twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – މޮޔަ ހިތް މަގޭ (8)

Jun 19, 2012

މަރިޔަމް ޔަސްމާ

(ޖޫން 12 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ފައިގެ ކަށިމައްޗާއި ހަމައަށް އަންނަ ހުދު ބާތްރޯބްގައި ހުރިއިރު އާރިއާގެ ކަނދުރާގެ ތިރިއަށް އަންނަ ފަން އިސްތަށިގަނޑުން ފެނުގެ އަސަރު ފާޅުވެއެވެ. މަޑު ފިޔާތޮށި ކުލައިގެ ދެ ތުންފަތުގައި ތުރުތުރެއް ހުއްޓެވެ. ނިއްކުރިމައްޗަށް ވާގޮތަށް ކޮށާލެވިފައިވާ އިސްތަށިކޮޅު އޮތީ އެއްފަރާތުން ލޯމައްޗަށް ނިވާއަޅައިފައެވެ. ރާކިންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެތައް ދުވަހަކަށްފަހު އާރިއާ އެސިފައިގައި ފެނުމުން ހިތުގެ ތެޅުން އަވަސްވެލިއެވެ. ޚުދު އާރިއާގެ ހާލަކީވެސް މިއެވެ. ރުޅިއައިސްގެން އެއްޗެހި ގޮވައިގަންނަން އައި މީހާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

“ޑެޑީ!” ތަނުގެ ހިމޭންކަން ނަގާލީ ކޮޓަރިން ނިކުތް ޔޫންއެވެ. އެކުއްޖާ އާފުރިލާފައި ދެ ލޯ އުނގުޅަމުން ކައިރިވެލުމާއެކު ރާކިންގެ ހުރިހާ ސަމާލުކަމެއް ޔޫންއަށް ހުއްޓާލަމުން އެ ދަރިފުޅު ނަގާ އުރާލިއެވެ. އާރިއާ އަވަސްއަވަހަށް ލޯކައިރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތުން ކަންފަތް ކައިރިއަށް ލައްވާލާފައި ދާން އުޅުނެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ ރާކިން އަނެއްކާވެސް ގޮވާލުމުންނެވެ. އެކަމަކު ރާކިން ފުރަތަމަ ވާހަކަދެއްކީ އުރުގައި އިން ޔޫންއާއެވެ.

“ގިފްޓް ދުށިންތަ؟ އެއީ ފުރަތަމަ ގިފްޓް އިނގޭ. އަދި އިތުރަށް ދެ ގިފްޓް އޮންނާނެ.” ޔޫން ވަރަށް ހެވިފައި ރާކިންގެ ކަރުގައި ދެއަތް އަޅުވާލައިގެން އިނެވެ.

“ހަތަރެއް ޖަހާއިރަށް ޔޫން ތައްޔާރުކޮށްގެން ގެއަށް ގެންދާތި! އެހާއިރަށް ޕާޓީ އޮންނާނީ ތައްޔާރުވެފަ.” ރާކިން ޔޫންގެ މޫނުން ދޮނެއް ނެގިއެވެ.

“ދެން އަހަރެން ތައްޔާރުކުރަން މިއުޅޭ ޕާޓީއޯ؟” ފަސްއެނބުރުނުއިރު އާރިއާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ.

“ކީއްކުރަން ރޭވި ޕާޓީއެއް؟ އާރިއާއަށް އެނގެއެއްނު ޔޫންގެ ކޮންމެ އުފަންދުވަހެއް އަހަރެމެން ފާހަގަކުރަނީ ގޭގައިކަން. ކުޑަމިނުން އަހަރެން ކައިރީ އަހާލިނަމަ. ދެން އަވަހަށް ކެންސަލްކުރޭ!” ރާކިން ބަލަހައްޓައިގެން ހުރީ ޔޫންގެ މޫނަށެވެ.

“ދަރިފުޅު ދޭބަލަ ބްރަޝްކުރަން. ހެނދުނު ހޭލައިގެން ބްރަޝްނުކޮށް ގިނައިރުވީމަ އެނގެއެއްނު ވާނެގޮތް.” އާރިއާ ކައިރިވެލާފައި ޔޫން އުރާލަމުން ނިކަން ލޯއްބާއިއެކު ވިސްނައިދިނެވެ.

