މަރިޔަމް ޔަސްމާ
(8 މެއި 2012 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)
ޒާނަގެ ހަޔާތަށް ބަހާރު މޫސުމް އަތުވެއްޖެއެވެ. ރާކިން ނިކުމެގެން ދިޔައީއްސުރެ އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ތުންފަތުން ހިނިތުންފިލާނުދެއެވެ. އެރޭ ނިދަން އޮވެގެންވެސް އޭނާއަށް ހިޔާލުކުރެވުނީ ރާކިންގެ އަންބެތްގެ މަޤާމުގައި ހުރެ އޭނާ އުޅޭނެ އަރާމު ދިރިއުޅުމުގެ މަތިންނެވެ.
އަނެއް ދުވަހު ހެނދުނު ހެނދުނާ ރާކިން އޭނާގެ އާއިލާއަށް ކައިވެނީގެ ޚަބަރު ދީފިއެވެ. ވަސީމާއާއި ސައްތާރަށް ލިބުނީ ޝޮކެކެވެ. އެހާ ކުއްލި ނިންމުމެއް ރާކިން ނިންމަފާނެކަމަށް އެމީހުން ހީވެސްނުކުރެއެވެ. އަނެއްކޮޅުން އޭނާއަށް ވިސްނަދޭން އެމީހުން ދެއްކި ހުރިހާ ވާހަކައަކަށް ރާކިން ދިނީ ބީރު ކަންފަތެކެވެ.
“ކޮބާ އެމަނިކުފާނު؟” ޝާމް އެތެރެއަށް ވަދެގެން އައިސް ވަސީމާ ފެނިފައި ސުވާލުކުރިއެވެ.
“އެބައޮތް ކޮޓަރީގައި. ޝާމް އޭނާއަށް ވިސްނައިދީބަލަ. ޝާމް ބުނީމައިވެސް ޤަބޫލުކޮށްފާނެ ކަންނޭނގެ. ހިތަށްއަރާ ރާކިންއަށް ލިބިފައި އެހުންނަނީ ކާކުގެ ގޮތްދޫނުކުރުމެއްބާވައޭ.” ވަސީމާ ގޮތްހުސްވެފައިވާ މީހަކު ފަދައިން ވާހަކަދެއްކިއެވެ. ކަރުގައި އޮތް ޓައީދޫކުރަމުން ޝާމް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެވަގުތު ކުޑަދޮރުކައިރީގައި ފޮޓޯގަނޑަކަށް ބަލަހައްޓައިގެން ހުރި ރާކިން ތެޅިގެންފައި އަވަސްއަވަހަށް އެ ފޮޓޯގަނޑު ޖިންސްގެ ޖީބަށް ކޮށްޕާލިއެވެ.
“އަހަރެންނަށް މިއިވުނީ ތެދު ޚަބަރެއްތަ؟” ޝާމް ގޮސް ރާކިންގެ ކައިރިއަށް ހުއްޓުނެވެ. ރާކިން ބޯޖަހާލާފައި ގޮސް އެނދުގައި އިށީންދެއްޖެއެވެ.
“ޝާމް ތިއައީ އަހަރެންނަށް ވިސްނައިދީގެން މިނިންމުން ބަދަލުކުރަން ކަމަށްވާނަމަ ތިދައްކަންއުޅޭ އެއްވެސް ވާހަކައެއް އަހާކަށް ބޭނުމެއްނޫން.” ރާކިން ބުނެލިއެވެ.
“ރިކް ޕްލީޒް. ހަމައެންމެ ފަހަރަކު އަހަރެން މިދައްކަންއުޅޭ ވާހަކަ އަޑުއަހާބަލަ. އެކުވެރިއެއްގެ ހައިސިއްޔަތުން މީ އަހަރެން ކޮންމެހެން ބުނަންޖެހޭ ވާހަކަތަކެކޭ. އަހަރެން މަސައްކަތެއް ނުކުރާނަން ރިކްގެ ނިންމުން ބަދަލުކުރާކަށް. މިވާހަކަތައް ދެއްކުމަށްފަހުވެސް ހުރިހާ ނިންމުމެއް ނިންމާނީ ރިކް އަމިއްލައަށް.” ޝާމް މަޑުމައިތިރިކަމާއިއެކު އެކުވެރިޔާގެ ސަމާލުކަން ހޯދޭތޯ މަސައްކަތްކުރިއެވެ. ދެކޮޅުހެދުމުގެގޮތުން ރާކިން އިތުރު އެއްޗެކޭ ނުބުނުމުން އޭނާއަށް ވިސްނުނީ ރާކިން އޭނާ ދައްކަން އުޅޭ ވާހަކަތައް އަހަން ތައްޔާރުވީކަމުގައެވެ.
