މަރިޔަމް ޔަސްމާ
(1 މެއި 2012 ވަނަ ދުވަހުގެ ބަޔާއިގުޅޭ)
“ހަނީފާ ކަމަކުތަ ތިއައީ؟” ވަސީމާ ޒިންކުތެރޭގައި ހުރި ތަށިތައް ދޮންނަމުން ހަނީފާއަށް ގޮވާލާފައި އަހާލިއެވެ.
“މިގެއަށް ނުވަންނަތާ ގިނަ ދުވަސްވެގެން ހަމަ ހިތަށްއެރީ ވަސީމާމެން ހާލު ބަލާލަން އައިސްލަންވީއޭ. މަސައްކަތް ހުންނަގޮތުން މިކަހަލަ ކަމެއް ކޮށްލާކަށްވެސް ވަގުތެއް ނުވޭވިއްޔަ.” ހަނީފާ ހިނިތުންވެފައި ކާމޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
“ހާދަ ރަނގަޅޭ. ދެން މިހާރު ޒާނަ ކޮބައިތަ؟ އޭނާ ކީއްވެ ރަށުންބޭރަށް ކިޔަވަން ނުފޮނުވަނީ؟ އޯލެވެލް ހެދުނަކަސް މިރަށުގައި ކިޔެވުމުގެ ފެންވަރު ކިހާދަށް.” ތަށިތަށް ހަރުގަނޑުގައި ބަހައްޓާފައި އަތްފުހެލައިގެން ވަސީމާ ކެރެޓް ގާނަންފެށިއެވެ.
“ރަށުން ބޭރަށް ފޮނުވައިގެން ކިޔަވައިދެވޭނެހާ ފެންވަރެއް އަހަރެންގެ ނެތް. ސަދާވެސް މީހަކާއި އިނެއްކަމަކު ހުރިހާ ޚަރަދެއް ކުރަންޖެހެނީ މަށަށް. އަނެއްކޮޅުން އަހަރެންނަކަށް ނުކެރޭނެ ޒާނަ އެކަނި ބޭރުރަށަކަށް ފޮނުވާކަށް. އަންހެންކުދިން ނުކިޔެވިއަސް މީހަކާއި އިނީމަ ބަލާނެއެއްނު..” ހަނީފާ އޭނާގެ ހިޔާލުހުރިގޮތް ހާމަކުރިއެވެ.
“އެއްގޮތަކުން ބަލަންޏާ ތީވެސް ރަނގަޅުވާހަކައެއް. އެކަމަކު މިޒަމާނުގައި ވަޒީފާއެއްނެތި ފިރިމީހާއަށް ބަރޯސާވެގެން އުޅޭ ވަރަށްވުރެ މީހުން ނުބައިވެއްޖެ. އިނދެފަ އެންމެ ދަރިއަކު ވިހާއިރަށް ދެން ފެންނާނީ އެހެން އަންހެނެއް.” ވަސީމާ ބުނެލިއެވެ.
“އަހަރެންގެ ދަރިފުޅު ދެވާނީ އެވަރަށް އިތުބާރުކުރެވޭ މީހަކާއިއޭ. ވަސީމާގެ ރާކިން އައިސް އެއުޅެނީ ޗުއްޓީއެއްގައިތަ؟ ” ހަނީފާ އެހިސާބުން ވާހަކަ ބަދަލުކޮށްލިއެވެ.
“ތީވެސް އަނެއް ވާހަކަ. އިނދެގެން ހަ އަރުވީފަހުން ރާކިންގެ އަންހެނުންނާއި މައްސަލަޖެހިގެން އެންމެފަހުން ވަރިއާއި ހިސާބަށްވެސް ދިޔައީ. އެހެންވެ އެކަމާއި ބޯގޮވައިގެން އައިސް އެއުޅެނީ. މީހުން ބުނެއެއްނު ހިތާމައެއް ކުރިމަތިވާ ހިނދު ކޮންމެ މީހަކުވެސް އުޅެބޮޑުވި ގެއާއި މައިންބަފައިން މަތިން ހަނދާންވާނެއޭ.” ވަސީމާ މަސައްކަތް ހުއްޓާލާފައި ހިތާމަވެރިގޮތަކަށް ކަރު އެލުވާލިއެވެ.
