.
އިބްރާހިމް ހަމީދު
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ޒިގްޒެގް އިން ބޭއްވި ފުޓްސަލް މުބާރާތް ބޭއްވުމުގެ މަގުސަދުތައް ހާސިލް ވެފައިވާކަމަށް ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ކޯޑިނޭޓަރ އަބްދުއްސަލާމް އާދަމް ވިދާޅުވެއްޖެއެވެ.
މުބާރާތުގެ ފައިނަލު މެޗަށް ފަހު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަބްދުއް ސަލާމް ވިދާޅުވީ، ޒިގްޒެގުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގެ އޮފީސްތަކަށް ހުޅުވާލެވިގެން މިއަހަރު ބޭއްވުނު މިމުބާރަތަކީ އެހެން އަހަރުތަކާއި ހިލާފަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި މިމުބާރާތުގެ މަގްސަދުތައް ހާސިލް ވެފައިވާކަމަށެވެ.
“އަޅުގަނޑުމެންގެ މަގުސަދަކީ އޮފީސްތަކުގެ މުވައްޒަފުން އެއްތަނަކަށް އެއްވެ އެބޭފުޅުންގެ މެދުގައި އެކުވެރިކަން އާލާވެ ކުޅިވަރުގެ ރޫހް އާލާކޮށް އެކަމަށް އަހުލުވެރި ކުރުވުން. އެކަންކަން ހާސިލް ވެއްޖެ.” ސަލާމް ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ކޯޑިނޭޓަރ ވިދާޅުވީ މިމުބާރާތް ނިމިގެން ދިޔައިރު އެއްވެސް ކަހަލަ ދަތިކަމެއް ނެތްކަމަށާއި މުބާރާތެއްގައި ޓީމުތަކުން ކުދިކުދި މައްސަލަތައް އައިކަމުގައި ވިއަސް މިމުބާރާތް ނިންމާލެވުނީ ވަރަށް ފުރިހަމައަށް އަމާންކަމާއެކެއެވެ. އަދި ޓީމްތައް މިގޮތުގައި ތިބޭކަމަށްވަންޏާ މިއަންނަ އަހަރުވެސް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ބާއްވާނެއެވެ.
މުބާރާތް އިންތިޒާމު ކުރި ޒިގްޒެގް ފޮރ ޔޫތު ލިންކޭޖްގެ ޗެއާރމަން އަހުމަދު އާސިފް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިމުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ވަރަށް ކާމިޔާބުކަމާއެކު ވަރަށް ފުރިހަމައަށް ނިމިގެންދިޔަ މުބާރާތެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހާއްސަކޮށް ޓީމުތަކުން މުބާރާތް ކާމިޔާބު މުބާރާތަކަށް ހެއްދުމަށް ދެއްވި އެއްބާރުލުމާއި މުބާރާތް ސްޕޮންސަރ ކޮށްދެއްވި ފަރާތްތައް ވެސް ފާހަގަ ކުރެއްވިއެވެ.
އިތުރަށް މަޢުލޫމަތު ދެއްވަމުން ޗެއާރމަން އާސިފް ވެސް ވިދާޅުވީ މިމުބާރާތުން ހާސިލް ކުރަން ބޭނުންވި މަގްސަދުތައް ހާސިލް ވެއްޖެކަމަށެވެ.