twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – މޮޔަ ހިތް މަގޭ (6)

Jun 5, 2012

.

 

މަރިޔަމް ޔަސްމާ

(29 މެއި 2012 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)

“ޒާނަ. މީ ޔޫން. އަހަރެންގެ ދަރިފުޅު.” ރާކިން ތައާރަފް ކޮށްދިނެވެ. ހައިރާންވީވަރުން ޒާނަ ކުޑައިރުކޮޅަކަށް ހިމޭންވިއެވެ. އެކަމަކު އިތުރު އެއްޗެކޭ ބުނުމަކާ ނުލާ ގުދުވެފައި ޔޫން އާއި ވާހަކަދައްކަން ފެށިއެވެ.

“ޔޫންއަށް އިނގޭތަ މީ ކާކުކަން؟” ޒާނަ ޔޫންގެ ކޮލުން ދޮނެއް ނަގާފައި މޫނު ދުރުކޮށްލުމާއެކު އެ ތުއްތުކުއްޖާ ދެފަރާތަށް ބޯހޫރުވާލިއެވެ.

“މީ ޔޫންގެ ޒާނަދައްތަ އިނގޭ.” ޒާނަގެ ހިތް ޔޫންއަށްޓަކައި ލޯބިން ފުރުނެވެ. ދެވަނަ ފަހަރަށްވެސް އެ ތުއްތު މޫނުން ދޮނެއް ނަގާފައި ޔޫން ނަގާ އުރާލިއެވެ. ޒާނަގެ ފަރާތުން ޔޫންއަށްޓަކައި ގާތްކަން ފެނިގެން ދިއުމުން ރާކިން ހުރީ ހިތްހަމަޖެހިފައެވެ. ބައްޕަ އެބަ އަންނަމޭ ބުނެފައި އޭނާ އޮފީސްހެދުން ބަދަލުކުރަންވެގެން ކޮޓަރިއަށް ދިޔައެވެ. ސޯފާގައި ގެންގޮސް ބޭންދުމާއެކު ޔޫން ވާހަކަދައްކަން ފެށިއެވެ. އެ ތުއްތު ވާހަކަތަކުން ޒާނައަށް މަޖާވިއެވެ. ހަނދާނަށް އައީ ސަދާގެ އިބާންއެވެ.

ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ޔޫންގެ ހިތުން ޒާނައަށް ހާއްސަކަމެއް ލިބިގެން ދިޔައެވެ. ހަވީރު އެނބުރި ގެއަށް ގެންދަންދެން ޔޫން ގިނަ ވަގުތު ހޭދަކުރީ ޒާނަގެ ކޮޓަރީގައެވެ. ކުޅޭ އެއްޗެހިތައް އެކޮޓަރިއަށް ގެންގޮސް އަޅާލައިގެން ދެ މީހުން ކުޅެން ތިބިއިރު ޒާނަވެސް ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ދޭތެރެއަކުން ރާކިން އައިސް ބަލާލިއިރު ދެ އަންހެންކުދީން ކުޅިވަރަށް ގެއްލިފައިތިބިތަން ފެނުމުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“މަންމަ ނުބުނަމެއްނު ރާކިންގެ ދަރިއަކު ހުންނަވާހަކައެއް؟” ރާކިން ޔޫން ލާންވެގެން ދިޔަވަގުތު ޒާނަ ކޮޓަރިއަށް އައިސް މަންމައަށް ގުޅާލިއެވެ. ރާކިން އައީ ހަނީފާއަށް ފޯނެއްވެސް ދީފައެވެ.

“ނުބުނެވޭތަ؟” ހަނީފާ އާދައިގެ ގޮތަކަށް އަހާލިއެވެ. ވާހަކަދައްކަމުން ދިޔައިރުވެސް އޭނާ ދިޔައީ ކޮންމެވެސް އެއްޗެއްކަމުންނެވެ. ރާކިންމެން އައިފަހުން މިވީ ދެދުވަސް ތެރޭގައިވެސް ހަނީފާ އަންގައިގެން ރާކިން ދެފޮށިގަނޑު ފުރާ މޭވާ އާއި ޗޮކްލެޓްގެ ބާވަތްތައް ފޮނުވިއެވެ.

