twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑިޕްރެޝަން ނުވަތަ މާޔޫސްވުން: ކިހިނެއްބާ މިވަނީ؟ މިއީ ކޮންކަންތައްގަނޑެއް؟ ކީއްވެ ބާ މިހެން މިވަނީ؟

May 1, 2012

.

ސަލްމާ ޙަސަން

ޞުރުހީގައި މި ކޮށްލެވުނު ސުވާލު ތަކަކީ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން މާޔޫސްވާ ހާލަތްތަކުގައި އަމިއްލަ ނަފްސާ ކުރެވޭ ސުވާލުތަކެކެވެ. އަދި އެހެންމެ އެއަށް އެކަށީގެންވާ ޖަވާބެއްވެސް ނުލިބޭ ގިނަ ފަހަރު ދިމާވާ ކަންތައް ތަކެކެވެ.

ބައެއް ހާލަތްތަކުގައި މާޔޫސްވުން ނުވަތަ ހިތްދަތިކަމާ ދެރަވުމާ “މޫޑު” ގޯސްވުމަކީ އޭގެޒާތުގައި ނުރައްކާ ކަމެއްނޫނެވެ. މިސާލަކަށް ދިރިއުޅުމެއް ހަލާކުވުން (ރޫޅުން)، އާއިލީ ގުޅުންތަކުން އެކަހެރިވުން، ތިމާގެ މީހަކަށް ގެއްލުމެއް ލިބުން، ސަބަބެއް ނޭގި ދެރަވެ ރޮވުން މިއީ ހަމަ ދިމާވެދާނެ ކަންކަމެވެ. އެހެން ނަމަވެސް ކުރިން މި ބަޔާން ކުރެވުނު އަލާމާތްތައް ނުވަތަ އިހުސާސްތަކުގެ ސަބަބުން ދިރިއުޅުމުގެ އާދައިގެ ކަންތަކަށް ހުރަސްއެޅޭނަމަ، ނުވަތަ ދިރިހުރުމަށް ބޭނުންވާ އަސާސީ ބޭނުންތައް (ކެއިން ބުއިން، ގައިން ތާހިރުވުން ފަދަކަންކަން) ފުއްދުމަށް ހުރަސް އެޅޭނަމަ މިއީ ވަރަށް ބޮޑު ޞިއްހީ މައްސަލަ އެކެވެ.

ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރުން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ބަދަލުވުން، ބޭކާރު މީހެއްގެ ގޮތުގައި އަމިއްލައަށް އިހްސާސްވުން، ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމުގެ އިހްސާސްތައް ގިނަވެ އެހެން މީހުންނަށް ބުރައަކަށް ވެދާނެތީ މަރުވުމުގެ ހިޔާލުތައް އައުން ފަދަ އިހްސާސްތައް ދިގުދެމިލައި 2 ހަފްތާ އަށްވުރެ ގިނަ ވުމަކީ އެކަމަށް އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭ ކަމެކެވެ. މި ބައްޔަށް އިނގިރޭސބަހުން ޑިޕްރެޝަން ކިޔައެވެ.

ބައެއް ފަހަރު އަޅުގަނޑުމެންނަށް މިވަނީ ކީއްކަން ނޭނގި، ހަށިގަނޑުގެ ތަންތަނުގައި ރިއްސަނީ އޭވެސް ހީވެދެއެވެ. ގިނަފަހަރަށް ޑޮކްޓަރަށް ދައްކަން ދެވެނީ ވެސް ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި މޭގާ ރިއްސުންފަދަ ކަންތައްތަކާ އެކުގައެވެ.

ޑިޕްރެޝަން ނުވަތަ މާޔޫސް ވުން ދެނެގަންނާނީ ކިހިނެއް؟

ޑިޕްރެޝަން ނުވަތަ މާޔޫސްވުން ދެނެގަތުމުގައި 3 ވައްތަރެއްގެ އަލާމާތެއް ހުރެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތް ދަށްވުމެވެ. ދެވަނަ ކަމަކީ އަމިއްލަ ނަފްސަށް މަލާމާތްކުރުން ނުވަތަ ބޭނުންނެތް މީހެކޭ ހީވުމެވެ. ތިންވަނަ ކަމަކީ ދެރަވާ މޫޑު އައުމެވެ. މީގެ އިތުރުންވެސް ގުޅުން ހުރި ސިފަތައް ފާހަގަ ކުރެވިދާނެއެވެ. މިސާލަކަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް އިހްސާސް ނުވުން، މޫޑު ބަދަލު ވާންޖެހޭ ދަނޑިވަޅު ތަކުގައި މޫޑު ބަދަލު ނުވުން (އުފާވެރި ވަގުތު ތަކުގައި އުފާވެރިކަން ނެތުން)، އަމިއްލަ ނަފްސު ބޭކާރު ކޮށްލުން، އެއްވެސް ކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތުން، އަދި އަމިއްލަ އަށް މަރުވުމުގެ ހިޔާލު އައުން ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ކަމެއް ހަމަ އެއްފަހަރު ދިމާވާއިރަށް އެއީ ޑިޕްރެޝަން އޭ ނުބުނެވޭނެއެވެ.