“ރިކް. ދިރިއުޅުމަކީ ކުޅޭ ކުޅިވަރެއްނޫން. ދިރިއުޅުމުގައި ނިންމާ ނިންމުންތައް ވާންޖެހޭނީ އެއާއިމެދު ވަރަށް ރަނގަޅަށް ވިސްނުން ހިންގުމަށްފަހު އެއީ ރަނގަޅު ނިންމުމެއްކަމަށް ސަތޭކަ ޕަސެންޓް ޔަޤީންކަން އޮންނަ ނިންމުންތަކަކަށް. ތިގޮތަށް ކުއްލިއަކަށް ނިންމާ ނިންމުމަކުން ފަހުން ހިތާމަކުރަންޖެހޭފަހަރު ދިމާވަނީ މަދަކުންނޫން. އެންމެ ފަހަރަކުވެސް އަމިއްލަ ހިތާއި ސުވާލުކޮށްލަބަލަ. އާރިއާދެކެ ވީ ލޯބި ޒާނަދެކެ ވެވިދާނެތަ؟ ޒާނަ ނިކަމެތިކޮށްނުލާ އުމުރުދުވަހު ގެންގުޅެވޭނެތަ؟ ކައިވެންޏަކީ ހަމައެކަނި ދެވޭ ނަމެއްނޫން. އެއީ ކޮނޑުގައި އެޅޭ ބޮޑު ޒިންމާއެއް. އަންހެން ކުއްޖެއްގެ މުޅިހަޔާތް ތިމާގެ މައްޗަށް ބަރޯސާވެގެންދާނެ. ހަމައެކަނި ކާންދީ އުޅޭނެތަން ހޯދައިދިނީމަ ނިމުނީއެއްނޫން. އަނބިމީހާގެ އުފަލާއި ހިތްހަމަޖެހުމަކީވެސް ކައިވެންޏަށްފަހު ފިރިމީހާގެ ޒިންމާއެއް. އަނެއްކޮޅުން ބަލާއިރު ޒާނައާއި އޭނާގެ މަންމަ އެއުޅެނީ ރިކްގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައި. އެދެމީހުންގެ ހަމައެކަނި މަޤްސަދަކީ އަރާމު ދިރިއުޅުމެއް.” ޝާމްގެ ވާހަކަ އެހިސާބަށް ދިއުމާއެކު ރާކިން ފުންމައިގެން ތެދުވިއެވެ.
“އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. ޒާނަ އާއި އޭނާގެ މަންމަ ބުނިވަރަކަށް ފައިސާދޭން އަހަރެން ތައްޔާރު. އުމުރު ދުވަހަށް އެދެމައިން މުއްސަނދިކަމުގައި ގެންގުޅެފާނަން. ބަދަލުގައި އަހަރެން ބޭނުންވަނީ އެންމެ ކަމެއް. އެއީ ޒާނަ އަހަރެންގެ އަންބެއްގެ މަޤާމުގައި އިނުން.” ރާކިން ދިޔަގޮތަށް ގޮސް ކުޑަދޮރުން ބޭރު ބަލަންފެށިއެވެ.
“ރިކް. އަހަރެން އަދިވެސް ބުނަން އޮތީ ހަމަ އެއް ވާހަކައެއް. ތީ މޮޔަކަމެއް. ތީ ރިކްގެ ގޮތްދޫނުކުރާކަން. އާރިއާއަށް ކޮންކަމެއް ސާބިތުކޮށްދޭން ތިމަސައްކަތްކުރަނީ؟ ބަދަލުގައި ރިކްއަށް ލިބޭނީ ކޯއްޗެއް؟ ކޮންމެގޮތެއްވިއަސް ވީކަމެއް ނުވާކަމަކަށް ނުވާނެ. ދެންވެސް ތިހިޔާލު ދޫކޮށްލާފައި އާރިއާ އާއި ދެމެދުއޮތް މައްސަލަ ހައްލުކޮށްގެން އޭނާ ގެންނަން އުޅުނިއްޔާ ތިއަށްވުރެ ރަނގަޅުވާނެ. މީހުން މީހުންނާއި އިންނަނީ ލޯބިން. ދިރިއުޅެން. މީހަކަށް ދައްކާކަށް، ކަމެއް ސާބިތުކުރާކަށް ނޫން.” ޝާމް އަދިވެސް އޭނާގެ މަސައްކަތުގައި ދެމިހުއްޓެވެ. އެކުވެރިޔާ ހެޔޮމަގަށް އެޅުވުމަށްޓަކައި އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.
