twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރުވާހަކަ – ބޭބެ ނެތްނަމަ…

Sep 17, 2011

ޝަމްލާ އިބްރާހިމް

ރަނގަބީލު ޖެހުމާއެކު އާހިލް ދުއްވައިގަތީ ގެއަށް ދިއުމަށެވެ. މިއަދަކީ އާހިލްގެ އުފަންދުވަސް ކަމުން ސްކޫލުގައި މަޑުކޮށްފިނަމަ ރައްޓެހިންގެ ފަރާތުން ލަނޑެއް ލިބުމަށް ނޭދޭތީ ސްކޫލުގައި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ކުލާހުގެ ކުދިންނަށް އަތުނުވުމަށްޓަކައި ނުހަނު ބާރަށް ދުވަމުންގޮސް ސްކޫލުން ނުކުތުމާއި އެކުހެން އާހިލް ޖެހުނީ ޔުނީފޯމްގެ ބަންދު ރަނގަޅު ކުރަމުން އައި އަންހެން ކުއްޖެއްގެ ގައިގައެވެ. އާހިލް ޖެހުނުލެއް ބާރުކަމުން އެކުއްޖާގެ އަތުގައި އޮތް ނޯޓްފޮތްވެސް ވެއްޓުނެވެ. އެކުއްޖާގެ މޫނަށް ބަލާލުމަށްފަހު އާހިލް ނޯޓުފޮތް ނަގައި އޭގެތެރެއިން ވެއްޓުނު ފޮޓޯގަނޑެއް އަވަސް އަވަހަށް އޭނާގެ ޖީބަށް ކޮށްޕާލިއެވެ. ރުޅިވެރިވެރި ނަޒަރަކުން ބަލާލުމަށްފަހު އެކުއްޖާ އާހިލްގެ އަތުން ނޯޓްފޮތް ދަމައިގަތެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ސްކޫލަށް ވަދެއްޖެއެވެ. އާހިލްއަށް ހުރެވުނީ ކަޅިޖަހައިނުލާ އެފަރި ހިނގުމަށް ބަލާށެވެ. އެހެން ހުއްޓާ އާހިލްގެ ކުލާސް ކުދިންތައް އައިސް އޭނާގެ ބޮލަށް ބިސްޖަހައިފިއެވެ. އެހެން ނަމަވެސް އޭނާ އެކަންތައް މާބޮޑު ކަމަކަށް ނުހަދައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އަލަށް މިދިމާވި އަންހެން ކުއްޖާއާ ވާހަކަ ދައްކާލުމުގެ ޝައުގުގައެވެ. އޭނާ ޖީބަށްލީ ފޮޓޯ ނަގާ ފޮޓޯއަށް ބަލާލިއެވެ.

މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. އާހިލް އޭނާގެ އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. އޭނާގެ ނިދިވަނީ އެތައް ހާސް މޭލު ދުރުގައި ކަހަލައެވެ. އާހިލްއާ އޭނާގެ ބޭބެ ނާހިލް ހިއްސާކުރަނީ އެއް އެއްކޮޓަރިއެކެވެ. މަޑުމަޑުން އެނދުން ފައިބައިގެން ގޮސް އޭނާގެ ލިޔާ މޭޒު ކައިރީ އިށީނެވެ. އެންމެ ފުރަތަމަ އަތުޖެހުނީ ދިވެހި ލިޔާ ކުޑަފޮތް ކަމުން އެފޮތުގެ އަނެއް ފުށުގައި ލިޔަން ފަށައިފިއެވެ.

“އަހަރެންގެ ނަމަކީ އާހިލް. އަހަރެންގެ ހުންނަނީ އެންމެ ބޭބެއެއް. ދެން މަންމައާއި ބައްޕަ. އާއިލާއަކީ މުއްސަނދި އާއިލާއެއް. އަހަރެން ބޭނުން ހުރިހާ އެއްޗެއްހެން ލިބިފައި ވިޔަސް އަހަރެންނަށް ނުލިބެނީ ހަމައެކަނި ލޯބި. މަންމަގެ ލޯބި. ބައްޕަގެ ލޯބި. އަދި ބޭބެގެ ލޯބިވެސް ނުލިބޭ. އެހެންވެ އަހަރެން ބޭނުން ތިކުއްޖާގެ ލޯބި. ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެ. ތިއީ ކޮން ކުއްޖެއް؟އަހަރެން މާދަމާ ގޭޓު ކައިރީ ހުންނާނަން. ޖަވާބަކަށް އިންތިޒާރު ކުރަން. 7975566 މިއީ އަހަރެންގެ ނަންބަރު. ކަމެއް ޖެހިއްޖެއްޔާ ގުޅާލައްޗޭ…”