“އެއީ އެވަރުކަމެއް ނޫނޭ ދަރިފުޅާ. ދިރިއުޅުމެއްގައި އެކުގައި އުޅޭ ދެ މީހުންގެ ގުޅުން ރަނގަޅުވެފައި އެކަކު އަނެކަކަށް ހެވިއްޔާ ދެން އިތުރަށް ޖެހޭނެ މައްސަލައެއް ނޯންނާނެ. ދަރިފުޅު ކުރަންއޮތްހާވެސް ކަމަކީ ވީހާވެސް ގިނަދުވަހަކު ރާކިންގެ އަންބެއްގެ މަޤާމުގައި އިނދެވޭތޯ މަސައްކަތްކުރުން. ދަރިއަކު ލިބުނީމަ އަދި ތިގޭގެ ބާރުވެސް ލިބޭނެ.” ހަނީފާ ޒާނައަށް ވިސްނައިދިނެވެ.

އިތުރަށް އެއްޗެއް ނުބުނިނަމަވެސް ދަރިއެއްގެ ވާހަކަ ބުނުމުން ޒާނަގެ ހިތް ތެޅިލިއެވެ. ރާކިންއާއި އޭނާގެ މެދުގައި ގުޅުމެއްނެތް ވާހަކަ މަންމަ ކައިރީ ބުނަންވީބާވައޭ ހިތަށް އެރިއެވެ. ވިސްނާލާފައި ޒާނައަށް ބުރަވެވުނީ އިދިކޮޅަށެވެ. އެ ސިއްރު އޭނާ ބާއްވާނީ ރާކިން އާއި އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒާނަވެސް އެ އާ މާހައުލަށް ހޭނެމުން ދިޔައެވެ. މަސައްކަތްތަކުގައި މަޝްއޫލުވެ އުޅުމުން އޭނާގެ އެކަނިވެރިކަން ފިލައެވެ. މިހާރަކަށް އައިސް އޭނާ ކުރާކަމަކީ ކައްކާފޮތެއް ހޯދައިގެން އާ ވައްތަރު ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށް ތަޖުރިބާ ކުރުމެވެ. ދޭތެރެއަކުން ޔޫންވެސް އެގެއަށް އާދެއެވެ. ރާކިން އޮފީހުން ނިމިގެން ގެންނަ ކުއްޖާ ދެން ގެންދާނީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ރާކިންވެސް ޔޫންގެ ކަންތަކުގައި ޒާނައާއި ވާހަކަދައްކައެވެ. މިނޫނަސް ޒާނަ ހުރީ ކައިގެންތޯ ބަލައި އޭނާގެ ހާލު އަހުވާލު އޮޅުންފިލުވައެވެ. އެ ދެމެދުގައި މާ ގާތް ގުޅުމެއްނެތަސް ޒާނައަށް ރާކިންގެ މިޒާޖު މިހާރު ހިސާބަކަށް ދަސްވެފައިވެއެވެ. އަމިއްލަ ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އޭނާ އިސްކަންދެނީ އަދާކުރާ ވަޒީފާއަށެވެ. ވިޔަފާރިއަށެވެ. ގަޑިއަށް ފަރުވާތެރިވުމަކީ އޭނާ ކޮންމެހެން ކުރާކަމެކެވެ. ތިމާމީހާ ނުކައި ހުއްޓަސް މަސައްކަތަށް ބުރުލެއް އެރިއަކަނުދޭނެއެވެ. ކުރަން ނިންމައިފި ކޮންމެ ކަމެއް ކޮށްފަނޫނީ ހުއްޓާނުލުމުގެ އާދައާއިއެކު ރާކިން އަކީ ގޮންޖެހުންތަކަށް ކުޑަވެސް ޖެހިލުންވުމެއް ހުންނަ ޒުވާނެއް ނޫނެވެ. އެއްވެސް ކަމަކާއިމެދު ގޮންޖެހުމަށް ކުރިމަތިވެއްޖެނަމަ އެކަމެއް ހާސިލްކުރުމަކީ އޭނާގެ ވާޖިބަކަށް ވެދެއެވެ.

