މަރިޔަމް ޔަސްމާ
(ޖޫން 05 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކަކުލުގައި ހިފަހައްޓާލަންވެގެން ގުދުވި ވަގުތު ޒާނަގެ އިސްތަށިގަނޑު ކޮނޑުމަތިން ކައްސާލައިގެން އައިސް އޭނާގެ މޫނަށް ނިވާ އަޅައިފިއެވެ. މިސްކުއަށް ފެނުނުއިރު އެ ހަނދެއްފަދަ މޫނުގެ ބޮޑުބައެއް ވަނީ ފޮރުވިފައެވެ.
“ތަނަކަށް ތަދުވިތަ؟” ޒާނަގެ ކަކުލުގެ ތަދުވެސް ފިލާދިޔަކަހަލައެވެ. ތެދުވެ ހިންދެމިލަމުން އޭނާ އިސްތަށިގަނޑު ފަހަތަށް ފުނާއަޅާލިއެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވެފައި ކުޑައިރުކޮޅަކު ހުއްޓެވެ. އެވަގުތު މިސްކު އަނެއްކާވެސް ހަމަ އެސުވާލު ތަކުރާރުކޮށްފިއެވެ. ނޫނެކޭ ބުނުމުގެގޮތުން ދެ ފަރާތަށް ބޯ ހޫރުވާލާފައި ޒާނަ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
މާ ވަށިގަނޑު ތެޅުނުއަޑަށް ދުވެފައިކަހަލަ ގޮތަކަށް ސިޑިން ފޭބި ރޫބީ ޒާނަ ރަނގަޅުހޭ ކިޔާ ދެ ލޯ ބޮޑުކޮށްލާފައި ތިރިވިގޮތަށް ބިއްލޫރިތައް އެއްކުރަން ފެށިއެވެ. ޒާނަ ހީކުރިގޮތާއި ހިލާފަށް މިސްކު އެނބުރިދާން ނޫޅެ ކައިރިއަށް އަންނަތަން ފެނުމުން ޒާނަގެ ހަތަރެސްފައި އާދަޔާހިލާފަށް ފިނިވެލިއެވެ.
“އަހަރެންނަށް ކިޔަނީ މިސްކު.” އަމިއްލަ ތައާރަފްދެމުން މިސްކު އޭނާގެ އަތްތިލަ ޒާނައަށް ދިއްކޮށްލީ ހިނިތުންވެލާފައެވެ. ދެން ކަންތައްކުރާނެގޮތެއް ނޭނގިފައި ހުރި ޒާނައަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިސްކުގެ އެއާދަޔާހިލާފް އަމަލުން އޭނާ ހައިރާންކޮށްލައިފިއެވެ.
“ޒާނަ.” ލަސްލަހުން އުފުލާލިއަތުން މިސްކުގެ އަތުގައި ހިފަހައްޓާލާފައި އޭނާ އިސްޖަހާލިއެވެ.
“ހާދަފިންޏޭ. ބިރުންތަ ތިހުރީ؟” މިސްކު ކުއްލިއަކަށް ޒާނަގެ އަތަށް ފިތާލިގޮތުން އޭނާއަށް ތެޅިގަނެވުނެވެ. ޒާނައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އޭނާ ޒާނަގެ އަތުން ދޫކޮށްލާފައި ދަބަހުގެ ދެ ވާގަނޑުގައި ހިފަހައްޓާލައިގެން ސިޑިން އަރަން ހިނގައްޖެއެވެ. އެނބުރި ގޮސް ކޮޓަރި ދޮރުމައްޗަށް އަރަމުން ޒާނައަށް އޭނާގެ މޭގައި އަތްއަޅާލެވުނީ ހިތް ތެޅޭލެއް ބާރުކަމުންނެވެ.
