.
މަރިޔަމް ޔަސްމާ
(22 މެއި 2012 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)
ކެބިންގެ ދޮރާއި އަރާހަމަވެފައި ކާޑް ކަނޑާލުމާއެކު ދޮރުހުޅުވުނެވެ. ހިޔާލެއް ފިކުރެއްނެތް ރާކިން އެތެރެއަށް ވަދެފައި އޭނާގެ ގޮނޑިއާއި ދިމާއަށް ހިނގަހިނގާ ހުއްޓާ މާކުރިން އައިސް އެތާއިން މީހަކު ގޮނޑި މަގަތަށް އަނބުރާލިއެވެ. ރާކިންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ހުރި ފިޔަވަޅުމައްޗަށް ހުއްޓެވުނު ގޮތަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އޭނާ ބަލަހައްޓައިގެން ހުއްޓެވެ.
ގޮނޑީގައި ރަނގަޅަށް ހަމަޖެހިލާފައި އާރިއާ އެއް ފައިމަތީގައި އަނެއްފައި އަޅުވާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލުމާއެކު ލިޕް ގްލޯސްއިން އޮފް އަރައަރާ ހުރި ތުނި ތުންފަތަށްހިނިތުންވުމެއް ވެރިކުރުވިއެވެ.
“އާރިއާ! ކާކު ކަލެއަށް މިތަން ދެއްކީ؟ ގެއަށް ދަނިކޮށް މަގު އޮޅުނީތަ؟” ރާކިންގެ ހަށިގަނޑަށް އަމިއްލަ ބާރުލިބުމާއެކު އޭނާ ދެބުމަ ގޮށްޖަހާލަމުން ދިޔަގޮތަށް ގޮސް ކުޑަދޮރުކައިރިއަށް ހުއްޓި ހަށަން ބަނދެލިއެވެ.
“ޑިއަރ އެކްސް ހަޒްބެންޑް! މިހާ އަވަހަށް ހަނދާންނެތުނީތަ؟ ކޮމްޕެނީގެ ފޯޓީ ޕަސެންޓް ޝެއަރ ލިޔެދިން ދުވަހުން ފެށިގެން ބޭނުން ވަގުތަކު މިތަނަށް ވަދެނިކުމެ އުޅުމުގެ ހުއްދަ ލިބިފައިވަނީ.” އާރިއާ ތެދުވެގެން އައިސް ރާކިންއާއި އެއް ހަމައެއްގައި ހުއްޓިފައި ވާގަނޑަށް ދަމާލުމާއެކު ދޮރުފޮތިގަނޑު ދެފަރާތަށް ކެހިގެން ދިޔައެވެ.
“ތީ ހާދަ ލަދުވެސްކުޑަ އަންހެނެކޭ ދޯ.” ރާކިންއަށް ދަތްކުނޑި ވިކާލެވުނެވެ.
“އޯހ ކަމްއޯން. އަމިއްލަ ތަންތަނަށް ވަންނަން ލަދުގަންނަންޖެހޭތަ؟” އާރިއާގެ ލުއި ހީލުން ރާކިންއަށްވީ އަނދައަނދާހުރި އަލިފާންގަނޑަކަށް ސާފު ތެޔޮއެއްޗެއް އަޅާލުންފަދަ ކަމަކަށެވެ.
އަނެއް ފަރާތަށް އެނބުރިފައި އޭނާ ކުއްލިއަކަށް އާރިއާގެ ދެކޮނޑުގައި ހިފާ ގެންގޮސް ބިއްލޫރިގަނޑުގައި ތަތްކޮށްލިއެވެ.
“އަހަރެން ހިއެއްނުކުރަން ތީ ތިހާ ގޮތެއްނެތް އަންހެނެއް ކަމަކަށް. ވެދިޔަ ހުރިހާ ކަމަކަށްފަހުވެސް ކަލެއަށް އަހަރެންގެ ކުރިމައްޗަށް އަންނަން ކެރުނީތީ ހައިރާންވޭ.” ދެދަތްޕިލާ ޖައްސާބާރުކޮށްގެން ހުރެ ރާކިން ވާހަކަ ދެއްކިއެވެ.
“އައްދޯއި. ތަދުވެއޭ.” އާރިއާގެ ލޯ ފެންކަޅިވިއެވެ. ރާކިންއަށް އެއަޑު އިވުނު ހެނެއްހިއެއްނުވެއެވެ. ނޫނީ އިވޭކަމަށް ނުހެދީއެވެ.
“އަހަރެން ދޫކޮށްލާ. ރާކިންއަކަށް މިހާރު އަހަރެންގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ. މައުޅޭނީ މަ ބޭނުން ގޮތަކަށް.” އާރިއާ މަސައްކަތްކުރީ ރާކިންގެ އަތްދަށުން ފޮޅުވިގަންނާށެވެ. އެކަމަކު އޭނާގެ އެހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. ރާކިންގެ ވަރުގަދަކަމާއި ބަލާފައި އޭނާގެ އެއްވެސް ބާރެއް ނެތެވެ.
“ރިކް. ޕްލީޒް!” އާރިއާއަށް ބުނެލެވުނެވެ.
އެވަގުތު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތްމަތިން ރޮނގު ދަމާލާފައި އައިސް ތުންފަތަށް ހިނދިއްޖެއެވެ. ރާކިންގެ މޫނުމަތީގައިވާ ރުޅިގަނޑު އުދުހިގެން ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގެއެވެ. އާރިއާގެ ލޮލުން ކަރުނަ ދެކެފައި އޭނާއަށް ދުރަށް ޖެހިލެވުނެވެ. ފުރުސަތު ލިބުމާއެކު އާރިއާ ކޯތާފަތް ފުހެމުން ބާރުބާރަށް ހިނގާފައި ގޮސް ބޭރަށް ނިކުތެވެ. ދޮރުލެއްޕުނު އަޑާއިއެކު ރާކިން ގޮސް އޭނާގެ ގޮނޑިއަށް ވެއްޓިގެންފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އާރިއާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އެ ދެ ލޮލުން ކަރުނަ ދެކޭކަށް އޭނާއަށް ކުޅަދާނައެއް ނޫނެވެ. ކޮންމެ ފަހަރަކު އޭނާގެ ސިކުނޑީގެ މައްޗަށް ހިތް ފަތަޙަ ހޯދަނީ މިސަބަބާއިހުރެއެވެ. ލޯބި އެހެން ހުރިހާ އިހްސާސެއްގެ މައްޗަށް ކުރި ހޯދައެވެ.
ހެނދުނު ހޭލައިގެން ޒާނައަށް ނިކުމެވުނުއިރު ރޫބީ ހުރީ ސައި ތައްޔާރުކޮށްފައެވެ. ރާކިން އޮފީހަށް ދިޔަކަން އެނގިގެން އޭނާ ހައިރާނެއް ނުވެއެވެ.
“މީތަ މިގޭގައި ސައިބޯން ހުންނަ އެއްޗަކީ؟” ޖޫސްތަށިން އެތިފޮދެއް ރަހަބަލާލުމަށްފަހު ޒާނަ ބަލާލީ މާޖިރީން ހާކާފައި އޮތް ޕާންފޮއްޗަށެވެ. ސޭންވިޗް ތަށިވެސް އޭނާ ޖައްސާލީ ދުރަށެވެ.
“ކިހިނެތްވީ؟” ރޫބީ ޒާނައަށް ބަލައިލިއެވެ.
“އަހަރެމެން ގޭގައި ހެނދުނު ސަޔަށް ހުންނާނީ ރޮށި. ނޫނީ ރޭގަނޑު ގިނަވެފައި ހުންނަ ބަތް ކަނީ.” ޒާނަ ކިޔައިދިނެވެ.
“މިގޭގައި ހެނދުނަށް ކަނީ މިކަހަލަ އެއްޗެހި. އެކަމަކު ޒާނަ ބޭނުމިއްޔާ ޒާނައަށް މީރުކޮންމެ އެއްޗެއް ތައްޔާރުކުރަންވީ. މީ މިހާރު ޒާނަގެ އަމިއްލަ ގެއެއްނު. ބުނޭ! ކޯއްޗެއް ކައްކާދޭންވީ؟” ރޫބީ ހިނިތުންވެފައި ޒާނަގެ ހިތްހަމަޖައްސައިދިނެވެ.