އާދުވަހަކަށް އިރުއަރައިގެން އައިއިރު އާދައިގެމަތިން ޒާނަ ބަދިގޭގައި އުޅެއެވެ. ރާކިން އޮފީހަށްދާން ތައްޔާރުވެގެން ނިކުންނަންވާއިރަށް އޭނާ ތައްޔާރުކުރި ކޮފީޖޯޑުން އެއްބައި ބުއިތަނާ ފޯނެއް އައިސްގެން އޭނާ ނިކުންނަން ދިޔައެވެ. އެވަގުތު ބަދިގެއަށް ވަންނަން ދިޔަ ރޫބީ ފެނިގެން ރާކިން ހުއްޓިފައި ގެސްޓްރޫމް ތައްޔާރުކޮށްލާފައި ބެހެއްޓުމަށް ހަނދާންކޮށްދިނެވެ. ޒާނައަށްވެސް އެއަޑު އިވުނެވެ. އޭނާ ސުވާލުކުރީ ރާކިން ނިކުމެގެން ދިޔަފަހުންނެވެ.

“ރާކިން ކީއްކުރަން ގެސްޓްރޫމް ތައްޔާރުކުރަން އެބުނީ؟ އަނެއްކާ މީހަކު އަންނަނީތަ؟” ޒާނަ މަސައްކަތް ނިންމާފައި އަތް ދޮވެލައިގެން ރޫބީއާއި ކުރިމަތިލިއެވެ. ރޫބީ ބޯޖަހާލާފައި އައިސްއަލަމާރިއާއި ދިމާއަށް ދިޔައެވެ.

“ކޮންރަށެއްގެ ކާކު އަންނަނީ؟ އެކީއްކުރަން އަނެއްކާ؟” ޒާނަ ހުރީ އޮޅުންފިލުވާ ހިތުންނެވެ.

“ހަންޏާމީދޫގައި އުޅޭނެ ވަސީމައްތަގެ އެއްބަނޑު އެއްބަފާ އަންހެނެއް. އޭނާގެ ދަރިފުޅު މިސްކު ކޯހެއްހަދަންވެގެން މިކޮޅަށް ބަދަލުވަނީ.” ރޫބީ ޖަވާބުދީފައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. ޒާނަ އިތުރަށް ސުވާލެއް ނުކުރެއެވެ. އެކަމަކު އޭނާ ދިޔައީ އެކަމާއި ވިސްނަމުންނެވެ. މިސްކު އަކީ ކޮންމިޒާޖެއްގެ ކޮންކަހަލަ މީހަކަށްވާނެބާވައޭ ހިތަށް އެރިއެވެ.

ގޮނޑީގައި ބުރަކަށި ޖައްސާލައިގެން އިން ރާކިންގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަންހުރި އާރިއާގެ ކެބިންއަށެވެ. ހުދު ބިއްލޫރިތަކުގެ ފުރަގަހުގައި އިން އާރިއާގެ ހަރަކާތްތަކަށް އޭނާ ބަލާތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. އެމޫނުން މިއަދު ފެންނަނީ ތަފާތު އަސަރެކެވެ. ދެފަހަރެއްގެ މަތިން ފާޙާނާއަށް ވަދެފައި ނިކުތްތަން ފެނުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ރާކިންގެ ހިތް ބުނަނީ އާރިއާގެ ހާލު ރަނގަޅު ނޫންކަމުގައެވެ. ދެފިކުރެއްގައި އިނދެގެން ދެ އިނގިލިދޭތެރޭ ގަލަން ތަޅުވަ ތަޅުވާފައި އޭނާ އެންމެފަހުން ތެދުވިއެވެ.

“ސަރ. އަރްޝޫދްއާއި އޭނާގެ ބައިވެރިން އައިސް އެބަތިބި. މީޓިން ފައްޓަން ބުނި ގަޑިވެސް ވަރަށްކައިރިވެއްޖެ.” ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ރާކިންގެ ޕީއޭ އަހުމަދެވެ.