“ހެހެ އެންމެފަހުން ތިބުނީ “ރަމްލާ” ޑްރާމާގެ ޑައިލޮގެއް ދޯ؟ “މީހުން މީހުންނާއި އިންނަނީ ލޯބިން. ދިރިއުޅެން. މީހަކަށް ދައްކާކަށް ކަމެއް ސާބިތުކުރާކަށް ނޫން.” ޝާމްވެސް ދެން ހާދަ ފިލްމީއޭ.” ރާކިން ކުއްލިއަކަށް ހޭންފެށިއެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން ޝާމްއަށް ނިއްކުރީގައި އަތްހާކާލެވުނެވެ. މުހިންމު ފޯނެއް އައިސްގެން ނިކުމެގެން ދަމުން އޭނާ އަދި އެއްފަހަރު ރާކިންއަށް ބަލާލިއެވެ. އޭނާ އޭރުވެސް ހެނީއެވެ.
ދޮރު ލެއްޕުނުއަޑަށް ރާކިންގެ ހުނުންވެސް ހުއްޓިއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުން ފެނިގެން ދިޔައީ ސީރިއަސްކަމެވެ. ޖިންސްގެ ޖީބުގައި އޮތް ފޮޓޯގަނޑު ނަގާ ހިއްލާލުމަށްފަހު ރާކިން އެއަށް ބަލާލިއެވެ. ހިނިތުންވެފައިވާ އާރިއާގެ މޫނު ފެނިފައި އޭނާގެ ދެލޮލުން އަލިފާންކަނި ބުރައިގަތެވެ. ބަލާކަށްނުހުރެ ފޮޓޯގަނޑުގެ ދެފަރާތުގައި ހިފާ މެދުން އިރާލާފައި ކުޑަދޮރުން ބޭރަށް ވައްޓާލުމާއެކު އަނެއްއަތުން ދޮރުކަނީގައި ބާރަށް ހިފަހައްޓާފައި އޭނާ ލޯމަރާލިއެވެ.
“އަހަރެން ބަލާނަން ރާކިން އާއި އިންނާނެ އެހެން އަންހެންކުއްޖަކުވޭތޯ. އަހަރެން ބަލާނަން ޝަކުވާއެއްނެތި އެކަނިމާއެކަނި މިގޭގެ ހަތަރުފާރުތެރޭގައި އިންނާނެ ދެވަނައަންބަކު ގެނެވޭތޯ. ބަލާނަން ކިހާދުވަހެއް ވާންދެން ރާކިންއާއި އިނދެގެން އެކުއްޖަކަށް އުޅެވޭތޯ.” އާރިއާގެ ޖުމްލަތައް ރާކިންގެ ކަންފަތުގައި ގުގުމާލިއެވެ. ދެންމެ ވީކަމެއްހެން އެހަނދާންތައް އަދިވެސް އޭނާގެ ހިތަށް ކަށިހަރައެވެ. ރުޅިގަނޑު ގަދަވެ ދެލޯފެންކަޅިވާ ހިސާބަށް ދިއުމުން އޭނާ ގޮސް ފާޚާނާއަށް ވަދެ ފެންވަރަން ފެށިއެވެ.
ވަސީމާ އާއި ސައްތާރުގެ އެތައް މަސައްކަތަކުންވެސް ރާކިންގެ ނިންމުން ބަދަލުނުވާނެކަން ޔަޤީންވުމުން އެމީހުން އެކަން ހުއްޓާލިއެވެ. ޒުވާން ދަރިފުޅުގެ ހަޔާތަށް އަލުން އުފާވެރިކަން ގެނައުމަށްޓަކައި ދެވަނަ ފުރުސަތެއް ހޯދައިދިނުމަކީ ނެތްކަމެއްނޫން ކަމުގައި ސައްތާރުވެސް ފަހުން ޤަބޫލުކުރިއެވެ. ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދާންފެށުމާއެކު ރާކިންގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުމުގެ ކުލަވަރު ، އެނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި އަންގައިދިނެވެ. ހިތް ނޭދުނު ނަމަވެސް ޝާމްވެސް އޭނާގެ ހުރިހާ ވަގުތެއްހެން ރާކިންގެ ދެވަނަ ކައިވެނީގެ ތައްޔާރީތަކަށްޓަކައި ހުސްކޮށްލިއެވެ.