“ހަމަތެދެއްތަ؟” ޒާނައަށް އުފަލުން އަހާލެވުނެވެ. ރޫބީ ބޯޖަހާލުމާއެކު އޭނާ ޖޫސްތަށި ދުރަށް ޖައްސާލާފައި ތެދުވިއެވެ. ރޫބީ ކައްކަންވެގެން އުޅުނުއިރު އޭނާ އިނީ ކަބަޑުސެޓްމަތީގައިވާ ހުސްތަނެއްގައި އަރާ އިށީންދެ ތިރިއަށް ދެފައި އެލުވާލައިގެންނެވެ. ވާހަކަ ދައްކަމުން ރޫބީ ކުރާ ހުރިހާކަމެއް އޭނާ ފަރުވާތެރިކަމާއިއެކު ބަލާ ދަސްކުރިއެވެ. ޒާނަ ސުވާލު ކުރަން ފެށުމުން ރޫބީ އެއްޗެހި ހުންނާނެ ތަންތަނާއި ގޭސް އުނދުން ރޯކޮށް ނިވާނެގޮތަށް ދާންދެން ކިޔައިދިނެވެ. ޒާނަ އެންމެ ޖެހިލުންވީ މައިކްރޯ އަވަންދެކެއެވެ. އޭނާއަށް ހީވަނީ އަވަން ޖައްސާއިރަށް ބޮމެއްހެން ގޮވައިފާނެހެންނެވެ.
ހަވީރުވެގެން އައިއިރު ޒާނަ އުޅެނީ ބަދިގޭގައެވެ. އޭނާ ތައްޔާރުކުރަން އެއުޅޭ އެއްޗެއް ރޫބީއަކަށްވެސް ނޭނގެއެވެ. ރަށުގައި އުޅޭއިރު އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަނީ އެކުވެރިންނާއި އެކުގައެވެ. ދޭތެރެއަކުން ދައްތަ ގެއަށް ގޮސް އޭނާގެ ދަރިފުޅާއިއެކު ކުޅެން އުޅެއެވެ. ޒާނަގެ މިޒާޖު ހުންނަގޮތުން އޭނާއަކީ އެންމެ މިނިޓަކަށްވެސް ހިމޭނުން ހުންނަން އުނދަގޫ ކުއްޖެކެވެ.
ކަރުގައި އޮތް ޓައީ ދޫކުރަމުން ގެއަށް ވަދެގެން އައި ރާކިން ދިޔައީ ސިއްސައިގެންނެވެ. ބަދިގެއާއި ދިމާލުން ޒާނަ ހަޅޭތްލަވައިގަތް އަޑުއިވުނެވެ. ރާކިން އަވަސްއަވަހަށް ގޮސް ދޮރާއި އަރާހަމަވީއިރު ޒާނަ ހުރީ ފެންއިސްކުރު ދޫކޮށްލައިގެން އަތް ދޮންނާށެވެ. ބަލަހައްޓައިގެން ހިނގައިގަންނަން ނޭނގިފައި ހުއްޓާ ރާކިންގެ ފުރަގަހުން ރޫބީ ނިކުމެގެން ގޮސް ޒާނަގެ ފުރަގަހަށް ހުއްޓުނެވެ.
“ކިހިނެތްވީ؟” ރޫބީގެ ސުވާލު އަހާފައި ޒާނަ ބަލައިލިއެވެ. ދޮރުކައިރީގައި ހުރި ރާކިން ފެނިފައި އޭނާ އަވަސްއަވަހަށް އަނެއް އަތުން ލޯފުހެލިތަން ފެނުނެވެ. ރާކިން އެއްޗެކޭ ނުބުނެ އަދިވެސް ހުރީއެވެ.