“އޭރުން ދަތްފަނިކާނީ.” ޔޫން ޅަވެލާފައި ޖަވާބުދިނެވެ. އަދި އަވަސްއަވަހަށް ތިރިއަށް ސޮހިގަންނަން އުޅެންފެށުމުން އާރިއާ އެކުއްޖާ ތިރީގައި ބެހެއްޓުމާއެކު އަވަހަށް ކޮޓަރިއަށް ވަދެއްޖެއެވެ.

“ރާކިން. މީގެ ކުރިން ޔޫންގެ ޕާޓީ ގޭގައި ބޭއްވިއަސް. އޭރާއި މިހާރު ތަފާތު. މިފަހަރު އަހަރެން ބޭނުންވަނީ ޔޫންގެ އުފަންދުވަސް އަހަރެންނާއިއެކު ފާހަގަކުރަން.” ކޮޓަރީގެ ދޮރުލައްޕާލާފައި އާރިއާ ރާކިންއާއި ކުރިމަތިލިއެވެ.

“އަހަރެން ނުބުނަމެއްނު ވަކިން ފާހަގަކުރާ ވާހަކައެއް. އާރިއާ އެޕާޓީއަށް ދިއުން މަނާކުރާނެ އެއްވެސް ފަރާތެއް ނާންނާނެ.”ރާކިން ވަގުތުން ރައްދުދިނެވެ.

“ހެޔޮ މިބުނީއެއްނު ޕާޓީ ބާއްވާނީ މިގޭގައޭ. ބަލަ އެއީ މަގޭވެސް ދަރިއެކޭ. މަށަށްވެސް ކޮންމެވެސް މިންވަރެއްގެ ބާރަކާއި ހައްޤުތަކެއް އޮންނާނެއެއްނު އެދަރިފުޅުގެ މައްޗަށް.” އާރިއާ ބޭނުންގޮތް ނުވެދާނެހެން ހީވުމުން އޭނާ އިސްކުރީ ރުޅިއެވެ. އަނެއްކޮޅުން ރާކިންވެސް ރުޅިއަތުވެއްޖެއެވެ. އެކަމަކު އޭނާ މަސައްކަތް ކުރީ އެކަން ނުދައްކާވޭތޯއެވެ.

“އާރިއާ ޕްލީޒް! އަހަރެމެން ދެމީހުން މެދުގައި ވެފައި އޮތް ކަމަކާއި ޔޫންއާއި ނުގުޅުވަބަލަ!” ދެއަތްތިލަ ޖިންސްގެ ޖީބުތެރޭގައި ފޮރުވައިގެންހުރެ މުށްކަވާލަމުން ރާކިން ބުނެލިއެވެ. އެއަޑުގައި ވީ މަޑުމައިތިރި ކަމެވެ.

“އެގެއެއްގެ ހަތަރުފާރުތެރޭގައި އަހަރެންނަށް ޖާގައެއް ނެތް ތާކަށް ކީއްކުރަން ދާންވީ؟” އާރިއާ އެންމެފަހުން ނުބުނަން އުޅުނު ވާހަކަވެސް އިއްވާލިއެވެ. އޭނާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ރާކިންއަށް ލިބުނީ އަޖައިބެއްކަހަލަ އުފަލެކެވެ. އޭނާގެ ދެވަނަ ކައިވެނިން އާރިއާއަށް ކޮންމެވެސް މިންވަރެއްގެ އަސަރެއް ކޮށްފިކަން ޔަޤީނެވެ. ސިއްރުން ހިނިތުންވެލާފައި ހަމައެސިކުންތުގައި ރާކިންގެ މޫނަށް ސީރިއަސް ކުލަވަރު ގެނައެވެ.

