.
ސީމާ
ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ބުނާ ބީދާއިން ބޭރުފުށުން ކިތައްމެ ރީތި ކުލައެއްގައި ހުންނަ ނަން މަޝްހޫރު ބިއުޓީ ޕުރޮޑަކްޓުތަކަކީ ތިމާއަށް ފައިދާކުރުވަނިވި އެއްޗެއްސަށް ނުވެދާނެ އެވެ. ރަގަޅު ޞިއްޙަތެއްގައި އަދި ރީތި ހަށިގަނޑެއްގެ ވެރިއަކަށް ވުމަށްޓަކައި އެތަކެތީގެ ބަދަލުގައި ގުދުރަތީގޮތްތަށް ޚިޔާރުކުރުން މާފައިދާ ބޮޑެވެ. މިތަނުގައި މިދަންނަވާލަނީ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގައި ވިސްނާލަންވީ ބައެއް ކަންތައްތަކަށެވެ.
ރަގަޅު ކާނާއާއި ސާފު ފެން
ކެއިންބުއިމުގައި ސަމާލުކަންދޭންވީ ކަމަކީ، ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައިތަކެއް އެކުލެވޭގޮތަށް ޑައިޓު ބެހެއްޓުމެވެ. ސަބަބަކީ، ތިމާކާ އެއްޗެއްސާއި ތިމާގެ ހަށިގަނޑު ހުންނަގޮތް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާތީ އެވެ. ފެން މަދުވާނަމަ އިސްތަށިގަނޑުގެ ތާޒާކަން ގެއްލެއެވެ. އަދި ވިޓަމިންސް މަދުވާނަމަ ހަންގަނޑުގެ އިތުރުން ހިރުގަނޑަށްވެސް ގެއްލުން ލިބެއެވެ. މީގެ އިތުރުން، ބަންދުކޮށްފައި ނުވަތަ ޕުރޮސެސްކޮށްފައި ހުންނަ ކާތަކެތީގެ ބަދަލުގައި ތާޒާ އެއްޗެހި ބޭނުންކުރުން މާއެދެވިގެންވެއެވެ. (އަދި ހަމައެހެންމެ، ގަސްގަހުގެ މުލަކީ ވަަރަށް ފައިދާކުރުވަނިވި އެއްޗެކެވެ.)
ރަގަޅަށް ނިދުން
ބޭނުންވާވަރަށް ވުރެ މަދުން ނިދުމަކީ ގެއްލުންވާކަމެއްކަން ތީގެ ތެރެއިން ގިނަބަޔަކަށް އެނގޭނެއެވެ. އެހެންކަމުން މިހާރު ގިނަބައެއްގެ އާދަޔަކީ އިރު އޮއްސުނީއްސުރެ އިރުއަރާދެން ނިދުމެވެ. އެކަމަކު މާގިނައިން ނިދުމަކީވެސް ހަމަ ވަރަށް ގެއްލުން ލިބޭ ކަމެކެވެ. ތިމާގެ ސިފަޔަށް ނޭދެވޭ އަސަރު ކުރުވާފަދަ ކަމެކެވެ. އެހެންކަމުން ހެޔޮވަރަށް ނިދިހަމަކުރުމަކީ ތިމާގެ ރީތިކަން ގެނުވުމަށް އެހީތެރިވެދޭ ކަމެކެވެ.
ކަސްރަތު
ކަސްރަތަކީ ހަމައެކަނި ޖިމްއަށްގޮސް ބަރު އުފުލުން އަކަންޏެއް ނޫނެެވެ. ނުވަތަ އެރޮބިކްސް ކުލާހަކަށް ދިއުމެއްވެސް ނޫނެވެ. “ގޯތި” ވަށާ ދެތިންބުރަކު ހިނގާލުން ނުވަތަ ބައިސްކަލް ދުއްވާލުންވެސް ހިމެނެއެވެ. ކަސްރަތަކީ ހަށިގަނޑުގައި ރަގަޅަށް ލޭދައުރުކުރުވުން ފަސޭހަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން، މީހާއަށް ތާޒާކަން ލިއްބައިދީ، ހިތްހަމަޖެހުން ގެނުވާ ސޫރަ ރީތި ކުރުވައެވެ.