“އަތްފިހުނީ.” ޒާނަ މަޑުމަޑުން ޖަވާބުދިނެވެ. ރާކިން ގޮސް ކޮޓަރިއަށް ވަދެފައި ދެން ނިކުތްއިރު އަތުގައި ފަސްޓް އެއިޑް ބޮކްސް އޮތެވެ. މޭޒުމަތީގައި އެފޮށި ބަހައްޓާ ހުޅުވާލާފައި ބާނޯލް ފުޅިއެއްނަގާ ރޫބީގެ އަތަށް ލައިދީފައި އޭނާ ނިކުމެގެން ދިޔައެވެ. ދުލުން ބަހެއް ނުބުނިތާގައި ފަސްއެނބުރި ބަލައިވެސް ނުލިއެވެ. ރާކިންގެ އެ ފަރުވާކުޑަ އަމަލުން ޒާނަގެ ހިތަށް އަސަރުކުރިއެވެ. އެކަމަކު އެއީ އެހިތުން ރާކިންއަށް ކުޑަވެސް މަޤާމެއް ދެވިފައިވާތީއެއް ނޫނެވެ. މިއަދު އޭނާއަށް އަޅާލަން ހުރި ހަމައެކަނި މީހަކީ އެއީ ކަމުގައި ޤަބޫލުކުރެވޭތީއެވެ.
ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އެނދުގައި އޮތް ރާކިންގެ ބޮލުގައި ގަދައަށް ރިއްސައެވެ. އާރިއާގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. އޮފީހުގައި ހިނގާދިޔަ ހާދިސާ އޭނާގެ ހިޔާލުތަކާއި ގުޅިފައިވިއެވެ. ކަރުނުން ފުރިފައިވި އެ ބޮޑު ދެލޯ މިހާރުވެސް ރާކިންގެ އަމިއްލަ ނަފްސު ހަތަރު ފަރާތުން ކުށްވެރި ކުރަނީއެވެ. އަހަރެންގެ ކުށަކީ އާރިއާދެކެ އިންތިހާއަށް ލޯބިވުން ހެއްޔެވެ؟ ރާކިންއަށް ސުވާލުކޮށްލެވުނީ އަމިއްލަ ހިތާއެވެ.
އެރޭ ނުވައެއްޖަހަން ކައިރިވެފައި ހުއްޓާ ޒާނަގެ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއެވެ.
“އަވަހަށް ތައްޔާރުވެގެން ބޭރަށް ދާން ނިކުމޭ. އަހަރެން ބޭރުގައި ޒާނައަށް އިންތިޒާރުކުރާނަން.” ދޮރުމަތީގައި ހުރި ރާކިން ބުނެލިއެވެ. އެމޫނުމަތީގައި ވަނީ ސީރިއަސްކަމެވެ. ޒާނައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ރާކިން ދުރަށް ގޮސް ގެއްލުނެވެ. ޒާނަ ވަގުތުން ތައްޔާރު ވާންފެށިއެވެ. ރާކިން ކޮންމެ ގޮތަކަށް ކަންތައްކުރިއަސް އޭނާގެ އަމުރުތަކަށް ޒާނަ ކިޔަމަންވާނެއެވެ. އޭނާ ނިކުތްއިރު ރާކިން ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. ޒާނަ ހަމަ ފެނުމާއެކު ބަހަކުން ބަހެއް ނުބުނެ ބޭރަށް ނިކުންނަން ހިނގައިގެންފިއެވެ. ޒާނަވެސް ހިނގައިގަތެވެ. ކާރު ދުއްވާލަމުން ރާކިން ސެޓުން އަޑުގަދަކޮށް ޕޮޕް އިގިރޭސިލަވައެއް ޖަހާލިއެވެ. އެކަމާއި ޒާނައަށް އުދަނގޫ ވި ނަމަވެސް އޭނާ އިޙުތިޔާރުކުރީ ހިމޭންކަމެވެ. އަންބެއްގެ މަޤާމުގައި އިނަސް ރާކިންގެ ދިރިއުޅުމަށް ފާޑުކިޔާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ކާރު މަޑުކުރީ ދިހަބުރިއަށް ހަދާފައިވާ އުސްއިމާރާތެއްގެ ކައިރިއަށެވެ. ލިފްޓް މައްޗަށް އަރަންފެށި ވަގުތު ޒާނަގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެކަމަކު އޭނާ ކެތްކުރިއެވެ. ލިފްޓްގައި ބުރަކަށި ޖައްސާލައިގެން ހުރެ ކޮޅަށް ހުރެވޭތޯ މަސައްކަތްކުރަމުން ދިޔައިރު ރާކިން ހުރީ އޭނާއަށް ފުރަގަސްދީގެން ދުރުގައެވެ. ލިފްޓުން ނިކުމެގެން ގޮސް އެންމެ ކައިރިއަށް ހުރި ދޮރުކައިރީގައިވާ ސްވިޗަކަށް އޮބާލިތަނާ އަންހެނަކު ދޮރުހުޅުވާލިއެވެ. ރާކިން އެއްވެސް އެއްޗެއް ބުނާކަށް ނުޖެހުނެވެ. އޭނާ ފެނުމާއެކުވެސް އަންހެންމީހާއަށް ހުރިހާކަމެއް އޮޅުން ފިލިއެވެ. ވަރަށް އަވަހަށް އަންނަން ކަމުގައި ބުނެފައި އޭނާ އެތެރެއަށް ހިނގައިގަތުމާއެކު ރާކިން ޒާނަ އިށީންނަން ސޯފާތައް ދައްކާލިއެވެ. ބީރަށްޓެހި ނަޒަރަކުން ވަށައިގެން ލޯ ހިންގަމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޒާނަ އިށީނެވެ. އެކަމަކު ރާކިން ހުރީ ކޮޅަށެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރަށް އެކަނި ބަލާލުމުންވެސް ކަމަކަށް އިންތިޒާރުކުރާކަން ދޭހަވެއެވެ.
ޒާނަ ހީކުރިގޮތާއި ހިލާފަށް އަންހެންމީހާ އެނބުރި އައީ އެކަންޏެވެ. އޭނާ ހީކޮށްގެން އިނީ ރާކިން އޭނާ ތައާރަފްކޮށްދޭން ބޭނުންވެގެން އެއުޅޭމީހަކު ފަހަތުން އަންނާނެ ކަމުގައެވެ.
“ޔޫން ނިދައިފި.” އަންހެންމީހާގެ ޖަވާބު އަހާފައި ރާކިންގެ މޫނުން ތަފާތު އަސަރެއް ފާޅެއްނުވިއެވެ. އޭނާއަށް މާކުރިންވެސް އެކަން އެނގޭކަހަލައެވެ.
“ދެން ކޮބާ އޭނާގެ މަންމަ؟ ބުނިންތަ އަހަރެން އައިސްހުރި ވާހަކަ؟” ރާކިން ސުވާލުކުރީ އާދައިގެ ވަރަށްވުރެ މަޑުންނެވެ.
“ބުނިން.އާރިއާ މޭމް ފޯނެއްގައި ހުރީ.” އަންހެންމީހާ އިސްޖަހާލިއެވެ. ރާކިންގެ އެތެރެހަށީގައި އުތުރިގަތް ހޫނަކުން ދެއަތް މުށްކެވުނެވެ. ޒާނައަށް ގޮވާލާފައި ދާން އަންގާލަމުން އޭނާ ބާރުބާރަށް ހިނގައިގަތެވެ. ގެއަށް ދިޔަ މަގުމަތީގައި ޒާނަ ވިސްނިއެވެ. އާރިއާއި ބެހޭގޮތުން އަންހެންމީހާ ދިން ޖަވާބާއެކު ރާކިންއަށް ވީގޮތް އޭނާ ރަނގަޅަށް ދުށްޓެވެ. ހީވާގޮތުން އެއީ ރާކިންއާއި ވަރަށް ގާތް މީހެކެވެ. އާރިއާ ވެސް އަދި ޔޫންވެސް އޭނާއަށްވީ އާ ނަންތަކަކަށެވެ. އެކަމަކު ރާކިންގެ ހަޔާތުގައި އެއީ މުހިންމު ބައެއްކަން އޭނާ ކަނޑައެޅިއެވެ. ގެއަށް ދިޔަގޮތަށް ޒާނަ ވަނީ ކޮޓަރިއަށެވެ. ފުރަތަމަ ރެއާއި ހިލާފަށް އެރޭ އޭނާއަށް ފަސޭހައިން ނިދުނެވެ.
ހެނދުނު އޮފީހަށް ދިޔަގޮތަށް ރާކިން ފުރަތަމަވެސް ދިމާކުރީ އާރިއާގެ ކެބިންއާއެވެ. ދޮރުހުޅުވާލިއިރު އޭނާ ހީހީފައި ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކައެވެ.
“އާރިއާ!” ރާކިން ގޮވާލީ ނިކަން ބާރަށެވެ. އެވަގުތު އާރިއާ އެނބުރިފައި އަތުން ހިމޭންވުމަށް އަންގާލިއެވެ. ރާކިންގެ ރުޅިވީ އިތުރެވެ. ބަލާކަށްނުހުރެ އޭނާ ދިޔަގޮތަށް ގޮސް އާރިއާގެ އަތުގައި ޖަހާ ފޯން ވައްޓާލިއެވެ.
“ވަޓް ދަ…” އާރިއާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. ދެވަނަ ސިކުންތުގައި އެމޫނުމަތީގައިވި ހަރުކަށިކަން ހިނިތުންވުމަކަށް ބަދަލުކޮށްލިއެވެ.
“ރާކިން މިތަނަށް ތިއައީ ޕާސަނަލް ވާހަކައެއް ދައްކަން ކަމަށްވަންޏާ ބުނެވޭނީ ސޮރީއޭ. ޕާސަނަލް ވާހަކަތަކަށް ވަގުތުދެވޭކަށް ނެތް. އަހަރެން ކުރަންވެފައި ބައިވަރު މަސައްކަތް އެބަހުރި.” އާރިއާ ގުދުވެފައި ވަކިވެފައިވާ ފޯނާއި ބެޓެރިނަގާ މުށުތެރެއަށްލިއެވެ.
“ދެން އަހަރެން މިވާހަކަތައް ދައްކަން ރެސްޓޯރެންޓަކުން މޭޒެއްތަ ބުކްކުރަންވީ؟” ރާކިން އިތުރަށް ހޫނުވިއެވެ. އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުދަނގޫވަމުން ދިޔައެވެ.
“ތީވެސް ރަނގަޅު ގޮތެއް. އެއްތަނެއްގައި ވަޒީފާ އަދާކުރީމަ އޭގެ މާނައަކީ ގޭގައި ދައްކަންޖެހޭ ވާހަކަތަކުން މަސައްކަތުގެ ވަގުތު ބޭކާރު ކުރުމެއްނޫނެއްނު ދޯ.” އާރިއާ އެނގިހުރެ ރާކިން ރުޅިއަރުވަމުން ދިޔައެވެ.
“އަހަރެންނަށް ހެޔޮ. އާރިއާ ޖެހޭނީ އަހަރެންދައްކާ ވާހަކަ އަޑުއަހަން. އަހަރެން މިއައީ ޔޫންގެ ވާހަކަ ދައްކަން.” ދެޖީބަށް އަތްޖަހާލަމުން ރާކިން ހަމަޖެހިލަން މަސައްކަތްކުރިއެވެ.
“ހިއެއްނުވޭ މިހާރު އަހަރެންނަށް ރާކިން ބުނާ އެއްވެސްކަމެއް ކުރަންޖެހޭނެހެނެއް. ހަނދާންކޮށްބަލަ އަހަރެންނަކީ މިހާރު މިނިވަނެކޭ.” އާރިއާ އޭނާގެ ގޮނޑީގައި އިށީންދެފައި ދެފަރާތަށް އަނބުރަން ފެށިއެވެ.
“އެކަން ސާބިތުކުރަންވެގެންދޯ ރޭގައި އަހަރެން ދިޔައީމަވެސް ތިރިއަށް ނުފޭބީ؟” ރާކިން އަނެއްފަރާތަށް އެނބުރުނެވެ.
“އަހަރެން ހޯދަންތަ ދިޔައީ؟ އަހަރެން ހީކުރީ ޔޫންއާއި ބައްދަލުކުރަންވެގެންކަމަށް.”
