.
ބަދުރުއްދީން ޙަސަން
2006 ވަނަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހު ޖެކް ޑޯސީ އެންމެ ފުރަތަމަ ކުރެވުނު ޓްވީޓް ކުރިއެވެ. އޭގެ ހަ އަހަރު ފަހުން އިއްޔެ މިއާޓިކަލް ލިޔަމުން ދިޔައިރު، އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ޓްވިޓާއަށް ލިބިފައިވާ ކުރިއެރުންތައް ގުނާ އަދަދު ނުކުރެވޭހައި ގިނަކަން ސިކުނޑީގައި ދިޔައީ އެނބުރެމުނެވެ.
ދުނިޔޭގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މަޝްހޫރު މީހުންނާއި ސެލެބްރިޓީން ސޯޝަލް ނެޓްވޯކިންގ އަށް ބޭނުންކުރާ އެންމެ މަގުބޫލު ބައިވެރިއަކަށް ޓްވިޓާ މިއަދު ވަނީ ވެފައެވެ. 140 މިލިޔަނަށްވުރެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ޓްވިޓަރ މިއަދު ވެފައިވަނީ އެކަކު އެއްފަހަރާ އެންމެ ގިނަމީހުންނާ އިންޓަނެޓް މެދުވެރިކޮށް މުވާސަލަތު ކުރުމަށް ބޭނުންކުރާ އެންމެ ބޮޑު ފްލެޓްފޯމަށެވެ.
ޓްވިޓަރ ބުނާގޮތުން ޓްވިޓަރ ބޭނުންކުރާ މީހުން ދުވާލަކު 340 މިލިޔަން ޓްވީޓް ކުރެއެވެ. އެއީ 3 ދުވަހުން 1 ބިލިޔަނަށް ވުރެ ގިނަ ޓްވީޓެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓްވިޓަރގެ ސީއީއޯ ޑިކްކާސްޓެލޯ ބުނެފައިވަނީ އޭރު ޓްވިޓަރ ބޭނުން ކުރާމީހުންގެ އަދަދަކީ 100 މިލިޔަން ކަމަށެވެ. މިއަދު 140 މިލިޔަން މީހުން ޓްވިޓަރ ބޭނުން ކުރާނަމަ އެއީ މި ކުރު މުއްދަތުގެ ތެރޭގައި 40 އިންސައްތައިގެ ކުރިއެރުމެކެވެ. ޓްވިޓަރ އިން ބުނާގޮތުން ޓްވިޓަރ އަށް ދުވާލަކު 50 މިލިޔަން މީހުން ލޮގިން ކުރެއެވެ. އަދި 100 މިލިޔަން މީހުން މަދުވެގެން މަހަކު އެއްފަހަރު ލޮގިން ކުރެއެވެ. ނަމަވެސް ޓްވިޓަރ އިން ވަރުގަދަ ފޭސްބުކް އާއިހަމައަށް ދިއުމަށް އިތުރު 700 މިލިޔަން ޔޫޒަރސް ހޯދަން ޖެހޭނެއެވެ.
ޓްވިޓަރ ފުރަތަމަ ފެށިގެން އައީ ވަރަށް އާދައިގެ ވެބްސައިޓެއްގެ ގޮތުގައެވެ. މަޝްހޫރު ޕޮޑްކާސްޓިންގ ކުންފުނި އޯޑިއޯގެ މޭސްތިރިން ތައްޔާރު ކުރި އާދައިގެ ވެބްސައިޓް ކުރުމުއްދަތެއްގެ ތެރޭގައި ވައިގައި ހިފުމުގެ ސަބަބުން ފުރަތަމަ ދެތިން އަހަރު ޓްވިޓަރ ގެ ވެބްސައިޓް ކްރޭޝް ވުމުގެ މައްސަލަތައް ވެސް ދިމާވަމުން ދިޔައެވެ. ނަމަވެސް ތަފާތު ހެޔޮ ބަދަލުތައް ގެނެސްގެން ޓްވިޓަރ ވަނީ މާކެޓުގައި ހިފަހައްޓާލެވޭތޯ ބަލާފައެވެ.
ޓްވިޓަރ އިން ބުނާގޮތުން ކްރޭޝް ވުމާއި ސްޓެބިލިޓީ މައްސަލަތައް މިހާރު ވަނީ މާޒީވެގެން ގޮސްފައެވެ. އަދި ޓްވިޓަރ އިން ތައާރަފް ކޮށްފައިވާ ސަގާފަތްތައް މީހުންގެ ތެރޭގައި މިހާރު ވަނީ އާއްމުވެ އެކިކަންކަމުގެ ތެރެއަށް ފެތުރިފައެވެ. މިސާލަކަށް ޓްވިޓަރ އިން ބޭނުންކުރަން ފެށި ހޭޝްޓެގަށް ބަލާލާށެވެ. ޓީވީ އިޝްތިހާރު ތަކުގަ އާއި ފިލްމު ޓްރެއިލާތަކުގައި ހޭޝްޓެގް ވަނީ ބޭނުން ކުރުން އާއްމުވެފައެވެ. މަޝްހޫރު ސެލެބްރިޓީންނާއި ބައްދަލު ކުރުމަށް ކޮންޓެކްޓެއް ދިނުމަށް އެދޭމީހާއަށް މިހާރު ދެނީ ޓްވިޓަރގެ ޔޫޒަރ ނޭމްއެވެ.
ނަމަވެސް ވޭތުވެދިޔަ ބާރަ ވަރަކަށް މަސްދުވަހަށް ބަލާލާއިރު ޓްވިޓަރ އަށް ވަނީ ފޭސްބުކް ކޮށްގެން އުޅޭ ކަމެއްގެ ހިޔަނި އެޅިފައެވެ. ފޭސްބުކްގެ ހިއްސާ އާއްމުންނަށް ވިއްކުމުގެ ވާހަކަ ދައްކަމުން ދިއުމަކީ ވިޔަފާރީގެ ނަޒަރުން ދެކޭމީހުން ފޭސްބުކަށް ބޮޑަށް ސަމާލުކަން ދިން ކަމެކެވެ. އަދި ޓްވިޓަރގެ މިދިޔަ އަހަރުގެ އުފަންދުވަހުގައި ވެސް އެންމެ ގިނަ މީހުން ކުރި ސުވާލު ތަކެކޭވެސް އެއްފަދައިން މިއަހަރު ވެސް ކުރެވެމުންދާ ސުވާލު ތަކަކީ ޓްވިޓަރ އިން އާއްމުކޮށް ހިއްސާ ވިއްކަފާނެ ބާއެވެ. ނުވަތަ އިންޓަނެޓް މާކެޓްގައި ބޮޑެތި ޖަޔަންޓުން ކަމުގައިވާ ގޫގުލް، އެޕަލް، ނުވަތަ މައިކްރޯސޮފްޓް އިން ޓްވިޓަރ ގަންނާނީ ބާވައެވެ. ނޫނީ މިހާރު މިއޮތްގޮތަށް އޮވެ ޓްވިޓަރ މަޑުމަޑުން ހެދި ބޮޑުވާނީ ބާވައެވެ.
ކޮންމެ ގޮތެއް މެދުވެރިވި ކަމުގައި ވިޔަސް، ޓްވިޓަރ އަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ.