.
ބަދަރުއްދީން ޙަސަން
ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ކަސްރަތު ކުރަން ޖެހޭނީ ފަލަކޮށް ތިބޭ މީހުންނެވެ. އަދި ހިކިކޮށް ހުންނަ މީހަކު ކަސްރަތު ކުރަން ދުވަންދާ ވާހަކަ ބުނާއިރަށް ޖޯކު ޖެހި އިރެއްވެސް ދިޔައެވެ. ނަމަވެސް މިހާރު މީހުންގެ ހޭލުންތެރިކަން އިތުރުވެ ކަސްރަތު ކުރުމަކީ ކޮންމެ މީހަކުވެސް ކުރުން މުހިއްމު ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ނަމަވެސް އަދި ވެސް އަހަރެމެން ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއް އެބައޮތެވެ. އެއީ ކަސްރަތު ކުރުމަކީ ހަމައެކަނި ބޮޑެތި މީހުން ކުރަން ޖެހޭ ކަމެއް ނޫނެވެ. ކުޑަކުދިންނަށް ވެސް ކަސްރަތު ކުރުމުގެ މުހިއްމުކަން ބޮޑެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ސާވޭ އަކުން ދެއްކި ގޮތުގައި 12 އަހަރާއި 15 އަހަރާއި ދޭތެރޭ އުމުރުގެ 17 އިންސައްތަ ފިރިހެން އަދި 16 އިންސައްތަ އަންހެން ކުދިންނަކީ މާބަރުކޮށް ތިބޭ ކުދިންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއީ ފަލަކުދިންނެވެ. ކުޑަކުދިންގެ ތެރެއިން ހަތަރު ބައިކޮށްގައި ތިން ބައިކުދިންނަކީ އެގައުމުގައި ދުވާލަކު އެއްގަޑިއިރުގެ ކަސްރަތު ނުލިބޭ ކުދިންނެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް ބަލާއިރު، ކަސްރަތު ލިބޭ ފަދަ ކުޅިވަރުތަކަށް ކުދިން ދަނީ ދުރުވަމުންނެވެ. ކޮމްޕިއުޓަރު ގޭމްތަކާއި ޓީވީ ގޭމްތައް މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ވެފައިވުމުން ކަސްރަތު ލިބޭފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރުވަމުންނެވެ. ސަބްމެރިން އާއި ބާރގާ ފަދަ ބާވަތްތަކަށް ކުދިން އަންނަނީ ލޯބިޖެހި ދެވިހިފަމުންވެ.
އެހެން ކަމުން ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމަށްޓަކައި، ކަސްރަތު ކުރުވަން އާދަކުރަން ޖެހެއެވެ. ތިމާގެ ދަރިފުޅު ފަލަވެ ފަޓުލޫނު ސައިޒު ހެޔޮވަރު ކުރަން އުނދަގޫވާ ހިސާބަށް ނުދަނިސް ކޮންމެވެސް ކުޅިވަރެއްގައި އެކުދިން މަޝްއޫލު ކުރުވާށެވެ.
ކަސްރަތު ކުރުމުން ލިބޭ ޖިސްމާނީ ފައިދާ ތަކުގެ އިތުރުން އެހެން ފައިދާ ތައް ވެސް ކުދިންނަށް ލިބެއެވެ. ސުކޫލުގައި ފިލާވަޅު ދަސްކުރުމާއި އިމްތިހާނު ތަކުގެ ސަބަބުން ލިބޭ ބޮލުގައި ރިހުންތައް ފިލުވާލައި ކަމަކަށް ކަސްރަތު ވެއެވެ. އަދި ތިމާގެ ދަރިފުޅަށް އިތުރު ރަހްމަތްތެރިން ހޯދުމަށްވެސް ކަސްރަތު އެހީތެރިވެއެވެ. އަދި ކިޔެއް ހެއްޔެވެ. ކަސްރަތު ކުރުމުގެ ތެރެއިން ކުދިންގެ ގައިގައި ހުންނަ ޓެލެންޓްތަކާއި ހުނަރުތައް ފެނިގެން ދެއެވެ. އެހުނަރުތައް ދެނެގަނެވިއްޖެ ނަމަ އެކަންކަން ތަރައްގީ ކޮށްގެން ތިމާގެ ދަރިފުޅު މޮޅު އެތުލީޓަކަށްވެސް ހެދިދާނެއެވެ.
ކުޑައިރުން ފެށިގެން ތިމާގެ ދަރިފުޅަކީ ކަސްރަތު ކުރުމަށް ލޯބި ޖެހިގައި ހުރި ކުއްޖަކަށް ހެދިއްޖެނަމަ، ބޮޑު ވުމުން ވެސް އެއާދަތައް ހިފަހައްޓާނެއެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ފަލަވުމުން ދިމާވާ އެހެން މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވާނެއެވެ. ހިނގަންދަމުން ދަރިންވެސް އެކީގައި ގެންދާށެވެ. އަދި ފަތަންދާނަމަ ފަތަން ވެސް ގެންދާށެވެ.