twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގައުމުގެ ވެރިޔާ ނިޔާވުމުން ކުނިނުވާނެގޮތް ހަދަނީ ކިހިނެއް؟

Mar 24, 2012

.

“ޢ”

ބައެއް ރައީސުންނަކީ ބައެއް ރައްޔިތުންނަށް ބާޣީއިންނެވެ. އަނިޔާވެރިންނެވެ. އަނެއްބަޔަކަށް އެއީ މަލާއިކަތުންހައި މާތްބައެކެވެ. ގައުމީ ބަޠަލުންނެވެ. ރައީސް ކުރައްވަނީ ކުށެއްހެން ބައެއް މީހުންނަށް ބައެއް ހިނދުކޮޅުގައި ހީވިޔަސް ފަހުން ވިސްނާލާއިރު އެއީ ހަގީގަތުގައި ކުށަކަށް، މިފަދަ މީހުންނަކަށް ނުވެއެވެ. ވެރިން ދެކެލޯބިވާ މީހުން، އެމީހުންގެ ވެރިން ނިޔައުވުމުން، ނިއުވީކަމަށް ގަބޫލުނުކުރާ ފަހަރުވެސް އާދެއެވެ. ވާލޯތްބެއްގެ ބޮޑުކަމުންނެވެ.

ރައީސްދެކެ ވާ ލޯބިން، ރައީސް ނިޔައުވުމުންވެސް އޭނާގެ ގަބުރު ކުނިނުވާގޮތަށް ބާއްވަން ބޭނުންވާ މީހުންއުޅެއެވެ. ބައެއް ގައުމުތަކުގައި، ދައުލަތުގެ ބަޖެޓުން ބޮޑުބައެއް އެމީހުންގެ ނިޔައުވި ރައީސްގެ ގަބުރު އެމްބާމްކޮށް (ކުނިނުވާނޭގޮތް ހަދައި) ބޭއްވުމަށް، ޚަރަދުކުރެއެވެ. ގައުމުގެ އާބާދީގެ ބޮޑުބައެއްގެ ޒަރޫރީ ބޭނުންތައް ނުފުއްދިފައި އޮތްއިރުވެހެވެ. ވެރިންދެކެ ވާލޯތްބަކީ، ވެސް މީހާ ރޯނާކޮށްލާ އެއްޗަކީއެވެ.

ކޮންމެޔަކަސް، ރައީސުން ނުވަތަ ވެރިން މަރުވުމަށްފަހު ކުނިނުވާނެގޮތް ހެދުމަކީ ވަރަށް ޚަރަދުބޮޑު، ކުރިއަރާފައިވާ ސައެންޓިފިކް މަސައްކަތްގަނޑެކެވެ. މިކަމުގައި އެންމެ ކުރިއަރާފައިވަނީ ރަޝިޔާ އާއި ޗައިނާކަމަށް ބެލެވެއެވެ.

އުތުރުކޮރެއާގެ ލޯބިވާ ލީޑަރު ކިމް ޖޮން އިލްގެ ގަބުރު މިވަގުތު އޮތީ ކުނި ނުވާނެގޮތް ހެދުމަށްފަހު، ޕިޔޮންގްޔަންގް ގެ ޒިޔާރަތެއްގައި ބާއްވާފައެވެ. ކިމް ޖޮން އިލްގެ ކުރިން ވެރިކަންކުރެއްވި އޭނާގެ ބައްޕަގެ ގަބުރުވެސް އޮތީ، ކުނިނުވާނެގޮތްހަދައި، އާއްމުންނަށް ދެއްކުމަށް ބާއްވާފައެވެ. ކުނިނުވާނޭހެންހަދައި، އާއްމުންނަށް ދެއްކުމަށް ބާއްވާފައިވާ ވެރިންގެ ލިސްޓުން ދެން އެންމެ ފާހަގަކުރެވެނީ، ކުރީގެ ރޫސީވިލާތުގެ ކޮމިޔުނިސްޓް އިންގިލާބުގެ މޭސްތިރި، ވިލަޑިމީރް ލެނިން އާއި ޗައިނާގެ ކޮމިޔުނިސްޓް ލީޑަރު މާއޯ ޒެޑޮންގ އާއި، ވިއެޓްނާމްގެ ހޯޗީ މިންހ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ކިމް ޖޮން އިލްގެ ބައްޕަ، ކިމް އިލް ސުންގެ ގަބުރު، ކުނި ނުވާގޮތް ހަދައިދިނީ ރަޝިޔާގެ ސައެންސްވެރިންނެވެ.