“އެހެން ތަނެއްގައި ބާއްވައިގެން އަހަރެން ތިޕާޓީއަކަށް ނުދާނަން. އޭނާގެ މަންމައާއިއެކު ފާހަގަކުރަންޏާ އަހަރެން އެދޭގޮތަށް ކަންތައްކުރަން ޖެހޭނީ. ދެން ގޮތެއް ނިންމާނީ ރާކިން.” ދޮރާއި ހަމައަށް ގޮއްސައި އާރިއާ އިއްވާލިއެވެ. އެތެރެއަށް ވަނުމުގެ ކުރީން އޭނާ އެންމެފަހަރަކުވެސް ފަސްއެނބުރި ބަލައެއްނުލިއެވެ. އަދި ރާކިންވެސް އާރިއާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ގަޑިން ވީއިރެއް ބަލާލާފައި އޭނާ މިސްރާބުޖެހީ އެގެއިން ނިކުންނާށެވެ.

ބެލްޖަހާއަޑަށް ޒާނަ ގޮސް ދޮރުހުޅުވާލިއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިމަތީގައި ތިބީ ނުދަންނަ ބައެކެވެ.

“ނެލްސަން ޑެކަރޭޝަންސްގެ ފަރާތުން އައި ބައެއް ދޯ؟” ޒާނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ރޫބީ އައިސް ފަހަތުގައި ހުރެފައި އެމީހުންނާއި ސުވާލު ކުރިއެވެ.

“ވަދޭ އެތެރެއަށް! ރާކިން ބުނުއްވި އަންނަ ވާހަކަ.” އެތަނުން އެކަކު ބޯޖަހާލުމާއެކު ރޫބީ އެމީހުންނަށް ވަނުމުގެ ހުއްދަ ދިނެވެ. އެމީހުން ވަންނަން ތަން ދައްކާފައި ދުރަށް ޖެހިލި ޒާނަ ހުރީ އަދިވެސް ހައިރާންވެފައެވެ. ހިތަށް އެރިއެވެ. އަނެއްކާ މިއަދު މިގޭގައި ކޮން ކަންތައްގަނޑެއް ހިނގަންއުޅޭ ދުވަހެއް ބާވައެވެ.

ރާކިން އެނބުރި އައިސް ތައްޔާރުވެގެން އަނެއްކާ އޮފީހަށް ހިނގައްޖެއެވެ. ސައިމޭޒު ދޮށުން ބައްދަލުވެގެން ސުވާލު ކުރުމުން ޔޫންގެ ޕާޓީގެ ވާހަކަ ރާކިން ބުނެދިނެވެ. އެވަގުތުން ފެށިގެން ޒާނަވެސް އިންތިޒާރުކުރަން ފެށިއެވެ. އެކަމަކު އޭގެކުރިން ޔޫންއަށް ކޮންމެވެސް ހަދިޔާއެއް ގަންނަން ޒާނަ ބޭނުންވިއެވެ. ޒާނަ ކަންބޮޑުވިއެވެ. ރޫބީވެސް އުޅެނީ ޕާޓީ ތައްޔާރުކުރާ މީހުންނާއި ބައިވެރިވެގެންނެވެ. މާލޭގައި ދުވަސްތަކެއް ހޭދަވެގެން ދިޔައެއްކަމަކު އޭނާއަށް އެއްވެސް ތަނެއް ދަހެއްނުވިއެވެ. ހަދިޔާ ގަންނަން ހަދާނެގޮތެއް ޒާނަގެ ވިސްނުމަކަށް ނައެވެ.

މެންދުރުވެގެން އައި ވަގުތެވެ. ޒާނަ އުޅެނީ ބަދިގޭގައި ކޮންމެވެސް ކާއެއްޗެހިތަކެއް ތައްޔާރުކުރާށެވެ. އެވަގުތު މުޅި ގޭތެރެ ވަނީ ކުޅުދިޔާ ވާވަރުގެ މީރު ކާއެއްޗެހީގެ ވަހުން އެއްވަސްވެފައެވެ. ގޭޓުން ވަންތަނާ މިސްކުއަށްވެސް ވަސްދުވަން ފެށިއެވެ. އޭނާ މިސްރާބުޖެހީ ސީދާ ބަދިގެއަށެވެ.

“ހާދަ ވަސްގަނޑު ރަނގަޅޭ.” ބަދިގެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މިސްކު ގޮވާލިއެވެ. ޒާނަ ހޭންފެށިއެވެ.

