twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕޮމްޕީ ގެ ވާހަކަ

Oct 27, 2011

.

“ޢ”

މުޞީބާތްޖެހުމުގެ ހިނދުކޮޅެއްކުރި

އެއީ މީލާދީން 79 ވަނަ އަހަރެވެ. އެހެން ގޮތަކަށް ބުނާނަމަ، މީގެ އެއްހާސް ނުވަސަތޭކަ ބައްތިރީސް އަހަރު ކުރިއެވެ. ތަނަކީ، އިޓާލީވިލާތު ދެކުނުގައިވާ ރީތި ޝަހަރެއްކަމަށްވާ ޕޮމްޕީ އެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރީތިކަމެވެ. ފުރިހަމަކަމެވެ. ރީތި ޢިމާރާތްތަކެވެ. ހިލައިން ހަދާފައިވާ ބޮޑެތި ސޫރަތަކެވެ. މުށިކޮޅުކޮޅުން ހަދާފައިވާ ހިތްގައިމު ޑިޒައިންތަކެވެ. ފެންއަރުވާވަޑާންތަކެވެ. ގަދަ ކުލަތަކުގެ ކުރެހުންތަކެވެ.

ޕޮމްޕީއަކީ ހަލަބޮލި ޝަހަރެކެވެ. އަސްގާޑިޔަލުގެ ފުރޮޅުން ގޮވާއަޑު ފަޒާގައި ފެތުރިފައިވާއިރު ހިނގާބިނގާވާ މީހުން ކިސަޑަށްނާރައި ހިނގުމަށް ތައްޔާރުކޮށްފައިވާ ދުވާރު މަތީހިނގަމުން ދަނީއެވެ. ފާރޮށި ފިހާ މީހާ، މޮޑެސްޓަސް އޭނާގެ ފާރޮށިގޭގެ އުނދުނުގައި މިހާރުވެސް އަށްޑިހަ އެއް ފޮތި ޕާން ފިހަންލާފައި އެބަ އޮތެވެ. ޝަހަރުގެ ބޮޑު ދޮރޯއްޓެއްގެ ބުޑުގައި ފޫހަރާލައިގެން އައު ފައިވާނެއް ހިފައިގެން ސަލާންޖަހާމީހާ އިނެވެ. ހަތިޔާރާއެކު ގުޅަމަތިހިފާމީހުން (ގުލޭޑިއޭޓަރުން) އެމީހުންގެ ކުޅަދާނަކަން ދެއްކުމަށް ބާއްވާ ދައްކާލުމަށް ފަރިތަކުރަމުން ދަނީއެވެ.

އެމީހުން ފަރިތަކުރަމުން އެދަނީ ދޭތިން އެކައްޗަށް އޮޅުލައި ހިފާ ތަޅާމަރާށެވެ. ގަދަވާ މީހަކަށް އޮތީ ޢިނާމެވެ. މިނިވަންކަމެވެ. އެއްބަޔަކު އަގުބޮޑު ރީތި ގަހަނާއެޅި ކަސްބީ އަންހެނުންނާއި ބައްދަލުކުރަމުން ދާއިރު، އައިސިސް ފައްޅީގެ ފާދިރީން ތިބީ ނާސްތާކުރުމުގައެވެ. އެމީހުންގެ ސުފުރާމަތީގައިވަނީ މަހާއި ކުކުޅު ބިހެވެ. އަޅުންތައް މަސައްކަތު ނުކުމެ ހޭލަމޭލަކޮށް އުޅެމުންދެއެވެ. އަޅުންގެ އެއްބަޔަކު، މީގެ ސަތާރަ އަހަރުކުރިން އައި ބިންހެލުމެއްގައި ގެއްލުންލިބުނު ތަންތަން މަރާމާތުކުރަން އުޅޭއިރު އަނެއްބަޔަކު މުއްސަނދީންގެ ރީތި ބަގީޗާތަކުގައި މަސައްކަތްކުރަނީއެވެ.

ވޭތުވެ ދިޔަ ދެތިން ދުވަސް ތެރޭ ބިންގަނޑަށް އައި ކުދި ލޮޅުންތަކެއްގެ ސަބަބަބުން ޝަހަރުގެ ބައެއް މީހުން ގަތްބިރުން ރަށް ދޫކޮށް ދިޔަކަމަށް ވިޔަސް ރަށުތެރޭގެ ކަންކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ޕޮމްޕީއަށް އެއީ ހޫނު މޫސުމުގެ ހަލަބޮލި އާދައިގެ ދުވަހެކެވެ. އެއީ، މީލާދީން 79 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަދުވަހުގެ މެންދުރު ފަހެވެ.

