twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – މޮޔަ ހިތް މަގޭ (4)

May 22, 2012

މަރިޔަމް ޔަސްމާ

(15 މެއި 2012 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)

“ވަރަށް ފުރިހަމަ.” ވަސީމާއަށް ވެސް ތައުރީފްކޮށްނުލައެއް ނުދެވުނެވެ. ހިނިތުންވުމަކާއިއެކު ޒާނަގެ ކޯތާފަތުގެ ހިފަހައްޓާލާފައި އޭނާ އެހެންދިމާއަކަށް ދާންވެގެން ހިނގައިގަތެވެ.

“އޭ އާދެބަލަ!” ވަސީމާ ގޮސް ގެއްލުމާއެކު ޒާނަ އޭނާގެ ދެ އެކުވެރީން ގޮވައިގެން ކޮޓަރިތެރެއަށް ވަނެވެ. ހުޅުވާލާފައިވާ ބޮޑު އަލަމާރި ފުރިފައިވާ ރީތި ހެދުންތައް ފެނިފައި އެ ދެ މީހުންވެސް ލޯބޮޑުކޮށްލިއެވެ.

“މީ ކާކުގެ ހެދުންތަކެއްބާ؟” ނާޖިލާ ހެދުންތަކުގެ އެއްކޮޅުން އަނެއްކޮޅަށް އަތް ހިންގާލިއެވެ.

“ތިއެއް ބަލާނެކަމެއް ނެތެއްނު. ހިނގާބަލަ ހެޔޮވަރު ހެދުމެއް ހުރިތޯ ލާން. ހާދަ ސަޅިއޭ. މަ ދީފާނަން އައިޑިއަރ އެއް. ހިނގާ ފެޝަން ޝޯވް އެއް ބާއްވަން.” ޒާނަ ނާޖިލާގެ ވާހަކައާއި ގަޔާނުވެފައި ބުނެލިއެވެ.

ފާޚާނާއަށްވަދެ ފަހަރަކު ހެދުމެއްލައިގެން ނިކުމެ ތިން އަންހެން ކުދީން ފަރިއަށް ހިނގަހިނގާފައި މަޖާނަގަމުން ދިޔައެވެ. ދޮރުފޮތިތައް ދަމާފައިހުރުމުން ކުޑަދޮރުތައް ހުޅުވާފައި ހުރިކަން އެމީހުންނަކަށް ނޭނގެއެވެ. އޭގެ އިރުކޮޅެއްފަހުން ފޯން ކަންފަތުގައި ޖަހައިގެން ކުޑަ ދޮރުތައް ކައިރިން ހިނގާފައިދިޔަ ރާކިންގެ ކަންފަތުގައި އެކުދީންގެ ހުނުމުގެ އަޑުޖެހިފައި އެދިމާއަށް ބަލާލެވުނެވެ. ޖެހިލި ވައިރޯޅިއަކާއިއެކު ދޮރުފޮތިގަނޑު ހިއްލިލުމާއެކު ރާކިންގެ ދެފައި ހީވީ ބިމުގައި ތަތްލިހެންނެވެ. އޭނާގެ ހަތަރެސްފައި އާދަޔާހިލާފަށް ފިނިވެގެން ދިޔައެވެ.

އާރިއާގެ ހެދުމުގައި އޭނާއަށް ފުރަގަސްދީގެން ހުރި ޒާނަގެ ކައިރިއަށް ދިއުމަށްޓަކައި ރާކިން ހިނގައިގަތީ ޗާބީދީފައިވާ ބުދެއްފަދައިން އަތެއްތަނެއް ހަލުވާނުލައެވެ. ދޮރުކައިރިއަށް ހުއްޓިފައި ދޮރުފޮތިގަނޑު އެއްފަރާތް ކޮށްލުމަށްޓަކައި އުފުލާލި އަތުގައިވެސް ވަނީ މަޑު ތުރުތުރެކެވެ. އެވަގުތު ޒާނަ އެނބުރިލިއެވެ. ރާކިންއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ކުރެވުނު ކުށްހީއާއިމެދު އޭނާ އަމިއްލަ ނަފްސަށް މަލާމާތްކޮށްލިއެވެ. އާރިއާ އަންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ރާކިންމަތިން ހަނދާންވެސް ނުކުރާނެއެވެ.