“ހަމަތެދެއްތަ؟ ހަނީފާއަށް އުފަލުން ބާރަށް އަހާލެވުނެވެ. ދެވަނަ ސިކުންތުގައި ވަސީމާ ބަލާލިތަން ފެނިފައި އޭނާ ދެރަވާ ކަމަށް ހެދުނެވެ.
“މަންމަ ކޮންތާކުން ތިއައީ؟” ހަނީފާ އެނބުރި އައިސް ގެއަށް ވަނުމާއެކު ޒާނަ ސުވާލުކުރިއެވެ. އޭނާ އިނީ އުނދޯލިމަތީގައި ތެލުލި ބަނބުކެޔޮ ތައްޓެއް ބަހައްޓައިގެން ކާލަކާލައެވެ.
“މިއައީ ވަސީމައްތަގެއަށް ގޮސްލާފަ. ދަރިފުޅަށް އެނގޭތަ ރާކިން އައިސް އެއުޅެނީ އޭނާގެ އަންހެނުން ވަރިކޮށްފަޔޯ. ބުނަން މީ ރަނގަޅު ފުރުޞަތެއް. މިފުރުޞަތުގެ ބޭނުން ހިފަން އެނގިއްޖެއްޔާ އެރާކިން މާލެދާނީ ޒާނައާއި އިނދެގެން..” ވަސީމާ އައިސް ހެއްލަހެއްލާ އިން އުނދޯއްޔަށް ފުންމައިގެން އަރާ އިށީންދެފައި ތެލުލި ބަނބުކެޔޮ ފޮއްޗެއް ނަގައިގެން ހަފާލިއެވެ. މަންމަގެ ވާހަކަ އިވިފައި ޒާނަގެ އަނގައިގާވާ ކުދިކުދި ހުރިހާ ދަތެއް ފެނިލިއެވެ.
ޖެހިގެން އައި ދުވަހު ޒާނަ ހެނދުނު ހެނދުނާ އިލޮށިފަތި ހިފައިގެން މަގުމަތި ކުނިކަހަން ނިކުތެވެ. އެވަރުން ނުވެގެން މެންދުރަށް ކައްކަންވާއިރަށް ފެން ގެނައުމުގެ ބަހަނާގައި އަންހެނުން ނަމާދުގެއަށް ބަނޑިޔާހިފައިގެން ފެންބަލާދިޔައެވެ. ޒާނަގެ ހުރިހާ އަމަލެއްހުރީ ހަނީފާ ބޭނުންވާގޮތަށެވެ. އެތަކެއްފަހަރުމަތީން އެގޭ ދޮރުމަތީން ހުރަސްކޮށްގެންވެސް އޭނާއަށް ރާކިން ފެންނަވަރެއް ނުވިއެވެ. ޒާނަގެ މަޤްޞަދަކީ ކޮންމެގޮތަކުންވެސް ރާކިންގެ ސަމާލުކަން ހޯދުމެވެ.
