twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބާސެލޯނާގެ ކާމީޔާބީތަކުގެ ފަހަތުގައި ކުޅުންތެރިން އުފައްދާ ބޮޑު މެޝިނެއް

May 5, 2012

.

ބަދުރުއްދީން ޙަސަން

ފުޓުބޯޅައިގެ ރަސްގެފާނުކަމަށްވާ ބްރެޒިލް އެކޭ އެއްގޮތަށް ޔޫރަޕްގެ ސްޕެއިން އަކީ އެގައުމުގެ ސަގާފަތުގެ ތެރެއަށް ފުޓުބޯޅައިގެ ފޯރި ވަދެ ލާމެހިފައިވާ ސަގާފަތެއް އޮންނަ ގައުމެކެވެ. އެގައުމުގައި އުފުދޭ މޮޅު ކުޅުންތެރިންގެ ފުޓުބޯޅަ ކެރިއަރ ފެށިގެންދަނީ ވެސް ބްރެޒިލް އެކޭ އެއްގޮތަށް މަގުމަތީގައި ރައްޓެހިންނާއެކު ބޯޅަތަޅަން ފަށާހިސާބުންނެވެ. ބާސެލޯނާ އަކީ މިދެންނެވި ސަގާފަތް ސްޕެއިންގައި އެންމެ ގަދަޔަށް ފެންނަ އެއް ސިޓީއެވެ. ބޯޅަ އެއް ހިފައިގެން މަގުމަތީގައި ޕާސް ކޮށްލަކޮށްލައި ތިބޭ ގްރޫޕްތައް ބާސެލޯނާ އިން ފެންނާނެ އެވެ. ބާސެލޯނާގެ ހުރިހާ ހިސާބަކުން ވެސް ފުޓުބޯޅަ ކުޅުންތެރިން ފެންނާނެ އެވެ. އެއިން ކޮންމެ ކުޅުންތެރިއަކީ ވެސް ކޮންމެވެސް ފެންވަރެއްގެ ނުވަތަ ކޮންމެވެސް އުމުރު ފުރާއެއްގެ ޓީމަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ބާސެލޯނާ އަށް ނިސްބަތްކޮށް “ކަޓާލަންސް ކްލަބް” އޭ ލިޔެފައި ހުންނަތަން ފެންނާނެއެވެ. އެގޮތަށް އެނިސްބަތް ކުރެވެނީ ބާސަލޯނާ އަކީ ސްޕެއިންގެ އުތުރު އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޓީމަކަށް ވާތީއެވެ. އެސަރަހައްދަށް ކިޔާއުޅެނީ ކަޓަލޫނިޔާ އެވެ. އަދި އެސަރަހައްދުގެ ވެރިރަށެއްގެ ގޮތުގައި އެމީހުން ބަލަނީވެސް ބާސެލޯނާއެވެ. ކަޓަލޫނިއާ ސަރަހައްދުގައި އުޅޭ ކޮންމެ ކުޅުންތެރިއެއްގެ ކުޑައިރުއްސުރެ ވެސް ދެކެމުން އަންނަ ހުވެފެނަކީ ކޮންމެވެސް ދުވަހަކުން ބާސެލޯނާގެ “ނޫކޭމްޕް” ސްޓޭޑިއަމްގައި ކުޅުމެވެ. ނަމަވެސް އެފުސަތު ލިބެނީ އެންމެ ހުނަރުވެރި އަދި އެކަމަށް އެންމެ ގަދައަޅާ މަސައްކަތް ކުރާ ކުއްޖަކަށެވެ. ބާސެލޯނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެޓީމުގައި ހިމެނޭ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކުގެ ހުނަރެވެ. އެޓީމުގައި ހިމެނޭ އެކަކު އަނެކަކަށް ދޫނުކުރާ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކުގެ ތެރެއިން ގިނަ ކުޅުންތެރިން އުފައްދާފައި ވަނީ އެޓީމުގެ ފުޓުބޯޅަ އެކަޑަމީ ކަމުގައި ވާ “ލަ މާސިއާ” ގައެވެ. ދުނިޔޭ ގައި ވެސް މިހާރު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ހިމެނޭ އިނިއެސްޓާ، ޒަވީ، މެސީ، އަދި ޕުޔޯލް އަކީ އެ އެކަޑަމީގެ ދަސްވެނީން ނެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރެއިން ކޮންމެ އަހަރަކީ ވެސް ލަ މާސިއާ ގެ ކުޅުންތެރިއެއް ބާސެލޯނާ ގެ ސީނިއަރ ޓީމަށް ޕްރޮމޯޓްވެ، ޓީމަށް މުހިއްމު ކުޅުންތެރިއަކަށް އެކުޅުންތެރިއެއް ވެގެންދިޔަ އަހަރެކެވެ. އެގޮތުން އެންމެ ފަހުން ވިދަންފެށި ކުޅުންތެރިންގެ ތެރޭގައި ޕެޑްރޯ އާއި ސާޖިއޯ ބިސްކުއޯ ހިމެނެއެވެ. މިހާރުގެ ސްކޮޑަށް ބަލާއިރު، ބާސެލޯނާގެ ލަ މާސިއާގައި އުފެއްދި 10 ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން 8 ކުޅުންތެރިންނަކީ ކަޓަލޫނިޔާއަށް ނިސްބަތްވާ ސްޕެއިންގެ ކުޅުންތެރިންނެވެ. ބާސެލޯނާގެ ވާދަވެރި ރިއަލް މެޑްރިޑަށް ބަލާއިރު، އެޓީމުގައި ތިބީ މެޑްރިޑުން އުފެއްދި 5 ކުޅުންތެރިންނެވެ. އަދި ޒުވާން ހުނަރުވެރި އިތުރު ކުޅުންތެރިއެއް އެކަޑަމީގެ ތެރެއިން އަންނަން އުޅޭކަމުގެ ހަބަރެއްވެސް ނުވެއެވެ. ރިއަލް މެޑްރިޑް އަކީ ބާސެލޯނާ އަށް ވުރެ މުއްސަނދި ކްލަބެކެވެ. އެޓީމަށް ލިބިފައިވާ ފެސިލިޓީޒްތައް ވެސް ބާސެލޯނާ އަށް ވުރެ ގިނަވެފައި، މޮޅެވެ. އެހެން ނަމަވެސް، ރިއަލް މެޑްރިޑް އިން ވިސްނަމުންދަނީ ބޮޑު އަގުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ގަތުމަށެވެ. އެއީ ވެސް މުޅިން ގޯސް ގޮތެކޭ ބުނެވޭކަށް ނެތެވެ. ރިއަލް މެޑްރިޑަކީ ޔޫރަޕްގެ އެންމެ ކާމިޔާބު ޓީމެވެ.