އިޝާނަމާދުން ފައިބައިގެން ޒާނަ ތައްޔާރުވާން ފަށައިފިއެވެ. ކައިވެނި ހެދުން ހެއުވަރުކުރަން އައިސް ވަން ކޮޓަރީގައި އޭނާ އިނެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިންދާ ދެފަރާތުގައި ތިބި އަންހެންކުދީންތައް އޭނާ ތައްޔާރުކޮށް ނިންމައިފިއެވެ. ޒާނަގެ ހިތްވަނީ އުފަލުން ފުރިފައެވެ. މީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. މިރެއަށްފަހު އޭނާ ވާނީ މުއްސަނދި ކުއްޖަކަށެވެ.

ކައިވެންޏަށް ވަގުތު ކުޑަތަންވަމުން ދިޔައެވެ. ކަޅުކުލައިގެ ކޯޓްފަޓްލޫނުގައި ހުރި ރާކިން އިސްކޮޅާއި އެއްވަރުގެ ލޯގަނޑު ކުރިމަތީ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތަށް އޭނާ ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައެވެ. އެ ނިންމުމާއިމެދު އޭނާ ހިތް ރުއްސަނީއެވެ. އާރިއާގެ ވާހަކަތަކީ ހުސް ކުށްހީކަން އޭނާ މިރޭ ސާބިތުކޮށްދޭނެއެވެ. އެފަދަ ކިތަންމެ އާރިއާއެއް ރާކިންގެ ހަޔާތަށް އަންނާނެއެވެ. އޭނާ އަކީ ރީތި ފިރިހެނެކެވެ. މުއްސަނދިވެފައި ޤަދަރުވެރިއެވެ. އިތުރަށް އަންހެންކުއްޖަކު ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟

ވަގުތުޖެހުމާއިއެކު ކައިވެނި ކުރެވިއްޖެއެވެ. ދެން އޮތީ ޕާޓީއެވެ. މެހުމާނުން ވަންނަން ހަދާފައިވާ ދޮރާއި ދިމާލުގައި ހަދާފައިވާ ކުޑަކުޑަ ސްޓޭޖްގައި އެކަކުއަނެކަކާއި ޖެހޭނުޖެހޭ ހިސާބުގައި އަލަތު ދެމަފިރިން ތިއްބެވެ. ރާކިންގެ ތުންފަތްމަތީގައިވަނީ ދެއްކުމުގެ ހިނިތުންވުމެކެވެ. އެހެނަސް ޒާނަ ހުރީ އުފަލުން ފުރިފައެވެ. އެކަމަކު އެއީ ކޮންމެހެން ރާކިންއާއި ކައިވެނިކުރެވުނީތީ ވާ އުފަލެއް ނޫނެވެ. މިއަދު އެމަޤާމުގައި އިތުރު އެހެންމީހަކު ހުއްޓަސް ޒާނަ ހުންނާނީ އުފަލުންނެވެ.

ދޭތެރެއަކުން ވަގުތު ހޯދައިގެން ހަނީފާ އަވަސްއަވަހަށް ގޮސް ގެއަށް ވަދެފައި ދޮރުލައްޕާލިއެވެ. ގާޒީގެ ކުރިމަތީގައި ރާކިން ހަވާލުކުރި ރުފިޔާބޮނޑި ލިބުނީ އޭނާއަށެވެ. ޕާޓީއަށް ނިކުންނަންވެގެން ޒާނަ އޭނާއާއި ހަވާލުކުރީއެވެ. ނޫޓްތައް ފެނުމާއެކު ހަނީފާގެ ދެލޯ ވިދައިގަތެވެ. ބަންޑެލިން ވަކިކޮށްލާފައި އޭނާ އެހުރިހާ ފައިސާ އެނދުމަތީ އަތުރާލިއެވެ. އެއްތާކުން އެހާ ގިނަ ފަސްސަތޭކައިގެ ނޫޓްތަކެއް ހަނީފާ ހުވަފެނަކުންވެސް ނުދެކެއެވެ. ލިބުނު އުފަލެއްގެ ބޮނޑުކަމުން އޭނާގެ ލޮލުން ކަރުނަތިއްކެއް ނީރާލައިގެން އައިސް ކޯތާފަތްމައްޗަށް ވެއްޓިއްޖެއެވެ. އަވަސްއަވަހަށް ފައިސާބޮނޑި އަލަމާރިއަށްލާ ފޮރުވާފައި އޭނާ އަނެއްކާވެސް ޕާޓީގައި ބައިވެރިވުމަށްޓަކައި ދިޔައެވެ. އޭރު އެހެން އެންމެން ފޮޓޯނެގުމުގައި އުޅެއެވެ. ހަނީފާ ފެނުމާއެކު ވަސީމާ އޭނާއަށް ގޮވައިގެންގޮސް އެންމެންގެ މެދުގައި ބަހައްޓައިފިއެވެ. މިރޭ އެހެން އެންމެންނަށްވުރެ އޭނާގެ މޫނު އުފާވެރިއެވެ.