މެންދުރު ކައްކަން އުނދާފައި ފިނިކޮށްލަންވެގެން އުނދޯއްޔަށް އެރިތަނާ ޒާނައަށް ރާކިން ފެނުނެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓާއި ކަޅުޖިންސްގައި އޭނާ ނިކުތީ މެންދުރު ނަމާދަށް ދާންވެގެންނެވެ. ޒާނައަށް އެކަން އެނގުނީ އަތުގައި އޮތް ތާކިހާ ޖިންސްގެ ޖީބަށްކޮށްޕާލިތަން ފެނިފައެވެ. ނޫންކަމަށްހަދާފައި ޒާނަ ބާރަށް ކެއްސަންފެށިއެވެ. ރާކިންގެ ކަންފަތުގައި އެއަޑުޖެހުމާއެކު އޭނާއަށް އިޙުތިޔާރަކާނުލާ ބަލާލެވިއްޖެއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒާނަ ވަގުތުން ލަދުރަކި އަންހެންކުއްޖެއްގެ އެކްޓިންދައްކާފައި އޮޅިގަތެވެ. މަންމަ ކިޔައިދީފައިވާގޮތުން ފިރިހެނުން އެންމެ ގަޔާވާނީ ލަދުރަކި އަންހެން ކުދިންނާއެވެ. ކުއްލިއަކަށް ރާކިންގެ މޫނުމަތިން ފާޅުވެގެންދިޔަތަން ފެނުނީ ފޫހިކަމެވެ. އޭނާއަށް ޒާނަގެ އެއަދާއިން އެއްވެސް އަސަރެއްނުކުރިއެވެ. އަނެއް ފަރާތަށް މޫނު އަނބުރާލިގޮތަށް ހުއްޓިވެސް ނުލާ އޭނާ ދިޔަގޮތަށްގޮސް ޖެހިގެން އޮތް ގޯޅިން ލަނބާލައިފިއެވެ. ކުރި ހުރިހާ ކަމެއް ހުހަށް ދިއުމުން ޒާނަ ރުޅިއައެވެ. ރާކިންއަކީ އަދި އެހާފަސޭހައިން ދަލުގައި ޖެއްސޭނެ ޒުވާނެއްނޫންކަން އޭނާއަށް ކަށަވަރުވެއްޖެއެވެ.
“އައްސަލާމް އަލައިކުމް!” އިރުއޮއްސެން ދަނިކޮށް ޒާނަ ރާކިން އުޅޭގެއަށް ދިޔައެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ދޮރުމަތީހުރެ ސަލާމްގޮވާލިއެވެ.
“ވައަލައިކުމް ސަލާމް.” ސަލާމް ބަލައިގެންފައި ކާގެއިން ނިކުތީ ވަސީމާއެވެ. “އަހަ. ޒާނަތަ؟ އާދޭ އާދޭ! ކަމަކުތަ ތިއައީ؟ ހާދަ ދުވަހެއްވެއްޖެއޭ މިގެއަށް ނުވަންނަތާ. ވަސީމައްތަމެންނާއި ރުޅީދޯ؟” ވަސީމާ ހިނިތުންވެފައި އައިސް ކައިރިއަށް ހުއްޓުނެވެ.
“ރިހަ ކައްކަން އުޅެފަ ލޮނުމެދުކޮޅެއް ނެތިގެން ލޮނުމެދުކޮޅެއް ދޭތޯ މިއައީ. މިގަޑީގައި ފިހާރަތައްވެސް ހުންނާނީ ބަންދުކޮށްފަ. “ސިއްރު ލޮލަކުން ދެފަރާތް ހޯދާލާފައި ޒާނަ އޮޅުންފިލުވައިދިނެވެ.
“ލޮނުމެދު ލިބިދާނެ. އާދޭ އެތެރެއަށް. ޒާނަ ސައިބޯންވީނު.” ވަސީމާ ޒާނަގެ އަތުގައި ހިފައިގެން ގޮސް ކާގެއަށް ވަނެވެ. އެވަގުތު މޭޒުދޮށުގައި އިން ރާކިން ފެނިފައި ޒާނަގެ މެޔަށް ފިނިވެލިއެވެ.
“ވަސީމައްތާ ސައެއް ނުބޮވޭނެ މިގަޑިއަކު. މަންމަ އަންނަންވާއިރަށް ރިހަކޮޅު ނުކެކިހުރިއްޔާ ރުޅިއަތުވެދާނެ.” ޒާނަ އުޒުރުވެރިވިއެވެ. ވަސީމާ ލޮނުމެދުބޮނޑިއެއް ގެނެސް އަތަށް ލައިދިނުމާއެކު އޭނާ ނިކުންނަން ހިނގައިގަތެވެ. ރާކިން އަޅާނުލިތާގައި ކުޑަމިނުން އިސްއުފުލާ ބަލާވެސްނުލިއެވެ.