ރާކިން ފޮނުވައިގެން އަންނަ ހެކިވެރީންގެ އިންތިޒާރުގައި އިން ހަނީފާ ، އެމީހުން އައުމާއެކު އެތެރޭގައި ބައިތިއްބާފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޒާނަ ހުރީ ލޯގަނޑު ކުރިމަތީގައި ރީތިވާށެވެ.
“ދަރިފުޅާ! މަންމަ ބުނިވާހަކަ ހަނދާންއެބަހުރިތަ؟ ދިހަ ހާހަށްވުރެ ކުޑައަގެއްނުކިޔާތި!” ހަނީފާ ހިތާއިހިތުން އޭނާގެ އަންހެން ދަރިފުޅުގެ ރީތިކަމަށް ތައުރީފްކޮށްލާފައި ބުނެލިއެވެ.
“ކިހިނެތް ހަނދާން ނެތޭނީ؟ މަންމަ މިއަދު އިރުއެރީއްސުރެ އެނޫން ވާހަކައެއް ނުދައްކާވިއްޔަ.” ޒާނަގެ ގާތަށް ހިނިއައެވެ. އޭނާ ބޮލުގެ އިސްތަށިގަނޑު ރީތިކުރަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ.
ދެމައިން ނިކުމެގެން އަންނަތަން ފެނިފައި ޝާމްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ރާކިން ބުނެގެން ހެކިވެރިޔަކަށް އައިސް އިނެއްކަމަކު އޭނާ އެދެމައިންދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ޝާމް އަށް ޔަޤީނެވެ. ކައިވެންޏަކީ އެމީހުންގެ ނަޒަރުގައި ވިޔަފާރިއަކަށް ވީފަދައިން ކައިވެނީގެ ރަންވެސް އެމީހުންކިޔާނީ އެކަށީގެންނުވާވަރުގެ ބޮޑު އަގަކަށެވެ. ދީނުގައި އެކަން އިދިކޮޅަށް އޮތެއްކަމަކު އެދެމައިންނަށް ފައިސާއަށްވުރެ މުހިންމު އެކައްޗެއްވެސް ނުވެއެވެ. ކަންތައްވީވެސް އޭނާ ހީކުރިގޮތަށެވެ. ނިކުމެގެން ދަމުން އޭނާ އަނގައަށް ނުބައިވައްތަރެއް ޖައްސާލިއެވެ. އޭރު ހަނީފާ އާއި ޒާނަ ހެވިފައި އެކަކު އަނެކަކަށް ބަލަން އިނެވެ.
“އެއީ ތެދެއް ޒާނަ މީހަކާއި އިންނަނީތަ؟” ހަވީރު އެގެއަށް ދިޔަތަނާ ސަދާ އަހާލިއެވެ. އުރުގައި އިން ސަދާގެ ދަރިފުޅު އިބާން އާއި ލޯބިކޮށްލަމުން ޒާނަ ބޯޖަހާލިއެވެ.
“ޒާނަގެ އުމުރުން އަދި އަށާރަވެސް ނުފުރެއެއްނު. އެހާ އަވަސް އަރުވާނުލިއްޔަކާ ނުވާނެތަ؟ މިރަށުން އިންނާނެ މީހުން ހުސްވީއެއްނޫންވިއްޔަ. އެހެންނޫނަސް ޒާނަ ބޭނުން ކޮންމެމީހަކު ޒާނައަށް ލިބޭނެ.” ސަދާ ހިތްހަމަނުޖެހިފައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“އެއީ ދެން މައްސަލައެއްތަ ދައްތާ؟ އެހެންނޫނަސް ރާކިންއަކީ ހާދަ މުއްސަނދި މީހެކޭ. މީހުން ބުނެއެއްނު ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭ އެއްޗެއްނޫނޭ. ކިހިނެތް އެނގެނީ މިކަހަލަ ދެވަނަ ފުރުސަތެއް ލިބޭނެކަމެއްވެސް.” ޒާނަ ހުރީ އޭނާގެ ނިންމުމާއިމެދު ރުހިފައެވެ.
