.
ބަދުރުއްދީން ޙަސަން
ދެބައި އުމުރަށް އެޅުމާއެކު ވިސްނުމުގެ ތޫނުފިލިކަމާއި ކަންކަން ހަނދާނުގައި ބެހެއްޓުމުގެ ހުނަރު ކުރިން ހުރި ވަރަށް ވުރެ ކޮށިވެގެން ދާކަން ބައެއް މީހުންނަށް ފާހަގަ ކުރެވެއެވެ. ސައިކަލުގެ ތަޅުދަނޑި ބޭއްވުނީ ކޮންތާކުބާއޭ ހިތަށް އަރާ ފަހަރުތައް ގިނަވެގެން ދެއެވެ. ކުރިން ދިމާވެފައިވާ މީހުންގެ ނަމެއް ހަނދާން ކުރަން އުޅެއުޅެވެސް ހަނދާނަށް އަންނަ ގޮތެއް ނުވެ އެވެ. ފުރާ އުމުރުގެ ދުވަސްވަރުގައި އެންމެ ގިނައިން ޖަހާއުޅުނު ބޮޑީ ސްޕްރޭގެ ނަންވެސް ނޭނގެ އެވެ. ވިސްނުމަށް އަންނަ މިފަނޑު ކަމަށް އަހަރެމެން “ދުވަސްވާން ފެށީ” އޭ ބައެއް ފަހަރު ބުނެއުޅެއެވެ.
މިއީ ބޮޑު ކަމެއްގެ ގޮތުގައި ނަގައިގެން ހޮޅުއަށީގައި އެ “އަނގަ ނުތެޅިޔަސް”، މިއީ ތިމާގެ ކެރިއަރުގައި، ނުވަތަ ވަޒީފާގައި އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ތިމާއަށް ލިބޭ ދެރައެކެވެ.
އަހަރެމެން އެންމެންނަށްވެސް މިކަން ދިމާވެއެވެ. އެކަމަކު މިއީ ރެކެވިދާނެ ކަމެއް ހެއްޔެވެ.
ނާރުތަކާބެހޭ ޢިލްމުގެ މާހިރުން މިހާރު ވަނީ މިކަމުން ސަލާމަތް ވުމަށް ނުވަތަ ސިކުނޑިއަށް ލިބޭ އުނިކަމާއި ކޮށިކަން ކުޑަކުރުމަށްޓަކައި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ބުނެފައެވެ. އަހަރެމެންގެ ހަށިގަނޑުގެ އެހެން ގުނަވަންތަކާއި ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ބޭނުންވާ ފަދައިން ސިކުނޑިއަށް ވެސް ކަސްރަތު ބޭނުންވެއެވެ. ސިކުނޑިއަށް ދެވޭ ނަފްސާނީ ކަސްރަތު ތަކެއްގެ ސަބަބުން އެނގުން ވާވަރަށް އަހަރެމެންގެ ސިކުނޑީގެ ވިސްނުމުގެ ހުނަރަށް ކުރިއެރުން ގެނެވިދާނެއެވެ. ވިސްނުމަކީ ސިކުނޑީގެ އެކިދިމާތަކުން ކުޅޭ ރޯލުތައް ރަނގަޅު “ކަނެކްޝަން” އަކުން ގުޅުވާލުމެވެ. އެ “ކަނެކްޝަން” އެޅުމުގެ ގާބިލުކަން ބައެއް މީހުންނަށް ވަނީ ވާރުތަ ކުރާ ކަމަކަށް ވެފައެވެ. ނަމަވެސް މި “ކަނެކްޝަން” ރަނގަޅު ކުރުމަށް ނަފްސާނީ ކަސްރަތު ތަކެއް ކޮށްގެން ތިމާގެ ތޫނު ފިލިކަން އިތުރު ކުރެވިދާނެއެވެ.
އެމެރިކާގެ ކުންފުންޏަކުން މިހާރު ވަނީ “ސިކުނޑީގެ ތަމްރީން ޕުރޮގްރާމް” އުފައްދާ އިންޓަނެޓް މެދުވެރިކޮށް އިންސާނުންނާ ހަމައަށް ގެނެސްދީފައެވެ. މިޕުރޮގްރާމަކީ ކުރިން ދެންނެވުނު ފަދަ ތަމްރީނުތަކެއް ސިކުނޑިއަށް ދީ، ވިސްނުމުގެ ތޫނު ފިލިކަން އިތުރު ކުރުމަށާއި ކުރިން ހުރި ތޫނުފިލިކަން އަލުން ހޯދުމަށް ބޭނުން ކުރެވޭ ޕުރޮގްރާމެކެވެ. ސްޓެންފޯޑް ޔުނިވާސިޓީއާއި ނާރުތަކުގެ ޢިލްމާބެހޭ ގޮތުން ދިރާސާ ކުރާ ސައިންސްވެރިންތަކެއް ގުޅިގެން އުފެއްދި މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ “ލުމޯސިޓީ” އެވެ.