“ރިކް. ރަށަށް އައިސް ކަމެއްފެށީތަ؟” ދޮރުން ވަދެގެން އައި ރާކިންގެ އެކުވެރިޔާ ޝާމްއަށް ޒާނަ ފެނިގެން އައިގޮތަށް އައިސް އަހާލިއެވެ. އޭރު ވަސީމާ އުނދުންކައިރީގައި ރިހަތެއްޔެއް ކައްކަން އުޅެއެވެ. އޭނާއަށް އަޑުއިވިދާނެތީ ޝާމް ވާހަކަދެއްކީވެސް އާދައިގެ ވަރަށްވުރެ މަޑުންނެވެ.
“ކީއްވެތިހެން ތިބުނީ؟” ރާކިންއަށް ނުވެސް އެނގޭ ކަހަލައެވެ.
“ދެންމެ މިގެއިން ނިކުމެގެން އެދިޔަ އަންހެންކުއްޖާގެ ވާހަކަ މިދައްކަނީ.” ޝާމް ޖަވާބުދިނެވެ. ރާކިން ކޮންމެވެސް އެއްޗެކޭ ބުނަންވެގެން އަނގަ ހުޅުވާލިތަނާ ވަސީމާ އަނެއްފަރާތަށް އެނބުރިފައި ޝާމްއަށް ސައިބޯން ދައުވަތުދިނެވެ.
“އަހަރެން ބުނަންތަ ރަނގަޅު ވާހަކައެއް. ރީތި ދިރިއުޅުމެއް އުޅެން ބޭނުމިއްޔާ ޒާނަކަހަލަ ކުއްޖަކާއި ނުގުޅޭތި. އޭނާ ބޭނުންވާނީ ހަމައެކަނި މުއްސަނދިކަމާއި ފައިސާ.” ކޮޓަރިއަށް ވަދެފައި ޝާމް އެމައުޟޫއަށް ވާހަކަ ގެންދިޔައެވެ.
“ކިހިނެތް ޝާމްއަށް އެކަން އެނގުނީ؟” ފުރަތަމަ ފަހަރަށް ރާކިންގެ މޫނުމަތިން ޝައުޤުވެރިކަން ފެނިގެންދިޔައެވެ.
“އަހަރެން އެކަންޏެއްނޫން. އެއީ މިރަށު އެންމެންވެސް ދަންނަކަމެއް. މިރަށަކަށް ނާރާ އެދެމައިން އަތުއަޅުވާނުލާ މުއްސަންޖެއް. އެހާ ހަގު އުމުރުގައި އޭނާގެ ކައިވެނި ދޭނަމޭ ކިޔައިގެން ރަށަށްއަރާ މުއްސަދިންއަތުން އެތަކެއް ފަހަރު ފައިސާތަކެއް އަތުލާފައި ތިބި ބައެއް އެއީ. ހަނީފާ ބޭނުންވަނީ ޒާނަގެ ކައިވެނި މުއްސަދި މަހުޖަނަކާއި ކުރުވަން. ދިރިއުޅުމަކީ އެމީހުންނަށް މުހިންމު އެއްޗެއް ނޫން. މުއްސަދިކަމާއި ޤަދަރުނޫން އެއްޗަކަށް އެދެމައިންގެ ހިތުގައި ޖާގައެއްނެތް.” ޝާމް އިތުރަށް އޮޅުންފިލުވައިދިނެވެ. އަނގައިން އިތުރު ބަހެއް ނުބުނިކަމުގައިވިއަސް ރާކިން ވިސްނަމުން ދިޔައީ ޝާމް ދެއްކި ވާހަކައާއި މެދުގައެވެ.
