.
ސީމާ
ފިލްމީ ތަރިއެއް ޒަވާޖީ ހަޔާތެއް ފަށާނަމަ އެއީ ފިލްމު އިންޑަސްޓްރީގެ އެދުވަސްވަރެއްގެ ބޮޑު ހަބަރު ކަމުގައި ވެގެންދެއެވެ. ހަމައެހެންމެ އެތަރިންގެ ވަރި އަކީވެސް އެހާމެ އަޑުގަދަ ވަރިތަކެއް ކަމުގައި ވެގެން ދެއެވެ. ކައިވެނި ކުރަން އެތައް މިލިޔަން ރުފިޔާއެއް ހަރަދު ކުރާ ފަދައިން ކައިވެނި ރޫޅިގެން ދަނީވެސް ކޯޓު މަރުހަލާއަށްފަހު އެތައް ފައިސާއެއް ކޮންމެވެސް އެކަކަށް ލިބެން ޖެހޭ ގޮތަށެވެ. އަދި ފިލްމީ ތަރިންގެ ކައިވެނީގެ ހަބަރާއި ވަރީގެ ހަބަރަކީ އަބަދުވެސް އިވޭ ހަބަރު ތަކެކެވެ. ނަމަވެސް 2011 ވަނަ އަހަރު ވެގެން ދިޔައީ ހޮލީވުޑްގައި ވަރަށް ހައިރާން ކުރުވަނިވި ވަރި ތަކެއްގެ އަޑު އިވިގެން ދިޔަ އަހަރަކަށެވެ. މިގޮތުން ފާހަގަ ކޮށްލެވުނު ބައެއް ވަރީގެ ވާހަކަ ދައްކާލާނަމެވެ.
އާނޯލްޑް ސްވަޒްނެގަރ އަދި މާރިއާ ޝްރިވާ
ފިލްމީ ދާއިރާއަށްފަހު ކެލިފޯނިޔާގެ ގަވަރުނަރު ކަން ކުރި އާނޯލްޑް އާއި މާރިޔާގެ 25 އަހަރު ވީ ކައިވެނި ރޫޅިގެން ގޮސްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ގޭގައި ގެންގުޅުން މެއިޑަކާއި އެކު ބާއްވަމުން ދިޔަ ސިއްރު ގުޅުން ފަޅާއަރާފައި ވަނީ އެ މެއިޑް އާނޯލްޑްގެ ދަރިއަކަށް ބަލިވެއިންކަން ފަޅާއަރުވާލުމުންނެވެ. މާރިއާއަށް ހަތަރު ދަރިން ހުންނަ އާނޯލްޑް ވަނީ ލޮސްއެންޖަލިސް ޓައިމްސް ގައި އޭނާއަށް ކުރެވުނު ކުށަށް ޕަބްލިކްކޮށް އިއުތިރާފްވެ މާރިޔާ އާއި ދަރިންގެ ކިބައިން މައާފަށް އެދިފައެވެ.
އެޝްޓަން ކުޗަރ އަދި ޑެމީމޫރް
ދެމީހުންގެ އުމުރުގެ ފަރަގު ބޮޑުކަމުގައި ވިޔަސް ވަރަށް “ކިއުޓް ކަޕްލް” އެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރި 33 އަހަރުގެ އެޝްޓަން އާއި 49 އަހަރުގެ ޑެމީމޫރު ގެ ޖޯޑު ރޫޅިގެން ދިޔައީވެސް މިއަހަރުގެ ތެރޭގައެވެ. މަޝްހޫރު އެކްޓަރ ބްރޫސް ވިލިސް އާ އިނދެގެން އުޅުމަށް ފަހު އެޝްޓަން އާއި ޑެމީމޫރު ކައިވެނި ކުރީ އުމުރުގައި ތަފާތު ހުއްޓަސް އުޅެވިދާނެކަން އެންމެންނަށް ސާބިތު ކޮށްދެމުންނެވެ. ނަމަވެސް 6 އަހަރަށް ފަހު ކައިވެރި ރޫޅާލަން ޖެހުނީ އާއްމުކޮށް ސަކަ މިޒާޖުގެ ރޯލްތައް ކުޅޭ އެޝްޓަން އާއި 22 އަހަރުގެ ޕާޓްޓައިމް މޮޑެލް ސާރާ ލިއެލް އެއްރޭ ގުޅުމެއް ހިންގާފައި ވާކަމަށް އިނގިރޭސި ވިލާތުގެ ނޫހެއްގައި ފަޅާއަރުވާލުމުންނެވެ.
ކިމް ކަޑައިޝިއަން އަދި ކްރިސް ހަމްފްރީސް
އެތައް ބައެއްގެ ލޯތައް އެކައިވެންޏަކަށް އަމާޒުވި ކިމް އާއި ކްރިސްގެ 10 މިލިޔަން ޑޮލަރު ގެ ކައިވެނި އެންމެ 72 ދުވަހަށްފަހު ރޫޅުން ވެގެން ދިޔައީވެސް މިއަހަރުގެ ސެލެބްރިޓީ ހަބަރު ތަކުގައި ފާހަގަ ކޮށްލެވުނު ހަބަރަކަށެވެ. މިދެމީހުންގެ ކައިވެނި މަޝްހޫރު އީ ޗެނަލް އިން ވަނީ 8 ގަޑި އިރަށް ދެމިގެން ދިޔަ 2 ޕްރޮގްރާމްގައި ގެނެސްދީފައެވެ. އަދި އެހާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ކައިވެނި ރޫޅިގެން ދިއުމަކީ ވަރަށް ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ.
ޖެނިފާ ލޮޕޭޒް އަދި މާކް އެންތޮނީ
ޖެނިފާ އާއި މާކް ގެ 7 އަހަރު ވީ ކައިވެނި ރޫޅުންވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއެވެ. މަޝްހޫރު ދެ ލަވަކިޔުންތެރިންގެ މިޖޯޑު މީހުންނަށް ފެނިފައިވަނީ ވަރަށް މައްސަލަ ކުޑަ ޖޯޑެއްގެ ގޮތުގައެވެ. ކައިވެނި ރޫޅިގެން ދިޔައީ މާކް އެންތޮނީގެ ބޮލުގައި އެޅުނު ބޭވަފާގެ ތުހުމަތު ތަކަކާއި އެކުއެވެ. ނަމަވެސް މާކްއެންތޮނީ ވަނީ އޭނާގެ މައްޗަށް ކުރެވުނު ބޭވަފާގެ ތުހުމަތު ތަކަށް އިންކާރު ކޮށްފައެވެ. ޖެނިފާ އާއި މާކްއަށް ލިބިފައި ތިންއަހަރުގެ ނިބޫ ދެދަރިން އެބަތިއްބެވެ.