ބުނެވޭ ގޮތުގައި ލުމޯސިޓީ އަކީ ހަމައެކަނި ސިކުނޑި އަށް ތަމްރީނު ދިނުމަށް ހެދިފައިވާ ޕުރޮގްރާމެއް ނޫނެވެ. ތިމާގެ ހަނދާން ކުރުމުގެ ބާރާއި، ސަމާލުކަން އިތުރު ކުރުމާއި ވިސްނުމުގެ ތޫނު ފިލިކަން އިތުރު ކުރުން ވެސް މިޕުރޮގްރާމްގައި ހިމެނެއެވެ. ތަމްރީނުގައި ބައިވެރިވެ ކުރިއަށް ދާއިރު ތިމާއަށް ލިބެމުންދާ ކުރިއެރުންތައް ދައްކުވައި ދެއެވެ. ތިމާ ހޯދަމުން އަންނަ ކުރިއެރުން ތަކާއި އެއްވަރަށް ތަމްރީން ޕްރޮގްރާމްގެ އުނދަގޫ މިން ބަދަލުވަމުން ދެއެވެ.
އޭގެން ނަތީޖާއެއް ނުކުމޭބާވައެވެ؟
ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އެއިން ނަތީޖާވެސް ނުކުމެއެވެ. ލުމޯސިޓީގެ ސަބަބުން ވިސްނުމުގެ ތޫނު ފިލިކަން އިތުރު ވާކަން ވަނީ އެނގިފައެވެ. މިކަން ބެލުމަށް ކުދިންތަކެއް ނަގައިގެން އެކުދިންނަށް ވަނީ ލުމޯސިޓީގެ ތަމްރީނުތަކެއް ހަ ހަފްތާ ވަންދެން ދީފައެވެ. އަދި ހިސާބު އިމްތިހާނެއް ހަދައި ބެލުމުން، އެކުލާހުގައި ތިބި އެހެން ކުދިންނަށްވުރެ 34 އިންސައްތައިގެ ކުރިއެރުމެއް ލުމޯސިޓީގެ ތަމްރީން ހެދި ކުދިންގެ ނަތީޖާ ތަކުން ވަނީ ދައްކާފައެވެ.
ލުމޯސިޓީ ތައްޔާރު ކުރި ކުންފުނިން ބުނާ ގޮތުން، އެޕުރޮގްރާމް ބޭނުންކުރި މީހުންގެ ތޫނުފިލިކަމާއި، ވިސްނުމާއި، ނަންނަމާއި ނަންބަރުތައް ހަނދާން ކުރުމުގެ ގާބިލުކަމާއި، މަގު ހޯދުމާއި، ސަމާލުކަމާއި، “ފޯކަސް” ކުރުން ވަނީ އިތުރު ވެފައެވެ. ލުމޯސިޓީ ޓްރަޔަލް ކޮށް ބޭނުންކޮށްލަން ލިބުނުކަމުގައި ވިޔަސް، ޕުރޮގްރާމުގެ ބޭނުން ފުރިހަމައަށް ކުރުމަށް ފައިސާ ދައްކަން ޖެހެއެވެ.
ލުމޯސިޓީޑޮޓްކޮމް
ނޯޓް: ލުމޯސިޓީ އަކީ އެމެރިކާގެ ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ ވެބްބޭސްޑް ޕުރޮގްރާމެކެވެ. މިޕުރޮގްރާމްގެ ވާހަކަ ވަނީ އެމެރިކާގެ “ދި ނިއުޔޯކް ޓައިމްސް” އަދި “ވޯލް ސްޓްރީޓް ޖާނަލް” ގައި ގެނެސްދީފައެވެ. މިޕުރޮގްރާމް ގަނެގެން ބޭނުން ކުރުމުން ތިޔަބޭފުޅާގެ ވިސްނުމުގެ ތޫނުފިލިކަމަށް ކުރިއެރުމެއް ނުލިބިއްޖެނަމަ، މިނޫހުން އެކަމަށް ޒިންމާ ނުނަގާނެއެވެ.