އިރުއޮއްސި ނުވައެއްޖަހާކަށް ހާއިރެވެ. ފެންވަރާ ތާޒާވެލައިގެން ރާކިން ބޭރަށް ނިކުމެލިއެވެ. އެވަގުތު ދޮރާށި ކައިރީގައި ވަރުގެކޮޅަށް ނަލަހެދިގެން ހުރި ޒާނަ ފެނިފައި އޭނާ ފުރަތަމަ ފަހަރަށް އެ އަންހެންކުއްޖާއަށް ރަނގަޅަށް ބަލާލިއެވެ. އިސްކޮޅުން ދިގުވެފައި ހިމަތޮޅިކޮށް ހުއްޓަސް ޒާނަގެ މޫނުމަތީގައިވަނީ ކުޑަކުއްޖެއްގެ މައުސޫމްކަމެވެ. ބަލާބެލުމަށް ރީތިމެއެވެ. ރާކިން ބަލަހައްޓައިގެން ހުރިތަން ފެނުމުން ޒާނަގެ ހިތް އުފަލުން ފޮޅުނެވެ. އޭނާ ކުރަމުންދާ މިންނެތް މަސައްކަތުގައި އުންމީދުގެ ހުޅުކޮޅު ރޯކޮށްލައިފިކަމުގެ އިހްސާސް ހިތަށް ކުރެވުނެވެ. ރާކިން އެގޮތަށް އޭނާއަށް ބަލާލި މީ ފުރަތަމަ ފަހަރެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް މިއަދު އެމޫނުން ފޫހިކަމެއް ނުފެނެއެވެ.
ދެމީހުން އެކަކު އަނެކަކަށް ބަލަންތިއްބާ ދޮރާށި ހުޅުވާލާފައި ހަނީފާ ނިކުތެވެ. އެވަގުތު ރާކިން އަވަސްއަވަހަށް އިސްޖަހާލައިފިއެވެ.
“ރާކިން. ކޮއްކޮ ކޮންއިރަކުންތަ ފުރަނީ؟” ހަނީފާ ދަތްޕިލާ އެއްކޮށް އިޝްތިހާރުކޮށްލާފައި ސުވާލުކުރިއެވެ.
“މިހަފްތާ ނިމުނީމަ.” ރާކިން ލުއި ހިނިތުންވުމެއް ވެރިކުރުވަމުން އިސްއުފުލާލާފައި ހަނީފާއަށް ބަލާލިއެވެ.
“މާދަމާ މެންދުރު ކާން އަންނާތި އިނގޭ! ދައްތަ ވަރަށް ރަނގަޅު ކެއުމެއް ތައްޔާރުކުރާނަން.” ފުރުޞަތުގެ ބޭނުންކޮށްފައި ހަނީފާ ރާކިންއަށް ދައުވަތުދިނެވެ. އޭނާ ހީކުރިވަރަށްވުރެވެސް ފަސޭހައިން ރާކިން އެއްބަސްވިއެވެ. ޚުދު ރާކިންވެސް ހުރީ އެފަދަ ފުރުޞަތެއް ބޭނުންވެފައެވެ. ފޯން ރިންގް ވާންފެށުމާއެކު އަދި ބައްދަލުވާނެކަމަށް ބުނަމުން ރާކިން މަގުހުރިގޮތަށް ހިނގައިގަތެވެ. އުފަލުން ފޮޅިފައިހުރި ހަނީފާ އާއި ޒާނަ ހިނިތުންވެފައި އެތެރެއަށް ވަދެއްޖެއެވެ.
ޖެހިގެން އައިދުވަހު ހެނދުނު ސައިން ނިމުނުގޮތަށް ޒާނަ މެންދުރަށް ތައްޔާރުވާން ފަށައިފިއެވެ. ފިޔާކޮށުމާއި ހުނިގޭނުމާއި މިފަދައިން ފުރަތަމަ ކުރަންޖެހޭ ކަންތައްތަކަށް އޭނާ އެންމެ ފުރަތަމަ އިސްކަން ދިނެވެ. މަސައްކަތަށް ނިކުމެ އުޅުނެއްކަމަކު ހަނީފާވެސް ދޭތެރެއަކުން ގެއަށް އައިސް ވާނުވާ ބަލާލައެވެ. ކެއްކުމުގައި އިތުރަށް ފަސޭހަކަން ހޯދުމަށްޓަކައި ޒާނަގެ އެކުވެރި ނާޖިލާ އާއި ސަމާވެސް ގެނައެވެ.
