.
ފަންއަރި
މަ، ދިރިއުޅެން އެބަ ޖެހެއެވެ. އެކަމަކު މަދިރި އުޅޭކަށް ނުޖެހެއެވެ. އެއް އުރައެއްގައި ދެކަނޑިއެއް ނޯންނާނެއެވެ. އަހަރެމެން ހީކުރަނީތާއެވެ. މިއީ ކުޅުދުއްފުއްޓަށް އޮތްގޮތެވެ. ކެތްކޮށްލުން ނޫންގޮތެއް ނެތެވެ. ބޮޑުވަރިހަމައިގެ ލާމަސީލު ނަމޫނާއެކެވެ.
އަހަރެމެންގެ މަދިރިއަކީ ހިތަށްއަރައިފިއްޔާ، ދުންދަނޑިއަކަށް ވެސް ލޯޝަނަކަށް ވެސް ޗަލާއެއްޗެއް ނޫނެވެ. ދެން އަދި ޗެލިޔަސް، މި ޚަރަދުތަކަކީ، ފަނާވަނިވި ދުނިޔޭގެ އުނިކަމެއްކަމުގައި ދެކި، ތާއަބަދު ކުރަން އަޒަލުއްސުރެ ކަނޑައެޅި ނިމިފައި އޮންނާނެކަމެކޭ ހީކުރަން ހެޔޮވެސް ނުވާނެއެވެ. އަސްތަޣްފިރު ﷲ އެވެ.
މަދިރިއަކީ ކުޅުދުއްފުށީގެ ތާރީޚާ ސަގާފަތާ އާދަކާދަޔާ ގުޅި ލާމެހިފައިވާ އެއްޗެކެވެ. އަދި މިރަށުގެ އަދަބިއްޔާތުން މަދިރި ވަނީ އެކަށީގެންވާ ޖާގައެއްވެސް ހޯދާފައެވެ. އޭގެ މިސާލަކީ، ކުޅުދުއްފުށީ މީހަކު “މަދިރިތަޅާލަން” ދައުވަތެއް ދިނުމުން ދޭހަވާ މާނައެވެ.
މިސާލަކަށް: “ރައީސުލްޖުމުހޫރިއްޔާ، އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެރަށު ރައްޔިތުންގެ ބަޔަކާއެކު މަދިރިތަޅާލެއްވުމަށް މަޑުކޮށްލެއްވިއެވެ.”
މާނައަކީ، އެމަނިކުފާނުގެ އެ ދަތުރުފުޅުގައި، ޢާއްމުންގެ ބަޔަކާ ޚިޔާލުބަދަލުކޮށްލާ، ވާހަކަދައްކާލާ ޙާލުއަޙްވާލު ބައްލަވައި، އެކުގައި އަޑަފިކޮޅުހިއްޕެވުމުގެ ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ.
ހަމަ އެހެންމެ، ކުޅުދުއްފުށީގައި މަދިރި އާލާވެ ރަށްވެހިވެފައިވާލެއް ބަދަހިކަމުން، ތަފާތު ސަރަހައްދަށް ނިސްބަތްވާ މަދިރިއަށް އެސަރަހައްދެއްގެ ސިފަޔާއި ކެރެކްޓާ ވެސް ވަނީ ލިބިފައެވެ. އެހެންކަމުން، ކުޅުދުއްފުށީގެ ވަކި އަވަށެއްގެ ވަކި ސަރަހައްދަކަށް އުފަން މަދިރިއެއް އީރާނުގެ ދާރުލްއާސާރަކުން ފެނުނަސް އޭގެ އަޞްލު ވަޒަނަކީ ކޮބައިތޯ ދެނެގަންނާކަށް އެހާ އުނދަގުލެއް ނުވާނެއެވެ.
ސުވާލަކީ، އަހަރެމެން ކުޅުދުއްފުށީ ރައްޔިތުން ގިޔާމަތަށް ދާނދެން ތިބެންވީ ދުނިޔެވީ މި ހަގީގަތް ގަބޫލުކޮށްލައިގެން މިއީ ކުޅުދުއްފުށިވަންތަކަމުގެ އެއްބައިކަމުގައި ހަދައި، ސިކުނޑީގެ ބޮޑު ޕަސެންޓެއް މަދިރި ފިތްގަނޑަށް ދީގެންތޯއެވެ؟
ނޫނެކެވެ. މިއީ ހައްލެން ހޯދަންޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. މިއީ ތިލަދުންމަތިން އެންމެ ރަނގަޅު ސިއްޙީ ފަރުވާލިބެން އޮތް ރަށަކީ އެތައް ޒާތެއްގެ ބަލީގެ ހާއްޔަކަށް ވާންޖެހޭ ސަބަބެވެ. މާނައަކީ މިއީ، ހއ، ހދ، ށ މި ތިންއަތޮޅު ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. މިބުނީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގެ ވާހަކައެވެ.
