.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ކުޅުދުއްފުށީ ޕޮލިހާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވަރުގަދަ ގައުމީ އިދާރާ ބަލިކޮށް ސެމީ އަށް ދަތުރު ކުރި މިދިޔަ އަހަރުގެ ޗެމްޕިއަން ދިރާގާއި ކުޅުދުއްފުށީ ޕޮލިހެވެ. މިމެޗު ވަރަށް ހަމަ ކުޅުމަކަށް ފަހު ޕޮލިހުން ކާމިޔާބު ކުރީ 3-1 ކުންނެވެ. މިމެޗް ފަށައިގެން ފުރަތަމަ ހާފު ނިމުނު އިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި ޕޮލިސްޓީމުގެ އަހުމަދު މުހައްމަދު ޖަހައިދިން ދެލަނޑާއި އަހުމަދު އިބްރާހިމް ޖަހައިދިން ލަނޑުން ފުލުހުން މޮޅުވިއެވެ. މެޗުގައި ދިރާގުގެ ހަމައެކަނި ގޯލު ޖަހައިދިނީ އެޓީމުގެ އަހުމަދު ދާއޫދެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ އަހުމަދު މުހައްމަދެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެއްގުރޫޕެއްގައި ހިމެނުނު ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑާއި ކުޅުދުއްފުށީ ހޮސްޕިޓަލްއެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު ހޮސްޕިޓަލް އިން މެޗު ކާމިޔާބު ކުރީ 3-2 ކުންނެވެ. މެޗު ފަށައިގެން މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހަތަރު ވަނަ މިނެޓްގައި ހޮސްޕިޓަލްގެ މުޙައްމަދު ހަސަންއެވެ. ފުރަތަމަ ހާފު ގެ ގިނަ ވަގުތު ވަންދެން ހޮސްޕިޓަލް އިން ވަނީ މިލީޑު ހިފަހައްޓައި ފައެވެ. ނަމަވެސް ސަތާރަ ވަނަ މިނެޓްގައި ހޮސްޕިޓަލް ޓީމުގެ އަރަފާތު އަލީ އަތުން ބައިކޮޅަށް ގޯލެއް ވަދެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވިކަމުގައި ވިޔަސް ކުޑަ އިރުކޮޅެއްގެ ތެރޭގައި މުހައްމަދު ހަސަން އިތުރު ގޯލެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޕޯޓް ގެ ކުޅުންތެރިން ކުރަމުން ދިޔަ މިސައްކަތުގެ ނަތީޖާ އަކަށް ވީ ހަވަނަ މިނެޓްގައި އަލީ ޒިޔާދު ގޯލެއް ޖަހައި ނަތީޖާ ހަމަ ކުރުމެވެ. ނަމަވެސް ހޮސްޕިޓަލް ޓީމުން ޕޯޓަށް އިތުރު ފުރުސަތެއް ނުދީ ކުޑަ ވަގުތު ކޮޅެއް ތެރޭގައި އިތުރު ގޯލެއް ޖަހައި މޮޅުވިއެވެ. މިލަނޑު ވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ހަސަންއެވެ.
މުބާރާތުގެ ފައިނަލް ގައި ޕޮލިހާއި ހޮސްޕިޓަލް ބައްދަލު ކުރާމެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ.