ބަދުރުއްދީން ޙަސަން
ކުޅުދުއްފުށީ ބަންޑާރަމަގުގައި ހުރި ކުދިކުދި ވަޅުތަކުގައި ހެދިފައިވާ ފެން ގަނޑުގަނޑުން ނައްޓަމުން ޝިޔާން ސައިކަލު ދުއްވަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކުއެވެ. ވާރޭ ވެހިފާވާނަމަ މަގުގައި ބާރަށް ދުއްވުމަކީ ޝިޔާންގެ އާދައެއް ނޫނެވެ. ގިނަދުވަސްތަކެއް ވަންދެން މާލޭގައި އުޅެފައި ވުމުން ވާރެ ވެހޭ ރެޔެއްގައި މާލޭގެ މަގުމަތިން ކުރެވިފައިވާ ތަޖުރިބާތަކުގެ ސަބަބުން ދަސްވެފައިވާ އާދައަކަށްވެސް ވެދާނެއެވެ. ބަންޑާރަމަގުން ގޮސް ކެމްޕަސް ކައިރިން ލަނބާލެވުންއިރު ޝިޔާންގެ ފޯނު ރިންގް ވަމުން ދިޔައެވެ. އެއީ އައިޝާ ލަސްވެގެން ގުޅަނީކަންވެސް ޝިޔާނަށް އެނގެއެވެ. ނަމަވެސް މަންޒިލާ ކައިރިވެފައިވުމުން ފޯނު ނުނަގައި ދުއްވަމުން ދިޔައީއެވެ. ލޯކަލް ބަނދަރަށް ވަދެވޭ ހިސާބަށް ދެވުމާއެކު ކަނާތް ފަރާތުން ފޯނު ތަކެއްގެ އަލިން ހަނާއަޅާތަން ފެނުމާއެކު ކުޑަކުދިންގެ ޕާކާދިމާލަށް ޝިޔާނުގެ ސައިކަލް އަނބުރާލައިގެން ގޮސް ހުއްޓަމުން ސައިކަލުގެ ހެޑްލައިޓް ނިއްވާލިއެވެ.
“ޝިޔާންއަށް އާދެވޭލެއް ހާދަ ލަހޭދޯ.” މަލާމާތުގެ ރާގަކަށް އައިޝާ ބުނެލިއެވެ. އަދި ޝިޔާނުގެ ސައިކަލް ފަހަތަށް އެރިއެވެ. “މިތިބަ ދެލޯބިވެރިން މަގޭ ކުރިމަތީގައި ވެސް ހީވަނީ އެހެން ފަދަ ކަމެއްހެން. ޝިޔާން ނައިސްގެން ނުދެވިފައެތިބީ.”
“ހައި ޝިޔާން. ކިހިނެތްތަ؟” ޒީނަތުގެ ދޮންކަމާއި ރީތި ކަމުގެ އިތުރުން އަޑުގައި އަބަދުވެސް މަސްތީ ގޮތެއް ހުރެއެވެ. “މިރަށު މަގުތަކުގައި ކައުންސިލުން ތާރު އަޅައިދިނީމަ ޝިޔާންވެސް ބާރަށް އަންނާނޭ ދޯ.”
“އޭ ބްރޯ. އަހަރުން ނައްޓާލަނީ އިނގޭ. ދާން ވީމަ ގުޅާތި.” އިއްސެގެ ސައިކަލް އިސްޓާޓް ކޮށްލިއެވެ. ފަލަ ސައިލެންސަރު އަޅުވާ މޮޑިފައި ކޮށްފައިވާ އިއްސެގެ ސައިކަލަކީ ރަށުގައިވެސް އަޑުގަދަކަމަށް މަޝްހޫރު ސައިކަލެކެވެ.
އެހެން ބުނެފައި އިއްސެއާއި ޒީނަތު ސައިކަލުގައި ނައްޓާލިއެވެ. އަދި “ރޮއްޖެއްހެން” ގޮސް އޮބާލައިފިއެވެ.
“ކޮބާ މިރޭ ކޮންތާކަށް އެމީހުން އެދަނީ.” ޝިޔާން އައިޝާއާ ދިމާލަށް އެނބުރިފައި އަހާލިއެވެ. “މިރޭ ހާދަ ހާދަ އޭ ހީވެއޭ.”
“އާނ. މިރޭ ހީވަނީ…” އައިޝާ ޝިޔާންގެ ވަރުގަދަ ހަށިގަނޑުގައި ބައްދާލިއެވެ. “ތަނެއް ނުބުނޭ މަގޭ ކައިރިއަކުވެސް. އެކަމަކު ބުނި ކޮންމެވެސް ފްރެންޑެއްގެ ކޮޓަރިއެއް އޯކޭ ކުރި ވާހަކަ.”