ވިލަޑިމީރް ލެނިން 1924 ވަނަ އަހަރު ނިޔައުވުމާއެކު އޭނާގެ ގަބުރު ކުނިނުވާނެގޮތް ހެދުމަށް ރަޝިޔާގެ ސައެންސްވެރިން އާދަޔާޚިލާފަށް މޮޅު ސައެންޓިފިކް އުކުޅުތަކާއި، ގަބުރު ސީރާ ކުރުމަށް، ސިއްރު ރެސިޕީތައް ބޭނުންކުރާ ވާހަކައާއި، ގަވާއިދުން ގަބުރު ދޮވެ ފެންވެރުވުމުގެ އިތުރުން ގަބުރުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ގަބުރުގެ ތެރެއަށް ކަރަންޓް މޯޓަރެއްވެސް ލައިފައި ހުންނަކަމަށް ވާހަކަދެކެވެއެވެ.

އިލްޔާ ޒަބާސްކީ އަކީ ވިލަޑިމީރް ލެނިންގެ ގަބުރު ކުނިނުވާގޮތް ހަދައި ބަލަހައްޓާ، އެމްބާމިން ޓީމުގައި ހިމެނޭ މީހެކެވެ. އޭނާ ބުނާގޮތުން ހަފުތާއަކު ދެދުވަހު ލެނިންގެ މޫނާއި ދެއަތް ޚާއްޞަ ފެނަކުން ( ސޮލިޔުޝަނަކުން) ތެންމައެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު، ލެނިންގެ ގަބުރު ބާއްވާފައި އޮންނަ ޒިޔާރަތް އާންމުންނަށް ބަންދުކޮށް، ޚާއްޞަ ފެނަކުން (ސޮލިޔުޝަނަކުން) ގަބުރު ފެންވަރުވައެވެ. އަދި ގަބުރަށް އައިސްފައި ހުންނަ ކުދިކުދި އައިބުތައް ރަނގަޅުކުރެއެވެ.

ރަޝިޔާގެ ސައެންސްވެރިންނަކީ ގަބުރު ކުނިނުވާގޮތް ހެދުމަށް ވަރަށްވެސް މަޝްހޫރުބައެކެވެ. ވިއެޓްނާމްގެ ލީޑަރު ހޯޗީ މިންހ ގެ ގަބުރު އަހަރަކު އެއްފަހަރު، އައުބައުތުރަ ފިލުވުމަށް ރަޝިޔާއަށް ގެންދެވެއެވެ.

ގަބުރު ކުނިނުވާގޮތަށްހަދައި، ގިނަ ދުވަހަށް ދެމެހެއްޓުމަށް ކިޔަނީ އެމްބާމްކުރުމެވެ. ބްރިޓިޝް އިންސްޓިޓިއުޓް އޮފް އެމްބާމާޒްގައި މަސައްކަތްކުރާ ކެރަން ކާނޭ ބުނާގޮތުން ދެ ބޭނުމެއްގައި އެމްބާމްކުރެއެވެ. ފުރަތަމަ ގޮތަކީ މައްޔިތާގެ މޫނުދައްކައި، އެންމެ ފަހުގެ އިހްތިރާމް އަދާކޮށް ނިމެންދެން މައްޔިތާ ޗާލުކޮށް ބޭއްވުމަށް އެމްބާމްކުރުމެވެ. މިއީ ކުރު މުއްދަތަކަށް ކުރާ އެމްބާމެވެ. މިފަދަ އެމްބާމްކުރުމަށް ފަސޭހަ އެމްބާމްއޭވެސް ކިޔައެވެ.

އެމްބާމްކުރުމަށް ބޭނުންކުރާ ދިޔާ ފެނުގައި އެކުލެވެނީ ފޯމަޑީހައިޑް އޭ ކިޔާ ކެމިކަލެކެވެ. މި ކެމިކަލް ފެނުގެ ތެރެއަށް އަޅައި ގިރުމަށްފަހު މައްޔިތާގެ ލޭހޮޅިތަކަށް އިންޖެކްޝަންގެ ގޮތުގައި ފޮނުވާލަނީއެވެ. މަރުވުމަށްފަހު ލަސްނުކޮށް މިކަން ކޮށްފިނަމަ، ފެންނަ ނަތީޖާ ރަނގަޅުވާނެއެވެ. ސަބަބަކީ ފުރާނަ ނުކުތުމާއިއެކު މަސްގަޑު މުޅަވާން ފަށާނެތީއެވެ. ޔުނިވާސިޓީ އޮފް ޑަންޑީގެ ޕްރޮފެސަރެއްކަމަށްވާ ސޫ ބުލެކް ބުނުއްވަނީ، ގަބުރު ކުނިނުވާގޮތަށްހަދައި، ގިނަދުވަހަށް ދަމަހައްޓަން ބޭނުންނަމަ، ގަބުރު އޮންނަ ވެށި ވާންޖެހޭނީ ޖަރާސީމުން ސަލާމަތްވެފައިވާ ވެއްޓަކަށް ކަމަށެވެ.

