.
ބަދުރުއްދީން ޙަސަން
ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އެތައް މިލިޔަން މީހުންނެއްގެ މަގުބޫލުކަން ހޯދާފައިވާ ފޭސްބުކް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާއްމުންނަށް ހިއްސާ ވިއްކަން ނިންމައިފިއެވެ.
މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކްގެ އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ގައި 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިއްސާ ވިއްކާނެކަމަށް އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލް އާއި ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓް ކޮށްފައިވެއެވެ. މިއީ ބޮޑެތި ކުންފުނިތަކާ އަޅާބަލާއިރު، ގޫގުލްއިން 2004 ވަނަ އަހަރު އަލަށް އާއްމުކޮށް ހިއްސާ ވިއްކި ވަރަށްވުރެ 5 ގުނަ ބޮޑު އަދަދެކެވެ. އެއަހަރު ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ގޫގުލް އިން ވިއްކީ 1.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިއްސާއެވެ.
މިހާތަނަށް އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެންމެ ބޮޑު އައިޕީއޯ އަކަށް ގޮސްފައިވަނީ މަޝްހޫރު ކާރު ކުންފުނި ޖެނެރަލް މޮޓޯސް އެވެ. 2010 ވަނަ އަހަރު ހިއްސާ ވިއްކައިގެން އެކުންފުނިން 20 ބިލިޔަން ޑޮލަރު ހޯދިއެވެ.
ބޮޑު އަދަދެއްގެ ހިއްސާ ވިއްކައިގެން އެންމެ ބޮޑެތި ކުންފުނި ތަކުގެ ލިސްޓަށް ފޭސްބުކް ވަންނައިރު، އެކުންފުނީގެ ހިއްސާ ވިއްކުމުގައި އަންޑަރައިޓަރެއްގެ ބައި އަދާކުރާނީ މަޝްހޫރު ފައިނޭންޝަލް ޖަޔަންޓް މޯގަން ސްޓޭންލީއެވެ. އަދި ގޯލްޑްމަން ސެޗް ވެސް އެހީތެރިވެދޭނެއެވެ.
ފޭސްބުކް ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމުން މާކެޓް ކެޕިޓަލައިޒޭޝަން (ހިއްސާގެ ބާޒާރުގައި ކުންފުނީގެ ރައުސްމާލުގެ އަގު) 75 ބިލިޔަން އާއި 100 ބިލިޔަން އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދަކަށް އަރާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ލިސްޓު ވެސް އެންމެ ކުރިއަށް ފޭސްބުކް ޖެހިލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޭސްބުކް އަކީ 2004 ވަނަ އަހަރު އެމެރިކާގެ ހާވާޑް ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުންދިޔަ މާކް ޒުކަބާގް އާއި އޭނާގެ ބައިވެރިން ވެގެން އުފެއްދި ވެބްސައިޓެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފޭސްބުކް އާއްމުންގެ މަގުބޫލުކަން ހޯދިއެވެ.
އިޝްތިހާރު ކޮށްގެން މައިގަނޑު އާމްދަނީ ހޯދާ ފޭސްބުކް، 2010 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ އަންކޮންފާމްޑް ހިސާބުތަކުން ދައްކާގޮތުން، ވަނީ 1.2 ބިލިޔަން ޑޮލަރު އާމްދަނީއެއް ހޯދާ، ސާފު ފައިދާގެ ގޮތުގައި 355 މިލިޔަން ޑޮލަރު ހޯދާފައެވެ. ފޭސްބުކް އަކީ ޕްރައިވެޓް ކުންފުންޏެއް ކަމުގައި ވާތީ އެކުންފުނިން ހޯދަމުންދާ އާމްދަނީގެ ކޮންފާމް ރިޕޯޓްސް ހޯދުމަކީ އަދި ދަތިކަމެކެވެ.