“އެމީހުން އެތެރެއަށްވައްދާ.” ރާކިން ހިޔާލު ބަދަލުކޮށްލާފައި އަނެއްކާވެސް ގޮސް ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. މީޓިން މަތިން އޭނާ ހަނދާން ނެތުނީއެވެ. އަހުމަދު ނިކުމެފައި ދެން ވަތްއިރު ފަހަތުން އަރްޝޫދުއާއި އޭނާގެ ދެ ބައިވެރިން ވަނުމާއެކު މީޓިން ފެށިއްޖެއެވެ. މަޝްވަރާތަކުގައި ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައެވެ. އެކަނިވުމާއެކު ރާކިންގެ ނަޒަރު ފުރަތަމަވެސް ދަތުރުކުރީ އާރިއާގެ ކެބިންއަށެވެ. އެވަގުތު އޭނާ ހައިރާންވެއްޖެއެވެ. އާރިއާއެއް އެތާކު ނެތެވެ. އޭނާ އަނެއްކާވެސް ފާޙާނާއަށްވަނީ ކަމަށް ހީކޮށްގެން ރާކިން އިރުކޮޅެއްވާންދެން އިންތިޒާރުކުރިއެވެ. ގިނައިރު ވާންފެށުމުން ރާކިންއަކަށް ނީނދެވުނެވެ. އާރިއާ ގެއަށްދިޔަކަން އޭނާއަށް އެނގުނީ އެކެބިންއަށް ވަދެފައި ނިކުންނަނިކޮށް އެހެން މުވައްޒަފަކަށް ފެނިގެން އެވާހަކަ ބުނީމައެވެ. އާރިއާއަށް ކަމެއްދިމާވީ ބާވައެވެ؟ ރާކިންގެ ހިތުން އަޑުއައެވެ.

އަހުމަދަށް ގުޅާލާފައި ބޭރަށް ދާވާހަކަ އަންގާލަމުން ރާކިން ބާރުބާރަށް ހިނގާފައި ގޮސް ބޭރަށް ނިކުތެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ނަގާނުލާ އޭނާ ސައިކަލަށްއަރާފައި އާރިއާގެ އެޕާޓްމަންޓާއި ދިމާއަށް ދާން މިސްރާބުޖެހިއެވެ.

ޔޫން އިނީ ސިޓިންރޫމްގައި ކާޓޫން ސީޑީއެއް ބަލާށެވެ. ރާކިން ގޮސް ކައިރީގައި އިށީންދެފައި އެކުޑަކުޑަ ބޮލުގައި އަތްބާއްވާލަމުން ވަށައިގެން ހޯދާލިއެވެ.

“ޑެޑީ. ޑެޑީ!” ޔޫން ސޯފާމައްޗަށް ކޮޅަށް ތެދުވެފައި ރާކިންގެ ކަރުގައި ދެއަތްއަޅުވާލިއެވެ.

“ކޮބާ ދަރިފުޅުގެ މަންމަ؟” ރާކިން ސުވާލުކޮށްލީ ވަރަށް މަޑުންނެވެ.

“މަންމި އޮފީހުގަ.” ޔޫންގެ ޖަވާބުން ރާކިން ސިހުނެވެ. އެތުއްތު މޫނަށް އޭނާ ބަލައިލީ ޤަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. ރާކިންއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބޭރު ދޮރުހުޅުވުނު އަޑުއިވުނެވެ. އޭނާގެ ނަޒަރު އެދިމާއަށް ދަތުރުކުރި ވަގުތު ފެނުނު މަންޒަރަކުން ކޮޅަށް ތެދުވެވުނީ އަމިއްލަ އިޙުތިޔާރަކާނުލައެވެ. އާރިއާގެ ފަހަތުން އެތެރެއަށް ވަދެގެން އައި ޒުވާނާއަށްވެސް ރާކިން ފެނިފައި ހުއްޓުނެވެ. އާރިއާއަށް ރާކިން ފެނުނީ އަދި އޭގެ ފަހުންނެވެ.

“އަހަ ރާކިން!” މިގަޑީގަ…” އާރިއާގެ ޖުމްލަ ފުރިހަމަކޮށްލާނެ ވަގުތެއްވެސް ނުދީ ރާކިން އެދިޔަބާރުމިނުގައި ގޮސް ބޭރަށް ނިކުމެއްޖެއެވެ.