ވާހަކަ ދައްކާ ބަހުރުވައިން އެނޯޓް ލިޔެލުމަށްފަހު އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. އެހެން ނަމަވެސް އާހިލްގެ ސިކުނޑީގައި ވަނީ އެބަލާލުމެވެ. އެ ލޫޅާފަތި ހަށިގަނޑެވެ. އެފަންފަން އިސްތަށިގަނޑެވެ. ޖަންބު ކުލައަރާ އެކޯތާފަތެވެ. ފިޔާތޮށިކަން ގަދަ އެ ދެތުންފަތެވެ. އެހެން އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ. އާހިލްއަށް ހޭލެވުނީ ސްކޫލަށްދާން މަންމަ ގޮވާއަޑަށެވެ. އާދައިގެ މަތިން އެދުވަހުވެސް މަންމަ ހުރީ ރުޅިއައިސްފައެވެ. އަވަސް އަވަސް ކޮށްލައިގެން ގަޑިޖެހެން ވާއިރަށް ސްކޫލަށް ދެވުނީ ހަމަ ކިރިޔާއެވެ.

އެދުވަހުގެ ސެޝަން ނިމޭނޭ އިރަކަށް އާހިލް އިނީ އިންތިޒާރު ކޮށްކޮށެވެ. ރަނގަބީލު ޖެހުމާއެކުހެން ދުއްވައިގަތެވެ. އެ އަންހެން ކުއްޖާ އަންނާނެ ކަމުގެ އުއްމީދުގައި ގޭޓުކައިރީގައި މަޑުކޮށްލިއެވެ. މާ ގިނައިރުތަކެއް ނުވެ އެކުއްޖާ އަންނަތަން ފެނިއްޖެއެވެ. ހިތްވަރު ކޮށްލާފައިގޮސް އެކުއްޖާގެ ކުރިމައްޗަށް އާހިލް ހުއްޓުނެވެ.

“އިއްޔެ ކަންތައް ދިމާވިގޮތުން ވަރަށް ބޮޑަށް ސޮރީ.” އާހިލް ފުރަތަމަވެސް މައާފަށް އެދުމަށްފަހު އަތުގައި އޮތް ގަނޑުކޮޅު ދިއްކޮށްލިއެވެ.

“އެއީ މައްސަލައެއް ނޫން.” އެކުއްޖާ ބުނެލިއެވެ. އަދި އެވަގުތު އާހިލްގެ ހިތް އުފަލުން ފޮޅުނެވެ. އޭނާއަށް ލަސްވާކަމަށް އަތުގެ އިޝާރާތުން ދައްކާލުމަށްފަހު ސްކޫލަށް ވަންނަން ހިނގައިގަތެވެ. އަދި މާދަމާ ބައްދަލުވާނެކަމަށް ވެސް ބުންޏެވެ. ލިބުނު އުއްމީދާ އެކު އާހިލް ގެޔަށްދާން ހިނގައިގަތީ މާބޮޑަށް ލަސްވެއްޖެނަމަ މަންމަ ކިޔާނެ އެއްޗެހި ހިތަށް އެރުމުން ޖެހިލުންވެ ހުރެއެވެ.

އާހިލް ބުނެފައިވާ ފަދައިން ޖެހިގެން އައިދުވަހު އާހިލް އައުމުގެ ކުރިން އެއަންހެން ކުއްޖާ ގޭޓް ކައިރީގައި ހުއްޓެވެ. އެކުއްޖާ ގެނައި ނޯޓް ކޮޅު އާހިލްގެ އަތަށް ދިނުމަށްފަހު އެކުއްޖާ އަވަސްވެގަތީ ސްކޫލަށް ވަނުމަށެވެ. އަވަސް އަވަހަށް އާހިލް އެކަރުދާސްކޮޅު ކިޔަން ފަށައިފިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އޭގައިވަނީ ދެޖުމްލައެވެ. އެހެން ނަމަވެސް އެދެޖުމްލަ އޭނާއަށް ރަނަށްވުރެވެސް އަގުބޮޑު ކަހަލައެވެ.

“އަހަރެންނަކީ އައިލީން. އަހަރެން ވަރަށް ބައިވަރު ވާހަކަ ބުނަން ބޭނުންވާތީ މިރޭ 7 ޖަހާއިރު 7698115 އަށް ގުޅާލާ.” އެކަރުދާސްކޮޅުގައި ފިޔާތޮޅި ކުލައިގެ ޑިސްކޯ ގަލަމަކުން ލިޔެލާފައި އޮތެވެ.

އޭރުން ސުރެން އާހިލް އިންތިޒާރު ކުރަމުން އެދަނީ 7 ޖަހާ އިރަށެވެ. ގޭގެ ފެންޑާގައި ހުރި ބޮޑު ގަޑިން 7 ޖެހިކަން އިއުލާނު ކުރުމާއެކު ފޯނުނަގައި އައިލީންއަށް ގުޅާލިއެވެ. އާހިލް އައިލީން އާ ވަރަށް ގިނައިރު ވާހަކަ ދައްކަން އިނެވެ. ނޭނގޭ އެތައްކަމެއް އެނގިގެންދިޔައެވެ. ކުއްލިއަކަށް ފޯނު ކެނޑުމުން އާހިލް ފޯނުގެ ސްކްރީންނަށް ބަލާލިއެވެ.