“އެހެންވީމަ އަހަރެމެންގެ މިރޭގެ މަންޒިލަކީ ކޮބާ؟” ޝިޔާންގެ ސައިކަލް އިސްޓާޓްކޮށްލަމުން އަހާލިއެވެ. “ފިނި ބުރެއް ޖަހާލަން ދޯދާނީ.”
“ހުމް. ހިނގާ ވެލިގަނޑަށް ދުއްވަން.” ރޭ ޝިޔާންގެ ކޮޓަރީގައި ދެމީހުން އުޅުނު ގޮތަށް މިރޭވެސް އުޅުން ބޭނުންވެފައި ހުއްޓަސް އައިޝާ ވެސް ނިންމީ ދުއްވާލަން ގޮސް ކުޑަކޮށް ވާހަކަ ދައްކާލަން ތިބެފައި ގެޔަށް ދާށެވެ. “އެމީހުން ނިންމާފައި ގުޅާނެ. ގުޅީމަ ދާނީ.”
ބަނދަރު ކައިރީގައި ވެލިގަނޑު މަތިން ދެވޭގޮތަށް ހަދާފައި އޮތް މަގުން ދެމީހުން ސައިކަލުގައި ވެލިގަނޑަށް އެރިއެވެ. ކުޅުދުއްފުށީގެ ފަޅުން ހިއްކާފައިވާ 28 ހެކްޓަރުގެ އެ ވެލިގަނޑު ހިއްކުމަކީ ރައްޔިތުންނަށް ނުލިބި އޮތް ތުނޑިއެއް ސަރުކާރުން ހަދައިދިނުން ކަހަލަ ކަމެކެވެ. ހާއްސަކޮށް ލޯބިވެރިންގެ މެހެފިލަކަށް އެތަން ވަނީ ވެފައެވެ. ބަނަ ރެޔެއްކަމުން އެތަނުގައި އެއްވެސް އަލިކަމެއް ނެތެވެ. ޖެހެމުން ދިޔަ ފިނިރޯޅީގެ ސަބަބުން އައިޝާ އިނީ ހީގަނެފައެވެ. ނަމަވެސް ޝިޔާނުގެ ހަށިގަނޑުގެ ހޫނުކަން އައިޝާއަށް ފުދެއެވެ. ސައިކަލު މަގުން ނައްޓާލައި ގޮނޑުދޮށަށް މިސްރާބު ޖެހިއެވެ. ފަސްމަޑުވުމުން ދުއްވަން އުނދަގޫ ގޮތެއް ހުއްޓެވެ. ނަމަވެސް ވާރޭ ވެހިފައި އޮތުމުން ވެލިގަނޑު ހަރުވެފައިވެއެވެ. އަދި ރާޅުޖަހާތަން ފެންނަފަށުގައި ސައިކަލު މަޑުކޮށްލިއެވެ. ސައިކަލުގައި އެއްފަރާތަށް ދެމީހުން އިށީނދެލައިގެން ތިބިއިރު އުދަރެހުގައި ހުރި ވިލާތައް ސާފުވަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ.
“އަހަރެމެން ދޭތެރެ ދޭތެރެއިން މިހެން ބައްދަލުވެ ލޯބިކޮށް އުޅުނަސް އައިޝާ ހާދަ ފޯނު ނުނަގައޭ މިހާރު. އަނެއްކާ ބިޓު މަނާކުރީތަ؟” ޝިޔާނުގެ އަތް އައިޝާގެ އުނަގަނޑުގައި އަޅުވާލަމުން އަހާލިއެވެ.
“ބިޓޭ. އޭނަޔަށް މަނާކުރެވޭތަ. އޭނަޔާވެސް މިހާރު ވަރަށް ވާހަކަ ނުދެއްކޭ. ދޭތެރެ ދޭތެރެއިން ޗެޓްކޮށްލަނީ.” އައިޝާ ޝިޔާން އާ ކައިރި ވެލަމުން ބުންޏެވެ. “އަސްލު މިހާރު ގޭގަ ކުޑަކޮށް ބިޒީ. އެހެންވެ އިނގޭ ނުގުޅެނީ ސްވީޓީ.”
އައިޝާގެ އަސްލު ލޯބިވެރިޔާ ހުންނަނީ ކަނުހުރާ ރިސޯޓުގައެވެ. ބައްދަލުވީ އެންމެ ފަހަރަކުއެވެ. އެއީ މިދިޔަ މަހު ޗުއްޓީއަށް އައިސް އުޅެނިކޮށެވެ. ދެމީހުންގެ ރިލޭޝަންޝިޕްގައި އޮތް ހަމައެކަނި ފާލަމަކީ ފޭސްބުކެވެ. ފޭސްބުކުން ޗެޓް ކުރުމާއި ފާމްވިލް ގޭމުގައި ދެމީހުން ވަގުތު ހޭދަކުރެއެވެ. ނަމަވެސް އޭނައާމެދު އައިޝާ އެހާ ސީރިއަސް އެއްނޫނެވެ.
“މަށަށްދޯ އައިޝާ ތަންކޮޅެއް ކުރިން ދިމާވި ނަމަ.” ޝިޔާން އައިޝާގެ ދަތްދޮޅީގައި ހިފާލަމުން ބުންޏެވެ. އަދި މޫނު ކައިކޮށްލިއެވެ.
“ދެން ކިޔާތިހެން.” އައިޝާ ތުން އަނބުރާލިއެވެ. “ވަރަށް ފޫހިވޭ”
އެވަގުތު ޝިޔާންގެ ފޯނު ރިންގު ވިއެވެ. ނަގާބަލާލިއިރު ގުޅަނީ ރިޒޫއެވެ. ޝިޔާންގެ 3 އަހަރުވީ ލޯބިވެރިޔާއެވެ. މި އަންނަ އަހަރު އިންނަން ތައްޔާރުވެފައިވާ ޝިޔާންގެ ރިޒޫއެވެ.
“ޝޫޝް.” އައިޝާ ކައިރީގައި އަޑެއް ނީއްވުމަށް ބުނެ ޝިޔާން ފޯނު ނެގިއެވެ.
“ހަލޯ ލޯބީ. ހާދަ ހާދަ ވައިގަދަ ތަނެއްގައި ތިއުޅެނީ.” ރިޒޫ ސުވާލު ކޮށްލިއެވެ.
“އާނ. މިއުޅެނީ ސުފުރާ މަތި ރެސްޓޯރަންޓްގައި ފްރެންޑުން ތަކަކާއެކު ކޮފީއަށް އައިސް. ވިއްސާރަ ވައިގަދަ ރެޔެއް މިއީ.” ދޮގު ހަދާލުމަކީ ޝިޔާންއަށް އެހާ އުނދަގޫ ކަމެއް ނޫނެވެ. “ނިންމާލާފައި ގުޅާނަން އިނގޭ.”
“އިޓްސް އޯކޭ. އަދި އޮފީހުގައި މީޓިންގ އެއްވެސް އެބައޮތް. ތަންކޮޅެއް ފަހުން އިނގޭ އެހެންވީމާ ގުޅޭނީ.” ރިޒޫ ހުރީ މީޓިންގ އަށް ދާން ރެޑީވެގެންނެވެ. ނަމަވެސް އޮފީހަކަށް ނޫނެވެ. ނައުފަލް އާއެކު ހުޅުމާލެއަށެވެ.
“އޯކޭ. ބާއެ. ޓޭކްކެއަރ. ހަނދާންކޮށް ބަހާދަރުން ފޮނުވި ފޮށިގަނޑު ބަލާދާތި. މަންމަ ލޯބިއަށް ދޭށޭ ބުނި އެއްޗެހި އެއީ.” ރިޒޫ މާލޭގައި އުޅުން ކަމުގައި ވިޔަސް އެތައް ފަހަރެއްގެ މަތިން ޝިޔާންގެ އާއިލާ ކައިޔަށް ކުޅުދުއްފުއްޓަށް އައިސް އެންމެންނާ ރައްޓެހިވެފައި ވެއެވެ.
“އުމްވުއަހް. ބާއެ.” ނައުފަލް ސައިކަލުގައި އައިސް ހުޅުމާލެ ފެރީ ޓާރމިނަލްއަށް މަޑުކޮށްލިތަން ފެނުމާއެކު ރިޒޫ ފޯނު ކަނޑާލިއެވެ.
ފޯނު ޖީބަށް ލާފައި ޝިޔާން އައިޝާގެ ގައިގައި ބައްދާލިއެވެ.
“ދެން ކޮންއިރަކުންތަ އެމަންޖެއާ އިނދެގެން ގެންނަނީ މިރަށަށް.” އައިޝާ އިނީ ކުޑަކޮށް ދެރަވެފައެވެ. “މިރަށު ކުދިން ކަމުނުދަނީ ދޯ ޝިޔާންއަށް.”
“ދެން ވަރަށް އަވަހަށް ގެންނާނަން.” ޝިޔާން އެހިސާބަށް ބުނުމާއެކު އައިޝާގެ ފޯނު ރިންގު ވާން ފެށިއެވެ. “ހުމް. އައިޝާ ބިޓު ކަންނޭނގެ މިފަހަރު އެގުޅަނީ. ނަގާބަލަ އަވަހަށް.”