“ކޮން ރަހައެއްތޯ ގަދައީ ބަލާބަލަ!” އުނދުން ނިވާލާފައި ކުޑަ ބޯތަށްޓަކާއި ސަމުސަލެއް ހިފައިގެން އައިސް ތައްޔާރުކުރި ކާއެއްޗެހިން އެތިކޮޅެއް އަޅާފައި މިސްކުއަށް ދިއްކޮށްލިއިރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒާނައަށް އިހްސާސްވީ އެހިތުގެ ތެޅުން އަވަސްވިކަމެވެ. އަވަސް ގޮތަކަށް އިސްޖަހާލަމުން އޭނާ ޒިންކާއި ކައިރިވެލާފައި އަތް ދޮންނަން ފެށިއެވެ.

“އެންމެ މުހިންމު ރަހަ އެއްގޮތަކަށް ނުވެސްލައި.” ގޮނޑިއެއް ދަމާލާފައި މިސްކު މޭޒުދޮށުގައި އިށީންދެއްޖެއެވެ.

“އެއީ އަނެއްކާ ކޮންރަހައެއް؟” އަތް ފުހެލާފައި ޒާނަ އައިސް މިސްކުގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާ ހުރީ ހިސާބަކަށް ކަންބޮޑުވާގޮތް ވެފައެވެ. ކިތަންމެ ރަނގަޅަށް ކެއްކިއަސް ހަނދާން ނެތިދާނެއެވެ. އަނެއްކާ އޭނާއަށް ކޮންމެވެސް އެކައްޗެއް ނާޅައި ދޫކޮށްލެވުނީ ބާވައޭ ހިތަށްއެރިއެވެ.

“ފޮނި ރަހަ.” ޒާނަ ބަލާލުމާއެކު މިސްކު އެއްލޯ މަރާލިއެވެ. ޒާނަގެ މެއަށް ފިނިވެގެން ދިޔައެވެ. މިސްކު ބުނެލި އެއްޗަކުން ހިނި އަންނަން އުޅެފައިވެސް ކަރުތެރޭގައި ތާށިވިކަހަލައެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ވާހަކަދެއްކުނީ އިރުކޮޅެއް ފަހުންނެވެ. މިސްކު ހަމަޖެހިލާފައި ކަމުންދިޔައިރު ޒާނައަށް ވީގޮތް ނުވެސް އެނގެއެވެ.

“ޔޫންއަށް ގިފްޓެއް ގަންނަން ދާންވެގެން މިއުޅެނީ. އެކަމަކު މިހިތަށް އަރަނީ ޒާނަ ގޮވައިގެން ދިޔައީމަ ފަސޭހަ ވާނެއޭ. ޒާނައަށް ބޮޑަށް އެނގޭނީ އެވަރުގެ ކުދިންނަށް އެއްޗެހި ގަންނަން. ކީކޭ ބުނަނީ؟” މިސްކު އަނެއްކާވެސް ބަލާލުމާއެކު ޒާނަ ދުރު ބަލަންފެށިއެވެ.

“މަވެސް ބޭނުން ޔޫންއަށް ގިފްޓެއް ގަންނަން.” ޒާނަ އެއްބަސްވިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޒާނަ ތައްޔާރުވެގެން ނިކުތެވެ. މިސްކު ހުރީ ދޮރުކައިރީގައި މަޑުކޮށްލައިގެން ޒާނަ އަންނަން ދެނެވެ. “ލޫކިން ގުޑް!” މިސްކުގެ އާދައިގެމަތިން ޒާނަ ފެނުމާއެކު ފުރަތަމަވެސް ތައުރީފްކޮށްލިއެވެ. ރަކިވިކަން ނާންގަންވެގެން ޒާނަ ފެށީ ހޭށެވެ. ޒާނަ ކާރާއި ދިމާއަށް ދާންފެށުމުން މިސްކު އޭނާ ހުއްޓުވާފައި އެދުނީ ފައިމަގުގައި ދިއުމަށެވެ. އަމުދުން އެމީހުންގެ މަންޒިލް ގެއާއި މާދުރެއްވެސް ނޫނެވެ. ޚުދު ޒާނައަށްވެސް އެގޮތް ކަމުދިޔައެވެ.

