.
މަރިޔަމް ޔަސްމާ
ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި ހުރި ސްވިޗަކަށް އޮބާލުމާއެކު، ހަމަ އެހިނދުން ކޮޓަރީގެ ދޮރުން ވަދެގެން އަންނާތީ ފެނުނީ ހުދު ޔުނީފޯމްގައި ތިބި ދެ އަންހެން ކުދިންނެވެ.
އެއް ކުއްޖެއްގެ އަތުގައި ހުރި ތަބަކުގައި އާވި އަރައަރާ ހުރި ހޫނު ކޮފީތަށްޓެއް ހުއްޓެވެ. އަނެއް ކުއްޖަކު އައިސް އަލަމާރި ކައިރިއަށް ޖެހިލާފައި، ހެދުން ފިހާރައެއް ފަދަ އަލަމާރި ތެރެއިން ހުދު ބާތްރޯބް އަކާއި ފައްޖަހާފައިވާ ތުވާޔެއް ނަގައިގެން ގޮސް ފާހާނާއަށް ވެއްދިއެވެ. ތަނަވަސް ކޮޓަރީގައި އެނދު ހުރި ފަރާތް ނޫން އަނެއް ފަރާތުގައި ޓީވީއާއި ކުރިމަތިވާގޮތަށް ބަހައްޓާފައިވާ ބީޗް ޗެއަރ ބައްޓަމަށް ހުރި ގޮނޑިއެއްގައި ޒާނަ އިށީނުމާއެކު ކުރިމަތީ ހުރި ބިއްލޫރި ވަށްމޭޒުމަތީ ކޮފީތަށި ބަހައްޓައިފި އެވެ. އެ އަންހެން ކުއްޖާ ޓީވީ ހުޅުވާލަދިނުމާއެކު ދެން ހުރި ކުއްޖާ ޒާނަގެ އެނދުގައި ބޮނޑިބޮނޑިވެފައިވާ ރަޖާގަނޑު ރަނގަޅުކޮށްފައި އެންމެ ރުލެއްވެސް ނީންނާނެހެން އެނދު ރީތިކޮށްދިނެވެ.
ޓީވީއިން ކަސްރަތު ކުލާހެއް ބަލަމުން ކޮފީތަށި ބޮއިހުސްކޮށްލާފައި ޒާނަ ގޮސް ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ. ނިކުތްއިރު އެ ދެ އަންހެން ކުދިން އޭނާގެ އިންތިޒާރުގައި އަތާއި އަތްޖޯޑުކޮށްގެން ކޮޅަށް ތިއްބެވެ. އަލަމާރި ހުޅުވާލާފައި ސެޓިން ފޮތީގެ ފިޔާތޮށި ހެދުމެއްނަގާ އޭނާގެ ލޫޅާފަތިހަށިގަނޑަށް މަހާލާފައި ޑްރެސިން ޓޭބަލް ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން އޭނާ ގޮވާލިއެވެ. އެވަގުތު ދެ އަންހެން ކުދީން ނިކަން ހަރުކޮށް ހިނގާފައި އައިސް ޒާނަގެ ދެފަރާތުގައި ހުއްޓި އެއްކުއްޖަކު އޭނާގެ އިސްތަށިގަނޑުގައި ފުނާއަޅައިދޭން ފެށުމާއެކު އަނެއްކުއްޖަކު އޭނާގެ ފަޔާއި އަތުގެ ނިޔަފަތި ތަކުގައި ކުލަޖައްސަން ފެށިއެވެ. ފުނާއަޅުވާ ނިމުމާއެކު އަންހެންކުއްޖާ ދުރުގައި ހުރި ފައިވާން ހަރުގަނޑުން ޒާނަ ބުނި ފައިވާން ނަގަންދިޔައެވެ. ހިސާބަކަށް ހުޅުވިފައިވާ ދޮރުން ވަދެގެން އައި ޒާނަގެ ހުދުބުޅާ އެތަން ބަލަންއޮވެފައި އެ އަންހެން ކުއްޖާއަށްވުރެ ކުރީން ފައިވާން ތުނބުލައިގެން ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ޒާނައަށް އެމަންޒަރު ފެނިފައި އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“އޭތް! އޭތް! އަހަރެންގެ ފައިވާން. އަހަރެންގެ ފައިވާން!” ހަޅޭތްލަވައިގަނެވުމާއެކު ޒާނައަށް ހަމަހޭވެރިކަން އަތުވެގެން ބަލާލުމާއެކު ހުރިހާ މަންޒަރެއް ބަދަލުވެގެން ދިޔައެވެ.