ދެގަޑިއިރު ވުމުން އަމިއްލައަށް ފޯނު ކެނޑުނީކަން އެނގުމުން އޭނާއަށް ހައިރާންކަން ލިބުނެވެ. އެހާމެ ގިނައިރު ވާހަކަ ދެއްކުނީތީއެވެ. އެދެކެވުނު ވާހަކަތަކުގެ ތެރޭގައި އާހިލްގެ ހިތުގައި އެތަށް ބައިވަރު ޒަހަމްތަކެއްވެސް ވަނީ ލާފައެވެ. އާއެކެވެ. އައިލީން އަކީ އޭނާގެ ބޭބެގެ ލޯބިވެރިޔާއެވެ. އައިލީން ގްރޭޑް 12 ނިމުމުން ކައިވެނިކުރަން ނިންމާފައިވާ ވާހަކަވެސް އޭނާ ބުންޏެވެ. އާހިލް އޭނާގެ އަމިއްލަ ނަފްސު ދެކެ ލަދުގަތެވެ. އެއިން އެއްވެސް ކަމެއް އޭނާއަށް އެނގިފައި ނުވާތީއެވެ.

އޭގެފަހުން އާހިލް އައިލީންއާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އަދި އޭނާގެ ކޮންމެ އުފަންދުވަހެއް ފާހަގަ ކުރަމުން ދިޔައީ ކަޅު ދުވަހެއްގެ ގޮތުގައެވެ.

އާހިލްގެ އޭ ލެވެލް ނިމިއްޖެއެވެ. އެއަހަރު އައިލީން 12 އަށް ބަދަލުވީއެވެ. އާހިލް އިތުރަށް ބިޒްނަސް ކިޔަވާ ބައްޕަގެ ވިޔަފާރީގައި އެހީތެރިވެދޭނެ ކަމަށް ބުނުމުން މަންމަމެން އެކަމާ ގަބޫލެއް ނުވިއެވެ. މިއޮއްހާ ދުވަހު އޭނާ ކުރި އުއްމީދު ފެނަށް ވީއެވެ. އެފުރުސަތު ބޭބެއަށް ލިބުނުކަން އެނގުމުންނެވެ. އެހެން ކަމުން އާހިލް ލަންކާއަށް ދިޔައީ އައިޓީގެ ރޮނގުން ކިޔެވުމަށެވެ. އޭނާ ލަންކާގައި ހުއްޓައި ރައްޓެއްސެއްގެ ފަރާތުން ބޭބެގެ ކައިވެނި ކުރެވުނުކަން އެނގުނެވެ. ރަށަށް ގޮސް އެންމެ ލޯބިވާ ކުއްޖާ ފަހަރިއެއް ކަމުގައި ބަލައިގެން އުޅެން ޖެހޭނެގޮތް ތަސައްވުރު ކޮށްލެވުނެވެ.

ފުރިހަމަ 3 އަހަރަށް ފަހު އާހިލް ރަށަށް އައީ މަތީ ވަނައެއްގައި ދަސްވެނިވެގެންނެވެ. އެހެންނަމަވެސް އޭނާގެ ގެއިން މަރުހަބާ ކިޔާނޭ އެކަކުވެސް ނުވިއެވެ. ބޭނުން ނުވެ ތިއްބާ ލިބުމުން އާހިލްއަށް ނަފުރަތު ކުރާ މަންމަ މެންނާއި އެމީހުން ދަސްކޮށްދިން ގޮތުން އާހިލް ދެކެ ރުޅިއަންނަ ބޭބެއާ އޭނާ ކުރިމަތި ލާނޭ ގޮތެއް ނުވިސްނެއެވެ. ބޭބެގެ އަމުރުވެރިކަމުގެ ދަށުގައިވާ އޭނާގެ ލޯބިވާ އައިލީންއާ ކަޅިހަމަ ކުރާނޭ އުކުޅެއް އޭނާއަކަށް ނޭނގެއެވެ.

ކަންތައް އެހެން ހުރިނަމަވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ އާހިލް އެ ހުރިހާ ކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނެތި ކެތްކުރާނެ ކަމެވެ. އޭނާގެ ހިތަށް އަރައެވެ. މަންމަމެންގެ ލޯބި ލިބުނީހެވެ. އައިލީންގެ ފިރިއަކަށް ވެވުނީހެވެ. ކުރިއްސުރެ ދެކުނު ހުވަފެނުގައި ކުލަޖެހި ބައްޕަގެ ވިޔަފާރީގައި ހިއްސާ ވެވުނީހެވެ. އެކަމަކު ބޭބެ ނެތްނަމައެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ޝަމްލާ އިބްރާހިމް، ގްރޭޑް 12 ބީ، ލިޔެފައިވާ ވާހަކައެކެވެ. ޝަމްލާގެ ގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355