ޒުވާންކަން މަތީ ގިނަދުވަހު ދެމިހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އުމުރުން ދުވަސް ވާވަރަކަށް ހަށިގަނޑަށާއި ހަންގަނޑަށް އަންނަ ބަދަލުތަކާމެދު އެންމެ ކަންބޮޑުވާނީ ހާއްސަކޮށް އަންހެން ބޭފުޅުންނެވެ. ހަންގަނޑުގައި އުފެދޭ ރުލާއި އިރުގެ އަލިން ހަންގަނޑަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ގިނަ އަންހެންވެރިން ބޮޑެތި ހަރަދުތަކެއް ކުރެއެވެ. ރަނގަޅުވާނެހެން ހީވާ ހުރިހާ ‘ޕުރޮޑަކްޓްސް’ ތަކެއް ގަނެގެން ބޭނުން ކުރެއެވެ. މީގެ ބަދަލުގައި ގުދުރަތީ ފަރުވާ އެއް ހޯދުން މާރަނގަޅެވެ. ގުދުރަތީ ގޮތުން ޒުވާން ހަންގަނޑެއް ލިބޭނީ އޭރުންނެވެ. މިގޮތުން ބޭނުން ކުރެވިދާނެ 5 ކާނާއެއް ހިމަނާލާނަމެވެ.
އާފަލު
އާފަލު ތޮށީގައި ހުންނަ މުހިންމު މާއްދާގެ ސަބަބުން އިރުގެ ހޫނުން ހަންގަނޑު ސަލާމަތް ކޮށްދިނުމަށް އެހީވެދެއެވެ. މީގެ ސަބަބުން ހަމުގެ ކެންސަރުންވެސް ސަލާމަތް ކޮށްދެއެވެ. މީގެ އިތުރުން ގިނައިން އާފަލު ކާނަމަ ހިތުގެ ބަލިތަކާ މީހާ ދުރުކޮށްދެއެވެ. އެހެން ކަމުން އާފަލު ކާއިރު އޭގެ ތޮށިވެސް ކެއުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކުކުޅު ބިސް
ކުކުޅު ބިހަކީވެސް އިރުގެ ހޫނުން ހަންގަނޑު ސަލާމަތް ކުރުމަށް އެހީވެދޭ މުހިންމު މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން ހަންގަނޑަށް މަޑުކަމާ އޮމާންކަން ގެނެސްދީ ހަމުގެ ތެތްކަން ހިފަހައްޓައި ދިނުމުގައި މުހިންމެ ދައުރެއް އަދާކުރެއެވެ.
އަލްމޮންޑް
އަލްމޮންޑަކީވެސް ރާއްޖޭގެ ބާޒާރުން ފަސޭހައިން ލިބެން ހުންނަ ފައިދާ ހުރި ބާވަތެކެވެ. ކޮންމެ ދުވަހަކު އަލްމޮންޑް މުށެއް ކާނަމަ ހަންގަނޑަށް މުހިންމު މާއްދާއެއް ކަމަށްވާ ވިޓަމިން އީ އެކަށީގެންވާ ވަރަށް ލިބޭނެއެވެ. އަލްމޮންޑް ގައި ހިމެނޭ ވިޓަމިން އީ އަކީ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދޭ އެއްޗެކެވެ. ހާއްސަކޮށް ހިކި ކުރަކި ހަންގަނޑެއްގެ ވެރިއެއްނަމަ މީގެ ފައިދާ ވަރަށް ބޮޑެވެ.
ޓޮމާޓޯ
ޓޮމާޓޯ އަކީ ރާއްޖޭގެ ދަނޑުވެރިންވެސް ހައްދާ ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. އަދި އެހާމެ ފައިދާ ހުރި ބާވަތެކެވެ. ޓޮމާޓޯ އަކީވެސް އިރުގެ އަލިން ހަންގަނޑު ސަލާމަތްކޮށްދޭ ބާވަތެކެވެ. މީގެ އިތުރުން ޓޮމާޓޯގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 34 އިންސައްތައަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަންގަނޑު ރޫޖެހުމުންވެސް ދުރުކޮށްދެއެވެ.
ސްޓޯބެރީ
ސްޓޯބެރީއަކީ ރާއްޖޭގެ ބާޒާރުގައި އެހާ އާންމު ބާވަތެއް ނޫނެވެ. އެހެންނަމަވެސް ‘ސްޓޯބެރީ ފްލޭވާރޑް’ ޖޫހާއި އެހެނިހެން ބާވަތްތައް ބާޒާރުގައި މަދެއް ނޫނެވެ. ސްޓޯބެރީއަކީ ވަރަށް ގިނަ މީހުން ގަޔާވާ ރަހައެކެވެ. އަދި ވަރަށް ފައިދާ ހުރި ބާވަތެކެވެ. މިއީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ ބާވަތެކެވެ. މީގެ ސަބަބުން ހަންގަނޑަށް އޮމާންކަމާއި ދިރުން ގެނެސްދެއެވެ. ސްޓޯބެރީގައި އެކުލެވޭ ވިޓަމިން ސީ ގެ ސަބަބުން ހަންގަނޑުގައި ހުންނަ ކުދި ރޫތައް ނައްތާލައެވެ. މީގެ އިތުރުން މި މޭވާ ގެ ސަބަބުން ‘ކެންސަރ ސެލް’ އުފެދުމަށް ހުރަސް އަޅާ، ކެންސަރާ މީހާ ދުރުކޮށްދެއެވެ.