ކޮންމެ ފެށުމަކަށްވެސް ނިމުން އަންނާނެއޭ ބުނާބީދައިން އެއުފާވެރި ޕާޓީއަށްވެސް ވަކިވުމުގެ ވަގުތާއި ކުރިމަތިވެއްޖެއެވެ. މެހުމާނުން ހުސްވެފައިވާ ހޯލުގައި ހުރި ވަސީމާ އައިސް އަލަތު ދެމަފިރީންގެ ކައިރިއަށް ހުއްޓިފައި ޒާނަގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ރާކިން ހުރީ ޝާމްއާއި ވާހަކައެއް ދައްކަންވެގެންނެވެ. އާއިލާގެ އެހެންމީހުންނާއި ގޭގެ ނޯކަރުންގެ އިތުރަށް ދެންތިބި ހުރިހާ އެހީތެރިންވެގެން އެތަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.

ޒާނަގެ އަވަސްވެފައިވާ ހިތް ކުރިއަށްވުރެވެސް ބޮޑަށް ތެޅެންފެށީ ވަސީމާ އައިސް އޭނާ ކޮޓަރިއަށް ލާފައި ދިއުމުންނެވެ. އެނދުގައި އިނދެގެން އޭނާ ދެފަރާތަށް ލޯ ހިންގިއެވެ. ރީތިކަމުން އެއީ ދުނިޔެމަތީގެ ސުވަރުގެއެއް ފަދައެވެ. އެއީ މިފަދަ ރެއެއްގައި ދެމަފިރިއަކު އެންމެ ބޭނުންވާފަދަ މަސްތީ މާހައުލެކެވެ. އެހެނަސް ޒާނަގެ ހިތާއި ހަށިގަނޑުގައި ހިލިފައިވަނީ މުޅިން އެހެން އިހްސާސްތަކެކެވެ. އޭނާ ވަނީ ނުތަނަވަސްވެފައެވެ. ހުއްޓުވަން މަސައްކަތްކުރަމުން ދިޔައިރުވެސް ހަށިގަނޑުގައި ހިފާފައިވާ މަޑު ތުރުތުރަކަށް ބަދަލެއް ނައެވެ.

ޒާނަ އެތާ އިންނަތާ ބައިގަޑިއެއްހާއިރު ފާއިތުވެދިޔަފަހުން ކޮޓަރީގެ ދޮރުހުޅުވުނު އަޑު އިވުނެވެ. އެގަޑީގައި އަންނާނީ ކާކުކަން އެނގިހުރެވެސް ޒާނައަށް ދޮރާއި ދިމާއަށް ބަލާލެވިއްޖެއެވެ. ރާކިން ފެނިފައި އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ. ދޮރުލައްޕާ ތަޅުލާފައި އޭނާގެ ކައިރިއަށް އަންނަން ފެށުމުން ޒާނައަށް ދެކަކޫ ގެނެސް މެޔާލައި ބޮނޑިކޮށްލެވުނެވެ. އެސްފިޔަތައް ތިރިކޮށްލައިގެން އިނދެވެސް އޭނާ ސިއްރުން ރާކިންގެ ފިޔަވަޅުތަކަށް ބެލިއެވެ. ރާކިން އައިސް ކައިރިއަށް ހުއްޓިފައި އެނދުގެ މަގަތުގައި އިށީނެވެ. ހިމޭންކަމުގެތެރޭގައި ރާކިންއަށް އޭނާގެ ހިތުގެ ތެޅުން އަޑުއިވޭނެއޭ ޒާނަގެ ހިތަށް އެރިއެވެ. އެނދުމަތީގައި ރާކިން އަތް ބާއްވައިލިތަން ފެނިފައި ޒާނައަށް އޭނާގެ ހާމަވެފައިވާ ދެފައިތިލަ ހެދުމުގެ ބޮޑު ފަސްބައިގެ ތެރެއަށް ދަމައިގަނެވުނެވެ. ރާކިން ގޮވާލީ ދެނެވެ. ހިމޭންކަމުގެ ތެރެއިން އެ ފިރިހެންވަންތަ އަޑު އޭނާގެ ކަންފަތުގައި ޖެހުނީ އެއީ ހުވަފެނެއްކަމުގައި ހީކުރުވާފަދަ ގޮތަކަށެވެ.

“ޒާނައަށް އެނގޭދޯ އަހަރެމެން ދެމީހުންގެ އުމުރުގައި ދިހަ އަހަރުގެ ތަފާތެއް ހުރިކަން؟” ރާކިން ބުނެލި އެއްޗަކުން ޒާނަ އިސްއުފުލާލިއެވެ.

“އެއީ ދެން މާބޮޑު މައްސަލައެއްވެސް ނޫން.” ޒާނަ އެއްޗެކޭ ނުބުނުމުން ރާކިން އިތުރުކޮށްލިއެވެ. އެޖުމްލައިގެ މާނަ ޒާނައަށް ނެގުނީ އެހެން ގޮތަކަށެވެ. އޭނާ އިތުރަށް ނުތަނަވަސްވީ އެހެންވެގެންނެވެ.

“އަހަރެންނަށް އިނގޭ މިއީ ކޮންމެ އަންހެންކުއްޖެއްގެ ހަޔާތަށްވެސް އަންނާނެ އެންމެ ހާއްސަ ރޭކަން. އަދި މިރެއަށްޓަކައި ޒާނަވެސް ފޮނިއުންމީދުތަކަކާއި ކުލަ ހުވަފެންތަކެއް ދެކޭނެކަން ވިސްނޭ. އެކަމަކު…” ރާކިން ޖުމްލަ ފުރިހަމަނުކޮށް ޒާނައަށް ބަލައިލިއެވެ. އެވަގުތު ޒާނަވެސް އަނެއްކާ އިސްއުފުލާލައިފިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވުމާއެކު ރާކިން ދުރުބަލަން ފެށިއެވެ.

“ސޮރީ ޒާނަ. އަހަރެން ބޭނުމެއްނޫން ޒާނައަށް އަށާރަ ނުފުރެނީސް މިދެމެދުގައި ކައިވެނީގެ އެއްވެސް ގުޅުމެއް ކުރިއަށް ގެންދާކަށް.” ރާކިން ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިފައި ބޭރުބަލަންފެށިއެވެ. ޒާނައަށް ހީވީ ގެނބެމުންދަނިކޮށް ފެނުމަތީ އޮތް ލަކުނޑި ގަނޑެއްގައި އަތްޖެހުނުހެންނެވެ. އޭނާގެ ހިތާއި ހަށިގަނޑުގައިވި ނުތަނަވަސްކަން ފިލައިދިޔައީ ކުއްލިއަކަށެވެ. ރާކިންގެ ވިސްނުން ހުރިގޮތުން އޭނާ ހިތާއި ހިތުން އުފާކުރިއެވެ. ހަމަޖެހުމުގެ ނޭވާއަކަށްފަހު ދެފައި ތިރިކޮށްލާފައި ޒާނަ އެނދުގެ އެއްފަރާތެއްގައި ދިގުދިގަށް އޮށޯވެލިއެވެ. ލޯމެރެމުން ދިޔައިރުވެސް އޭނާއަށް ކުޑަދޮރުކައިރީ ހުރި ރާކިން ފެނުނެވެ.

“ރިކް!” ރާކިންގެ ކޮނޑުމަތީގައި މަޑުމަޑު އަތަކުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލަސްލަހުން އެނބުރުނުއިރު އާރިއާ ހުރީ އިސްޖެހިފައެވެ. ސެޓިންފޮތީގެ މަޑުފިޔާތޮށި ކުލައިގެ ނިދާ ހެދުމާއިއެކު އެމޫނަށް ވެރިވެފައިވާ ލަދުރަކިކަމަކުން ރާކިންގެ ހިތް މަސްތުކޮށްލިއެވެ. ކައިރިއަށްދާން ފުރަތަމަ ފިޔަވަޅު ނެގިތަނާ އާރިއާ އަނެއް ފަރާތަށް އެނބުރިފައި މޫނުގައި ދެއަތްއެޅިއެވެ. އެވަގުތު ރާކިން މަޑުމަޑުން ހީލިއެވެ. ކައިރިވެލާފައި އޭނާގެ ބާރުގަދަ ދެއަތުގެތެރޭގައި އާރިއާ ބޮނޑިކޮށްލުމާއެކު އަވަސްވެފައިވާ އެރީތި އަންހެންކުއްޖާގެ ހިތުގެ ތެޅުން ކަންފަތާއި ހަމައަށްވެސް ފޯރިއެވެ.

