twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޑަ ދަރިފުޅަށް ކާންދޭން އުނދަގޫ ހެއްޔެވެ؟

Feb 6, 2012

.

ހުސްނާ އަބްދުﷲ

ކުޑަދަރިފުޅު ނުކާތީ ކަންބޮޑުވޭ ހެއްޔެވެ؟ ކަންބޮޑުވާނަމަ ދަރިފުޅު ނުކަނީ ކީއްވެތޯ ވިސްނާލިން ހެއްްޔެވެ؟ ރަނގަޅަށް ނުކާނަމަ ދަރިފުޅު ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. ބަރުދަން ލުއިވެއެވެެ. އެހެންކަމުން ދަރިފުޅު ނުކަނީ ކީއްވެތޯ ދެނެގަތުން ވަރަށް މުހިއްމެވެ.

ކާހިތްނުވުމަކީ ދަރިފުޅަށް ކާންދިނުމަށް އުނދަގުވާ އެއް ސަބަބެވެ. ދަރިފުޅަށް އާންމުކޮށް ދެވޭ ކާނާ ތަކަކީ ދަރިފުޅަށް މާ ގާޔާވާ އެއްޗަކަށް ނުވެދާނެއެވެ. މިސަބަބާ ހުރެ ކުދިން ކެއުން މަތިން ފޫހިވެއެވެ. ބައެއް ފަހަރު އަނގަޔަށް ގެއްލުމެއް ވެފައި ހުރެއްޖެނަމަ ދަރިފުޅު ކެއުމާ ދުރައްދެއެވެ. ކުޅެން އުޅުމުގެ ތެރޭގައި އަނގަޔަށް ލާ އެއްޗަކުން ނުވަތަ އެހެންވެސް ގޮތަކުން އަނގައިގެ ހިރުގަނޑު ފަދަ ތަނަކަށް ގެއްލުމެއް ލިބިފައި ވާނަމަ ކުއްޖާ އަށް ކާން އުނދަވުން ގާތެވެ. މިފަދަ ކަމަކަށް ޝައްކުވާނަމަ ޑޮކްޓަރަށް ދައްކާލުން މުހިންމެވެ.

ކުޑަކުދިން ކެއުމާ ދުރުވަނީ ހަމައެކަނި މިފަދަ ސަބަބުތަކާ ހުރެއެއް ނޫނެވެ. ދަރިފުޅު ކާންދިނުމުގައިވެސް ރަނގަޅު އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

ކާންދިނުމުގައި ތަފާތު ބާވަތްތައް ހިމަނާށެވެ.

ދަރިފުޅަށް އެންމެ ފައިދާ ހުރި ބާވަތްތައް ކާންދިނުމުގެ ގޮތުން ކޮންމެ ފަހަރަކު އެކެއްޗެއް ދެވޭތަން ވަރަށް ގިނަ ފަހަރު އާދެއެވެ. ނަތީޖާއަކަށް ވަނީ އަބަދު އެކައްޗެއް ކައިކައި ކުދިން ކެއުން މަތިން ފޫހިވުމެވެ. މީގެ ބަދަލުގައި ތަފާތު ވައްތަރުތައް ދޭން އާދަކުރާށެވެ. މުހިއްމު މާއްދާތައް މަދުވެދާނެ ކަމުގެ ބިރު ހީވާނަމަ ‘ޓައިމް ޓޭބަލް’ އެއް ހަދާށެވެ. އެ ޓޭބަލް ތެރޭގައި އެކަށީގެންވާ ވަރަށް ދަރިފުޅަށް މުހިންމު ކާނާތައް ހިމަނާލާށެވެ.

ހަމަޖެހިގެން ކާންދެށެވެ.