މެންދުރު ނަމާދުން ފައިބަންވާއިރަށް ހުރިހާކަމެއް ނިމި ސުފުރާ ތައްޔާރު ވެއްޖެއެވެ. އޭރު ޒާނަވެސް ހުރީ ފެންވަރާލައިގެން ނިކުމެއެވެ. ރާކިން ގެއަށް އައުމުގެ ކުރީން ޒާނަގޮސް ވަސީމާ ކައިރީގައި އޭނާއަށް އަންނަން އަންގައިދިނުމަށް އެދިފައި އެނބުރި އައެވެ. ސަމާ އާއި ނާޖިލާ ފޮނުވާލާފައި ބޮޑު އުނދޯއްޔަށް އަރާ ހެއްލާލަ ހެއްލާލާ އިނދެގެން މިނިޓަކު ދެ ފަހަރު ކަހަލަގޮތަކަށް ދޮރާއި ދިމާއަށް ބަލަބަލާ އިންދާ ދޮރު ހުޅުވިއްޖެއެވެ. ޒާނައަށް އުނދޯލިން ފުންމާލެވުނެވެ. އެވަގުތު ދޮރުން ވަން ހަނީފާ ފެނިފައި އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
“ރާކިން. އާދޭ އެތެރެއަށް!” އެތެރެއަށް އަންނަމުން ހަނީފާ ގޮވާލިއެވެ.
ޒާނަގެ ނަޒަރު އަނެއްކާވެސް ދޮރާއި ދިމާއަށް ދަތުރުކުރިއެވެ. އޭރު ރާކިން ހަނީފާގެ ފަހަތުގައި ހުރެގެން އެތެރެއަށް ވަންނަނީއެވެ. ބަލާކަށްނުހުރެ އޭނާ ހަލުވިކޮށް ހިނގާލާފައި ގޮސް ކާގެއަށްވަދެ ތަށިތަކުގެ މަތިނަގާފައި ރާކިންއަށް ޖޫސްތައްޓެއް އަޅައިދިނެވެ. ދެޖީބަށް އަތްޖަހައިގެން އިސްޖައިގެން އައިސް އެތެރެއަށް ވަދެފައި ރާކިން ހުސްގޮނޑިއެއްގައި އިށީނެވެ.
“އެންމެ މީހަކު ކާން ހާދަ ބައިވަރު ކާއެއްޗެއް ހަދާފަ މިއޮތީ.” މޭޒުމަތި ފުރޭންދެން އަތުރާފައިވާ ވައްތަރު ވައްތަރުގެ ކާނާތައް ފެނިފައި ރާކިންއަށް ބުނެވުނެވެ.
“އެއީ ޒާނަގެ މަސައްކަތް. ޒާނަ ވަރަށް މޮޅުވާނެ ކައްކަން.” ހަނީފާ މޭޒުގެ އެއްކަނެއްގައި ހުއްޓިހުރެފައި ފަހުރުވެރިކަމާއިއެކު ޖަވާބުދިނެވެ. ޒާނަ އިނީ ރާކިންގެ ފުރަގަހުގައެވެ.
“އަސްލުވެސް ވަރަށްމޮޅު.” ރާކިން އެނބުރިފައި ޒާނައަށް ތައުރީފްކޮށްލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޒާނަ ތަންމިނަށް ހިނިތުންވެލިއެވެ.
ޒާނަ ކައިރިވެލާފައި ތައްޓަށް ކާއެއްޗެހި އަޅައިދިނުމާއެކު ރާކިން ކާންފެށިއެވެ. ކުރިމަތީގައި ހުރެގެން ހަނީފާ އެކިއެކި ވާހަކަދައްކަމުން ދިޔައެވެ.
“ރާކިން ދެން ކޮންއިރަކުން މީހަކާއި އިންނަނީ؟” ވާހަކައިގެ ތެރެއިން ހަނީފާ އަހާލިއެވެ. އެވަގުތު ރާކިންގެ އަތުގައި އޮތް ސަމްސާ ދޫވެގެން ތަށިތެރެއަށް ވެއްޓިއްޖެއެވެ.