“ޒާނައަށް ތިކަން އެނގުނުއިރު ދިރިއުޅުމަކީ ހަމައެކަނި ފައިސާއިން ލިބޭނެ އެއްޗެއްނޫންކަން ނޭނގުނީތީ ދެރައީ.” ސަދާއަށް ދެފަރާތަށް ބޯހޫރުވާލެވުނީ މޮޅިވެގެންނެވެ. ކޮއްކޮގެ ސިކުނޑީގައިވަނީ އޭނާގެ މަންމަގެ ވިސްނުންކަން އޭނާއަށް އެނގުނެވެ. ޒާނައަކީ މަންމަ ބޭނުންވާފަދަ ކުއްޖެކެވެ. އެމައުޟޫއަށް އިތުރަށް ވާހަކަ ނުދައްކަންވެގެން އޭނާ ހުއްޓާލިއެވެ.
ރާކިން މަސައްކަތް ކުރަމުންދިޔައީ ރަށުގައި ދުވަހަކުވެސް ބާއްވާފައިނުވާފަދަ ބޮޑު ޕާޓީއެއް ބޭއްވުމަށެވެ. އެކައިވެންޏަކީ އޭނާ ވަކި މަޤްސަދެއްގައި ކުރާ ކައިވެންޏެއްކަން އެހެން މީހުންނަށް އެނގެން ބޭނުން ނުވަނީ ކަންނޭނގެއެވެ. އެކަމަކު އޭނާ ފެންނަނީ އަބަދުވެސް ސީރިއަސްވެފައި އިންނަތަނެވެ. ބަސްމަދުވެފައި މީހުން ފެންނަ ހިސާބަށް ނިކުމެއުޅޭލެއްވެސް މަދެވެ. ކުޑަމިނުން ޒާނައާއިވެސް ރާކިން މާބޮޑު ގުޅުމެއް ނޯވެއެވެ. ރަންކިއުނު ދުވަހުއްސުރެ ދެއާއިލާ ހީވަނީ އެއްއާއިލާއެއް ހެންނެވެ. އަނެއްކޮޅުން ޒާނަމެންގެއިން މީރު ކާއެއްޗެހި ހުސްނުވެއެވެ. ވާންއުޅޭ ފިރިމީހާ ގޭގައި މީރު ކާއެއްޗެއް ހަދާއިރަށް އެއިން އެއްބައި ހިފައިގެން ނޯކަރަކު އަންނާނެއެވެ. ކައިވެންޏަށް ތައްޔާރުވާން ފެށިފަހުން އަމިއްލަ މަސައްކަތް މެދުކަނޑާލާފައި މީރުކޮށް ކައިއުޅޭތީ ހަނީފާ މިހާރު ފަލަވެސް ވާންފަށައިފިއެވެ.
ދުވަހުގެ އިރުއަރައިގެން އައިއިރު ޒާނަގެ ހިތް އޮތީ ތެޅިތެޅިއެވެ. ސަމާ އާއި ނާޖިލާ އައިސް ދައްކަންފެށި ވާހަކައަކުން އޭނާ ވަކިންބޮޑަށް ނުތަނަވަސްވިއެވެ.
“ތީ ކާކު ދެއްކި ވާހަކައެއް؟ އަހަރެންނަށް އިނގޭ ކަލޭމެން ތިއުޅެނީ އަހަރެން ބިރުގަންނަވަން ވެގެންކަން. އެއީ ތިބުނާވަރުގެ ބިރުވެރިކަމަކަށްވަންޏާ މީހުން މީހުންނަކާއި ނީންނާނެ.” ޒާނަ ގަދަކޮށްލިއެވެ. އެކަމަކު އޭނާގެ ހިތްވެސް ވަނީ ހިސާބަކަށް ބިރުގެންފައެވެ. އުނދޯލި ވަލުގައި ހިފަހައްޓާލައިގެން އިނދެ އޭނާ ދުރުބަލަން ފެށުމާއެކު ސަމާ އާއި ނާޖިލާ އެކަކު އަނެކަކަށް ބަލާލާފައި ސިއްރުން ހީލިއެވެ.