ރަނގަޅަށް ބަލާލިއިރު ދުމަށިމަތީ ދިލަޖައްސަން ބަހައްޓާފައިހުރި ވަޅޯމަސްތަކުތެރެއިން މަސްގަނޑެއް ނަގައިގެން މީދަލެއް ދުވެފައިދަނީއެވެ. އަގުބޮޑު ފަރުނީޗަރތަކުން ފުރިފައިވާ މުއްސަނދި ކޮޓަރީގެ ބަދަލުގައި އޭނާއަށް ހުރެވުނީ ފަން ބަދިގެއެއްގައެވެ. ފެންވަރާލައިގެން ނިކުމެ ލީ ރީތިހެދުމުގެ ބަދަލުގައި ޒާނަ ލައިގެންހުރީ ބާވެފައި އޮތް ކަކުލާއި ހަމައަށްއަންނަ ކުރުހެދުމެކެވެ.
“އަޅެ ކޮންދުވަހަކުންތަ މިގޮތަށް ހޭވެރިކަންވެގެން ހޭލެވޭއިރު މިނޫންގޮތަކަށް މަންޒަރު ބަދަލުވާނީ؟” ދެފައިތަޅައިގެންފައި ޒާނަ އެކަނިހުރެ ބޮޑައިހާކާލިއެވެ.
ދެވަނަ ފަހަރަށް މީދަލެއް ދިމާކޮށްލުމުގެ ކުރިން ހުރިހާ ވަޅޯމަސްތަކެއް ތަށްޓަކަށްއަޅާ މަތިޖަހާފައި އޭނާ ބަދިގެއިން ނިކުންނަން ދިޔައެވެ. ޖޯލިފަތީގައި ދުފާލަން އިން އޭނާގެ މަންމަ ހަނީފާ ބިންމައްޗަށް ކުޅުގަނޑެއްޖަހާ ފައިވާނުން ފަސްއަޅާލާފައި ތެދުވެގެން ދޮރާއި ދިމާއަށް ދާންފެށިއެވެ. ފަހަތުން ޒާނަގެ ފިޔަވަޅު އަޑުއަހާފައި އޭނާ ހުއްޓުނުގޮތަށް ފަސްއެނބުރި ބަލައިލިއެވެ.
“ޒާނަ ދަރިފުޅާ. މަންމަ ދާން މިނިކުންނަނީ. އަދި ބުނަން، ހަނދާންކޮށް ދުމަށިމަތީ ހުރި ވަޅޯމަސްކޮޅު މީދަލަށްނުދީ ފޮރުވަން ހަނދާންކުރާތި. އެމަސްކޮޅުގެ ދުވަސް ހިނގައްޖެއްޔާ މިހަފްތާ އެއްކޮށް ހުސްގަރުދިޔަ ކާންޖެހޭނީ.” ކަންތައްކުރަންވީގޮތް ކިޔައިދީފައި ހަނީފާ ނިކުމެގެން ދިޔައެވެ.
ހިރުނދުގަހުގެ އަނެއްކޮޅުގައި މުޑިޖަހައިގެން އެލުވާފައިވާ ބޮޑުއުނދޯއްޔަށް ފުންމައިގެން އަރާ އިށީންދެފައި ޒާނަ ބޮލުގައި އިން ވޫލް ނައްޓާލުމާއެކު ފަންއިސްތަށިގަނޑު ފުރަގަހަށް ވިހުރިގެން ދިޔައެވެ. އެއްއަތަށް ވޫލްކޮޅު އަމުނާލާފައި އުނދޯލިވަލުގައި ހިފާލަމުން ޒާނަ އުނދޯލި ހެއްލަން ފެށިއެވެ.
