twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފޭސްބުކް ފޯނު! ހަމަ އަސްލު ވެސް އަންނަނީތަ؟

Jun 5, 2012

.

ބަދުރުއްދީން ޙަސަން

“ފޭސްބުކް ފޯނޭ. ހަމަ އަސްލު ވެސް. ކޮންއިރަކުން.” ފޭސްބުކް އަށް ދެވިހިފާފައި ހުންނަ ރައްޓެއްސެއްގެ ގާތުގައި ފޭސްބުކްގެ ފަރާތުން ފޯނެއް ނެރެން އުޅޭ ވާހަކަ ބުނުމާއެކު އަހާލިއެވެ. އެތައް މިލިޔަން ބަޔަކު ފޭސްބުކް ބޭނުންކުރުން އާދަޔަކަށް ހަދާފައިވާއިރު، ފޭސްބުކް އެނަން އިންސާނުންގެ ސިކުނޑީގައި މިހާރު ހަރުލާފައިވާތީ، ފޭސްބުކް އިން މޯބައިލް ފޯނެއް ހަދައިފިނަމަ ވައިގައި ހިފާނެ ކަމަށް ގިނަ ބަޔަކު ދެކެވެ. ފޭސްބުކް އިން ފޯނެއް ހެދުމުގެ ވާހަކަ ތުންތުން މަތިން އިވޭތާ މިހާރު ދެތިން އަހަރެއް ވެއްޖެއެވެ. ނަމަވެސް، ދާދި މިދާކަށް ދުވަހު އިވުނު ހަބަރަކުން އެއީ މާ ދުރުގައި އޮތް ކަމެއް ކަމަކަށް ނުބެލެވެއެވެ.

ނިމިދިޔަ މޭ މަހުގެ ތެރޭގައި ނިއުޔޯކް ޓައިމްސް އިން ވަނީ ވަރަށް އިތުބާރު ހުރި ގޮތަކަށް މިކަން ޔަގީން ކޮށްފައެވެ. ނިއުޔޯކް ޓައިމްސް ގައި ވެސް ނަންނުޖަހަން ޝަރުތުކޮށްފައި އެމަޖައްލާއަށް މައުލޫމާތު ދިންމީހަކު ބުނެފައިވަނީ ފޭސްބުކް ފޯނު މިއަންނަ އަހަރު ނެރޭނެކަމަށެވެ. އަދި އެކަމަށް ބާރުދޭ ހެކިތަކެއްވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ.

ފޭސްބުކްގެ މޭސްތިރި މާކް ޒުކަބާގް ދާދިފަހުން ވަނީ އެޕަލް ކުންފުނީ ގައި ކުރިން މަސައްކަތް ކުރި އިންޖިނޭރުންތަކެއް ވެސް ފޭސްބުކް އަށް ގެނެސްފައެވެ. ރިޕޯޓްތައް ބުނާގޮތުން މި އިންޖިނޭރުންނަކީ އެޕަލް އައިފޯން 1 އުފެއްދުމުގައި އިސްކޮށް އުޅުނު މީހުންތަކެވެ. އަދި އައިޕެޑް ބާޒާރަށް ނެރުމަށް އެޕަލް އިން އެންމެ ގަދައަޅާ މަސައްކަތް ކުރި ދުވަސްވަރު އެކުންފުނީގައި އުޅުނު ހައެއްކަ އިންޖިނިއަރަކު ވެސް ޒުކަބާގް ވަނީ ދަމައިގަނެފައެވެ. އެހެން ކަމުން ފޭސްބުކް އިން ފަރުދާގެ ފުރަގަހުގައި ކޮންމެވެސް ގަނޑެއްގަންނަކަން މިހާރު ވަނީ ފަޅާއަރާފައެވެ.

މެއި މަހުގެ ތެރޭގައި ފޭސްބުކް އިން ވަނީ އެކުންފުނީގެ ހިއްސާ އާއްމުންނަށް ވިއްކަން ފަށާފައެވެ. ނަމަވެސް ގިނަބަޔަކު ހީކުރި ގޮތާއި ހިލާފަށް އެ ކުންފުނީގެ ހިއްސާގެ އަގުވަނީ މޫނުމަތީ އަގަށް ވުރެވެސް ދަށަށް ވެއްޓިފައެވެ. ފޭސްބުކް އިން 38 ޑޮލަރަށް ހިއްސާ ވިއްކަންފެށި ކަމުގައި ވިޔަސް، މިހާރު ހިއްސާއެއްގެ އަގު ބާޒާރުގައި އުޅެނީ 26 ޑޮލަރަށެވެ. އެހެންކަމުން ކުންފުނީގެ އަގު ހިފެހެއްޓުމުގެ ގޮތުންނާއި ފޭސްބުކް އަށް މާލީ ފައިދާތަކެއް ހޯދަން އުނދަގޫވާނެކަމަށް ފާޑުކިޔާ ފަރާތްތަކަށް ގޮންޖަހާލުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރަން މިހާރު ވަނީ މަޖުބޫރު ވެފައެވެ.

މޯބައިލް އޯއެސްގެ މަސައްކަތް ފޭސްބުކް އިން ކުރަމުންދާއިރު، މަޝްހޫރު ބްރައުޒަރ އޮޕޭރާ ގަންނަން އުޅޭ ވާހަކަވެސް ވަނީ ފެންމަތި ވެފައެވެ. ބެލެވޭގޮތުން ފޭސްބުކް މޯބައިލް އޯއެސްގައި ބްރައުޒާއަކަށް ބޭނުންކުރާނީ އޮޕޭރާ އެވެ. ފޯނެއް ނެރެން ފޭސްބުކް އިން ވިސްނިކަމުގައި ވިޔަސް، އެޕަލްގެ އައިފޯނާއި ސެމްސަންގ ގެ ފޯނުތަކާއި ވާދަކުރަން އުނދަގޫ ވާނެކަމަށް ބެލެވެއެވެ. ނަމަވެސް ފޭސްބުކް ބޭނުންކުރާ 900 މިލިޔަން މީހުންގެ ބޯކާލަން ޒޫކަބާގް ކޮންމެވެސް ސިހުރެއް ހަދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355