.
ހުސްނާ
ބޮލުން އިސްތަށި ފޭބުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ގިނަމީހުން ކަންބޮޑުވާ އާންމު މައްސަލައެކެވެ. އެގޮތުންދިވެހިންގެ ތެރޭގައިވެސް މިމައްސަލަ ކުރިމަތިވާ މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް އަންހެން ބޭފުޅުންނެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ފެންވަރަން ބޭނުންކުރެވޭ ފެނުގެ ސަބަބުންވެސް މިމައްސަލަ ކުރިމަތިވެއެވެ. އެހެންނަމަވެސް މިއީ އިސްތަށި ފޭބުމަށް މެދުވެރިވާ ހަމައެކަނި ސަބަބެއް ނޫނެވެ.
ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވަނީ ރީތި ލޫޅާފަތި ހަށިގަނޑެއްގެ ވެރިޔަކަށް ވާށެވެ. ލައި އުޅޭ ހެދުންތައް ކިރިޔާ ބާރު ވިޔަސް އެދެން ކަންތަކާ ޖެހުނީ އެވެ. ދެން އެޖެހުނީ ‘ޑައިޓް’ ކުރަން ފަށާށެވެ. ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ‘ޑައިޓް’ ކުރުމަކީ ނުކައި ހުރުމެވެ. އެހެން ކަމުން ހިކުމުގެ ނަމުގައި ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް މަދުވެގެންދެއެވެ. މިގޮތުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލްސް މަދުވެއެވެ. އަދި މިކަމުގެ ސަބަބުން އިސްތަށިގަނޑު އާދަޔާ ޚިލާފަށް ބަލިވެ، އިސްތަށި ބުރިވުމާއި ބުޑުންް ލުހިގެން ދިޔުންފަދަ ކަންކަމަށް މަގުފަހިވެއެވެ.
ދުންފަތަކީވެސް އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ‘އޮކްސިޖަން’ ލިބޭ މިންވަރު މަދުވެއެވެ. މީގެ އިތުރުން ދުންފަތަކީ އުމުރަށް ވުރެ އަވަހަށް އިންސާނާ މުސްކުޅި ކޮށްލާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކައެވެ. މިގޮތުން ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް މުސްކުޅި ވުމުގެ ނިޝާންތަކެވެ.
އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އައު އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތެވެ.
އިރުގެ އަލީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފައްދާ މިންވަރު މަތިވެއެވެ. އެހެންނަމަވެސް ވިސްނާލަންވީ ކަމަކީ މާ ގިނަ ވަގުތު އަވީގައި އުޅޭނަމަ އޭގެން ކުރާ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެކަމެވެ. އޭރުން އިސްތަށިގަނޑު މުރަނަވެ ދެކަފިވާންވެސް ފަށައެވެ.
އިސްތަށި ގަނޑާއި ދަތްތަކާއި ހުރި ގުޅުން ވަކި ކުޑައެއް ނޫނެވެ. ދަތްފަނި ކެއުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހިކުރުވާ ކަމެކެވެ. ދަތުގެ މައްސަލަތައް ހުންނަ މީހުން ބޮލުގެ ތަންތަންކޮޅު ތަލަވުމަކީވެސް ދިމާވާ މައްސަލައެކެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ވައިޓް ބްލަޑް ސެލް އުފައްދާ މިންވަރު މަތިވެ އޭގެ ސަބަބުން އިސްތަށި އުފެދުމަށް ހުރަސް އެޅޭތީއެވެ.
އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުން ލިބިފައި ހުންނަ އުނިކަން ފިލުވާލުމަށްޓަކައި ގިނަ އަންހެން ކުދިން ދެން މިސްރާބު ޖަހާނީ ކޮންމެވެސް ‘ސެލޫން’ އަކަށެވެ. އެތަނުން ބޭނުންކުރާ ކެމިކަލް ތަކެއްގެ އެހީގައި އިސްތަށިގަނޑަށް ވަގުތީ ރީތިކަމެއް ގެނެސް ދެއެވެ. ނަމަވެސް އިސްތަށިގަނޑު ބުޅި ކުރުމާއި ފަން ކުރުންފަދަ ކަންކަމަށް އެތަންތަނުން ބޭނުންކުރާ ގިނަ ޕްރޮޑަކްޓްސް ތަކަކީ އިސްތަށިގަނޑު ހަލާކުކޮށްލާ ގިނަ ކެމިކަލް ތަކެއް ހިމެނޭ އެއްޗެއްސެވެ.