ޒާނަގެ އާއިލާއަކީ ކުޑަ އާއިލާއެކެވެ. ހަނީފާގެ ކުދިންގެ ބައްޕަ ހުސޭނު ނިޔާވީ ޒާނައަށް، އަށް މަހުގައި ކަނޑަށް ވެއްޓިގެންނެވެ. އާއިލާގައި ފިރިހެނުން ތިއްބެއްކަމަކު ދަރިންނާއި އަނބިންނަށް ޚަރަދުކޮށްފައި ލާރިފޮއްޗެއް ދިއްކޮށްލާވަރެއް އެމީހުންނަކަށްވެސް ނުލިބެއެވެ. ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ ބޭނުންތައްވެސް ރަނގަޅަށް ނުފުއްދިގެންނެވެ. ދެން ހަނީފާ ކުރަންފެށީ އަމިއްލަ މަސައްކަތެވެ. ވަލުތެރެއިން ދޮންމިދިލި އޮށް ހޮވައިގެން ގެނެސް އެހިއްކާ ފަޅައި ކަނަމަދު ވިއްކުމާއި ރޯނުވަށައި ފަންގިވިނުންފަދަ މަސައްކަތްތަކެވެ. ދޮށްޓަށްހުރި ސަދާ އާއި ޒާނަ ގޮވައިގެން ހަނީފާ އުޅުނީ ވަރަށް ދަތިހާލުގައެވެ. ހަތް އަހަރުގެ ސަދާއަށް ޒާނަ ހަވާލުކޮށްފައި މަސައްކަތުން އެނބުރި އަންނައިރު ޒާނަ އޮންނަނީ ގިނަފަހަރަށް ރޮއެރޮއެ ވަރުބަލިވެފައެވެ.
ޒާނަގެ ފިޔޮޅުގަނޑު ޖެހުނުފަހުން އޭނާ މަސައްކަތަށް ދަނީ ޒާނަ ގޮވައިގެންނެވެ. ގޭގައި މަސައްކަތްކުރާ ގަޑީގައިވެސް ބިސްކޯދު އުރައެއްކަހަލަ އެއްޗެއް ދީފައި ގޮނޑިއެއްގައި ބޭންދުމުން އެކުއްޖާ ހަނީފާ ކުރާކަމެއް ކޮށް ނިމޭންދެން ބަސްއަހައިގެން ބަލަން އިނދެއެވެ.
ދިރިއުޅުމުގައި ކަންތައްތައް ދިމާވިގޮތުން ފައިސާއަކީ ހަނީފާގެ ނަޒަރުގައި ވަރަށް މުހިންމު އެއްޗަކަށްވިއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ދެ އަންހެން ދަރިން ބޮޑުވެ މުއްސަދި ފިރިހެނުންނާއި އިނދެގެން އެފައިސާއިން އޭނާއަށް ފައިދާކޮށްދޭނެ ދުވަހަކަށެވެ. އެކަމަކު އެ އުންމީދުތަކުގައި ސަދާ ފުރަތަމަވެސް ހުޅުޖެހީއެވެ. ރަށުގައި އުޅޭ ފަޤީރު ޒުވާނަކާއި ލޯބީގެ ގޮތުން ގުޅި އެންމެފަހުން ހަނީފާގެ އެދުމުގައި ކޮޅުފައިން ޖަހައި ކައިވެނިވެސް ކުރީއެވެ. ސަދާދެކެ ހަނީފާ ރުޅިއަންނަން ފެށީ ދެނެވެ. ޒާނައަށް އޭނާ ނިކަން ރަނގަޅަށް ދުނިޔޭގެ އޮއެވަރު ކިޔައިދެއެވެ. އޮޅިގެން ނަމަވެސް ފަޤީރެއްގެ މަޅީގައި ނުޖެހުމަށް ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. ހަނީފާ ބުނެއެވެ. ޒާނައެވެ. ދަރިފުޅު އިންނަން ވާނީ ރަށުގައި ނެތްވަރުގެ ބޮޑު މުއްސަންޖަކާއެވެ. ބޮޑެތި ގެއާއި ފިހާރަތަކުގެ ވެރިޔަކާއެވެ. އެދުވަހަކުން ދަރިފުޅާއި މަންމަ އުޅޭނީ ރާނީންގެ ފެންވަރުގައެވެ.