މުޞީބާތްޖެހުން

ޕޮމްޕީގެ ހަލަބޮލިކަމަށް ހުއްޓުންގެނުވީ ކަންފަތްފަޅައިގެންދާވަރުގެ ގަދަ އަޑުފައްގަނޑެކެވެ. ވަސޫވިއަސް ފަރުބަދައިގެ މަތީބައި ގޮވައި، ލާވާ (ވިރިކެކޭ ހިލަ) ދުމާއެކު އެތައް ކިލޯމީޓަރު މައްޗަށް އަރައިގެން ދިޔައީއެވެ. ވަސޫވިއަސް ފަރުބަދައަކީ އަލިފާން ފަރުބަދައެއްކަމެއް، ޕޮމްޕީގެ އެއްވެސް މީހަކު ނުދެނެހުއްޓެވެ. ސަބަބަކީ ކައިރި މާޒީގައި އެ ފަރުބަދަ ގޮވާފައި ނުވުމެވެ.

ގަދަ އަޑުފައްގަނޑާއި އަރަމުންދާ ބޯ ދުންތައް ފެނި ގަންނާކުރެއްވި ބިރާއިއެކު ހައިރާންވެފައިވާ ޕޮމްޕީގެ ރައްޔިތުން ގެއިން ނުކުމެ ބޭރަށް ދުއްވައިގަތީ ޚަބަރުބެލުމަށެވެ. ރައްކާތެރި ދުރުމިނެއްގައި ދިރިއުޅޭ މީހުންނަށް ފަރުބަދައިން މައްޗަށް އަރަމުންދާ ދުންތައް ގަހެއްގެ ސިފައިގައި ރީއްޗަށް ފެނެއެވެ. ޕޮމްޕީގެ މީހުން ހީކުރީ ޤިޔާމަތްވީކަމަށެވެ. ޙަޤީޤަތުގައިވެސް އެމީހުންނަށް ޤިޔާމަތްވީއެވެ.އަލިފާން ފަރުބަދަ ގޮވުމާއި ޕޮމްޕީގެ ނިމިދިޔުމާއި ދެމެދު ހިނގީ އެންމެ އަށާރަ ގަޑިއިރެވެ!

ފަރުބަދައިން އޮހެމުންދިޔަ ދިޔާ އަލިފާނާއި ހިލަޔާއި އަޅި ރަށުތެރެއަށް ކޯރެއްގެ މިސާލުގައި ދެމިގެންގޮސް ހުރިހާއެއްޗެއް ފަނާކޮށްލައިފިއެވެ. ފަރުބަދައިން އަރަމުން ދިޔަ އަޅިތައް ބިމަށް ފައިބާ މުޅި ޝަހަރު އެއްކޮށް ފޮރުވިއްޖެއެވެ. ނަސީބުގަދަ ބައެއް މީހުންނަށް މި މުސީބާތުން ފުރާނަ މިންޖުކުރެވުނުކަމަށް ވިޔަސް، ޖަނަވާރާއި ގަސްގަހާގެއްސާއި، ދަނޑުފަނގާއި، މަގުތަކާއި ގެތައް މީހުންނާއެކު ވަޅުލެވި ފޮރުވިއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ރީތި ޕޮމްޕީ ލޯމަތިން ގެއްލިއްޖެއެވެ. މި މުޞީބާތުގައި، ގާތްގަނޑަކަށް ދެހާސް މީހުން ޝަހަރުތެރެއިން މަރުވިއިރު އިތުރު މީހުން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދަނިކޮށް މަރުވިއެވެ. ބައެއް މީހުން މަރުވީ އެމީހުންގެ އަގުބޮޑު މުދާތައް ރައްކާކުރަން އުޅުމުގެ ތެރޭގައެވެ. އަނެއްބައި މީހުން ވަނީ އެމީހުންގެ ބިންގަރާސް ކޮޓަރިތަކަށެވެ. އަނެއްބައި މީހުންނަށް މަރު އައިސް ޖެހުނުއިރު ތިބީ ހަރަކާތެއްވެސް ކޮށްލަން ނޭނގި ގަބުވެފައެވެ.

ޕޮމްޕީ ދެވަނަފަހަރަށް ދުނިޔެ މައްޗަށް

ވަސޫވިއަސް އަލިފާން ފަރުބަދައިގެ ބާރުގަދަ ގޮވުމާއެކު ވަޅުލެވި ލޯމަތިން ގެއްލުނު ޕޮމްޕީ ޝަހަރު އަލުން ދުނިޔެ މައްޗަށް އައި ގޮތުގެ ވާހަކައަކީ ޝައުޤުވެރި، ދިގު ވާހަކައެކެވެ. މުޅިވާހަކައިގައި ތިން ދުވަސްވަރެއްވެއެވެ.