ގުޅީ އައިޝާގެ ލޯބިވެރިޔާއެއް ނޫނެވެ. ގުޅަނީ ޒީނަތުގެ ފިރިމީހާ އަހުމަދުއެވެ. ޒީނަތާއި އައިޝާ ގެއިން ނުކުތީ އަހުމަދުގެ ކައިރީގައި ޝޮޕިންގ އަށް ދާ ވާހަކަ ބުނެފައެވެ. އެހެންވެ މިރޭ އަހުމަދު އެއިނީ ޒީނަތު އާއި އަހުމަދުގެ 2 އަހަރުގެ ދަރިބަލަން ގޭގައެވެ. ޒީނަތު އާއި އަހުމަދު ކައިވެންޏަށްވެސް ވާނީ އަދި އެހާދުވަހެވެ. ދެމީހުން ކުއްލިގޮތަކަށް ކައިވެނި ކުރީ އަހުމަދުގެ ދަރިޔަކަށް ޒީނަތު ބަލިވެ އިންކަން އެނގުމުންނެވެ. އޭރުވެސް ޒީނަތުގެ ހަގީގީ ލޯބިވެރިޔަކީ އިއްސެއެވެ. ދެމީހުން “ކުނިޖެހިގެން” އުޅުނު ދުވަސްވަރެއްގައި އަހުމަދު ޒީނަތުގެ ކައިރިޔަށް ޖެއްސީއެވެ. އަދި ބަލިވެ އިނުމުގެ ސަބަބުން ކައިވެނި ކުރަން މަޖުބޫރު ވީއެވެ. އިއްސެ އަކަމާ ވަރަށް ރުޅިއައެވެ. ނަމަވެސް ފަހުން ޒީނަތުއާއެކު ސިއްރުން ބައްދަލު ކުރަން ފެށީއެވެ.
އައިޝާގެ ފޯނު ރިންގު ވަމުން ގޮސް ޖަވާބު ނުދިނުމުން ރިންގު ހުއްޓުނެވެ.
“މަށަށްވާ ލާހިކެއް ނޫން ނަގާކަށް. ފޯނު ދަބަހުގައި އޮތީ އޭ ބުނާނީ.” އައިޝާ އަކީވެސް ގޭމު ކުޅުމަށް އާމީހެއް ނޫނެވެ. “ޝިޔާން ފޯނުން ގުޅާބަލަ ޒީނަތުއަށް.”
ޝިޔާން ޒީނަތުއަށް ގުޅިއެވެ.
“ހަލޯ…” ޒީނަތުގެ އަޑުގައި ވަނީ ލޮޑުކަމެވެ. “އަދި ފައިވް މިނިޓްސް.”
އެވަގުތު ޝިޔާންގެ އަތުން ފޯނު ޖަހައިގަނެފައި އައިޝާ ވާހަކަ ދައްކަން ފެށިއެވެ.
“އޭ. ޒީ! ކަލޭ ފިރިމީހާ އެބަގުޅާ މިހާރު މަށަށް. 5 މިނެޓް ދެން ލިބޭނީ.” އައިޝާ އަވަސް އަވަހަށް ބުނެލިއެވެ. “އަހަރެމެން މިތިބީ ވެލިގަނޑުގައި. އާދޭ އަވަހަށް.”
“މިރޭ އެއުޅެނީ ގަނެގެން.” ޝިޔާން ސަމާސާ ކޮށްލިއެވެ. “އެ ހުންނަނީ ތިހެން ބުންޏަސް އަވަހަށް ނިމޭނެ ކަންކަމެއް ނޫން.”
ވިއްސަކަށް މިނެޓް ފަހުން “ދުމެއް ޖަހާފައި” އިއްސެގެ ސައިކަލު އައިސް މަޑުކޮށްލިއެވެ. އަދި ޒީނަތު ރަކި ހިންޏަކާއެކު ސައިކަލުން ފައިބައިގެން އައިސް އައިޝާގެ އަތުގައި ހިފައި ހިނގައިގަތެވެ. “ހާސް ކަނޑާލާ އައިޝާ. ހިނގާ ދަމާ.”
“ކޮންތާކަށް ތިމީހުން ދިޔައީ.” ހިނގައިގަންނަމުން އައިޝާ ސުވާލު ކުރަން ފެށިއެވެ. “އައި ވޯންޓް އެވްރީ ޑީޓެއިލް.”
ދެ އަންހެން ކުދިން ގޮސް ރަށުތެރެއަށް އެރުމުން އިއްސެއާއެކު ޝިޔާން ދިޔައީ ސުފުރާމަތި ރެސްޓޯރަންޓަށް ކޮފީއަކަށެވެ.
(ނިމުނީ)