ބަޔާން ކުރެވުނު އަލާމާތްތަކުގެ އިތުރުންވެސް މާޔޫސް ކަން ގެނުވާ އިހުސާސްތައް ބައެއް ފަހަރު މީހުންނަށް ކުރެވޭނެއެވެ. އެއީ ޑިޕްރެޝަން އަށް ހާއްސަ ނޫން ސިފަތަކަކަށް ވެސް ވެދާނެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހަމަނިދި ނުލިބުން (ނުވަތަ ނުނިދުން)، ޖިންސީ އެދުންވެރިކަމަށް ބަދަލު އައުން، ވަރުބަލިވުން، ކާހިތްވުން އަދި ކާހިތް ނުވުން، ބަރުދަނަށް ބަދަލު އައުން، އަދި ބޭރު ފުށުން ފެންނަ ބައެއް އަލާމާތްތައް ހިމެނެއެވެ. މި ސިފަ ތަކަކީ ހަމައެކަނި ޑިޕްރެޝަނަށް ހާއްސަ ސިފަތަކެއް ނޫނެވެ.

ޑިޕްރެޝަންގެ ވައްތަރުތައް

ބްލެކް ޑޯގް އިންސްޓިޓިއުޓްގެ މޮޑެލް އަށް ބަލާނަމަ ޑިޕްރެޝަން 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ މެލަންކޮލިކް ޑިޕްރެޝަން، ނޮންމެލަން ކޮލިކް ޑިޕްރެޝަން، އަދި ސައިކޯޓިކް ޑިޕްރެޝަން އެވެ. މި ތިން ވައްތަރުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ ނޮން މެލަން ކޮލިކް ޑިޕްރެޝަންއެވެ. ނުވަދިހަ އިންސައްތަ މީހުންނަށް ދިމާވަނީ އެވައްތަރުގެ ޑިޕްރެޝަން އެވެ.

އާންމު ގޮތެއްގައި ނޮންމެލަން ކޮލިކް ޑިޕްރެޝަން ނުވަތަ މަޔޫސްވުން ނުވަތަ ދެރަވުން ދިމާވަނީ ނުވަތަ މެދުވެރި ވަނީ، ސްޓްރެސް ނުވަތަ ދިރިއުޅުމުގައި ނުތަނަވަސްވުން އިތުރުވުން ފަދަ ކަންތައްތައް މެދުވެރިވެގެންނެވެ. އަދި އެމީހެއްގެ ޕާސަނަލިޓީ (ޝަހުޞިއްޔަތު) ގެ ވައްތަރުން ނެވެ. މިސާލަކަށް ހާސްވެ ކަންބޮޑުވުން އާންމު މީހުންނާއި ފިކުރު ބޮޑުވުން އާންމު މީހުންނެވެ.

ޑިޕްރެޝަން ނުވަތަ މާޔޫސްވުން، މި ބަލި ޖެހުމަށް މެދުވެރި ވާ ސަބަބު ތައް ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ވެއެވެ. އެގޮތުން އިންސާނާ އުފެދުމުގައި ހުންނަ ކަންތައްތައް، މީހަގެ މިޒާޖާ ގުޅުން ހުރި ކަންތައްތައް، ހާސްވެ ކަންބޮޑުވުން އިތުރު ވުން، ޖިންސް (އަންހެން / ފިރިހެން)، އުމުރުން ދުވަސްވުން، އަދި އެހެނިހެން ބަލިތައް ވެސް ހިމެނެއެވެ.

ބަލީގެ ފަރުވާ އަކީ ކޮބާ؟

މި ބަލީގެ ފަރުވާގެ ތެރޭގައި ގިނަބައިތަކެއް އެކުލެވިގެން ވެއެވެ. އަދި ފަރުވާ ބެހިގެންވަނީ ޑިޕްރެޝަންގެ ވައްތަރު، ސަބަބު އަދި ބަލިޖެހިފައިވާ މިންވަރުގެ މައްޗަށެވެ. ފަރުވާގެ ތެރޭގައި ބޭސް (އެންޓި ޑިޕްރެޝަންޓް) ބޭނުން ކުރުން އަދި ސައިކޯ ތެރަޕީ ނެގުން ވަރަށް މުހިއްމެވެ. ބޭސް ބޭނުން ކުރަންވާނީ ކަމުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އަދި މިބަލި އެންމެ ބޮޑުވަރު ވެފައި ވާ މީހުން ނަށް އީސީ.ޓީ (އެލެކްޓްރޯ ކޮންވިއުސިވް ތެރަޕީ) ގެ ފަރުވާ ވެސް ދެވެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް މުހިއްމު ކަންތައް

މިފަދަ ބަލިތަކުން ރައްކާތެރި ވުމަށް ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގަވައިދުން ކަސްރަތުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން، ހަމަނިދި ނިދުން،އަޅުކަންކުރުން، އަމިއްލަނަފްސަށް އިތުބާރުކުރުން (ތައުރީފު ލިބި ގަތުން)، އެކުވެރިޔަކާއެކު ވާހަކަ ދައްކާލުން، މާޔޫސްކަން ވެރިވާހިނދު އެކަށީގެންވާ އެހީހޯދުން ހިމެނެއެވެ.

އެޑިޓަރުގެ ނޯޓް: ސަލްމާ ޙަސަން އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގައި މަސައްކަތް ކުރަށްވާ ލެކްޗަރަރ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355