ލަ މާސިއާ އަކީ ބާސެލޯނާގެ ރޫހެވެ. އެތަނުގެ ސަބަބުން ކްލަބަށް އެތައް މިލިޔަން ރުފިޔާއެއް ރައްކާކުރެވިގެން ދެއެވެ. ވިންގަށް ކުޅޭ މޮޅު ކުޅުންތެރިއެއް ގަންނަން 96 މިލިޔަން ޔޫރޯ ބާސެލޯނާއިން ޚަރަދެއް ނުކުރެއެވެ. އެމީހުން މެސީ ފަދަ ކުޅުންތެރިން އުފައްދަނީ އެވެ. ލަ މާސިއާ އެކަޑަމީ އަކީ ބާސެލޯނާގެ ޔޫތު ޓީމުގެ ކުޅުންތެރިން ދިރިއުޅޭ ގެ ވެސް މެއެވެ. ބާސެލޯނާގައި މިހާރު ވިދަމުންދާ ތަރިން ކުރިން އުޅުނީ އެގޭގައެވެ. އަދި ކްލަބްގެ ތާރީހާއި ސަގާފަތާއި އަހުލާގިއްޔަތު އެއިން ކޮންމެ ކުޅުންތެރިއެއްގެ ލޭގައި ޖަހާ ކޮންމެ ވިއްދެއްގައި ވަނީ ހަރުލައްވާފައެވެ.

ލަ މާސިއާ ކާމިޔާބު އެކަޑަމީ އަކަށް ވެގެންދާ ބައިވަރު ސަބަބުތައް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަކީ އެމީހުންގެ ސަގާފަތަކަށް ހަދާފައި ވުމެވެ. އެ ވައްޓަފާޅީގައި ހިމެނެނީ ޓެކްނިކާއި، ގޭމް ކޮންޓްރޯލް ކުރުމާއި، ބިންމަތީގައި ބޯޅަ ޕާސްކުރުމެވެ. އެމީހުންގެ ޔޫތު ޓީމު ކުޅޭތަން ބަލައިފިނަމަ ފެންނަނީ، ސީނިއަރ ޓީމުވެސް ކުޅޭ ސްޓައިލް ގެ ފުޓްބޯޅަ އެއް ކުޅޭތަނެވެ. އެހެންވުމުން، ޔޫތު ޓީމުން ސީނިއަރ ޓީމަށް ޕްރޮމޯޓް ވާއިރު، އިތުރަށް އެސިސްޓަމަށް ހާނުވާކަށް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އުމުރުން އެންމެ 8 އަހަރުގައި، އެކަޑެމީގައި ހިމެނޭ ކޮންމެ ކުއްޖެއްވެސް ކުޅެން ދަސްކުރަން ފަށަނީ ހަމަ އެސްޓައިލް އަށެވެ. އެއީ ކޮންމެ ކުޅުންތެރިއެއް ވެސް 2 ނުވަތަ 3 ޓަޗަށް ފަހު ޕާސް ކުރުމެވެ. އަދި ޕާސް ކުރަން އެތައް ބައިވަރު ކުޅުންތެރިންނެއް ހުސްވެފައި ތިބުމެވެ. އެއީ އަވަސްކޮށް ކުދި ޕާސްތަކެއް ޖަހާ ސިސްޓަމްއެއް ކަމުން ކޮންސެންޓްރޭޝަން ނުވަތަ ކުޅުންތެރިޔާގެ ސަމާލުކަން ވަރަށް ބޮޑަށް ޓްރެއިން ކުރެވިގެން ދެއެވެ. ކުޅުންތެރިއެއް އުފައްދާ ތަރައްގީ ކުރާއިރު އެމީހުންގެ އެ ފަލްސަފާ ބޭނުންކުރެއެވެ.

