twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހިތާމެދު ފަރުވާތެރިވާށެވެ!

Dec 25, 2011

 

ސީމާ ޙަސަން

ސިއްޙަތު ރަގަޅު ހިތެއްގެ ވެރިއަކަށް ވުމަށް ކުރެވޭނީ ކީއްހެއްޔެވެ؟ މިސުވާލަށް ގިނަ ބަޔަކު ދޭނެ ޖަވާބަކީ، ކަސްރަތުކުރުމާއި ރަގަޅު ކާނާ ބޭނުންކުރުމެވެ. ނަމަވެސް މިދެކަމުގެ އިތުރުން ކުރެވޭނެ މާ ފަސޭހަ، މާއާދައިގެ ކަންތައް އެބަހުއްޓެވެ. ބައެއް ކަންތައްތަކަކީ ހައިރާން ކުރުވަނިވި ކަންތައްތަކަށް ވެސްވެދާނެއެވެ.

1. ހުނުން

ލަންޑަންގެ ޔުނިވާރސިޓީ ކޮލެޖުން ހެދި ރިސާރޗަކުން ދައްކާގޮތުގައި، ހުނުމުގެ ސަބަބުން، ލޭހޮޅިތަކުން ލޭދައުރުކުރުވުން ފަސޭހަކޮށްދެއެވެ. ކަމާބެހޭ މާހިރުން ބުނާގޮތުންނަމަ، ދުވާލަކު 15 މިނެޓް ހުނުމަކީ ހިތަށް ލުއިކަމެއް ލިބި، ސިއްޙަތަށް ފައިދާކުރުވަނިވި ކަމެކެވެ.

2. އުފާވެރި ޚިޔާލުތައް ކުރުން

ރިސާޗުތަކުން ދައްކާގޮތުގައި އުފާވެރި ކަންތައްތައް ހަނދާންކުރުމަކީ އިމިއުން ސިސްޓަމަށް ފައިދާކުރުވަނިވި ކަމެއްގެ އިތުރުން ހިތުގެ ބާރު ގަދަކޮށްދޭ ކަމެކެވެ.

3. ކަންތައްތަކާ މެދު ރަނގަޅު ނަޒަރަކުން ބެލުން

ދިރިއުޅުމެއްގެ ކަންތައްތަކާ މެދު ނުރަނގަޅު ނަޒަރަކުން ބަލާ މީހުންނަށް ވުރެ، ރަނގަޅު ނަޒަރަކުން ބަލާ މީހުން، ހިތް ހުއްޓުމުގެ ފުރުޞަތު ކުޑައެވެ.

4. ޗޮކުލެޓް ކެއުން

ޗޮކުލެޓުގައި ހުންނަ މާއްދާއެއް ކަމަށްވާ ޕޮލިފެނޯލްސްގެ ސަބަބުން، ހަށިގަނޑުގެ ސެލް ތަކަށް ކުރިމަތިވާ ގެއްލުން ކުޑަކޮށްދެއެވެ. އެމެރިކާގައި ކޮށްފައިވާ ސާރވޭއަކުން ދައްކާގޮތުންނަމަ، މަހަކު ތިން ފަހަރު ޗޮކުލެޓު ނުކާ މީހުންނަށްވުރެ ޗޮކުލެޓު ކާ މީހުން ނިސްބަތުން އުމުރު ދިގެއެވެ. އެކަމަކު އޭގެ މާނައަކީ ފަލަވާ ވަރަށް ޗޮކުލެޓު ކެއުމެއް ނޫނެވެ.

5. ނިދުން

ސިއްޙަތު ރަނގަޅު ހިތެއް ބޭނުންނަމަ ރަނގަޅަށް ނިދި ހަމަ ކުރުމަކީވެސް ބޭނުންތެރި ކަމެކެވެ. ޗިކާގޯގެ ޔުނިވާރސިޓީ އަކުން ހެދި ރިސާޗަކުން ދައްކާގޮތުންނަމަ، އެންމެ ގަޑިއިރެއްގެ ނިންޖަކީވެސް ހިތައް ލޭ ދައުރު ކުރުވައިދޭ ލޭހޮޅި (ކޮރޯނަރީ އާޓަރީ) ހަރުވުން 33 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ.

6. ސައި

ކަޅު/ފެހި/ހުދު ސައިފަތުގައި ހުންނަ ފްލޭވާރނޮއިޑްސް އަކީ ލޭހޮޅިތައް މަސައްކަތް ކުރާލެއް ފަސޭހަކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން މި މާއްދާ އަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. (މިއީ ހަށިގަނޑު ދިފާއުކުރުމަށް އެހީތެރިވެދޭ ބާވަތެއް) ނެދަލެންޑުގައި ހެދި ރިސާރޗަކުން ދައްކާގޮތުގައި ދުވާލަކު 3-5 ތަށި ސައި ބޯމީހުން، ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑައެވެ. ނަމަވެސް ކޮންމެ ދުވަހަކު އެއަދަދަށް ސައި ނުބުއި ކަމުގައި ވީނަމަވެސް މައްސަލައެއް ނެތެވެ.

7. ދަތުގެ ސިއްޙަތު

ދަތަށް ގެއްލުންދޭ ބެކްޓީރިއާ ދަތުގެ ލޭހޮޅިތަކަށް ގެއްލުންދެއެވެ. އެހެންކަމުން ދަތްޕިލާ ސާފުކޮށް ބެހެއްޓުމަށް އާދަކުރާށެވެ. ދުވާލަކު ދެތިން ފަހަރު ދަތްއުނގުޅާލުމުންވެސް، ހަގީގަތުގައި އެއީ ވަރަށް ބޮޑު ފައިދާއެކެވެ. ކެލިފޯރނިއާގެ ޔުނިވަރސިޓީން ހެދި ރިސާރޗަކުން ދައްކާގޮތުގައި، ގަވައިދުން ދަތުގެ ފަރުވާ ހޯދާ އަންހެނުންނަށް ހިތުގެ ބަލިތަށް ޖެހުން ކުޑައެވެ.

8. މެޑިޓޭޝަން

ވިންކޮސްޓިންގެ މެޑިކަލް ކޮލެޖުން ހެދި ރިސާޗަކުން ދައްކާ ގޮތުގައި ހަމަހިމޭން ޖައްވެއްގައި މަޑުމައިތިރިކަންމަތީ 30 މިނެޓު އިނުމުން ހިތް ހުއްޓުމުގެ ނުރައްކާ 50 އިންސައްތަ ކުޑަ ކުރުވަ އެވެ. މިރިސާޗުން ދައްކާގޮތުގައި 15-20 ދެމެދު މިކަމުގައި ހޭދަ ކުރިޔަސް ފުދެއެވެ. (މިއީ ޓުރާންސެންޑެންޓަލް މެޑިޓޭޝަންއަށް ބިނާކޮށް ހެދި ރިސާޗެކެވެ)

މި ބަޔާންކޮށްދެވުނީ ބައެއް ބޭފުޅުންނަށް އާ ކަންތައްތަކަށްވެސް ނުވެދާނެއެވެ. އެހެންނަމަވެސް ގިނަ ފަހަރު މިފަދަ ކަންތައްތައްކަށް ސަމާލުކަން ދެވޭ ވަރު ކުޑަވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355