.
ފުރާވަރު އުމުރަކީ 10 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރު ފުރައެވެ. ފުރާވަރު އުމުރުގައި މާބަނޑުވުމަކީ އެކަމުގެ ސަބަބުން މާބަނޑު ދުވަސްވަރުގައި އަދި ވިހެއުމުގެ ތެރޭގައި ވަރަށް ގިނަ ނުރައްކާތަކާ ކުރިމަތި ލާންޖެހޭ ކަމެކެވެ. ސަބަބަކީ މިއުމުރުފުރާގެ ކުދިންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލާއިރުވެސް މާބަނޑުވުމަށް ތައްޔާރު ވެފައިވާ ބަޔަކަށް ނުވާކަމެވެ. މިގޮތުން ގެއްލުން ލިބެނީ ހަމައެކަނި މައިމީހާއަކަށް ނޫނެވެ. ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުންވެސް ވަރަށް ބޮޑެވެ.
ފުރާވަރު އުމުރުގައި މާބަނޑުވުމުން މައިމީހާއަށް ލިބޭގެއްލުން
ލޭމަދުވުން
ފުރާވަރު އުމުރުގެ އަންހެން ކުދިންގެ ލޭ މަދުވުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް އާއްމު އަދި ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. ސަބަބަކީ މިއުމުރުފުރާގެ ކުދިން ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ފުރާ ފުރިހަމަ ވެފައި ނުވުމާއިއެކު، ހަށިގަނޑަށް ފައިދާ ހުރި ގޮތެއްގައި ކާނާ ބޭނުން ނުކުރެވޭތީ، މިއުމުރުފުރާގައި މާބަނޑުވުމުން ހަށިގަނޑުގައި އުފައްދައިދޭ ލޭގެ މިންވަރު މަދުވެގެންދެއެވެ. ފުރާވަރު އުމުރުގައި މާބަނޑުވުމާއި ގުޅިގެން ލޭމަދުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ސިޒޭރިއަން ހަދަން ޖެހުން
ފުރާވަރު އުމުރުގައި މާބަނޑުވާ ގިނަކުދިން 20 އަހަރާއި 35 އަހަރާއި ދެމެދުގެ މާބަނޑު މީހުންނަށް ވުރެ ގިނައިން ސިޒޭރިއަން ހަދަން ޖެހޭކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ އެކުދިން ބޮޑެތި ވަމުން އަންނަ ދުވަސްވަރު އެކުދިންގެ ޅިނދުކަށިގަނޑު ހުޅުވެންވީ ވަރަށް ނުހުޅުވޭތީއެވެ.
ލޭމައްޗަށް ދިއުން
ފުރާވަރު އުމުރުގައި ދިމާވާ އަނެއް މައްސަލައަކީ ލޭމައްޗަށް ދިއުމެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ޖެހުމާއި، ސިކުނޑީގެ ނާރުތަކަށް ގެއްލުން ލިބުމާއި މާބަނޑު ދުވަސްވަރުގައާއި ވިހެއުމުގެ ތެރޭގައި ބާރު އެރުން ނުވަތަ ފިޓް ޖެހުމާއި، ފައި ފޮއްސިވުން ފަދަ ކަންތައްތައް މެދުވެރިވުން ހިމެނެއެވެ. މިކަންތައްތަކުގެ ސަބަބުން މައިމީހާއާއި، ދަރިފުޅުގެ ފުރާނަ އަށް ވެސް ނުރައްކާ ވެއެވެ.
ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާބަނޑުމީހުން އެންމެ ގިނައިން މަރުވާ އެއް ސަބަބަކީ މާބަނޑުވުމާއި ގުޅިގެން ލޭ މައްޗަށް ދިއުމެވެ. އަދި މީގެ ތެރޭގައި ގިނައީ ފުރާވަރު އުމުރުގައި ބަލިވެ އިންނަ ކުދިންނެވެ.