“ތިހެން ބުނީމަ އަހަރެންވެސް ވާހަކައެއް ބުނެފާނަން. އަހަރެން މިއަދު މިތަނަށް އައީ އިތުރު އެހެން މަޤްޞަދެއްވެސް އޮވެގެން.” މޫނުމަތިން ހަމަޖެހޭގޮތް ދައްކާލާފައި ރާކިން ވާހަކަދެއްކިއެވެ. އެވަގުތު ހަނީފާއަށާއި ޒާނައަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އަނެއްކާ ރާކިން ދައްކަން އެއުޅެނީ ކޮންވާހަކައެއް ބާވައޭ ދެމީހުންގެ ހިތަށްވެސް އެރިއެވެ.
“އަހަރެން ބޭނުން ޒާނައާއި ކައިވެނިކުރަން.” ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު ރާކިން އިއްވާލިއެވެ.
ދެމައިންގެ ހިތްވެސް އުފަލުން ފޮޅިގެން އައެވެ. ޤަބޫލުނުކުރެވޭ ގޮތަކަށް ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ބޭނުންވެގެން އުޅުނު ކަންތައް އެހާ ފަސޭހައިން ކާމިޔާބު ވެދާނެކަމަށް އެމީހުން އުންމީދުވެސް ނުކުރެއެވެ.
“ދައްތަ ކީކޭ ބުނަނީ؟ ޒާނަގެ ކައިވެނި އަހަރެންނަށް ދޭނަންތަ؟” ޖަވާބެއް ނުލިބި ގިނައިރު ވާންފެށުމުން ރާކިން ހަނީފާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“އެއްގޮތަކަށްވެސް ތިހެނެއް ނޫން. ދައްތައަށް ވަރަށް ކަމުދޭ ރާކިން. ޒާނަގެ ހަޔާތަށް ގެންނަން އެންމެ ބޭނުންވާ ފަދަ ޒުވާނެއްތީ. އެކަމަކު އަދި އޭނާގެ އުމުރު ހަމަނުވާތީވެ މައްސަލައަކީ. އެކަމަކުވެސް މައިންބަފައިން ޤަބޫލިއްޔާ ސޯޅަ އަހަރުގައިވެސް ކައިވެނި ކުރެވޭނެ. ރާކިން ބޭނުންވަންޏާ ދައްތަ ހިތުން ރުހުމުން ޤަބޫލު. ކޮންއިރަކުން ކައިވެނިކުރަން ގަސްތުކުރަނީ؟” ފުރަތަމައިނުންވެސް އާއެކޭބުނެ އެއްބަސްވާން ހިތަށް އަރާފައިވެސް ހަނީފާ ކަމުގެދެކޮޅަށް ވިސްނިއެވެ. މާ އަވަސްއަރުވާލާފައި އުޅެންވެއްޖެއްޔާ ރާކިން ހިތްހަމަނުޖެހިގެން ހިޔާލު ބަދަލުވެދާނެތީ އޭނާ ބިރުގަތެވެ.
“ވީހާވެސް އަވަހަކަށް ކައިވެނިކުރަން އަހަރެން ގަސްތުކުރަނީ. އެކަމަކު ދެން އަހަރެން ފުރުމުގެކުރީން އެކަންވާންނެތީމަ ފުރުން އަދި އެއް ހަފްތާއަށް ލަސްކޮށްލާނީ. އަހަރެން ހަމަ މިއަދު އާއިލާއާއި ހަމައަށް މިވާހަކަ ގެންދާނަން.” ޖޫސްތަށި ހުސްކޮށްލާފައި ރާކިން ތެދުވިއެވެ. ފެންކޮޅަކުން ދެއަތްދޮވެލާފައި ޓިޝޫއެއްނަގައިގެން ނިކުންނަން ދަމުން އަދި އެއްފަހަރު އެނބުރިފައި އޭނާ ޒާނަގެ ކެއްކުމަށް ތައުރީފު ކޮށްލިއެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 03