ކުޑަކުޑަ ޒާނަ ބޮޑުވަމުން އައީ ހަނީފާ ބޭނުންވާ ހުރިހާ ޤަބޫލުކުރުންތަކެއް އެއީ އޭނާގެ މަޤްސަދުކަމުގައި ވެގެންނެވެ. ޒާނަގެ އަބަދުގެވެސް ހުވަފެނަކީ މުއްސަދި ދިރިއުޅުމެކެވެ. ބޮޑު ގެއެއްގައި ވަށައިގެން ނޯކަރުން އޭނާގެ ޚިދުމަތުގައި ހުރެ ރެއާއި ދުވާލު ހޭދަވެގެން ދިއުމެވެ. ހިތަށްއަރުވާލި ކޮންމެ އެއްޗެއް ހޯދޭވަރަށް ފައިސާލިބުމެވެ. ފުރާފުރިހަމަވަމުން ދިޔަވަރަކަށް ޒާނަ ދިޔައީ ދުވަހެއް ދުވަހަކަށް ރީތިވަމުން ޒުވާންވަމުންނެވެ. ހަނީފާ އެންމެ ފަހުރުވެރިވަނީ އޭނާގެ އަންހެން ދަރިފުޅުގެ ރީތި ސިފައާއި މެދުގައެވެ. ސޯޅަ އަހަރުގައިވެސް ޒާނަ ހީވަނީ އަށާރަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ. ފައިސާއަށް ބޭނުންވާވަރުން އޭނާ އެއަންހެން ދަރިފުޅުގެ ރީތި ސިފަ ހަތިޔާރަކަށް ހަދައިގެން އެތައްބަޔަކު ލޫޓުވައެވެ. ރަށަށް އަރާ މުއްސަދިންނަށް ޒާނަގެ ކައިވެނި ދޭނަމޭ ކިޔައިގެން އެމީހުންލައްވާ އެތައް ޚަރަދެއްކުރުވައެވެ. އެކަމަކު އެންމެ ފަހުވަގުތު އެއީ ކައިވެންޏަށް އުމުރުވެސް ހަމަނުވާ ކުޑަކުއްޖެއްކަން އެނގުމުން އެމީހުން ނުރުހުން ފާޅުކޮށްފައި އެނބުރިދަނީއެވެ. ހަނީފާ ހުންނަނީ އެމީހުން ބޭނުންނަމަ އެ އުމުރުގައިވެސް ޒާނަގެ ކައިވެނިކުރުވަން ތައްޔާރަށެވެ. އެކަމަކު އެހާ ޅަކުއްޖަކާއި އިންނަން އެއިން އެކަކުވެސް ޤަބޫލެއްނުވެއެވެ. މުދަލަށް ދަހިވެތިވެފައި ވީނަމަވެސް ހަނީފާގެ ރަނގަޅު އެއް ސިފަވެއެވެ. އެއީ އޭނާ ފަހަރެއްގައިވެސް ޒާނަގެ އިއްފަތާއި އަނބުރަށް ކުޑަވެސް ގެއްލުމެއް ލިބުނަކަ ނުދެއެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ހަޒާނާއަކީ އެކުއްޖެއްގެ އިއްފަތްތެރިކަން ކަމުގައާއި އެ އިފަތްތެރިކަމަކީ އަލަތު ކައިވެންޏާއި ހަމައަށްވެސް ރައްކާތެރިކުރަންޖެހޭ އެއްޗެއްކަން އޭނާ ޒާނައަށް ވިސްނައިދެއެވެ.