މަގުމަތީން ހިނގާފައި ދިޔައިރު އެތަކެއް އަންހެންކުދީންގެ ސަމާލުކަން މިސްކުއަށް ހުއްޓުނުތަން ޒާނަ ދުށްޓެވެ. އެއިން ކޮންމެވަގުތަކު އޭނާގެ ނަޒަރުވެސް މިސްކުއަށް ހުއްޓާލެވެއެވެ. އެމޫނުގައި ވަނީ ހިތްދަމައިގަންނަ ފަދަ ޖާދޫއެކެވެ. އެރީތިކަމަކީ ލޯތަކަށް ޝިފާއެކެވެ. މިސްކުގެ އެންމެ ފެނިލުމަކުން އީމާންތެރި ހިތްތައްވެސް ގުޑުވާލާނެއޭ ޒާނަގެ ހިތަށް އެރިއެވެ. ހިނގާފައި ދާއިރު އެހުންނަ ހިތްގައިމުކަމާއިއެކު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްމެ ފިރިހެންވަންތައެވެ. އެހާމެ ބިޔަވެފައި ވަރުގަދަ ހަށިގަނޑެކެވެ.

ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރައަކަށް ވަދެފައި ދެމީހުން ބަލަންފެށިއެވެ. އަގުބޮޑު ކުޅޭއެއްހިތަކާއި އަދިވެސް އެހެނިހެން އެތައް ސާމާނަކުން ބަރާވެފައިވާ އެބޮޑު ފިހާރައިގެ ތެރެއިން ގަންނާނެ އެއްޗެއް ކަނޑައަޅަން ޒާނައަށް އުދަނގޫވިއެވެ. އެކައްޗެއް ކަމުގޮސްގެން ނަގަން ބަލާލާއިރަށް އެއަށްވުރެ ކަމުދާ އެހެން އެއްޗެއް ފެނިދެއެވެ. ގޮތެއް ނިންމަންވެގެން އުޅެފައިވެސް ޒާނަ ފަސްޖެހިލިއެވެ. އޭނާ ބޭނުންވީ މިސްކުގެ ހިޔާލު ހުރިގޮތެއް އޮޅުންފިލުވާށެވެ. އެއްއަތުގައި އޮތް ޓޮޕްކޮޅާއި އަނެއްއަތުގައި އޮތް ސޮފްޓް ޓޯއި ހިފައިގެންހުރެ އޭނާ މިސްކުއަށް ގޮވާލަންވެގެން އެނބުރިލިއެވެ. ފުރަގަސްދީގެން ހުރިނަމަވެސް މިސްކު ހުރީ ޒާނައާއި ނުހަނު ކައިރީގައެވެ. އޭނާވެސް ނިކަން ގަޔާވެފައި ކަމުދާކަހަލަ ހަދިޔާއެއް ފެނޭތޯ ހޯދަނީއެވެ. ވާހަކަދައްކަންވެގެން އަނގަހުޅުވާލި ޒާނަގެ އަނގައިން އަޑެއް ނުނިކުތެވެ. އޭނާއަށް ފެނުނީ މިސްކުގެ ކުރިމަތީގައިވާ ބޮޑު ލޯގަނޑުން ފެންނަންހުރި އެސޫރައެވެ. ޒާނައަށް ބަލަހައްޓައިގެން ހުރެވުނެވެ. މިސްކުއަށް އެކަން ރޭކާވެސް ނުލައެވެ. ފަހަރަކު އެއްޗެއްނަގާ ބަލާލާފައި އަނެއްކާ އިތުރު އެހެން އެއްޗެއް ބަލަމުންދިޔައިރު އެފަންއިސްތަށިގަނޑު ނިއްކުރިމައްޗަށް އުދަނގޫކުރަން ފެށުމުން އަތުން ރީތިކޮށްލައެވެ. އެކަމަކު އެކަންވެފައި ވަނީ ފޫނެއްފަޔަށް ފެން ފުރުންފަދަ ކަމަކަށެވެ. އޭސީ ހުރީ މިސްކުގެ އެއްފަރާތުގައި ކަމަށްވެފައި ފޭންއަށްލާފައި ހުރުމުން ޖެހެމުންދިޔަ ވައިގައި އަނެއްކާވެސް ހަމަ އެއިސްތަށިތައް ނިއްކުރިމައްޗަށް ފައިބައިގަނެއެވެ.