އިސްތަށިގަނޑުގައި ތެޔޮލުން
ހަފްތާޔަކު މަދުވެގެން އެއްފަހަރު ބޮލުގައި ތެޔޮލުމަކީ އިސްތަށިގަނޑަށް ބޭނުންވާ ލޭދައުރުކުރުން ލިއްބައިދޭ ކަމެކެވެ. މިކަމަށް ކޮންމެ ކަހަލަ ތެލެއްވެސް ބޭނުން ކުރެވިދާނެއެވެ. ބޮލުގައި ތެޔޮލުމުގު ސަބަބުން، ބޮލަށް މަސާޖުލިބި، މީހާ ހިތްހަމަޖެހުމުގެ އިތުރުން އިސްތަށިގަނޑު ހަންފޮޅުމުން ދުރުކޮށްދެއެވެ.
މާސްކުފަދަ ތަކެތި ބޭނުންކުރުން (އެކްސްފޮލިއޭޓް ކުރުން)
ގަވައިދުން ފޭޝިއަލް މާސްކުފަދަ ތަކެތި ބޭނުންކޮށް ހަންގަނޑަށް އަންނަ ބަދަލު ފަރުވާތެރިކަމާއެކީ ބަލަމުންދާނަމަ ރަގަޅު ބަދަލެއް ގެނެވޭނެއެވެ. ހާއްސަކޮށް، ނިދުމުގެ ކުރިން މާސްކު ބޭނުން ކުރާށެވެ. މީގެ އިތުރުން، ލުއިކޮށް މޭކަޕްކުރުމާއި ނިދުމުގެ ކުރިން މޭކަޕްތަށް ދޮވެލުމަކީ ބުއްދިވެރި ކަމެކެވެ. އަދި އަބަދުވެސް ހަންގަނޑު ތެތްކަންމަތީ ބަހައްޓަން އާދަކުރާށެވެ.
ތިމާއާ ގުޅޭބާވަތްތަށް ބޭނުންކުރުން
ތިމާހުންނަނީ ކޮންކަހަލަ ހަންގަނޑެއްތޯ ނުވަތަ ކޮންކަހަލަ އިސްތަށިގަނޑެއްތޯ ދެނެގަނެ، އެއާ އެކަށީގެންވާ ބާވަތުގެ ޝޭމްޕޫ، ލޯޝަން އަދި މޭކަޕްފަދަ ތަކެތި ބޭނުންކުރާށެވެ. މިސާލަކަށް، ތިމާގެ ހަންގަނޑަކީ އަވަހަށް ތެޔޮވާ ހަންގަނޑެއްނަމަ، ސައިބޯނިފަދަ ތަކެތި ހޯއްދަވާއިރު، އޮއިލްބޭސްޑް ސައިބޯނީގެ ބަދަލުގައި ވޯޓަރބޭސްޑް ސައިބޯނި ހޯއްދަވާށެވެ. މީގެ އިތުރުން ބާޒާރު ކުރައްވާއިރު ކެމިކަލް ލައިގެން ހަދާފައިވާ ޕުރޮޑަކްޓްތައް ގެންނެވުމުގެ ބަދަލުގައި ގުދުރަތީ ތަކެތިން ހަދާފައިވާ ޕްރޮޑަކްޓް ހޯއްދަވަށެވެ. އެހެންގޮތަކަށް ބުނާނަމަ، އޯގަނިކް ޕްރޮޑަކްޓް ހޯއްދަވާށެވެ.
ރިވެތި ސޫރައެއްގައި ހުންނަން ލޯބިކުރައްވާނަމަ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ. ކޮންމެ މީހަކީވެސް ރީތިކޮށް ހުރެވޭނެ މީހެއްކަން މިހާރު ދޭހަވެއްޖެ ނޫންތޯއެވެ؟ އެހެންކަމުން އަވަހަށް މަސައްކަތް ފަށާށެވެ!