ދާދިކައިރިން ބުޅަލެއް ހޭރިގަތް އަޑުއަހާފައި ރާކިންގެ ހިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. ތެޅިގެންފައި އަނެއްފަރާތަށް އެނބުރުނުއިރު ޒާނަ ފުން ނިންޖެއްގައި އޮތެވެ. ބަލަހައްޓައިގެން ހުރެހުރެފައި ރާކިން ކުޑަދޮރު ލައްޕާލިއެވެ. ބާލީހެއް ނަގައިގެން ގޮސް ދުރުގައިހުރި ސޯފާގެ އެއްކޮޅުގައި ބާއްވާފައި ކުޝަންއެއް މޭމަތީ ބާއްވާލައިގެން އޭނާ އޮށޯތެވެ. މޯބައިލް ނަގާ އޭގެ ސްކްރީނުން އާރިއާގެ ނަންބަރަށް ބަލަހައްޓައިގެން އޭނާ އޮތީ ދެ ފިކުރެއްގައެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނައިން މަންޒަރު ފުސްވާގޮތްވުމުން އޭނާ ފޯން ގެނެސް މޭމަތީ ޖައްސާލަމުން ބިތްދޮށަށް އެނބުރި ލޯމަރާލިއެވެ. އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވެފައިވާ ކަރުނަތަށް އޭގެ މަޤާމުގައި ކެތްނުވެގެން ފައިބަންފެށީ ދެނެވެ. އެކަމަކު އެއަށްވުރެ އަވަހަށް އޭނާ ލޯފުހެލާފައި ނޭފަތް ދަމާލިއެވެ. ހީވީ ކަރުނައަކީ ރާކިންއަށް މަނާ އެއްޗެއް ހެންނެވެ.

ޖެހިގެން އައި ދުވަހު ހަވީރުގެ ވަގުތެއްގައި ރާކިން ޒާނަ ގޮވައިގެން މާލެދާން ނައްޓާލައިފިއެވެ. ފްލައިޓަށް އަރަން ދިޔައިރުވެސް ޒާނަ ހުރީ ބިރުގެންފައެވެ. އެއަރ ޕޯޓްގައި އެވަގުތު އާއިލާގެ މީހަކު ނެތީ ނަސީބެވެ. އެހެންނޫން ނަމަ ޒާނައަށް އޭނާގެ ކަރުނަތައް ހިފަހައްޓައެއް ނުލެވުނީހެވެ. ރަށުން އަންނަމުން އަތިރިމަތީގައިވެސް އޭނާ ހަނީފާގެ ގައިގައި އޮޅުލައިގަނެގެން ހުރެ ބާރަށް ރުޔެވެ. ފްލައިޓް ނައްޓާލުމާއެކު ޒާނަ އަށް ތެޅިގެންފައި ހިފެހެއްޓުނީ ރާކިންގެ އަތުގައެވެ. އެވަގުތު ރާކިން ބަލާލިއެވެ. އެމޫނުން ފެންނަން ހުރި ބީރަތްޓެހިކަމަކުން އޭނާ ރަކިވެގެން އަތް ދުރަށްލާފައި ބޭރުބަލާކަމަށް ހެދުނެވެ. ރާކިން އަނެއްފަރާތަށް މޫނުއަނބުރާލިކަން ޔަޤީންވުމާއެކު އޭނާ ދެލޯމަރާ ތަގުޅިކޮށްގެން ސީޓުގައި ބުރަކަށި ޖައްސާލިއެވެ. ހުޅުލެއަށް ބޯޓު ޖައްސަންދެންވެސް ޒާނަ އިނީ ސަލާމަތަށް އެދި ހިތާއިހިތުން ދުޢާކޮށްލަ ކޮށްލައެވެ.

