.
ބަދުރުއްދީން ޙަސަން
ސޯޝަލް މީޑިއާ ތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ފޮޓޯ ޝެއަރ ކުރުމަށް މަޝްހޫރުކަން ހޯދަމުން އަންނަ އެޕްލިކޭޝަނެއް ކަމަށްވާ އިންސްޓެގްރާމް އެއް ބިލިޔަން ޑޮލަރަށް ފޭސްބުކް އިން ގަނެފިއެވެ. އިންސްޓެގްރާމް އަކީ ފޯނުން ފޮޓޯ ނެގުމަށްފަހު، ތަފާތު ޑިޒައިންތަކާއި ކުލަތައް ގެނެސް، ރަހްމަތްތެރިންނާ ހިއްސާކުރުމަށް ބޭނުންކުރާ ފޯނު އެޕްލިކޭޝަން އެކެވެ.
ގާތްގަނޑަކަށް 27 މިލިޔަނެއްހައި މީހުން ބޭނުންކުރަމުން އަންނަ އިންސްޓެގްރާމް ފޭސްބުކް އިން ގަނެފިކަން އިއުލާން ކޮށްފައިވަނީ، ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒުކަބާގް ގެ ފޭސްބުކް ޓައިމްލައިންގައި އިއްޔެ ޕޯސްޓް ކޮށްފައިވާ ސްޓޭޓަސް އެއްގައެވެ. ބެލެވޭގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރ ނިމެންވާއިރަށް މި މުއާމަލާތް ނިންމާ، އިންސްޓެގްރާމްގައި މަސައްކަތް ކުރަމުން އަންނަ 9 މުވައްޒަފުން ފޭސްބުކް އަށް ބަދަލު ކުރާނެއެވެ.
“އާއިލާގެ މެމްބަރުންނާއި ރަހްމަތްތެރިންގެ މެދުގައި ފޮޓޯ ހިއްސާކުރާނެ އެންމެ ރަނގަޅު އެއްޗެއް އުފެއްދުމަށް އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން މިއަންނަނީ.” ޒުކަބާގްގެ ފޭސްބުކްގައި ލިޔެފައިވެއެވެ. “މިހާރު މިވީގޮތުން އިންސްޓެގްރާމްގެ ޓީމާއެކު ވަރަށް ކައިރިން ގުޅިގެން ދެން މަސައްކަތް ކުރެވޭނެ. ފޯނުން ފޮޓޯ ހިއްސާ ކުރުމުގެ އެންމެ ރަނގަޅު އުފެއްދުން ދެން ގެނެސްދެވޭނެ.”
ޒުކަބާގް ބުނެފައިވާ ގޮތުގައި، ފޭސްބުކް އަށް އިންސްޓެގްރާމް ފުރަތަމަ އެކީއެކައްޗަކަށް އިންޓެގްރޭޓް ކުރުމުގެ ބަދަލުގައި އިންސްޓެގްރާމްގައި ހުރި ރަނގަޅު ކަންތައްތައް އިތުރަށް ވަރުގަދަކޮށް އެ އެޕްލިކޭޝަން ބޮޑަށް ފުރިހަމަ ކުރާނެއެވެ.
މިކަމާގުޅިގެން އިންސްޓެގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޮމް ވެސްވަނީ ފޭސްބުކް އާއި ގުޅުމުން ލިބުނު ހިތްހަމަޖެހުން އޭނާގެ ބްލޮގްގައި ހިއްސާކޮށްފައެވެ.
އައިފޯނަށް ހާއްސަކޮށްގެން ފުރަތަމަ އިންސްޓެގްރާމް ތައާރަފް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭގެ ފަހުން މިދިޔަ ހަފްތާގެ ތެރޭގައި އެންޑްރޮއިޑަށް ވެސް ވަނީ އެޕްލިކޭޝަން ނެރެފައެވެ.
މިއީ ފޭސްކުބް އިން މިހާގިނަ މީހުން ބޭނުންކުރާ ޕްރޮޑަކްޓެއް ގަތް ފުރަތަމަ ފަހަރެވެ. ޒުކަބާގް ލިޔެފައިވެއެވެ. “މިއީ އާއްމު ކަމަކަށް ނަހަދާނަ މެވެ.”