“އެޑަމް ޕްލީޒް!” އާދަމް ރާކިންގެ ފަހަތުން ދާންވެގެން އުޅެން ފެށުމުން އާރިއާ އޭނާގެ އަތުގައިހިފާ ހުއްޓުވިއެވެ. އާދަމް އިތުރު އެއްޗެއް ނުބުނިނަމަވެސް އޭނާގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވިއެވެ. ޔޫން މަންމައޭ ގޮވަމުން އައިސް އާރިއާގެ ދެފައިގައި އޮޅުލައިގަތުމާއެކު އެކުއްޖާ ނަގާ އުރާލައިގެން އާރިއާ އެތެރެއަށް ދާންފެށުމާއެކު އާދަމްވެސް ފަސްފަހަތުން ހިނގައިގަތެވެ.

އެނދުމަތީ ޔޫން ބައިންދާފައި ކުލަޖައްސާ ފޮތާއި ކުލަފޮށި ނަގައި ކައިރީގައި ބާއްވާލަމުން އާރިއާ ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްގެން ނިކުތެވެ. އޭރު އާދަމް އިނީ ސޯފާގައި އިށީންދެ އިސްޖަހާލައިގެން ވިސްނުމަކަށް ގެއްލިފައެވެ.

“އާރިއާ. އަހަރެންނަށް މިހާރު ކެތްވާވަރެއް ނޫން. ރާކިން އެގޮތަށް ފުއްޕާފަ އުޅޭގޮތް ފެނުނީމަ ރުޅިއައިސްގެން ދިމާއަށް ހުރިހާވާހަކައެއް ގޮވާލަފާނަމޭ ހިތަށްއަރަނީ. ކިހާދުވަހަކުތަ ތިގޮތަށް ހަޤީޤަތް ފޮރުވައިގެން އުޅޭނީ؟ އާރިއާ ބޭނުމެއްނުވޭތަ އަލުން ރާކިންގެ ހަޔާތަށް އެނބުރިދާކަށް؟ ކިހިނެތްވެފަ ތިހުންނަނީ؟ އަހަރެން ހަމަ އަޖައިބުވެއްޖެ.” އާދަމް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ކައިވެންޏެއް ދެމިއޮންނާނީ ލޯތްބާއި އެއްވަރަށް ދެމީހުންގެ މެދުގައި އިތުބާރުވެސް އޮވެގެން. ރާކިން އަހަންނަށް އިތުބާރުނުކުރާހާ ހިނދަކު މަވެސް ބޭނުމެއްނުވޭ އޭނާގެ ހަޔާތަށް އެނބުރިދާކަށް.” އާރިއާ ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ.

“އިތުބާރުކުރިއަސް ކުށްހީއެއް ކުރެވިދާނެ. އާރިއާވެސް ޖެހޭނީ އެކަން ޤަބޫލުކުރަން. އެ ދުވަހު ރާކިންގެ މަޤާމުގައި އާރިއާ ހުރިނަމަވެސް ކަންތައްވާނީ އެގޮތަށް.” އާދަމް މަސައްކަތްކުރީ އާރިއާއަށް ވިސްނައިދޭށެވެ.

“އެ ދުވަހު އެ މަޤާމުގައި އަހަރެން ހުރިނަމަ އެންމެ ފުރަތަމަ ކަމަކަށް ސުވާލުކުރާނީ. އެގޮތަށް ކަމުގެ ދެކޮޅު ނުބަލައި އައިސް ހެއްދެވި ނުހެއްދެވިއަށް ގޮވައި ގުޅުން ކަނޑައެއް ނުލާނަން. އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ ރާކިން އެ ދުވަހު ކީ އެއްޗެހި. އެންމެ ސިކުންތެއްގެ ތެރޭގައި އަހަރެންނާއި ރާކިންގެ މެދުގައި ވެދިޔަ ހުރިހާކަމަކީ އެއްވެސް އަގެއްނެތް ކަންތައްތަކަށް ހަދާލައިފި.” އާރިއާގެ އަޑު ކުރެހުނެވެ.

ލޮލުން ކަރުނަހިލެން ތައްޔާރުވުމުން އޭނާ ގަދަކަމުން ހިންދިރުވާލާފައި ސައިޑް ޓޭބަލްމަތީ ހުރި ބިއްލޫރި ޖަގުން ފެންތައްޓެއް އަޅާފައި ބޯންފެށިއެވެ.

“މިހާރު އޭނާ ދެވަނަ ކައިވެންޏެއްވެސް ކުރީ. އަދިވެސް ވަގުތު އެބައޮތް. ދެވަނަ ދަރިއަކު ނުލިބެނީސް ހަޤީޤަތް ކިޔައިދީ އާރިއާ. ރާކިން އަދިވެސް ޤަބޫލުކުރާނެ. އަހަރެންނަށް އެނގޭ އޭނާ އާރިއާދެކެ ލޯބިވާކަން.” އާދަމް ރާގު ބަދަލުކޮށްލިއެވެ.

“އެކަމަކު އަހަރެންނަށް މިހާރު ޝައްކު ރާކިން އަހަރެންދެކެ ލޯބިވާކަމާއިމެދު.” އާރިއާ ހިޔާލީ ދުނިޔެއަކަށް ގެއްލެމުން އިއްވާލިއެވެ.

ބެލް ޖެހިއަޑަށް ދޮރާއި ދިމާއަށް ދާން ތެދުވި ޒާނައަށް ފެނުނީ އެތެރެއަށް ވަދެގެން އައި ރާކިންއެވެ. ފަހަތުގައި ރޫބީ ހުއްޓެވެ. ޔޫން އާއި ބެހޭގޮތުން އަހާލާނަމޭ ހިތައި އަނގަހުޅުވާލަން އުޅެފައިވެސް އޭނާގެ މޫނު ފެނިގެން ޒާނަގެ އަނގަ ބަންދުވީއެވެ. ހަމަހިމޭންކަމާއި މަޑުމައިތިރިކަމުގައި އޭނާ ދެކޭ ރާކިންގެ މޫނުމަތިން މިއަދު ފުރަތަމަ ފަހަރަށް ރުޅިވެރިކަން ފާޅުވާން ހުރުމުން އޭނާ ޖެހިލުންވީއެވެ. ރާކިން ގޮސް ލޯމަތިން ގެއްލޭންދެން ޒާނަ ގުޑިލަން ނުކެރިފައި ބުދެއްހެން ހުއްޓެވެ.

ކޮޓަރިއަށްވަދެ ދޮރުޖަހާފައި ރާކިންގެ ކަރުގައި އޮތް ޓައީ ނަގާ އެނދުމައްޗަށް އެއްލާލަމުން ގަމީހުގެ މަތީ ދެގޮށްވެސް ނައްޓާލިއެވެ. ފަސްވަރަކަށް މިނިޓްވާންދެން އޭނާ ކުރިހާވެސް ކަމަކީ ދެކޮޅަށް ދެކޮޅަށް ހިނގުމެވެ. ބައެއްފަހަރު މުށްކަވާފައި ފާރުގައި ބޮނޑިއެއް އަޅާލައެވެ. އަނެއްބައި ފަހަރަށް ދެ އަތްނަގާ ބޮލުގެ އިސްތަށިގަނޑު ތެރެއަށް މަހާލާފައި ތިރިކޮށްލައެވެ. އެމޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގި ޔަޤީންވާނެ ކަމަކީ ރާކިންގެ ސިކުނޑީގައި ހައިޖާނު އުފައްދަމުން އެދަނީ އާދައިގެ ކަމެއް ނޫންކަމެވެ. އެއްލި ކަޅިއަކުން އޭނާއަށް ޑްރެސިންޓޭބަލް މަތީ އޮތް ސިގިރޭޓް ފޮށި ފެނިފައި އެދިމާއަށް ދާން ހިނގައިގަތެވެ. އެއްއަތުން އަޅިކެނޑި އާއި ސިގިރޭޓް ފޮށި އަދި އަނެއް އަތުން ލައިޓަރ ހިފައިގެން ބެލްކަންޏަށް ނިކުމެފައި ރާކިން ގޮސް އެތާހުރި މޭޒުދޮށުގައި އިށީންދެއްޖެއެވެ. އަވިދީފައި އޮތެއްކަމަކު ކުޑަޖަހާފައި ހުރުމުން ރާކިން އިން ގޮނޑިއަށް ހިޔާވެފައިވެއެވެ. ދުރުބަލަހައްޓައިގެން އިނދެ ފަހަރަކު ސިގިރޭޓެއް ރޯކޮށްފައި އެހުލިވާންދެން ބޮއެ ނިމުމުން އޭނާ އަނެއް ސިގިރޭޓް ރޯކޮށްލައެވެ.