އެމްބާމްކުރާއިރު، މައްޔިތާގެ ހުރިހާ މައި ލޭހޮޅިތަކަކާއި ނާރުތަކެއް ހުޅުވާލުމަށްފަހު ލޭތައް ދަމައިގަނެ، ޚާއްޞަ ފެނަކުން ދޮވެލައެވެ. މިހެން ހަދަނީ ލޭގެ ސަބަބުން ޖަރާސީމު އަށަގަންނާނެތީއެވެ. ޕްރޮފެސަރ ބުލެކް ބުނުއްވާގޮތުގައި، ޖަރާސީމުތައް ނައްތާލުމަށް މައްޔިތާގެ ޓިޝޫތަކުގައިވާ ކެމިކަލް މުޅިން ބަދަލުކޮށްލަންޖެހެއެވެ. އެހެން ނޫނީ، ފޫޖަހާނެއެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އަލްކަހޯލްއާއި ގްލައިސެރޯލް އިން ގަބުރު ދޮވެލައެވެ. މީގެ ބޭނުމަކީ ފެންމަދުވިޔަ ނުދިނުމެވެ. އަދި ފޮމަލިން އޭ ކިޔާ ކެމިކަލެއް ގަބުރުގައި ބޭނުންކުރުމުން ހުރިހާ ޖަރާސީމެއް ނައްތާލައެވެ.

ޕްރޮފެސާރ ބްލެކް ބުނާގޮތުގައި، އާއްމުކޮށް ދެއްކުމަށް ދިގުމުއްދަތަކަށް ގަބުރު ބާއްވާނަމަ، ގަބުރުގެ ބޭރުފުށުގެ ރީތިކަމަށް ސަމާލުކަންދޭންޖެހެއެވެ. މިސާލަކަށް، މޭކަޕްކުރުވުމާއި ބޮލުގައި އިސްތަށިގަނޑެއް ޖެހުންފަދަ ކަންކަން ކުރަންޖެހެއެވެ. ސަބަބަކީ ގިނަ ދުވަސް ވީވަރަކަށް ބޮލުން އިސްތަށި ފައިބަމުންދާނެތީއެވެ. މޭކަޕްކުރުވުމުން ޒުވާންކޮށް ތާޒާކޮށް ގަބުރު ފެންނާނެއެވެ.

އެންމެ ރަނގަޅު ހާލަތުގައި ގަބުރު ބޭއްވުމަށް ކުރަންޖެހޭ ޚަރަދަކީ ވަރަށް ބޮޑު ޚަރަދެކެވެ. މިސާލަކަށް، ގަބުރު ބާއްވާފައި އޮންނަތަނުގެ ވައިގެ ތެތްކަމާއި، ފިނިހޫނުމިން ކޮންޓްރޯލްކުރަން ޖެހޭނެއެވެ. ސަބަބަކީ، ގިނަ އަދަދަކަށް އަލްކޮހޯލް ބޭނުންކުރުމުން، އާތްވަށްވެގެން މައްޗަށްއަރާ ފެނުގެ މިންވަރު އިތުރުވުމުން، ގަބުރުން ފެން ހިކޭގޮތް ވެފައި އޮންނާތީއެވެ. ވީމާ، ގަބުރު އޮންނަ ތަނަކީ ކޮންމެވެސް ވަރަކަށް ތެތްކަން ހުންނަ ތަނަކަށް ވާންޖެހެއެވެ. އަނެއްކޮޅުން މާ ބޮޑަށް ތެތްވެއްޖެނަމަ، ގަބުރުގައި ފޫޖަހާގޮތްވެސް ވެއެވެ. އެހެންވީމާ، ގަބުރު އޮންނަވެށި، ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހެއެވެ. ގަބުރެއް އެމްބާމްކޮށްފިނަމަ، އެ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރަންޖެހެއެވެ.

އެމްބާމްކޮށްފައި އޮންނަ ގަބުރުގެ ހެދުންވެސް އެއީ ޒަމާނާއި ގުޅޭގޮތަށް ބަދަލުކުރަމުންދާ ފެޝަނަބްލް ހެދުމަކަށް ވާންޖެހެއެވެ. ރަޝިޔާގެ އެމްބާމްކުރުމުގެ ތަޖުރިބާކާރެއް ބުނާ ގޮތުގައި، ކޮންމެ ތިން އަހަރަކުން އެއް އަހަރު ވެލަޑިމީރް ލެނިން އަށް އައު ކޯޓާއި ޓައީ ހޯދައެވެ.