ދޮރާށި ހުޅުވުނު އަޑުއަހާފައި ޒާނައަށް ބަލާލެވުނުއިރު އެތެރެއަށް ވަދެގެން އެދިމާއަށް އައި ދެ އެކުވެރިން ފެނިފައި އުފަލުން ހިނިތުންވެލިއެވެ. ސަމާ އާއި ނާޖިލާ ކޮންމެވެސް ވާހަކައެއް ދައްކާފައި ހެމުން އައިސް އުނދޯލީގެ އަނެއްކޮޅުގައި އަރާ އިށީނެވެ. ތިންމީހުން އެއްތަންވުމާއެކު ސަކަރާތްޖެހުމުގައި ވަގުތުތައް ކުރިއަށް ދިޔައެވެ.
“ދަރިފުޅާ ޒާނަ! ދަރިފުޅާ!” ހަވީރު މަސައްކަތް ނިންމާލާފައި އައިސް ގެއަށް ވަންގޮތަށް ހަނީފާ ޒާނަ ނުފެނިގެން ހޯދަންފެށިއެވެ.
“މަންމާ! އަހަރެން މިއުޅެނީއޭ.” ތުވާލިން ބޮލުގެ އިސްތަށިގަނޑު ހިއްކަމުން ޒާނަ ގޭތެރެއިން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނެވެ.
“ތިއިސްތަށިގަނޑުގައި ފުނާއަޅާ ތަންކޮޅެއް ރީތިވެލައިގެން ދޭބަލަ ދޮރުމަތީ މަގު ކުނިކަހާލަން. ދެން ތިހެދުންވެސް ބަދަލުކޮށްފަ ތިއަށްވުރެ ރީތިހެދުމެއް ލާތި! އެންމެފަހުން ކުޑަޢީދަށް މަންމަ ގަނެދިން ހެދުން ކޮބާތަ؟ އެހެދުން ލައިގެން ނިކުންނަން ދޭ!” ޒާނަގެ ބުރަކަށީގައި އަތްއަޅާ ގެއާއި ދިމާއަށް ކޮށްޕާލަމުން ހަނީފާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
“މިއަދު ހެނދުނުވެސް އެމަގުމަތި ކުނިކެހީމެއްނު. ދެން ކީއްކުރަން މިއޮތް ހަވީރު ވީމަ އަލުން އެތަން ކަހަނީ؟ މަންމައަށް އެނގެއެއްނު އެމަގުގައި ކުނިއެޅޭނެ ގަހެއްވެސް ނުހުންނަކަން. ޖެހިގެން ހުންނަގޭ ފޭރުގަހުން ފައިބާފަ ހުންނަ ދެތިންފަތެއް ވަޔާއިއެކު އައިސް އޮވެދާނެ. އެހެންނޫނީ އެތާކު ކުންޏެއް ނުހުންނާނެ.” ޒާނަ ދެކޮޅުހަދަމުން ވާހަކަދެއްކިއެވެ.
“ދެން މާގިނަ ވާހަކަ ނުދައްކާ ބުނީމަ ބުނާގޮތް ހަދަންވީ.” ހަނީފާ ދެބުމަ ގޮށްޖަހާލިއެވެ. މަންމަ ނުރުހުންވިތަން ފެނިފައި ޒާނަ އިތުރު ބަހަކާއިނުލާ އެތެރެއަށް ވަދެގެން ދިޔައެވެ.
ޒާނަ ނިކުތްއިރު ހަނީފާ ޖޯލިފަތި ކުރިމަތީ ހުރި ކޮޅުފިލާ ގޮނޑިއެއްގައި ކަޅުސަޔާއި ފާރޮށި ފޯކޮށްގެން ކާންއިނެވެ. ވަކިއެއްޗެއް ނުބުނެ މަގުމައްޗަށް ނިކުމެފައި ޒާނަ ކުނިކަހަން ފެށިއެވެ. މަގުގައި ފަތެއްނެތްތާގައި ހިރަފުސްކަމުން ހީވަނީ އެހެންކަމެއް ހެންނެވެ. ކުނިކަހަން އޮވެގެން ޒާނަ އަމިއްލައަށް ކުދިކިޔެވެ. ދުންގަނޑެއްހެން މުޅި ހިސާބުގަނޑަށް ހިރަފުސްގަނޑު ބުރުވަމުން ދަނިކޮށް ކުރިމައްޗަށް ހުންނަގޭ ގޯތިތެރޭ ހުރި ޖޯލިފަތީގައި މީހަކު އޮތްހެން ހީވެގެން އެދިމާއަށް ބަލާލެވުނެވެ. ޒާނައަށް ހީވީ ރަނގަޅަށެވެ. ޖޯލިފަތީގައި އެއޮތީ އޭނާ އަދި ނުދެކޭ ޒުވާނެކެވެ. ތެދުވެ ހިންދެމިލަމުން ޒާނަ އެޒުވާނާއަށް ރަނގަޅަށް ބަލާލިއެވެ. ބަލާބެލުމަށް މާލެމީހަކާއި ވައްތަރެވެ. ހަށިގަނޑު ވަރުގަދަ ބައިމަތި ފުޅާ ބިޔަ ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ނިކަން ކަޅެވެ. އަޅައިގެންހުރި ހެދުމުން މީހާ ތަނަވަސްވެފައި ބޮޑާކަމާއި ހައިބަތުހުރިކަން ދޭހަވެއެވެ. އެކަމަކު މިލާފައިވާ އެމޫނުން އޭނާ ކޮންމެވެސްކަހަލަ ހިތާމައެއް ތަހައްމަލް ކުރާކަހަލައެވެ.
ޖެހެމުންދިޔަ ވައިގެ އެހީގައި ހިރަފުސްގަނޑު އެނބުރެމުން އެދިމާއަށް ދިއުމާއެކު ޒުވާނާ ކުއްލިއަކަށް ކެއްސައިގެންފައި އަތުން ހިރަފުސްތައް ގަޔާއި ދުރަށް ފޮޅަމުން ކޮޅަށްތެދުވިއެވެ. އެވަގުތު އޭނާއަށްވެސް ޒާނަ ފެނިއްޖެއެވެ. ޒުވާނާ އަވަސްއަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލާފައި ގޮސް ގެއަށް ވަނެވެ. ހީވީ އޭނާ ޒާނައަށް ފިލަންވެގެން ދިޔަހެންނެވެ. ހިތާއިހިތުން އެއީ ފޮނިމީހެކޭ ކިޔަމުން ޒާނަ އިލޮށިފަތި ހިފައިގެން ގެއަށް ވަންއިރު ހަނީފާ ފާރޮށިކޮޅު ކައިހުސްކޮށްލައިގެން ޖޯލިން ތެދުވަނީއެވެ.
“ޖޯލިފަތީ އެއޮތީ ކާކުކަން އެނގޭތަ؟” ހަނީފާ ޖޯޑުގެ ދެބަޔަށްވެފައިވާ ސައިތަށި އެތެރެއަށް ދަމާލާފައި ޒާނައަށް ބަލައިލިއެވެ.
“އެއީ ޒާނަގެ ކައިވެނިކުރުވަން މަންމަ ބޭނުންވާފަދަ ޒުވާނެއް. ރާކިން އަކީ ރަށުގައި ނެތްވަރުގެ މުއްސަދި މަހުޖަނެއް. މާލޭގައި ގެދޮރާއި އެތައް ފިހާރައެއްހިންގާ މަޝްހޫރު ވިޔަފާރިވެރިއެއް.” ހަނީފާ ވާހަކަދައްކަމުން އައިސް ޒާނަގެ ކުރިމައްޗަށް ހުއްޓުނެވެ.
މަންމަގެ ވާހަކަތަކުން ޒާނަގެ ހިތް އުފަލުން ފޮޅުނެވެ. ދެލޯ ވިދައިގަތެވެ. އުޑާއި ދިމާއަށް ނަޒަރު ހުއްޓާލަމުން ހިޔާލީ ފޮލާކައްކާލަން އޭނާ ހިނދުކޮޅެއްވެސް ނުނެގިއެވެ.
