ބަދުރުއްދީން ޙަސަން
އިންޓަނެޓްގެ ސްޕީޑް ދަށްވެގެން ކުރަން ބޭނުންވާ ކަމެއް ނުކުރެވިފައި ރުޅިއައިސް ވަރަށް ގިނައިން އިންނަންދޯއެވެ. އެކަހަލަ ވަގުތު ތަކުގައި ދުނިޔޭގައި އެންމެ އަވަސް އިންޓަނެޓް ހިދުމަތެއް ދެނީ ކޮން ގައުމެއްގައިބާއޭ ވެސް ހިތަށް އަރާ ނޫންހެއްޔެވެ؟ އަޅެ ބަލަމާ ހިނގާށެވެ. ދާދިފަހުން ފައިލް ޝެއަރިންގެ ހިދުމަތްދޭ ކުންފުންޏެއް ކަމުގައިވާ ޕެންޑޯ ނެޓްވޯކްގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުނިޔޭގައި މިވަގުތު އެންމެ އަވަސް އިންޓަނެޓް ހިދުމަތެއް ލިބެނީ ދެކުނު ކޮރެއާގައެވެ. އެގައުމުގައި އެވަރޭޖްކޮށް އަބަދުވެސް 17.62 އެމްބީޕީއެސް ޑައުންލޯޑް ސްޕީޑްގެ ގޮތުގައި ލިބެން ހުރެއެވެ.
224 ގައުމަކުން ނެގުނު 27 މިލިޔަން ޑައުންލޯޑްގައި ހިމެނުނު 35 ޕީޓާބައިޓްސް (35000 ޓެރާބައިޓްސް) ގެ ޑޭޓާ ސާމްޕަލްއެއްގެ ގޮތުގައި ނަގައިގެން ކުރި މިދިރާސާގެ އެއްވަނައިގައި ދެކުނު ކޮރެއާ ހިމެނުނު އިރު ދެވަނާގައި އޮތީ ޔޫރަޕްގެ ގައުމެއް ކަމުގައިވާ ރުމޭނިޔާއެވެ. އެގައުމުގެ އެވްރެޖް ޑައުންލޯޑް ސްޕީޑަކީ 15.27 އެމްބީޕީއެސް އެވެ. މިދެގައުމުގެ ފަހަތުން އިރުމަތީ ޔޫރަޕްގެ 3 ގައުމު ކަމުގައިވާ ބަލްގޭރިއާ، ލިތުއޭނިއާ އަދި ލެޓްވިއާ ގަދަ 5 ގައި ހިމެނެއެވެ. ހަ ވަނާގައި ޖަޕާން ހިމެނޭއިރު ހަތްވަނާގައި ވަނީ ސްވިޑްންއެވެ. އޭގެ ފަހަތުން ޔޫކްރެއިން، ޑެންމާކު އަދި ހޮންގކޮންގ ގަދަ ދިހަޔެއްގައި ހިމެނެއެވެ.
އެމެރިކާގެ އެވްރެޖް ޑައުންލޯޑް ސްޕީޑަކީ 4.93 އެމްބީޕީއެސް އެވެ. އެއީ ދުނިޔޭގެ 26 ވަނައެވެ. އެންމެ ބޮޑު އާބާދީއެއް އިންޓަނެޓް ބޭނުންކުރާ ގައުމު، ޗައިނާގެ އެވަރޭޖް ސްޕީޑަކީ 1.96 އެމްބީޕީއެސްއެވެ.
އެމެރިކާގެ އެވަރޭޖް ސްޕީޑް 4.93 އެމްބީޕީއެސްގައި ހުރިކަމުގައި ވިޔަސް ބައެއް ސްޓޭޓްތަކުގައި ވަރަށް އަވަސް އިންޓަނެޓް ލިބެން ހުރެއެވެ. މިގޮތުން އެންޑޯވާގައި 22.41 އެމްބީޕީއެސް ލިބެން ހުރެއެވެ. ނަމަވެސް ދެކުނު ކޮރެއާގެ ސިޓީއެއް ކަމުގައިވާ ސިއޯޗޯގެ އިންޓަނެޓް ސްޕީޑް ހުރީ އަތްފޯރާފަށަށްވުރެ މާ މަތީގައެވެ. އެއީ 33.5 އެމްބީޕީއެސް އެވެ. ދެކުނު ކޮރެއާގެ މިސިޓީއަކީ ދުނިޔޭގެ އެންމެ އަވަސް އިންޓަނެޓް ހިދުމަތް ލިބޭ ސިޓީއެވެ.
މިދިރާސާއިން ދައްކާގޮތުން އެންމެ ލަސް އިންޓަނެޓް ހިދުމަތެއް ލިބެނީ އެފްރިކާގެ ގައުމުތަކަށެވެ. މިގޮތުން 13 ކޭބީޕީއެސް ލިބޭ ކޮންގޯ ވަނީ އެންމެ ފުލުގައެވެ. އެއީ ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބޭނުންކުރި ޑައިލްއަޕް ހިދުމަތާ ދާދިއެއްވަރު ސްޕީޑެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާކޮށް އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގުން ތައާރަފް ކޮށްފައިވާ އެންމެ އަވަސް ޕެކޭޖަކީ ދިރާގު ހޯމް ޕްރިމިއަރ ޓެންއެމް އެވެ. މިޕެކޭޖްގެ ސްޕީޑަކީ 10 އެމްބީޕީއެސް އެވެ. ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މިހާރު އަޅަމުންދާ ސަބްމެރިން ކޭބަލްގެ މަސައްކަތް ނިމުމުން ދިރާގުން ދޭ އިންޓަނެޓް ހިދުމަތް ވަރަށް ފުޅާވެގެންދާނެކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.