ރާކިންގެ މުއްސަނދި ގޭގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔަ ކާރުގައި އިން ޒާނަ ދެލޯބޮޑުކޮށްގެން ބޭރު ބަލަން އިނެވެ. ޕޯޓިކޯއަށް ކާރު މަޑުކުރުވާފައި ޑްރައިވަރ ފައިބައިގެން އައިސް ދޮރުހުޅުވާލިއިރުވެސް އޭނާ އިނީ ހުއްޓުން އަރާފައެވެ. ޒާނައަށް ފޭބުނުއިރު ރާކިން އެތެރެއަށް ވަދެގެން ދިޔަތާ ކިތަންމެ އިރެކެވެ. އެތަންމިތަން ބަލަމުން އޭނާ ގޮސް ގޭގެ ދޮރުން ވަންތަނާ ބޭރު އަންހެނަކު ނިކުމެފައި ފަހަތުން ދިއުމަށް ބުންޏެވެ. އަންހެންމީހާ ދެއްކި މަގުން ގޮސް އޭނާއަށް ވަދެވުނީ ހުވަފެނުން ދުށް ކޮޓަރިއަށް ވުރެވެސް ފުރިހަމަ ތަނަކަށެވެ. އެރޭ ނިދަންދެން ޒާނަގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރީ ގޭގައި އުޅޭ ނޯކަރ ރޫބީގެ ފަހަތުގައެވެ. ރާކިން މަތިން އޭނާ ހަނދާންވެސް ނެތެވެ. އެއްތަނަކަށް ވަދެފައި އަނެއްތަނެއް ބަލާފައި އުޅޭއިރު ޒާނަ ހުރީ އުފަލުން ފޮޅިފައެވެ.

ނުވައެއްޖެހި ތަނާ ޒާނަ ނިދިއައިސްގެން ހަލާކުވިއެވެ. ރަށުގައި އުޅޭއިރުވެސް އޭނާއަކީ އަވަހަށް ނިދާ ކުއްޖެކެވެ. އެރޭވެސް އޭނާ އުންމީދުކޮށްގެން ހުރީ އެގޮތަށެވެ. ޒާނަ އޮށޯތީ ދުވަހަކުވެސް އިހްސާސްކޮށްފައިނުވާފަދަ އަރާމު ތަންމައްޗެއްގައެވެ. އެހެނަސް އޭނާއަކަށް ނުނިދުނެވެ. ލޯމަރާލާއިރަށް އަންނަ ނާންނަތަނެއް ނޭނގި ރަށުގެ ހަނދާންތައް އޭނާގެ ސިކުނޑި ވަށާލައެވެ. ލޮލުން ކަރުނަ އައީ އޭނާގެ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. މިނޫނީ ދުވަހަކުވެސް ރަށާއި އާއިލާ ދޫކޮށްފައިނުވާ ޒާނައަށް އެމީހުންގެ ފަޅުކަން މާބޮޑަށްވެސް އިހްސާސް ކުރެވެން ފެށިއެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތްވާ އޭނާއަށް ނިދުނުއިރު ބާރަވެސް ޖަހައިފިއެވެ.

ލިފްޓުން ނިކުމެގެން ރާކިން އޭނާގެ ކެބިންއާއި ދިމާއަށް ހިނގަމުން ދިޔައެވެ. ވިލުނޫ ކުލައިގެ އަތްދީގުގަމީހާއި ފަޓްލޫނުގައި އޭނާގެ ވަރުގަދަ ޝަހުސިއްޔަތުގެ އިތުރަށްވެސް ކޮންމެ ހަރަކާތަކާއި ބެލުމެއްގައި ޝާހީކަމެއް އެކުލެވިފައިވިއެވެ. ހެނދުނަށް ފޮޅިފައިވާ މޫނުތަކާއިއެކު ފެންނަ ކޮންމެ މުވައްޒިފަކު ނުހަނު އިޙުތިރާމާއިއެކު ސަލާމް ގޮވާލައެވެ. އެކަމަކު އެހެން ދުވަސްދުވަހާއި ހިލާފަށް އެމީހުންގެ ބެލުމުގައި ތަފާތުކަމެއް ވާކަމުގައި ރާކިންގެ ސިކުނޑި ވިސްނައިދިނީ ކީއްވެކަމެއް ނޭނގުނެވެ.

ކެބިންގެ ދޮރާއި އަރާހަމަވެފައި ކާޑް ކަނޑާލުމާއެކު ދޮރުހުޅުވުނެވެ. ހިޔާލެއް ފިކުރެއްނެތް ރާކިން އެތެރެއަށް ވަދެފައި އޭނާގެ ގޮނޑިއާއި ދިމާއަށް ހިނގަހިނގާ ހުއްޓާ މާކުރިން އައިސް އެތާއިން މީހަކު ގޮނޑި މަގަތަށް އަނބުރާލިއެވެ. ރާކިންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ހުރި ފިޔަވަޅުމައްޗަށް ހުއްޓެވުނު ގޮތަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އޭނާ ބަލަހައްޓައިގެން ހުއްޓެވެ.

(ނުނިމޭ)

މޮޔަ ހިތް މަގޭ 05

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355