ކޮޓަރިއަށް ވަދެފައި ރާކިން އެނދުގައި ޖައްސާލިއެވެ. ނިތްކުރިމަތީގައި ކަނާއަތް ބާއްވާލައިގެން އޮތްއިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ބޭރުފުށުން އެ ހަށިގަނޑު ކިތަންމެ ވަރުގަދަވެފައި ހެޔޮ ސިއްހަތެއްގައި ވީނަމަވެސް ރާކިންގެ އެތެރެހަށި ވަނީ ހިތާމައިން ކުދިކުދިވެފައެވެ. އެންމެ ގުނަވަނެއް ޒަހަމެއްވުމުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޭގެ ވޭން ފޯރައެވެ. ހަލާކުވެފައިވާ އޭނާގެ ހިތް އެހަށިގަނޑުގެ ދިރުން ނެތިކޮށްލައި ސިކުނޑިއަށްވެސް ބާރު ފޯރުވާފައިވެއެވެ. މާޒީގެ ކަޅު އަނދިރި ސޮފްހާތަކުން ރާކިންގެ މުޅިދުނިޔެ ބަނަކުރަމުން ދަނީއެވެ. ނޭނގުމުގެ ތެރޭގައި ހެދުނު އެންމެގޯހެއްގެ ސަޒާ އޭނާއަށް ލިބުނީ ބަރުދާސްތު ކުރެވޭ ވަރަށް ވުރެ ހިތިކޮށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ރާކިން ފުންމައިގެން ތެދުވިއެވެ. ދޮރުން ބޯދިއްކޮށްލި މަންމަ ފެނިފައި އޭނާ ހަމަޖެހޭގޮތް ދައްކަންވެގެން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.
“ޝާމް އައިސް އެބައިން.” މަންމަ އެތެރެއަށް ވަދެފައި އަތްމަތީހުރި ފަތްޖަހާފައިވާ ބެޑްޝީޓްތައް އަލަމާރިއަށްލިއެވެ.
މަންމަ އެނބުރި ދޮރާއި ދިމާއަށް ދާން ފެށުމާއެކު ރާކިންވެސް ތެދުވެގެން ފަހަތުން ގޮސް ކޮޓަރިން ނިކުތެވެ.
“ކޮބާ އާދެވިއްޖެދޯ؟ އަހަރެން ހީކުރީ ކައުންސިލަރ ސާހިބަށް މިކޮޅަށް ދުރުވެވޭނެ ވަގުތެއް ނުވާނެކަމަށް.” އެކުވެރިޔާ ފެނިފައި ރާކިންގެ މޫނުން ފުރަތަމަ ފަހަރަށް އުފާވެރިކަން ފެނިގެން ދިޔައެވެ.
“ހެހެ ދެން ރިކް ދައްކާ ވާހަކަ. ޝާމް ހީލިއެވެ.
އެވަގުތު ދޮރާއި ދިމާއިން ސަލާމް ގޮވާލިއަޑަށް ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ.
“ހަނީފާތަ؟ އާދޭ އެތެރެއަށް!” ސަލާމް ބަލައިގަންނަމުން އެތެރެއިން ނިކުތް ރާކިންގެ މަންމަ ވަސީމާ ހިނިއައިސްފައި ކާގެއާއި ދިމާއަށް އިޝާރާތްކޮށްލާފައި އަނެއްކާވެސް އެތެރެއަށް ވަނެވެ. ހަނީފާ އެދިމާއަށް ދިޔަނަމަވެސް ސިއްރު ލޮލަކުން ރާކިންއަށް ބަލާލިއެވެ.
“ކަންތަކާއިޖެހުނީ.” ޝާމް ހަނީފާ ވަދެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން އިނދެފައި އަނގައަށް ނުބައި ވައްތަރެއް ޖައްސާލިއެވެ.
“ކިހިނެތްވީ ތިހެން ތިބުނީ؟” ރާކިން ޝާމްގެ ކައިރީގައި ސޯފާގައި އިށީންދެފައި އަހާލިއެވެ.
“ރާކިންއަށް އަދި ވިސްނޭނެ.” ޝާމް އިތުރަށް އެވާހަކަ ނުދައްކަންވެގެން ކުރުކޮށްލިއެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 02