ބުރަކޮށް ވަޒީފާގައި އުޅެމުން ދަރިފުޅު ބަލާ މައިން ހުސްވަގުތުކޮޅުގެ ގޮތުގައި އޮފީހުން ލިބޭ އެއްގަޑިއިރު ދަރިފުޅަށް ކާންދިނުމަށްޓަކައި ހުސްކުރެއެވެ. އެވަގުތުގައި ދަރިފުޅު ނުކާން ބޮޑާ ހާކާ ނަމަވެސް އުފާވެރި މޫނަކާއެކު ހަމަޖެހިގެން ކުއްޖާއަށް ކާންދޭން މަސައްކަތް ކުރުން މުހިންމެވެ. އަވަސް އަރުވާލައިގެން ކާންދޭން އުޅެފިނަމަ މާގޯސްވެދާނެއެވެ. އެހެންކަމުން ރުޅި އިސްކުރުމުގެ ބަދަލުގައި ދަރިފުޅު ހިތްހަމަ ޖައްސައިދީގެން ކާންދޭށެވެ.

ކުދިންގެ ސަމާލުކަން ދަމައިގަންނަ ގޮތަކަށް ކާއެއްޗެހި ހަދާށެވެ.

ދަރިފުޅަށް ތައްޔާރު ކުރާ ކާނާއަކީ ބަލާލަންވެސް ރީތި އެއްޗެއްސަށް ވާން ޖެހެއެވެ. ކުއްޖާގެ ސަމާލުކަން އެންމެ ފުރަތަމަ ލިބޭނީ ތައްޓަށް ކާއެއްޗެހި އަޅާފައި ހުންނަ ގޮތަށެވެ. ތަރުކާރީ އާއި މޭވާ ދޭ އިރު އެތަކެތި ތަށީގައި ރީތި ގޮތަކަށް އަތުރާލައިފިނަމަ އޭގައި ލާ ރަހަ މާ ކަމުނުދިޔަސް ކުދިން ގަޔަވާނެއެވެ. ކެރެޓް ފަދަ އެއްޗެހި އެކި ގޮތް ގޮތަށް ކަފައިގެން ކުޑަކުދިިންނަށް ރީތިވާ ގޮތަކަށް ‘ގާނިޝް’ ކުރުމަކީވެސް ބައެއް މީހުން ބޭނުންކުރާ އުކުޅެކެވެ.

ކާގަޑި ކައިރި ކޮށްފައި ‘ކޫސަނި’ ކަހަލަ އެއްޗެހި ނުދޭށެވެ.

ގިނަ މައިން ބަފައިން ކުދިން ރުއްސުމުގެ ގޮތުން އެކުދިން ކާހިތްވާ އެކި ކަހަލަ ލުއި ކާނާ އާއި ބުއިންތައް ގަނެދެއެވެ. އެހެން ނަމަވެސް ކާންދޭ ގަޑި ކައިރި ކޮށްފައި ދަރިފުޅަށް މިފަދަ އެއްޗެހި ދިނުން ރަނގަޅެއް ނޫނެވެ. ދޭނަމަ ކާގަޑީގައި ކުއްޖާގެ ބަނޑުގައި ޖާގައެއް ނޯންނާނެވެ.

ކާއެއްޗެހި ހެދުމުގައި ދަރިފުޅު ބައިވެރި ކުރާށެވެ.

ކެއްކުމަށް ބޭނުންވާ އެއްޗެހި ގަންނަންފިހާރައަށް ދާއިރު ދަރިފުޅު ގެންދާށެވެ. ހަރުގަނޑުން މޭވާ އާއި ތަރުކާރީ ފަދަ އެއްޗެހި ނަގާށެވެ. ހަމަ އެގޮތަށް ކައްކާ ގަޑީގައި ވެސް ކުއްޖާގެ އުމުރާ ގުޅޭ ބައެއް މަސައްކަތް ޖައްސާށެވެ. އެގަޑީގައި ވާހަކަ ދައްކައި ކުއްޖާގެ ހިޔާލުވެސް ހޯދާށެވެ. އޭރުން ކާގަޑިއަކީވެސް ދަރިފުޅަށް އުފާވެރި ވަގުތުކޮޅަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355