“ކުޑައިރުންސުރެން އެމީހުން ދަސްކޮށްދެނީ ހަމައެކަނި މޮޅުވާން މަސައްކަތް ކުރާކަށް ނޫން. ހުނަރުވެރިކުރުވާ ވިސްނުންތެރި މީހަކަށް އެމީހުން ހަދައިދޭ. ކޮންމެ ދުވަހަކުވެސް ބޯޅަ އާއެކު އެކިފަރާތް ފަރާތަށް ދުވަން ދަސްކޮށްދޭ. ތަމްރީނު ތަކުގައި ވެސް އަހަރެން ބޯޅަ އާނުލާ ވަރަށް މަދުފަހަރަކު ދުވަން ޖެހޭނީ. އެއީ ހަމަސީދާ ހުނަރު ވެރިކަން އިތުރަށް ތަރައްގީ ކޮށްދޭން ދޭ ތަމްރީނެއް.” ލަ މާސިއާ އާބެހޭގޮތުން މެސީ ދީފައިވާ އިންޓަވިއުއެއްގައި ވެއެވެ.

ޔޫރަޕްގެ އެހެން ކްލަބްތަކާއި ޚިލާފަށް ބާސެލޯނާ އަކީ އެހެން ކްލަބްތަކުން ފެނި މަޝްހޫރު ވާންފަށާ، އުމުރުން ހަގު ކުޅުންތެރިން ގެންދާ ޓީމެއް ނޫނެވެ. އެމީހުންގެ މުޅިންވެސް އަމާޒަކީ އަމިއްލަ ކުޅުންތެރިން އެންމެ ޅަދުވަހުން ފެށިގެން އުފެއްދުމެވެ. ބާސެލޯނާ ގެ ލަ މާސިއާގައި ތަމްރީނު ވަމުން ދަނިކޮށް އެހެން ކްލަބްތަކުން ވަނީ ބައެއް ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން ފާހަގަ ކުރެވޭ އެއްކުޅުންތެރިއަކީ އުމުރުން އެންމެ 16 އަހަރުގައި އާސެނަލް އަށް ގެންދިޔަ ސެސްކް ފެބްރިގާސް އެވެ. އޭނާގެ އިތުރުން 15 އަހަރުގައި އާސެނަލް އަށް ގެންދިޔަ ފްރޭން މަރީޑާ އަކީ ވެސް ލަ މާސިޔާގެ ދަރިވަރުންނެވެ. ފެބްރިގާސް އަނބުރާ ބާސެލޯނާ އަށް އައިއިރު، މަރީޑާ ގުޅިފައިވަނީ އެތުލެޓިކޯ މެޑްރިޑާ އެވެ. މީގެ އިތުރުން ޖެރާޑް ޕީކޭ އަކީ ވެސް ޅައުމުރުގައި މެންޗެސްޓަރ އިން “ޖަހައިގަތް” ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ވެސް 2008 ވަނަ އަހަރު އަނބުރާ ބާސެލޯނާ އާ ގުޅުނެވެ. ލަ މާސިއާ އިން ދިޔައީ އެއްކުޅުންތެރިއެއް ގެއްލުން ކަމުގައި ވިޔަސް، އޭގެ ބަދަލުގައި އެތައް ބައިވަރު ހުނަރުވެރިންތަކެއް އުފައްދަމުންނެވެ. މިސީޒަނަށް ފަހު އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކޯޗް ގަޑިއޯލާ އަކީ ވެސް ލަ މާސިއާ ގެ ދަރިވަރެކެވެ.

1979 އިން ފެށިގެން ލަ މާސިއާ ވެގެން ގޮސްފައިވަނީ، ބާސެލޯނާގެ ޔޫތު ޓީމު ކުޅުންތެރިންގެ ގެއަށެވެ. ނަމަވެސް 2006 ވަނަ އަހަރު ކްލަބްގެ އާ “ގެ” ކަމުގައިވާ އަދި ޓީމުގެ ލެޖެންޑް ޖޯން ގަމްޕަރ ގެ ނަމުން ނަންދެވިފައިވާ “ސިއުޓަޓް އެސްޕޯޓިވާ ޖޯން ގަމްޕަރ” ވަނީ ރަސްމީކޮށް ހުޅުވާފައިއެވެ. ޔޫތު ޓީމުން އެތަނުގައި ދިރިއުޅޭއިރު، ރަސްމީ އެކަޑަމީވެސް ހިންގަނީ މިތަނުގައެވެ. މިތަނުގައި ގުދުރަތީ ވިނަ ހައްދާފައިވާ 5 ދަނޑާއި، އާޓިފިޝަލް ވިނަ ހައްދާފައިވާ 4 ދަނޑު ހިމެނެއެވެ. މީގެ އިތުރުން 1 މަލްޓި ސްޕޯޓްސް ޕެވިލިއަން، ޓީމް ކޭޓަރިން އޭރިއާ، 3 ޖިމްނީސިއަމް، 2 ނޫސް ކޮންފަރެންސް ރޫމް، 4 ފަސްޓް އެއިޑް ރޫމް، 1 ޑްރެސިންގ ރޫމް، ގޯލް ކީޕަރުން ތަމްރީނު ކުރާ ތަންތަން، ސްވިމިންގ ޕޫލް އަދި ސައުނާ އެއް ހިމެނެއެވެ.

ސްޕެއިންގެ ކްލަބް ތަކުގެ ތެރެއިން ވަރުގަދަ ފުޓުބޯޅަ އެކަޑަމީތައް ހިންގަނީ ހަމައެކަނި ބާސެލޯނާ އިންނެއްނޫނެވެ. އެތުލެޓިކޯ ބިލްބާއޯގެ އެކަޑެމީ އަކީ ވެސް މޮޅު ކުޅުންތެރިން އުފައްދާ ފުރިހަމަ އެކަޑެމީއެއް ގެންގުޅޭ ކުލަބެކެވެ. ބިލްބާއޯގެ މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ފެނާންޑޯ ލޮރެންޓޭ އަދި ޖާވީ މާޓިނޭޒް އަކީ އެމީހުންގެ އަމިއްލަ މުޑުވަކެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އަކީ ވެސް ކުޅުންތެރިން އުފައްދާ، ސީނިއަރ ޓީމާއި ހަމައަށް ޕްރޮމޯޓް ކުރަމުންދާ ޓީމުތަކެވެ. ނަމަވެސް ބާސެލޯނާ ގެ ދަރަޖައަށް އަދި އެކްލަބް ތަކުން އައުމަށް ދުވަސްތަކެއް ނަގާނެއެވެ.

ސްޕެއިންގެ ކަޓަލޫނިޔާ އަށް ނިސްބަތްވާ ކުޅުންތެރިންނަށް ބާސެލޯނާ އިން ފޯކަސް ކުރި ކަމުގައި ވިޔަސް، ރަށުން އަދި ގައުމުން ބޭރުގެ ކުޅުންތެރިންނަށް ވެސް ލަ މާސިއާ އިން މަދުންނަމަވެސް އަންނަނީ ފުރުސަތު ދެމުންނެވެ. ބާސެލޯނާގެ ސީނިއަރ ޓީމުން ވަނީ ދާދިފަހުން ލަ މާސިއާ ގައި ކިޔަވަމުންދާ ކޮރެއާގެ ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އުމުރުން 15 އަހަރުގެ ޕާކް ޝެންގ ހޯ އަކީ ކޮރެއާގެ މެސީގެ ނަމުން މަޝްހޫރު ވަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ކޮރެއާގެ 14 އަހަރުން ދަށުގެ ގައުމީޓީމަށް ކުޅެފައެވެ. އޭނާ މިހާރު އަންނަނީ ބާސެލޯނާގެ ޔޫތު ޓީމުގައި ވިދަމުންނެވެ. މަޝްހޫރު ކުޅިވަރު ބްރޭންޑް ނައިކް އިންވަނީ އޭނާއާއެކު މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އާ މެސީ ވެގެންދާނީ ކަޓާލަންސް ކްލަބްގައި ފެންނަ ފުރަތަމަ ކޮރެއާގެ ކުޅުންތެރިއާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355