ފުރާވަރު އުމުރުގައި މާބަނޑުވުމުން ތުއްތުދަރިފުޅަށް ލިބިދާނެ ބައެއް ގެއްލުންތައް
ބަރުދަން ލުއިވުން
ވިހާއިރު ބަރުދަން ލުއިކޮށް ތިބޭ ކުދިންގެ ގުނަވަންތައް ބައެއް ފަހަރު ރަނގަޅަށް ނުއުފެދެއެވެ. މިހެން ވުމުގެ ސަބަބުން ފުއްޕާމޭގެ މައްސަލަތައް، ސިކުނޑިން ލޭއައުން، ލޮލަށް ނުފެނުން، ގޮހޮރުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުން އަދި މަރުވުންވެސް ހިމެނެއެވެ.
ދުވަސް ނުފުރާ ވިހަން ދިމާވުން
ދުވަސްނުފުރާ ވިހާކުދިންގެ ދިފާއީ ނިޒާމު ވަރަށް ދަށްވާނެއެވެ. އެހެންކަމުން ދުވަސް ނުފުރާ ވިހާ ކުދިންނަށް ޅަފަތުގައި ޖެހޭބަލިތައް ޖެހޭގޮތް ވެއެވެ.
ފުރާއުމުރުގައި މާބަނޑުވުމުން ދިމާވާ އަނެއް މައްސަލައަކީ ބަނޑުގައި ދަރިފުޅު އަށަގަތުމާއި ހެދިބޮޑުވުމަށް ހުރަސް އެޅޭގޮތް ވުމެވެ. ސަބަބަކީ އެކުދިންގެ ހަށިގަނޑުގައި ދަރިފުޅު ބޮޑުވާނެ ޖާގަ ފުރިހަމައަށް ނެތުމެވެ. އެހެންކަމުން ދުވަސް ނުފުރާކުދިން އުފަންވުމާއި އުފަންވުމަށް ފަހުގައިވެސް އެކުދިން ހެދިބޮޑުވުމަށް ހުރަސް އެޅޭގޮތް މެދުވެރިވެއެވެ. ގިނަ ފަހަރަށް އެފަދަ ކުދިން ވިސްނުން ކޮށިވުމަކީ ވަރަށް ގާތް ކަމެކެވެ.
ފުރާއުމުރުގައި ބަލިވެއިނުމުން ދިމާވެދާނެ އެހެނިހެން ބައެއް މައްސަލަ
ޅައުމުރުގައި ބަލިވެއިނުމުން އިތުރަށް ކިޔެވުމުގެ ފުރުސަތު ގެއްލިގެން ގޮސް، ރަނގަޅު ވަޒީފާއެއް ލިބުމުގެ ދަތިކަން ކުރިމަތިވެއެވެ. އަދި އާއިލާގެ ހަރަދުތައް ހަމަޖެއްސުމުގައި އެހެން މީހުންގެ މައްޗަށް ބަރޯސާ ވާންޖެހެއެވެ. ދަރިފުޅާއި މަންމަގެ އިޖުތިމާއީ ގުޅުމަށް ބުރޫއަރާ އާއިލާ ރޫޅޭތަންވެސް އާދެއެވެ. މިކަމުގެ ސަބަބުން ދަރިފުޅު ރަނގަޅަށް ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ކުޑަވެއެވެ.
ބަލިވެއިނުން ފަސްކޮށްލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
ފުރާވަރު އުމުރުގައި ބަލިވެއިނުމުން މައިމީހާއަށާއި ދަރިފުޅަށް ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނާ ބަލިވެއިނުން ލަސްކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލިވެއިނުމުގެ ކުރިން އެކަމަށް ރަނގަޅަށް ތައްޔާރު ވާން ޖެހެއެވެ. އަދި ރަނގަޅު ކާނާ ކައި ރަނގަޅު ސިއްހަތެއްގައި ހުންނަން ޖެހެއެވެ. އަދި އާއިލާ ރާވާ ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ބަލިވެ އިނުމުގެ ކުރިން ޓީޓީ ވެކްސިންއާއި ރުބެއްލާ ވެކްސިން ޖެހުމަށް ސަމާލުވާށެވެ. ވިހާނެ ތަނެއް ކަނޑައެޅުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
މައުލޫމާތު: ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް