާން ފަށައިފިއެވެ. އައިޝާއަށް މަންމައެއްގެ ލޯބި ހޯދައިދޭން އަލީ ބޭނުންވިއެވެ. އެހެން ނަމަވެސް އަލީ އިން މީހަކީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް ކަހަލަ މީހަކެވެ. އަލީ ގޭގައި ނޫޅޭ ވަގުތު އައިޝާ އުޅެން ޖެހެނީ ދޮންމަންމަގެ އަޅަކަށް ވެގެންނެވެ. ގޭގައި ކުރަންހުންނަ ހުރިހާ ކަމެއް ކުރަން ޖެހޭނީ އައިޝާ އަށެވެ. އަލީގެ ބޮލަށް “އެރުމަކީ” ދޮންމަންމަ އަށް ވަރަށް ފަސޭހަ ކަމެކެވެ. އަންހެން ކުދިން ބޮޑަށް ކިޔަވާކަށް ނުވާނެއޭ ކިޔައިގެން އައިޝާ ސްކޫލުންވެސް ކަނޑާލިއެވެ.

ރުއިމަކީ އައިޝާގެ އާދައެވެ. އޭނާއަށް ކާން ލިބެނީވެސް ދޮންމަންމަ ބޭނުން ހުރިހާ ކަމެއް ކޮށް ނިންމުމުންނެވެ. މަންމަ ދުނިޔޭގައި ނެތުމުން އައިޝާއަށް ދެން ދުނިޔޭގައި ޖާގައެއް ނެތީހެއްޔެވެ. އަޅާލާނެ މީހަކު ނެތީހެއްޔެވެ. މިނޫންގޮތެއް ނެތީހެއްޔެވެ؟

މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އައިޝާގެ ބައްޕަވެސް މަރުވީއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް އައިޝާއަށް ޖެހުނީ ހަގީގަތާއި ކުރިމަތިލާށެވެ. މަންމަ އާއި ބައްޕަ ނެތުމުން އައިޝާގެ މައްޗަށް ދޮންމަންމަ ފުރިހަމައަށް ބާރު ފޯރުވަން ފަށައިފިއެވެ. އައިޝާގެ ހަޔާތްއެކީ ބަނަ ވިއެވެ. އެއްވެސް ގޮތެއް ނެތެވެ. އަޅަކަށް ވެގެން އުޅެން ޖެހުނީއެވެ.

ދުވަސްތައް ހަފްތާއަކަށް، ހަފްތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ވަމުންގޮސް މިހާރު އައިޝާއަކީ ވެސް 19 އަހަރު ފުރިފައިވާ ރީތި ދޮން އަންހެން ކުއްޖެކެވެ. ދޮންމަންމަ ބޭނުންވީ ވަރަށް މުއްސަނދި މުސްކުޅި މީހަކާއި އައިޝާ ދެވާށެވެ. އެއީވެސް ދޮންމަންމަ ފައިސާގެ ދަހިވެތިކަމުގައި ހިތުއަޅައިގެން އުޅޭ ކަމެކެވެ. އެރަށުގެ އުޖާލާގޭ މުހައްމަދަކީ 62 އަހަރު ވެފައިވާ ވަރަށް މުއްސަނދި މީހެކެވެ. މުހައްމަދުގެ އަންހެނުން މަރުވިތާ މިހާރު 25 އަހަރު ވެއްޖެއެވެ. ދޮންމަންމަ ބޭނުންވީ އައިޝާ މުހައްމަދާ ދެވާށެވެ. އެވާހަކަ އައިޝާއަށް އަންގާވެސް ނުލައި ދޮންމަންމަ އެކަންތައްތައް ހަމަޖައްސަން ބޭނުންވިއެވެ.

އާދައިގެ މަތިން ފަތިހު ތެދުވެ ނަމާދު ކޮށްލައިގެން އައިޝާ ދިޔައީ ރޮށިފިހާށެވެ. ސައި ހެދުމަށްފަހު ރީތި ވެލައިގެން ގޮސް ދޮންމަންމައަށް ސައިބޯން ގޮވިއެވެ. އެދުވަހު ހަވީރު އައިޝާ ގޮވައިގެން ދޮންމަންމަ ދިޔައީ އުޖާލާ ގެއަށެވެ. އައިޝާއަށް އެއްވެސް ކަމެއް ނޭނގެއެވެ. ކުރިން އެވާހަކަ ދޮންމަންމަ ވަނީ މުހައްމަދާ ދައްކާފައެވެ. އެކަމަކު މުހައްމަދަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. މިކަންތައް ކުރަން އޭނާ ބޭނުމެއް ނުވިއެވެ.

އުޖާލާގޭ ދޮރާށި ހުޅުވާފައި އައިޝާއާއި ދޮންމަންމަ އެތެރެއަށް ވަނެވެ. ވަންއިރު ޖޯލިފަތީގައި އޮށޯވެލައިގެން މުހައްމަދު އޮތެވެ. އިށީނުމަށް އަންގާފައި، އޭނާ “ފަޔާޒް!” އޭ ކިޔާފައި ގޮވާލިއެވެ. އެވަގުތު އެތަނަށް އައީ ހަށިގަނޑު ރީތި މޫނު އަލި ރިވެތި މިޒާޖެއްގެ ފިރިހެނެކެވެ. ދޮންމަންމަ އިނީ ވާނުވާއެއް ނޭނގިފައެވެ. މުހައްމަދު ބޭނުންވީ އައިޝާ އާއި ފަޔާޒް ކައިވެނިކުރާށެވެ. އެކައިވެންޏަށް އެއްބަސްތޯ އައިޝާގެ ކައިރީ މުހައްމަދު ސުވާލު ކުރިއެވެ. ވަރަށް ލަދުން އެހެނަސް އެހާމެ އުފަލުން ހުރެ އައިޝާ އާނއެކޭ ބުނެ އެއްބަސްވިއެވެ. ފަޔާޒްއަކީ ކިޔަވައިގެން ހުރި ވަރަށް އަހުލާގު ރަނގަޅު ކުއްޖެކެވެ. އުމުރަކީ 21 އަހަރެވެ.

ކައިވެނި ވަރަށް އަވަހަށް ކުރެވުނެވެ. އައިޝާއާއި ފަޔާޒް ވަރަށް އުފަލުގައި ދިރިއުޅެން ފެށިއެވެ. އައިޝާ އޭނާގެ ދޮންމަންމަގެ އަނިޔާތަކުން ސަލާމަތްވީއެވެ. މަންމައެއްގެ ލޯބި ނުލިބުނަސް، އަދި ބައްޕަގެ ލޯބިން މަހުރޫމް ވިޔަސް މިއަދު އައިޝާއަށް ލޯބިދޭނެ ރަނގަޅު ފިރިއެއް ލިބިއްޖެއެވެ.

އައިޝާ ވިސްނަން އިން ޚިޔާލުން ނިކުމެވުނީ ފަޔާޒް އައިސް އައިޝާއަށް ގޮވާލުމުންނެވެ. ގޮނޑުދޮށުން ތެދުވެގެން ދެމީހުން އެކީ ގައަށް ދާން ހިނގައިގަތެވެ. އައިޝާގެ މާޒީ ކިތަންމެ އަނދިރިއަސް، މުސްތަގްބަލް ވަރަށް އުޖާލާއެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖޫނިއަރ  ގްރޫޕްގެ އިނާޔަތު އަލީ، ގްރޭޑް 9 ޖީ، ލިޔެފައިވާ ވާހަކައެކެވެ. އިނާޔަތު ގެ މިވާހަކަ ޖޫނިއަރ ގްރޫޕްގެ އެންމެ މޮޅު 5 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355