.
އުއްމުކުލްސޫމް އިބްރާހިމް
މިހާރުވެސް އެދޫނިތައް އެތާތިބެއެވެ.
އަހަރެމެންގެ ވާހަކަ ތަކަށް ކަންފަތްދީގެން ތިބޭހެންނެވެ.
އެކަމަކު އޭގެ ފަހުން ވޭތުވީ ކިތައް އަހަރު ހެއްޔެވެ.
އެ އަހަރުތައް ހަނދާން ނައްތާލާށޭ ތިބުނަނީ ނުވާނެ ކަމެއްކަން އެނގިހުރެއެވެ.
މިހާރުވެސް ހަމަ އެރާޅުތައް އެވެލިގަނޑަށް ބީއްސައެވެ.
ބައެއްފަހަރު އަހަރެމެން ހިނގި ފިޔަވަޅުތައް ފެންނަކަހަލައެވެ.
އެފިޔަވަޅުތަކުގެ އަސަރު އެރާޅުތަކާ އެކުވިތާ ކިހާ ދުވަހެއް ހެއްޔެވެ.
އެދުވަސްތައް ހަނދާން ނައްތާލަން ތިއަންގަނީ ނުވާނެ ކަމެއްކަން އެނގިހުރެއެވެ.
އަދިވެސް އިސްތަށިގަނޑުގައި ތިއަސަރު ވާކަހަލައެވެ.
އެއީ އެއްދުވަސްވަރެއްގައި ކަލާކުރި ކަމެކެވެ.
އެވެސް ހަމަ ހީވުމެކެވެ.
އެހީވުންވެސް ހަނދާނުން ފުހެލުމަށް ތިއަންގަނީ ނުވާނެ ކަމެއްކަން އެނގިހުރެއެވެ.
ހިތުގެ އެތިކޮޅުކޮޅު ވަކިވަކިން ގެނެސް އެއްކޮށް ދިނީމުއެވެ.
ލޮލަށް ކަރުނައިގެ ބަދަލުގައި އުފާވެރިކަން ގެނެސްދިނީމުއެވެ.
ތުންފަތުގައިވާ އުދާސްކަމުގެ ބަދަލުގައި ހިނިތުންވުން ގެނެސްދިނީމުއެވެ.
އެހެޔޮކަން ހަނދާން ނައްތާލަން ތިއަންގަނީ ނުވާނެކަމެއްކަން އެނގިހުރެއެވެ.
ހަނދުވަރުގެ އަލީގައި ވަކި ނުވާންބުނެ ޔަގީންކޮށް ދިނީމުއެވެ.
އެހަނދުވަރު އަދިވެސް ދެއެވެ.
އެކަމަކު އެވައުދު އުވާލިތާ ކިހާ ދުވަހެއް ހެއްޔެވެ.
އެވައުދުތަށް އުވާލާ ހިތުގެ އުފާ ހިތާމަޔަށް ބަދަލުކުރި ހަނދާން ނައްތާލަން ތިއަންގަނީ ނުވާނެކަމެއްކަން އެނގިހުރެއެވެ.
އަހަރެންގެ ހަޔާތުގައިވާ ކަލާގެ ހަނދާންތައް ނައްތާލާނީ ކިހިނަކުން ހެއްޔެވެ.