twitterviber whatsapp telegramfacebookyoutube instagram
25th April 2024

މާބަނޑު ދުވަސްވަރު ކެއުމުގައި ރަނގަޅު އާދަތަކެއް ހިފަހައްޓަންޖެހޭ

Jan 27, 2012

ހުސްނާ އަބްދުﷲ

މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ވެސް އުންމީދަކަށް ވާނީ ސިއްޙަތު ސަލާމަތުން ހެޔޮހާލުގައި އޭނާގެ ދަރިފުޅު އުފަން ކުރުމެވެ. އެހެންކަމުން ބަލިވެ އިނުމުން ގިނަ އަންހެނުން އެހެންޏާ ނުވާ ވަރަށް ޞިއްޙަތާ މެދު ސަމާލުވެއެވެ. ގަވާއިދުން ޑޮކްޓަރުގެ އިރުޝާދުތައް ހޯދައެވެ.

މާބަނޑު ދުވަސްވަރަކީ އާންމުކޮށް ކާން އާދަވެފައި ހުންނަ އެއްޗެހި ނޫން ތަފާތު ‘ކޫސަނި’ އެއްޗެހި ކާހިތްވާ ދުވަސްވަރެކެވެ. ހާއްސަކޮށް ތަފާތު ހުތްކަން ގަދަ މޭވާ ކެއުމަށް މާބަނޑު އަންހެނުން ބޭނުންވެ އެވެ. އެހެންކަމުން ހުތް އަނބު، ކުންނާރު ފަދަ ހުތް އެއްޗެހި މާބަނޑުވުމާއި ވިހެއުމާ ދޭތެރޭގައި އެވާ 9 މަސްދުވަހު ގޭގައި ހުސްނުކޮށް ބަހައްޓަ އެވެ. މިފަދަ މޭވާތަކަކީ އޭގައި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ އެއްޗެހި ކަމުގައި ވިޔަސް މާ ގިނައިން ކާނަމަ ގެއްލުން ބޮޑު އެއްޗެއްސެވެ.

ހުތް ކަން ގަދަ މޭވާ ތަކަކީ އޭގައި ‘އެސިޑް’ އެކުލެވޭ ބާވަތްތައްކަމުން އޭގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެހެންކަމުން އެފަދަ އެއްޗެހި މާ ގިނައިން ކެއުން ބުއްދިވެރި އެއް ނޫނެވެ.

ހުތް ރަހަ ފިޔަވާ މާބަނޑު އަންހެނުން ދެން އެންމެ ގަޔާވާ ރަހަޔަކީ ކުޅި ރަހަ އެވެ. މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުން ކުޅިކޮށް ކާން ބޭނުންވެ އެވެ. ކާން ކިތަންމެ ހިތް އެދުނަސް އެއީ ސިއްހަތައް ކިހާ ގެއްލުން ހުރި ކަމެއްތޯ ބަލާލުން މުހިއްމެވެ.

މާ ކުޅިކޮށް ކާނަމަ ބަނޑަށް އުނދަގޫވެ މާގިނައިން ބޮޑުކަމު ދެވެން ފެށުން ގާތެވެ. މީގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ ހަށިގަނޑަށް ވަރަށް ނުރައްކާ ވެއެވެ. ހާއްސަކޮށް ވައިގެ މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބޮޑެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ކުޅިކޮށް ކެއުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުމެވެ.

ބަލިވެ އިންނަ ދުވަސްވަރު ގިނަ ވަގުތު އަރާމުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެހެންކަމުން އަންހެންވެރިން ތައްޔާރީ ކާނާއާ ރައްޓެހިވެ އެވެ. އެކި ގޮތް ގޮތަށް ބަންދުކޮށްފައި ހުންނަ ނޫޑުލްސް ފަދަ އެއްޗެއްސަކީ ފަސޭހައިން ތައްޔާރު ކޮށްލައިގެން ކައިލެވޭނެ އަނގަޔައްވެސް މީރު އެއްޗެއްސެވެ. މި ތަކެއްޗަކީ ގިނަ އަދަދަކަށް ލޮނާއި ތެޔޮ އެކުލެވޭ އެއްޗެއްސެވެ. މީގެ އިތުރުން މިކަހަލަ ތައްޔާރީ ކާނާ ތަކަކީ އެއެއްޗެހީގެ ރަހަ ގިނަ ދުވަސްވަންދެން ތާޒަ ކަން މަތީގައި ބެހެއްޓުމަށްޓަކައި ‘ޕްރިޒަވޭޓިވްސް’ އަޅައިގެން ހަދާފައި ހުންނަ އެއްޗެއްސެވެ.

ތަފާތު ލުއި ބުއިންތަކަކީވެސް މާބަނޑު އަންހެނަކަށް ރަނގަޅު އެއްޗެއް ނޫނެވެ. މިފަދަ ފިނި ބުއިންތައް އާންމުކޮށް ބޯނަމަ ފައިދާ ހުރި އެއްޗެއް ބޯނެ ޖާގަ ބަނޑަކު ނޯންނާނެ އެވެ. މީގެ ބަދަލުގައި ކިރާއި ޖޫސް ފަދަ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބުއިން މާ ރަނގަޅެވެ. ގިނައިން ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.

ބަލިވެ އިނުމުން ކާ ހިތްވާ އެއްޗެހީގެ ބަދަލުގައި ފައިދާ ހުރި ބާވަތްތައް އިސްކަން ދިނުން މުހިންމެވެ. މިގޮތުން ފެހިކަން ގަދަ ފަތާއި ‘ވިޓަމިން ސީ’ އަދި ‘ވިޓަމިން އޭ’ ގިނަ ބާވަތްތައް ކެއުން ރަނގަޅެވެ. މީގެ އިތުރުން ‘ފޮލިކް އެސިޑް’ އާއި ‘ފައިބަރ’ އަދި ‘ކެލްސިއަމް’ އަކީވެސް މާބަނޑު އަންހެނެއްގެ ކެއުމުގައި ހިމެނެންޖެހޭ މުހިންމު މާއްދާތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355