“ބަލާބަ އެހެރަކަމެއް؟” ދާދި ކައިރިން އަންހެންކުއްޖަކު ވާހަކަ ދެއްކި އަޑަށް ޒާނައަށް ހޭވެރިކަން ވިއެވެ.

” ވާ! ހާދަ ސަޅި ބިޓެކޭ. މައަންނާނަން ސެޓުވޭތޯ ބަލާލާފަ.” ޒާނައަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް އަންހެންކުއްޖާ ބުނެލި އަޑު އިވުނެވެ. އިހުތިޔާރަކާނުލާ ޒާނަގެ ނަޒަރު އެދިމާއަށް ދަތުރުކުރިއެވެ. ދާދި ކައިރީގައި ޒުވާންފުރައިގެ ދެކުއްޖަކު ތިބެގެން މިސްކުއަށް ބަލައެވެ. އެވަގުތު އޭނާގެ ހިތުގައި މީހަކު ވިކާލި ފަދައެވެ. ޒާނަގެ ނިއްކުރިއަށް ރޫއަރައިގެން ދިޔައީ އެވާހަކައާއިމެދު ހިތް ނުރުހުނުލެއް ބޮޑުކަމުންނެވެ.

“ނޫންކަމަށްހަދާފަ ގޮސް ޖެހިގަނޭ.” އަނެއްކުއްޖާ ލަފާދިނެވެ. ޒާނައަށް ރުޅިއާދެވުނީ ކުއްލިއަކަށެވެ. އެ ދެ އަންހެން ކުދިންނާއި ދިމާއަށް ބަލާލިއިރު އޭނާގެ ދެލޮލުގައި ވަނީ ނަފްރަތުގެ ހޫނު އަލިފާނެވެ. އިސާހިތަކު އެދެކުދީންނަށްވެސް ޒާނަ ފެނިއްޖެއެވެ. ކުރިއަށް ހުރިކުއްޖާ ޖެހިލުންވެފައި ހިންދިރުވާލިތަން ފެނުނެވެ. ޒާނަ ބަލާކަށްނުހުރެއެވެ. ބާރުބާރަށް ހިނގާފައި ގޮސް މިސްކުގެ ކައިރިއަށް ހުއްޓިފައި އޭނާގެ އަތުގައި ހިފާ ދަމާލިއެވެ. ޒާނަގެ އެހަރަކާތުން މިސްކުއަށް ލިބުނީ ސިހުމެކެވެ. އެކަމަކު އޭނާއަށް އެއްކަމެއް އޮޅުން ނުފިލުވިގެން އުޅެނިކޮށް ޒާނަ އެދުނީ އެތަނުން ބޭރަށް ނިކުތުމަށެވެ. ޒާނަގެ މޫނުގެ ކުލަވަރު ދެކެފައި މިސްކު ދެކޮޅުހަދާ ހިޔާލެއް ނުކުރެއެވެ. ކައުންޓަރ ކައިރިއަށް ގޮސް ފައިސާ ދައްކާފައި ދެމީހުން ނިކުންނަންވެގެން ދިޔައެވެ.

“ވީގޮތެއްވެސް ނުބުނެ ދަމާފައި ތިނެރުނީ ކީއްވެއޯ؟” މަގުމައްޗަށް ނިކުމެފައި މިސްކު ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޒާނަ އަވަސްއަވަހަށް މިސްކުގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ.

“ބޭނުންވާ އެއްޗެހި ގަނެވުނީމަ ދެން ކީއްކުރަން މަޑުކުރަނީ؟” ޒާނަ ދައްކާލީ އަތުގައި އޮތް ދެ ޕާރސަލެވެ.

“އެކަމަކު ބުނަން ދެންމެ ހަމަ ހީވީ ހިތަށް އެއްކިލޯގެ މޮހޮރު އެއްޗެއް އޮއްސާލިހެން.” މިސްކު ހިތާއިދިމާއިން މޭގައި އަތްޖައްސާލާފައި ހީލިއެވެ. ޒާނައަށް އެބުނި އެއްޗެއް ނަގައިގަނެވުނީ ކުޑައިރުކޮޅެއް ފަހުންނެވެ. ހަމަ އެނގުމާއެކު އޭނާ ބާރަށް ހީގެންފައި މިސްކުގެ އަތުގައި ވިކައިގަތެވެ.