ޒާނަ ބޭރުގައި އިންދާ އަނެއްކާވެސް ބެލްޖެހިއެވެ. ކާކޮޓަރީގައި އުޅުނު ރޫބީ އަވަސްއަރުވާލާފައި ނިކުމެގެން އެދިމާއަށް ދާތަން ފެނުމުން ޒާނަ ނުތެދުވެ އިނެވެ. އިސްޖަހާލައިގެން އިންއިރު އޭނާއަށް ވިސްނެނީ ރާކިން ރުޅިއަންނަންވީ ސަބަބަކާއި ދޭތެރޭގައެވެ. އެތެރެއަށް އެވަތް މީހަކާއި ރޫބީ ދެއްކި ވާހަކަ އޭނާގެ ކަންފަތާއި ހަމައަށް ފޯރިނަމަވެސް ސާފުނުވީ އެހެންވެގެންނެވެ. ޓައިލްސްމަތީގައި ސޫޓްކޭސް ބެހެއްޓި އަޑާއިއެކު އޭގެ އަތްގަނޑު ދަމާލި އަޑު އިވުނެވެ. އޭރުވެސް ޒާނަ އިނީ އިސްޖެހި ގޮތަށެވެ.

“ގެނޭ ސޫޓްކޭސް. އަހަރެން މައްޗަށް އަރުވައިދޭނަން. މިސްކުގެ ކޮޓަރި ހުންނާނީ ސިޑިން އަރާއިރު ދެވަނައަށް.” ރޫބީ ބުނެލިއެވެ. ޒާނަގެ ކަންފަތަށް އެއަޑު އިވުމާއެކު ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ސިހިގެން ދިޔައެވެ. މިސްކު އައީ ހެއްޔެވެ؟ ޒާނަގެ ހިތަށް ވެރިވެގެންދިޔަ ކުއްލި އުފާވެރިކަމަކީ އާމެހުމާނަކާއި ފުރަތަމަ ފަހަރަށް ބައްދަލުކުރާހިތުން އުފެދިފައިވާ ޝައުޤުވެރިކަމެވެ. އަބަދުމެ އެތައްބަޔަކާއި ފެނިދެނިވެއުޅޭ މާހައުލެއްގައި ހަޔާތުގެ ބޮޑުބައި ހޭދަކުރުމަށްފަހު މާލެ އައިފަހުން އޭނާއަށް ފެންނަނީ ހަމައެންމެ ތިންމީހުންގެ މޫނެވެ. މިސްކު އަންނަން ޚަބަރު ލިބުނީއްސުރެ އޭނާ އެހުންނަނީ ބައްދަލުކުރާ ހިތުންނެވެ.

ޒާނަ އިސްއުފުލާލިއިރު މިސްކު ސިޑިން އަރަނީއެވެ. ކޮނޑުގައި އަޅުވާފައިވާ ބޮޑު ދަބަހާއިއެކުވެސް އޭނާގެ ބާމަތިފުޅާ ބިޔަހަށިގަނޑު ޒާނައަށް ފާހަގަކުރެވުނެވެ. ހާއްސަގޮތެއްގައި އަތްކުރުގަމީހުގެ ތެރެއިން ފާޅުވާންހުރި ދެއަތުގެ މަސްތައް ހަރުވެފައި ވަރުގަދަވާނެކަމަށް ދައްކައެވެ. އަވަސްއަވަހަށް ތެދުވެފައި ހިނގައިގަނެވުނު ގޮތަކުން ޒާނަގެ ކަކޫޖެހުނީ ސޯފާތަކުގެ މެދުގައި ހުރި ކުޑަމޭޒުގައެވެ. އެވަގުތު އެމޭޒުމަތީ ހުރި މާވަށިގަނޑުވެއްޓި ކުދިކުދިވެގެން ދިޔައަޑަށް މިސްކު ހުއްޓިފައި ފަސްއެނބުރި ބަލާލިއެވެ.

(ނުނިމޭ)

މޮޔަ ހިތް މަގޭ 07

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355