“އާ. ޔޫންއާއި ބައްދަލުކުރަން ދިޔައީ. އެކަމަކު މައްސަލައެއްނޫން ކަންނޭނގެ އާރިއާވެސް އެވަގުތު ތިރިއަށް ފޭބުން އެއީ. އަހަރެންގެ ދަރިއަކު ގެންގުޅެންޏާ އަހަރެމެން ދެމެދުގައި ދައްކަންޖެހޭ ވާހަކަވެސް ހުންނާނެ.” ރާކިން އާރިއާގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާ ހުރީ އަދިވެސް ފުރަގަސްދީގެންނެވެ.
“ރާކިން އަށް އެނގެއެއްނު ޔޫން އެގަޑީގައި ހޭލާ ނޫޅޭނެކަން. ދެންކީއްވެ އެގަޑީގައި ދިޔައީ؟ ބައިދަ ވޭ، އަންހެނުން ވަރަށް ރީތި. އުންމީދުކުރަން އެއީ ދެ ދުވަހުގެ މެހުމާނަކަށް ނުވެދާނެކަމަށް.” އާރިއާގެ ޖުމްލަ ނިމޭއިރަށް ރާކިން އެނބުރިލިއެވެ. އަދި
ބާރުބާރަށް ހިނގާފައި ގޮސް އާރިއާގެ ކުރިމައްޗަށް ހުއްޓިފައި ގޮނޑީގެ ދެއަތްގަނޑުގައި އަތްއަޅުވާލަމުން އޭނާ އާއި ދިމާއަށް ގުދުވެފައި ބުނަންފެށިއެވެ.
“ޒާނަ ބޭނުމެއްނުވޭ ދުވަހެއްގެކޮޅުންވެސް އަހަރެންނާއި ވަކިވާކަށް. އަހަރެން އޭނާ ދޫކޮށެއްނުލާނަން” އާރިއާގެ ލޮލާއި ލޯ ސީދާކޮށްލަމުން ރާކިންކޮށްލީ މަލާމާތެއްކަމެއް ނޫނީ އެއީ އޭނާ ދިން ދެރަ ބަހެއްކަމެއް ނިންމަން އުދަނގޫވިއެވެ. ތެދުވެ ހިންދެމިލާފައި ނިކުމެގެންދިޔައިރު އޭނާ ދައްކަން ބުނި ޔޫންގެ ވާހަކަމަތިން ހަނދާންނެތީއެއް ކަމެއް ނޫނީ އެވާހަކަ ދައްކަން އިތުރަށް ބޭނުންނުވީކަމެއް ނޭނގެއެވެ. ރާކިން ގޮސް ގެއްލުމާއެކު މޭޒުމަތީހުރި ބިއްލޫރި ބަރުނަގާ އާރިއާގެ އަތަށް ހެއުވަރުކޮށްލާފައި ދުރަށް ހޫރާލިއެވެ. ރުޅިގަދަވެގެން އޭނާގެ ލޯވެސް ފެންކަޅިވެފައި ވެއެވެ.
ރާކިން އޮފީހުން ނިމިގެން އަންނާނެއިރަކަށް އިންތިޒާރުގައި އިން ޒާނަ ތެދުވީ ބެލް ޖެހިއަޑަށެވެ. އެއީ ރާކިން ކަމުގައި އޭނާގެ ހިތް ބުންޏެވެ. ދޮރުހުޅުވާލުމާއެކު ރާކިން ފެނިފައި ޒާނަ ދުރަށް ޖެހުނެވެ. އެވަގުތު އޭނާގެ ފަހަތުން ވަދެގެން އައި މެހުމާނާ ފެނިފައި ޒާނަގެ ހިތް ސުވާލުތަކުން ފުރުނެވެ. ދެއަހަރުގެ ޔޫން ލޯބިކަމުން އޮބިނޯވެއެވެ. އެހާމެ ރީތިވެފައި ފުށްކަމެއް ހުއްޓެވެ.
“ޒާނަ. މީ ޔޫން. އަހަރެންގެ ދަރިފުޅު.” ރާކިން ތައާރަފު ކޮށްދިނެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 06