އެންމެ ފުރަތަމަ ދުވަސްވަރު ހިނގަންފެށީ ފުލުފުލުގައި ހާދިސާތަކެކެވެ. އެއްދުވަހަކު މީހަކު އޭނާއަށް ލިބިފައިވާ ބިމެއްގައި ހޮހަޅައެއް ކޮނުމުގެ މަސައްކަތްކުރަމުން ދަނިކޮށް ވީރާނާވެފައިވާ ޢިމާރާތެއްގެ ބައިތަކެއް ފެނުނެވެ. ނަމަވެސް އެއްވެސް މީހެއްގެ ޝައުޤުވެރި ލޮލެއް މި ފެނުނު އެއްޗެއްސަށް އަމާޒެއް ނުވިއެވެ. އެއީ، 1594 ވަނަ އަހަރެވެ. ޕޮމްޕީ ޝަހަރު ގެއްލުނުތާ އެއްހާސް ފަސްސަތޭކަ ފަނަރަ އަހަރު ފަހެވެ. ދަނޑުވެރިން ފެންދިނުމަށް ވަޅުކޮންނަމުން ދާއިރު، މަރުމަރު ހިލައިގައި ހަދާފައިވާ ވަރަށް ރީތިއެއްޗެތި ބައެއް ފަހަރު ފެންނަމުން ދިޔަކަމަށް ވިޔަސް މިއެއްޗެއްސަށް މާބޮޑު ފަރުވާލެއް ބެހެއްޓި މީހަކުނެތެވެ. ނަމަވެސް ސަތާރަ ސަތޭކައިގެ އަހަރުތަކުގައި އާސާރީ ރީތި އެއްޗެއްސަށް މުއްސަނދީން ސަމާލުކަންދޭންފެށިއެވެ.

އެއަށްފަހު ދެންއައީ އަގުބޮޑު ޚަޒާނާތައް ހޯދުމުގެ މަސައްކަތް ރޭވިގެން ހިންގަންފެށި ދުވަސްވަރެވެ. އެންމެ ފުރަތަމަ މުއްސަނދީން ބޭނުންވީ އެމީހުންގެ އައު ގެތައް އިހުޒަމާނުގެ ރީތި އެއްޗެތި ބޭނުންކޮށްގެން ޒީނަތްތެރިކުރާށެވެ. މިގޮތަށް ހޯދި ޚަޒާނަތައް ފަހުން ގެންދިޔައީ ޔޫރަޕްގެ ދާރުލްއާޘާރުތަކުގައި ބަހައްޓާށެވެ. އިޓާލީވިލާތުގެ ނޭޕްލްސްގެ އާކިއޮލޮޖިކަލް މިއުޒިއަމް ފުރިފައިވަނީ ފޮމްޕީއިންނާއި އަދިވެސް އެހެނިހެން ޓައުންތަކު ކޮނެގެން ހޯދާފައިވާ އާޘާރުތަކުންނެވެ. ފާރުތަކުގައި ހަރުކޮށްފައިވަނީ މީސްމީހުންގެ ތަސްވީރުތަކެވެ. ޕޮމްޕީގެ ރައްޔިތުންގެ ދީނީ އަޤީދާއާއި ގުޅިފައިވާ ވާހަކަތައް ތަސްވީރުކޮށްދޭ ކުރެހުންތަކެވެ. ކާބޯތަކެތީގެ މަންޒަރުތަކެވެ. ހައްތަހާވެސް، ޕޮމްޕީ ޝަހަރުގެ ސަރަހައްދުން ކޮނެގެން ނަގާފައިވާ ތަކެއްޗެވެ.

ޕޮމްޕީ ދުނިޔެމައްޗަށް އަލުން އައިގޮތުގެ ވާހަކައިގައި މިހާރު ހިނގަމުން މިދާ ދުވަސްވަރު ފެށުނީ، މީގެ ޤަރުނަކަށްވުރެ ކުރީންނެވެ. މިހާރު ކުރެވެމުން ދަނީ ފަރުވާތެރިކަމާއެކު ބިންގަޑު ކޮނެ، ހިލަތައް ކަހައި ސާފުކޮށްގެން ވަޅުލެވިފައިވާ ރީތި ޕޮމްޕީ ޝަހަރު، ދުނިޔޭގެ އަލިކަމުގެ ތެރެއަށް ފުރިހަމައަށް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ބައެއް ނިމިފައިވާއިރު، އަހަރެމެން މިވަނީ ޕޮމްޕީގެ ރީތިކަމުގައި އާޝޯޚްވެފައެވެ. އާކިއޮލޮޖިސްޓުންގެ ބުރަ މަސައްކަތުގެ ނަތިޖާއެއްގެ ގޮތުން ޕޮމްޕީގެ ޤަދީމީ ޝަހަރަށް އަހަރެމެންނަށް މިހާރު މިވަނީ ޒިޔާރަތްކުރުމުގެ ފުރުސަތުލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355