twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަހަރެން ދެކެން ބޭނުންވާ އަނެއް ކުޅުދުއްފުށި

Jan 2, 2012

.

ޢައްބާސް

އާއަހަރު ލައިގަތުން ފާހަގަކުރުމަށް ކުޅުދުއްފުށީގައިވަނީ މިޔުޒިކް ޝޯއެއް ބާއްވާފައެވެ. ފުޓުބޯޅަމެޗެއްވެސް ކުޅެފައެވެ. މިހުރީ ވަރަށް ރަނގަޅުކަންކަމެވެ. އުފާވެރިކަންކަމެވެ. އުފާކޮށްލާ، މުނިފޫހިފިލުވާނޭ އިތުރު ހަރަކާތްތަކަކަށް ކުޅުދުއްފުށި މިއޮތީ ބޭނުންވެފައެވެ.

އަހަރެންނަށް ވިސްނޭގޮތުގައި މިރަށަކީ މުނިފޫހިފިލުވުގެ ހަރަކާތްތައް ވަރަށް ފުޅާކޮށް ހިންގިދާނެ ރަށެކެވެ. އެކަށީގެންވާ އާބާދީއެއް އޮތުމާއި ހުނަރުވެސް ޒުވާނުންގެ ހުރީމައެވެ. ވަސީލަތްވެސް ހުރީމައެވެ.

އެންމެ ފުރަތަމަ މިރަށުގައި އޮތް މިޔުޒިކް ގުރޫޕްތައް ހަރަކާތްކުރުވަންވެއްޖެއެވެ. ކޮންމެވެސް ބަޔަކު އިސްނަގައިގެން މިޔުޒިކް ކުޅޭށާއި ލަވަކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ފަށަންވެއްޖެއެވެ. އަދި ތަފާތުވައްތަރުގެ ނެށުމާއި، ތަމްސީލްކުޅުންވެސް ކުރިއަރުވަންވެއްޖެއެވެ. ސަގާފީކުޅިވަރުތައް ޒުވާނުންނަށް ދަސްކޮށްދީ އެ ކުޅިވަރުތައް ބޭއްވުމުގައި ކޮންމެވެސް ބަޔަކު އިސްނަގަންވެއްޖެއެވެ.

ޝޯއެއް ބޭއްވުމަކީ ޚަރަދު ހިނގާނޭ ކަމެކެވެ. ވީމާ ވިޔަފާރީގެ ވިސްނުމެއްގެ ތެރެއިން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރޭވުން މުހިންމެވެ. މިޔުޒިކާއި، ނެށުމާއި، ތަމްސީލް ޝޯތައް ބޭއްވުމަށް، މިހާރަށްވުރެ ކުޑަ އަގަކަށް ތިލަދެކުނު ސިނަމާ ދޫކުރެވިދާނެއެވެ. އަދި ބައެއް ފަހަރަށް، އާއްމުންނަށް ހިލޭ، ކުޅިބަލަން ވަދެވޭ ކަހަލަ ތަނެއްގައިވެސް ތަމްސީލާއި، ނެށުމާއި މިޔުޒިކްގެ ހަރަކާތްތައް ދައްކާލެވިދާނެއެވެ. މިގޮތުން އަހަރުގެ ވަކި ދުވަސްތަކެއްގައި، ފަންނުވެރިންގެ ފެސްޓިވަލެއް އިންތިޒާމުކުރެވިދާނެއެވެ. މުނިފޫހިފިލުވުމާއި ވިޔަފާރި ޕުރޮމޯޓްކުރުން ގުޅުވާލެވިއްޖެނަމަ، މިއީ ވަރަށް ފަސޭހަކަމެކެވެ. މިހާރުވެސް، އީދުކުޅިވަރުތައް މިރަށާއި އަދި އެހެން ރަށްރަށުގައިވެސް ބާއްވަނީ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކުގައެވެ.

ސަގާފީ ކުޅިވަރުތަކާއި، ޒަމާނީ ނެށުމާއި، މިޔުޒިކާއި، ތަމްސީލްގެ އިތުރުން، ކުރެހުމާއި، ފޮޓޯނެގުމާއި، މަސައްކަތްތެރިކަމުގެ ތަފާތު ދައްކާލުންތައް ވެސް އާންމުކޮށް ބާއްވާ ރަށަކަށް ކުޅުދުއްފުށި ބަދަލުކޮށްލަންވެއްޖެވެ. އެއިރުން ކުޅުދުއްފުށިވާނީ ވަރަށް ހަރަކާތްތެރި، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މީހުން ޒިޔާރަތްކުރާހިތްވާ ތަނަކަށެވެ. އެހެން ރަށްރަށާއި ތަފާތު ރަށަކަށް ވެސްމެއެވެ. މިކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއާއިމެދު ވިޔަފާރީގެ ވިސްނުމަކުން ވީސްނާލާށެވެ. އެއަށްފަހު އިޖްތިމާއީ ދުޅަހެޔޮކަމަށް ކުރާނޭ ރަނގަޅު އަސަރާއިމެދު ވިސްނާލާށެވެ.

އަހަރެންނަށް ފެންނަ އަނެއް ކުޅުއްދުއްފުއްޓަކީ، ވަރަށް އުފާވެރި، ފޫހިފިލާ، ޒަމާނީ ކުޅުދުއްފުއްޓެކެވެ. ރޭގަނޑާއި ދުވާލު އަވަސް ހަރަކާތުން ހަލަބޮލިވެފައިވާ، ކުޑަވަރެއްގެ ސިޓީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355