ބައެއްވެރިންގެ އުނދަގުލުން، އެމީހުން ވެރިކަންކުރި އިރުވެސް ރައްޔިތުންނަށް ސަލާމަތެއް ނުވެވެއެވެ. އިސްތިއުފާ ދިނުމުން ވެސް އުޅެންޖެހެނީ އެމީހުންގެ އުނދަގުލާއިހެދިއެވެ. ނިޔައުވުމުން ދައުލަތުގެ ބަޖެޓްގެ ބޮޑުބައެއް ހޭދަކުރަންޖެހެނީ އެމީހުންގެ ގަބުރު ނަލަކޮށް ބޭއްވުމަށެވެ!

އެމްބާމްކުރުމުގެ ތާރީޚް

އެމްބާމްކުރުން ނުވަތަ ގަބުރު ގިނަދުވަހަށް ދެމިއޮންނާނޭހެން ހެދުމަކީ ވަރަށް އެވޭލާ މަސައްކަތެކެވެ. އެވޭލާ މިސްރުމީހުންގެ ގާތުގައި އެއީ މައްޔިތާ ވަޅުލުމުގެ ބައެކެވެ. އެވޭލާ މިސްރުމީހުން އެމްބާމްކޮށް އުޅުނީ ދީނީ ސަބަބުތަކަކަށްޓަކައެވެ. އެމީހުން ގަބޫލުކުރާގޮތުގައި، އެމްބާމްކުރުމަކީ އުޚްރަވީ ހަޔާތަށް މުހިންމުކަމެކެވެ. އެހެނީ އެމީހުން ދުށްގޮތުގައި އުޚުރަވީ ހަޔާތަށް ހަށިގަނޑެއް ބޭނުންވާނެއެވެ.

އެމެރިކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރު އެމްބާމްކުރީ ހަނގުރާމައިގައި މަރުވާ ސިފައިން ވަޅުލުމަށް، އެމީހުންގެ އާއިލާތަކާއި ހަމަޔަށް ގެންދެވޭންދެން ރީތިކޮށް ބޭއްވުމަށެވެ.

އެވޭލާ މިސްރުގައި އެމްބާމްކުރުމުގެ މަސައްކަތަށް ހަތްދިހަ ދުވަސް ހޭދަވެއެވެ. އެމްބާމްކުރުން ފަށަނީ، މައްޔިތާ ރަނގަޅަށް ފެންވެރުވުމަށްފަހުއެވެ. އެއަށްފަހު، އަރިކަށިން ކަފާލައި، އެތެރެހަށީގެ ހުރިހާ ގުނަވަނެއް ދަމައިގަނެއެވެ. މިތަކެތި އަޅަނީ އަނގަބޮޑު ފުޅިއަކަށެވެ. ސިކުނޑި ދަމައިގަންނަނީ ނޭފަތުގެ ހިނދުރީންނެވެ. މިކަންކުރާގޮތަކީ ނޭފަތުގެ ތެރެއިން އެއްޗެއް ބާނައި، ސިކުނޑި ކުދިކޮށް، ހިމުންކޮށްލަނީއެވެ. އެއަށްފަހު ބުޅިގަނޑެއް ފާޑު އާލާތަކުން ދަމައިނެރެނީއެވެ. އަދި އެންމެ ފަހުން ހަށިގަނޑުގެ ތެރެއަށް ނެޓްރޮން ސޯލްޓް (ލޮނު) ނުވަތަ ސޯޑިއަމް ބައިކާބޮނޭޓް އަޅައި ފުރާލަނީއެވެ. ބޮލުގެ ނާށިގަނޑުތެރެއަށް ގަހުގެ ކިރު އަޅައި ސިކުނޑިއޮތްޖާގަ ފުރާލުމަށްފަހު، “ފަސޭހަކުރުމަށް” ސާޅީސްދުވަހު ބާއްވައެވެ. ސާޅީސް ދުވަސް ހަމަވުމުން އަތަރުލައްވައި، ތަފާތު ވައްތަރުގެ ހަރބް އަޅައި، ގަބުރުގައި ފޮތިއޮޅައެވެ.

އެމެރިކާގައި އެމްބާމްކުރުން ފެށުނީ، އެމެރިކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރުއެވެ. އެމްބާމްކުރުމުގެ ޒަމާނީ ބައްޕަ ކަމުގައި ބެލެވޭ ޑޮކްޓަރު ތޯމަސް ހޯމްސް، ފުރަތަމަ ފަހަރަށް މައްޔިތެއް އެމްބާމްކުރީ، 1861 ވަނައަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355