“ދެން މި ނާޖީ ހާދަ ގޯހޭ. އެވަރަށް ޒާނަ ބިރުގަންނަންވަން ވާނެތަ؟ އަހަރެމެންނާއި ހެދި ކައިވެނި ހުއްޓިއްޖެއްޔާ ރާކިން ރުޅިއަތުވެދާނެ. އެހެންނޫނަސް ތަޖުރިބާ ހުއްޓޭކިޔާފައި ރާކިން ޒާނައަށް ނުބަލާއުޅޭނެތަ؟ އޭނާ ނުލާހިކު ބޭނުންވެގެންވިއްޔަ އިންނަން އެއުޅެނީ.” ސަމާއަށް ޒާނަގެ ހާސްކަން ބަލަން މާގިނައިރު ވާންދެނެއް ނުއިނދެވުނެވެ. ދެ އެކުވެރީން އެއްބައިގައި ހޭންފެށުމުން ޒާނަވެސް ހިސާބަކަށް ހިތްހަމަޖެހިލައިފިއެވެ. އެމީހުން އެމަސައްކަތްކުރީ އޭނާ ތަޅުވަން ވެގެންނެވެ.
“އޭ ޒާނަ. ދެން އެކަމަކު ވާނުވާ އަންގާލައްޗޭ! މިބުނީ އަހަރެމެންނަށްވެސް ކުޑަކޮށް ޝެއަރކޮށްލަން ވާނެއޭ.” ނާޖިލާ އެހެން ބުނެފައި އަނގަމަތީގައި އަތް އަޅައިގެން ހޭންފެށިއެވެ. ޒާނަ ގަތީ ލަދެއްނޫނެވެ. އަނެއްފަރާތަށް އެނބުރިފައި އޭނާ ނާޖިލާގެ ބުރަކަށީގައި ތަޅައިގަތެވެ.
“އެއީ ތެދެއް ޒާނައެއްނު ފުރަތަމަ މެރީކުރަން ތިއުޅެނީ. އެހެންވީމަ ޒާނަ ވާނެ އަހަރުމެން ނޭނގޭ ކުދިންނަށް ކިޔައިދޭން. މާކުރިން ތިންމީހުން އެއްބަސްވެފައި އޮތްކަމެއްނު މީ. މިހާރު ހަނދާންނެތުނީ ދޯ.” ސަމާވެސް އެންމެފަހުން ނާޖިލާ އާއި އެއްބައިވެގެން ޒާނައާއި ދިމާކުރަން ފެށިއެވެ. އެވަގުތު ދޮރާށި ހުޅުވާލާފައި ވަދެގެން އައި ހަނީފާ ފެނިފައި ތިންމީހުން ހިމޭންވިއެވެ.
“ދަރިފުޅާ. ވަސީމައްތަ ބުނެގެން ދަރިފުޅު ހޯދަން މިއައީ. ” ހަނީފާ ފުރަތަމަވެސް ބުނެލިއެވެ. އޭނާ ހުރީ ވަރަށް ހިނިއައިސްފައެވެ.
“އެއީ ކީއްކުރަން؟ ” ޒާނަ އުނދޯލިން ފުންމާލައިގެން އައިސް މަންމަގެ ކުރިމައްޗަށް ހުއްޓުނެވެ.
“ކައިވެނި ހެދުން ލައްވަންވެގެން.” މަންމަގެ ޖަވާބު އަހާފައި ޒާނައަށް ހެވުނެވެ. އެއަޑަށް އޭނާގެ ދެ އެކުވެރީންވެސް ދުވެފައި އަތުވެއްޖެއެވެ.
“އޭ ކަލޭމެންވެސް ދާންވާނެ.” ސަމާގެ އަތުގައި ހިފައިގެން ޒާނަ ހިނގައިގަތެވެ. ފަހަތުން ނާޖިލާވެސް ދިޔައެވެ. ހަނީފާ ދިމާކުރީ ކާގެއާއި ދިމާއަށެވެ.
އެގެއަށް ގޮސް ވަނުމާއެކު ވަސީމާއަށް ތިން ކުދިން ފެނިފައި އަވަހަށް އެތެރެއަށް ދިއުމަށް އިޝާރާތްކޮށްލިއެވެ. ރަތްކުލައިގެ ވެޑިންޑްރެސް ލައިގެން ޒާނަ ނިކުތްތަން ފެނިފައި އެންމެންގެ ލޯތައް ހައިރާންކޮށްލިއެވެ. އިތުރު ތައްޔާރީއަކާއި ނުލާ ހަމައެކަނި އެހެދުމުގައިވެސް ރީތިކަމުން އޭނާ މިސާލެއްނެތެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 04