ޔޫންގެ އިސްތަށިގަނޑުގައި ފުނާއަޅާ ނިމިގެން އާރިއާ ތެދުވިއެވެ. ރާކިން ގެނެސްދިން ހުދު ހެދުމުގައި ޔޫން ފެންނަނީ ކުޑަކުޑަ ޕަރީއެއްހާ ނަލަކޮށެވެ. ޔޫން ބޫޓަށް އަރުވާ ނިމިގެން ޑްރައިވަރަށް ގޮވާލާފައި ކާރު ތައްޔާރުކުރުމަށް އާރިއާ އެންގިއެވެ. އެކަމަކު އޭނާއަށް ބަލާލާފައި ޕާޓީއަކަށްދާން ތައްޔާރުވެގެން ހުރި ފާޑެއްނުޖަހައެވެ. އާރިއާ ލައިގެން ހުރީ އާންމުކޮށް ގޭގައި ލައިއުޅޭ ކުރު ޓީޝާޓަކާއި ހަރުވާޅެކެވެ. މޫނުމަތީގައިވެސް ތާޒާކަމެއް ނެތެވެ. އޭނާ އެހުންނަނީ ގޮތްދޫނުކުރަންވެގެން ޔޫންގެ ޕާޓީއަށް ނުދާން ނިންމައިގެން ކަހަލައެވެ.

ޕާޓީގެ ފެށިގެން ކުރިއަށް ދަނީއެވެ. ދައުވަތު ދީފައިވާ މެހުމާނުން އަތުވެއްޖެއެވެ. އަދި އެހެނިހެން ހުރިހާ އިންތިޒާމެއްވެސް ވަނީ އެންމެ ފުރިހަމައަށެވެ. މިހާރު އިންތިޒާރު އެކުރެވެނީ ޔޫން އަންނާނެ ވަގުތަކަށެވެ. އަތްދިގު ހުދުޓީޝާޓާއި ކަޅުފަޓުލޫނުގައި ރާކިން ފެންނަނީ ނުހަނު ހިތްގައިމު ގޮތެއްގައެވެ. އެއްފަރާތެއްގައި ހުރެ ގާތްއެކުވެރިޔަކާއި ވާހަކަދައްކަމުން ރާކިން އިރުއިރުކޮޅާ، އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި މެހުމާނުން ވަންނަމުންދިޔަ ދޮރާއި ދިމާއަށް ކަޅިއެއް އެއްލައެވެ. ޒާނަ އާއި މިސްކުވެސް ތައްޔާރުވެގެން ނިކުމެ އުޅެއެވެ. ނުދަންނަމީހުންތަކެއްގެ ތެރޭގައި ހުންނަން ޖެހުމުން ޒާނަ ފެންނަނީ މުޅިންހަމަޖެހިފައިވާ ގޮތަކަށް ނޫނެވެ. ޒާނަގެ އެ ނުތަނަވަސްކަން ފާހަގަ ކުރެވިގެން މިސްކު މަސައްކަތްކުރަމުން ދިޔައީ އޭނާ އެކަނިވިއަ ނުދިނުމަށެވެ. ރާކިންގެ އަމަލުތައް ހުރިގޮތުން އޭނާ ޒާނަ މަތިން ހަނދާންވެސް ހުރިހެން ހިއެއްނުވެއެވެ.

ކުއްލިއަކަށް ދޮރުން ވަދެގެން އައި ޔޫން ފެނިފައި ރާކިން އަވަސްއަވަހަށް އެދިމާއަށް ހިނގައިގަތެވެ. ކައިރިއަށް ގޮސް އަރާ ހަމަވެފައި އޭނާ ދުރުދުރަށް ދާންދެން ލޯ ހިންގާލިގޮތުން އިތުރު އެހެންމީހަކަށްވެސް އިންތިޒާރު ކުރާކަހަލައެވެ.

(ނުނިމޭ)

 މޮޔަ ހިތް މަގޭ 9

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355