އިއްޔެ ޑެންގޫ ޖެހުނު ކުއްޖާ މާދަމާ ޗިކުންގުންޏާ ޖެހެނީއެވެ. ކުޑަކުއްޖަކު ދިގުހަށުވާޅެއް ނުލައްވާ ކުޅެން ދޫކޮށްލެވޭކަށް ނެތެވެ. ޖޯލިފައްޗެއް އުނދޯއްޔެއް މެދުގޯޗެއް ކިޔާނިކަމެއް ނެތެވެ. އެއްއަތުން މަދިރިތަޅަމުން އަނެއް އަތުން ގައިކަހަމުން ނޫނީ އެއްކަމެއް ވެސް ނުކުރެވެއެވެ. ބޮޑުތަކުރުފާނު ވެސް މިއަދު ދުނިޔޭގައި ހުންނެވިނަމަ، ޖިހާދުގައި ހަރަކާތްތެރިވާނެ ޒުވާނެއް ނެންގެވުމައްޓަކައި ދުވާފަރަށް ވުރެ އިސްކަން ދެއްވީހީ ކުޅުދުއްފުއްޓަށެވެ.
ފަހަރެއްގައި މީހަކު ބުނެފާނެއެވެ. މައްސަލައިގެ ހައްލަކީ ކުޅި ހިއްކާލުމެވެ. މައިތިރިވާށެވެ. ތިޔައްވުރެ މާމޮޅު ގޮތެއް ބުނަންހެއްޔެވެ؟ އެންމެން އެކައްޗެއް ކިޔާފައި ރަށުން ފައިބައިގެން ގޮސް މަދިރި ނޫޅޭ ރަށެއްގައި އާބާދުވަމާހެއްޔެވެ؟ ކެރޭނެހެއްޔެވެ؟ ދެން އެހެންވިއްޔާ ތިހެން ނުކިޔާށެވެ.
އަނެކަކު އިނދެފައި މާމޮޅު ޖާދޫގެ ހައްލެއް ބުނެދީފާނެއެވެ. އެއީ، ކޮންމެ މީހަކު ވެސް އެމީހެއްގެ މަސްއޫލިއްޔަތު ދަނެގެން، މަދިރި އާލާވާކަހަލަ ތަންތަން އެމީހެއްގެ އަމިއްލަ ގޯތިތެރެއިން ނައްތާލުމެވެ. މިއީ ހަގީގަތުގައި ވެސް ވަރަށް މޮޅު ހައްލެކެވެ. އެކަމަކު މިއީ ދުނިޔޭގެ ކަންހިނގާ އުސޫލަށް ބަލާއިރު ތަންފީޒުވާނެ ހައްލެއް ނޫނެވެ. އެހެންނަމަ، މުޖުތަމަޢުގައި ވަގުންނާއި ކުށްވެރިން ވެސް އެމީހުންގެ މަސްއޫލިއްޔަތު ދަނެގެން ކުށްކުރުން ހުއްޓާލަންވީއެވެ. އެހެން ހައްލެއް ބުނާށެވެ.
ހައްލަކީ، ރައްޔިތުންގެ ޒިންމާ ބޮލުއަޅައިގެން ތިބި ބަޔަކު ރައްޔިތުން ލައްވައި މަދިރި ނައްތާލުމެވެ. ނުވަތަ މަދިރި މަދުކުރުމެވެ. އެކަމަށްޓަކައި ކުރަންޖެހެނީ ކޮންކަމެއްތޯއާއި އެކަން ކުރަންވީ ގޮތް ވެސް ކަނޑައަޅަންވީ ޙިކުމަތްތެރިކަމާ އެކު އެބޭފުޅުންނެވެ. ތައުފީޤު ދެއްވާނީ މާތް ﷲ އެވެ.