ރާކިން ކޮޓަރިން ނިކުތްއިރު ހަވީރުވެއްޖެއެވެ. އޭނާ ހަމައަކަށް އެޅުނީ ނިދާލެވުމުންނެވެ. ރޫބީގެ ފަރާތުން މިސްކު އައި ޚަބަރު ލިބުމާއެކު ޒާނައަށާއި ދެމީހުންނަށް ގޮވަން އަންގާފައި ރާކިން ގޮސް ސައިމޭޒުދޮށުގައި އިންތިޒާރު ކުރަންފެށިއެވެ. ޒާނަ އައިސް ސައިއަޅައިދޭން އުޅެން ފެށުމުން އޭނާއަށް އެކަން މަނާކޮށްފައި ސައިބޯން އިށީންނަން ރާކިން އެންގިއެވެ. ރޫބީ ސައިއަޅައިދިނުމާއެކު ސައިޖޯޑުތައް ކައިރިކޮށްލަމުން އެންމެންވެގެން ސައިބޯން ފަށައިފިއެވެ. ރާކިން ފުރަތަމަވެސް އޮޅުންފިލުވީ މިސްކުގެ ދަތުރާއި ބެހޭގޮތުންނެވެ. އެއަށްފަހު އޭނާގެ އާއިލާ އާއި ރަށުގެ ހާލަތެވެ. ދެޒުވާނުން ވާހަކައިގައި ތިބިއިރު ޒާނަ ހިމޭންކަމާއިއެކު އިދެގެން ސައިބޮމުން ދިޔައެވެ. ސިފައަށް ބަލާއިރު އެއީ ދެބެންގެ ދެދަރީންނަށްވުރެ އެއްބަނޑުއެއްބަފާ ދެޒުވާނުން ކަމުގައި މީހުން ހީކޮށްފާނެއެވެ. އެކަމަކު މިސްކުއާއި ބައްދަލުވުމަށްފަހު ފާއިތުވީ ކުޑަވަގުތުކޮޅު ތެރޭގައިވެސް އޭނާއަށް އެ ދެ ޒުވާނުންގެ މިޒާޖުގައި ހުރި ތަފާތުކަންތައްތައް ފާހަގަކުރެވެން ފަށައިފިއެވެ. ފަހަރުގައި އެތަފާތަކީ މިސްކުއާއި ރާކިންގެ އުމުރުގައި ހުރި ތަފާތު ކަމަށްވެސް ވެދާނެއެވެ. އެންމެ ހާއްސަގޮތެއްގައި ޒާނައަށް ފާހަގަކުރެވުނީ ރާކިންގެ ސުވާލުތަކަށް ޖަވާބުދިންއިރު މިސްކުގެ އަޑުގައި ހުރި ޖޯޝާއި ފޯރިއެވެ.
އެންމެކުރިން ނިންމާލީ ޒާނައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ރާކިން ފޯން ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަތަކެއް ދައްކަމުން ގެއިން ނިކުމެގެން ދިޔަތަން ފެނުނެވެ. ސިޓިންރޫމް ސޯފާގައި އިނދެ ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ދަނިކޮށް އެތަނަށް މިސްކު ނިކުތެވެ.
“ތިނޫން އެހެން ޗެނަލްއަކަށް ލައިބަލަ! ކާޓޫން ބަލާނީ ކުޑަކުދިންނޭ.” މިސްކު އައިސް ހުއްޓިފައި ބުނެލި އެއްޗަކުން ޒާނަ ރަކިވާގޮތްވިއެވެ. ރިމޯޓް މޭޒުމަތީ ބާއްވާފައި އަވަސްއަވަހަށް ތެދުވެގެން ދާންހީކޮށްލިއެވެ. އެކަމަކު މިސްކުގެ ޖުމްލަތައް ހީވީ އޭނާގެ ދެފައިގައި ހިފެހެއްޓިހެންނެވެ.
“ދަނީތަ؟ ވާހަކަދައްކަން މަޑުކޮށްލަބަލަ!” މިސްކުގެ އަޑުގައި އެކުލެވިގެންދިޔަ އާދޭހުގެ އަސަރު ނޫންކަމެއްވެސް ނޭނގެއެވެ. ޒާނައަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދެއަތް ދެއަތާއި މޮޑެލާފައި އޭނާ އަނެއްކާވެސް އިށީންދެއްޖެއެވެ.
“ރާކިން ބުނި ނައިޓްކުލާހަކަށް ޖޮއިންވި ވާހަކަ.” މިސްކު ބަލާކަން އެނގިގެން ޒާނަ އިސްއޮބައިލިއެވެ. އެކަމަކު ސިހިގެންދާކަހަލަ ގޮތަކަށް ކީކޭހޭ އަހާލުމާއެކު އަނެއްކާވެސް ހަތަރުކަޅި ހަމަކޮށްލެވުނެވެ. ޒާނަ ކުރަން ބޭނުންވި ސުވާލުތައް މަޑުޖައްސާލަން މަޖުބޫރުވީ ރޫބީ އައިސް މިސްކުއާއި މުހާތަބުކޮށްފައި ދައްކަންފެށި ވާހަކައަކުންނެވެ. މިސްކު ތެދުވެގެން ދިޔަފަހުންވެސް އޭނާ އިރުކޮޅެއްވާންދެން އެތާ އިނެވެ.
ޒާނަ އިންތިޒާރުކުރީ ރާކިން އެނބުރި އަންނަންދެނެވެ.
“ކިހިނެތްވީ؟ ޒާނަ ބޭނުމެއްނުވޭތަ މޮޅުމީހަކަށްވާކަށް؟ ބޭނުމެއްނުވޭތަ ކިޔަވައިގެން މަތީ ވަޒީފާއެއް އަދާކުރާކަށް؟ އަހަރެން ހީކުރީ ދެ އަހަރުވާންދެން ކަމެއްނުކޮށް ހުރެގެން ދިރިއުޅުން ބޭކާރުކުރުމުގެ ބަދަލުގައި ޒާނަވެސް ކަމެއް ހާސިލްކުރަން އެދޭނެކަމަށް.” ޒާނަގެ ސުވާލު އަހާފައި ރާކިން ވާހަކަދައްކަން ފެށިއެވެ.
“އޯކޭ. ޒާނަ ބޭނުންނުވަންޏާ އަހަރެން ހަމަ މިރޭ ނަން ކަނޑާލާނަން. ސޮރީ.” ޒާނަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަދެއްކީ ރާކިންއެވެ. އެކަމަކު ކުރީ ފަހަރާއި ހިލާފަށް މިފަހަރު އެއަޑުގައި މޮޅިވެރިކަމުގެ އަސަރުވިއެވެ. ރާކިން ނިކުންނަން ދާންވެގެން ތެދުވިތަން ފެނިފައި ޒާނަ ކަންބޮޑުވިއެވެ. އޭނާއަށް ޖަވާބެއް ނުދެވިފައި ހުރީ ރާކިން ވާހަކަދެއްކިލެއް ހަރުކަށިކަމުންނެވެ.
“ކިހާއިރަކު ފުރަތަމަ ކުލާސް އޮތީ؟” ހިތްވަރުކޮށްލާފައި ޒާނަ ގޮވާލިއެވެ. ރާކިން ކުއްލިއަކަށް ހުއްޓިފައި އެނބުރި ބަލާލިއެވެ. އެމޫނުމަތީގައިވަނީ ޤަބޫލު ނުކުރެވޭފަދަ ކުލަވަރެކެވެ.
“ހޭއި! ޒާނަ ބޭނުމިއްޔާ އިނގޭ އެއްބަސްވާނީ.” ރާކިންއަށް އޭނާ ދެއްކި ވާހަކަތަކުގެ ހަރުކަށިކަން ވިސްނުނީ ކަހަލައެވެ. ފަހު ޖުމްލަ އޭނާ ބުނެލީ އަޑަށް މަޑުމައިތިރިކަން ގެނެއްސައެވެ. ބޯޖަހާލާފައި ޒާނަ އެކަން ޔަޤީންކޮށްދިނެވެ. އަނެއްފަރާތަށް އެނބުރިފައި ނިކުމެގެން ދިޔައިރު ރާކިންގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ކުރިއަށް ދިޔައެވެ. ނައިޓް ކުލާހަށް ދާން ފެށުމާއެކު ޒާނަގެ ހަޔާތުގައިވެސް އާ އަޒުމްތަކެއް ކަނޑައެޅިގެން ދިޔައެވެ. އޭނާ ބޭނުންވަނީ ކިޔަވައިގެން ޓީޗަރަކަށް ވާށެވެ. އެހިސާބަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އޯލެވެލްގައި ފެއިލްވި މާއްދާތައް ކިޔަވަމުން ދިޔައެވެ. މާގާތް ގުޅުމެއް ނެތަސް މިސްކު އާއި ޒާނަގެ މެދުގައިވި ބީރަތްޓެހިކަންވެސް ފިލައި ހިސާބަކަށް އެކުވެރިވެފައިވެއެވެ.
މުޅިން އާ ހެނދުނެކެވެ. ވާރޭ ވެހޭކަން ޒާނައަށް އެނގުނީ ކޮފީއެއް ހަދާލައިގެން އައިސް ގޭގެ ބޮޑު ދޮރު ހުޅުވާލިފަހުންނެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭގައި ބޭރުގައި ހެދިފައިވާ ގަސްތަކުގެ ފެހިކަން ގަދަވެފައިވާތީ ފެނެއެވެ. ފުޅާ އަސްކަނިދަށުން ހިނގާލާފައި ގޮސް ތަނބަކަށް ލެނގިލައިގެން ހުއްޓި ކޮފީ ބޯންފެށިތަނާ ކައިރިން މީހެއްގެ ހިލަންވީހެން ހީވެގެން ޒާނައަށް ވަށައިގެން ހޯދާލެވުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ދުރުނޫން ހިސާބެއްގައި ހުރި ބޮޑުހިޔާގަހުގެ ފަލައޮފިގަނޑެއްގައި ދެއަތުންހިފައި އެލިގަނެގެން އޮވެ މިސްކުގެ އެބިޔަހަށިގަނޑު ތިރިކޮށް، މައްޗަށް އުފުލަމުން ދިޔައެވެ. ފުރަގަސްދީގެން ހުރިއިރު ލައިގެންހުރި ހުދު ޓީޝާޓްގެ ކަރުގެ ވަށައިގެންނާއި ބުރަކަށީގެ ބޮޑުބައެއްވަނީ ދަލުން ތެމިފައެވެ. ގަހުގެ ހިޔާބޮޑުކަމުން އެތަނަށް ވާރޭގެ އަސަރުކުރަނީ ވަރަށް ކުޑަކޮށެވެ.
ޒާނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހާކައިރިން މިސްކުގެ ހަށިގަނޑަށް ބަލާލަން ލިބުނު ފުރުސަތު ބޭކާރުކޮށްލާކަށް ހިތެއް ނޭދުނެވެ. މިސްކުގެ ފުންނޭވާތަކުގެ އަޑު ވެހޭވާރޭތެރެއިން އައިސް ޒާނަގެ ކަންފަތާއި ފޯރަމުންދިޔައިރު އެއަޑުގައިވި ވަރުބަލިކަން އޭނާ ދެނެގަތެވެ. ޒާނަ ބަލަހައްޓައިގެން ހުއްޓާ މިސްކު އޮފިގަނޑުން އަތްދޫކޮށްލާފައި ތިރިއަށް ފުންމާލިއެވެ. އެވަގުތު އޭނާ އަވަސްއަވަހަށް ތަނބުގެ އަނެއް ފަރާތަށް ވަދެ ފިލައިފިއެވެ. އެކަމަކު މިސްކުއަށް އެކަން ސިއްރުވާގޮތެއް ނުވިއެވެ. ވިނަގަނޑުމަތީގައި ހުރި ފެންފުޅި ނަގަން ގުދުވިތަނާ އޭނާއަށް ޒާނަގެ ހެދުމުގެ ފަސްބައިން ތަންކޮޅެއް ފެނިއްޖެއެވެ.
މިސްކުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ފިލަން އުޅެނިކޮށްވެސް އޭނާއަށް ޒާނަ ފެނުނުކަން އަންގާލަން ބޭނުންވިއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ތަނބާއި ކައިރިވެލާފައި މިސްކު ކުއްލިއަކަށް ޒާނަ ސިއްސުވާލިއެވެ. ތެޅިގަތްވަގުތު ޒާނަގެ އަތުގައި ހުރި ކޮފީތަށި ބަންޑުންވީ އަތްތިލައަށެވެ. ބާރަށް ހަޅޭތްލަވައިގެންފައި ޒާނައަށް ޖޯޑުއަތުން ދޫކޮށްލެވުނެވެ. ނަސީބު ރަނގަޅުކަމުން ތިރިއަށްދިޔަ ޖޯޑު ގޮސް ޖެހުނީ މުށިތަކުން ނެއްޓި ވިނަގަނޑުމައްޗަށެވެ. ސަލާމަތުން އޮތް އަތުން އަނެއް އަތުގައި ހިފަހައްޓާލަމުން ޒާނައަށް ބާރަށް ދެލޯމަރާ ތަގުޅިކޮށްލެވުނެވެ. އެހަރަކާތްތަކަށް ބަލަންހުރި މިސްކު އެންމެ މިނިޓެއްވެސް ނަގާނުލައެވެ. އެއްއަތުން ޒާނަގެ މުލައްދަނޑީގައި ހިފާ ކައިރިއަށް ދަމާލާފައި ކޮފީޖޯޑު ބަންޑުންވި ހިސާބަށް އަނެއްއަތުން ފިނިފެންފުޅި އޮއްސާލިއެވެ.
“އައިމް ސޯ ސޮރީ ޒާން. އަހަރެންނަކަށް އެއްގޮތަކަށް ނޭނގެ ކޮފީތައްޓެއް ހިފައިގެން ހުރިކަމެއް.” މިސްކު އިސްޖަހައިގެން ހުރެ މަޢާފަށް އެދުނެވެ. އެއަޑަށް ޒާނަ ލޯހުޅުވާލިއެވެ. އިސްޖަހައިގެން ހުރިއިރުވެސް މިސްކުގެ ދެލޮލުން ޒާނައަށް ނުތަނަވަސްކަން ފެނުނެވެ. އެތައް ދުވަހަކަށްފަހު އެހެން އިންސާނެއްގެ ފަރާތުން އޭނާއަށްޓަކައި އަޅާލުން ފެނިފައި އެހިތަށް ލިބުނީ އަޖައިބެއްކަހަލަ ހަމަޖެހުމެކެވެ. ޒާނައަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އަތުގެ ތަދު ހަނދާން ނެތުނެވެ. އޭނާއަށް ހަމަހޭވެރިކަންވީ މިސްކު ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކުމުންނެވެ. އަވަހަށް އެތެރެއަށް ހިނގާށޭ ބުނެ ގެއާއި ދިމާއަށް ހިނގައިގަތްއިރުވެސް ޒާނަގެ އަތަކުން މިސްކު ދޫކޮށެއް ނުލައެވެ. ޚުދު ޒާނަވެސް އެއަތް މިނިވަންކުރާކަށް މަސައްކަތެއް ނުކުރެއެވެ.
ގޭގެ ދޮރާއި ހަމައިން އެމީހުންނަށް ރާކިން އާއި ދިމާވިއެވެ. ޒާނަ އުޅުނީ އަވަސްއަވަހަށް އަތްފޮޅުވާލާފައި ދުރަށް ޖެހޭށެވެ. އެކަމަކު މިސްކު ހިފަހައްޓާފައި ހުރީ ފޮޅުވާލެވޭ ވަރަށްވުރެ މާބާރަށެވެ.
“ކިހިނެތްވީ؟” ޒާނަގެ މޫނުމަތީގައިވާ ކުލަވަރު ފާހަގަކުރެވިގެން ރާކިން ފޯން ކަންފަތާއި ދުރުކޮށްލިއެވެ.
“ޒާނަގެ އަތަށް ކޮފީތަށި ބަންޑުންވީ.” މިސްކު އަވަސްއަވަހަށް ޖަވާބުދިނެވެ.
“އަނެއްކާވެސްތަ؟” ރާކިންއަށް ބުނެލެވުނެވެ. ޒާނަގެ މޫނަށް އޭނާ ބަލާލީ ކަންބޮޑުވެގެން ބަލާލާކަހަލަ ގޮތަކަށެވެ.
“ފިހުނުތަ؟ ދޭ އަވަހަށް ފިނިފެން އެއްޗަކަށް އަތްލާން. އޭރުން ފަހަރެއްގަ ނުފިހި ސަލާމަތްވެދާނެ.” އެއްފަހަރު އަތުކުރީގައިވާ ގަޑިއަށް އަނެއްފަހަރު މޯބައިލް ފޯނަށް ރާކިން ބަލާލިގޮތުން އޭނާ އަވަހަށް ދާން ބޭނުންވެފައިހުރިކަން ދެ މީހުންނަށްވެސް ފާހަގަކުރެވުނެވެ.
“ކޮފީ ތަށިއެހާ ހޫނެއްނޫން. ދެންމެ ފިނި ފެންފުޅިއެއް އޮއްސާލީމަ މިހާރުވެސް ރަނގަޅުވެއްޖެ.” ޒާނަގެ މޫނުމަތިން ހަމަޖެހޭގޮތް ދައްކާލާފައި އޭނާ މިސްކުގެ އަތްދުރުކޮށްލިއެވެ.
“އަހަރެން ދެން ދަނީ. ބަލައިގެން އުޅޭތި!” ރާކިން ހިނގައިގަތެވެ.
މަގުމައްޗަށް ނިކުތްއިރު ކާރުގެ ދޮރުފަތުގައި ލެނގިލައިގެން ހުރި ޑްރައިވަރ ދުރަށްޖެހިލާފައި ދޮރުފަތް ހުޅުވާލަދިނެވެ. ޑްރައިވަރަށް މަޑުކުރުމަށް އަންގާފައި ރާކިން އަރާ ކާރުދުއްވާލިއެވެ. ވިންޑް ސްކްރީނުން އޭނާއަށް ފަހަތުސީޓު މަތީ އޮތް ރަންކުލައިގެ ޕާރސަލް ފެނިފައި އެތުންފަތަށް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ.
އާރިއާގެ އެޕާންޓްމަންޓް ދޮރުމައްޗަށް ހުއްޓިފައި ރާކިން ބެލްޖަހާލިއެވެ. އަތުގައި އޮތް ޕާރސަލްއަށް ބަލާލާފައި ނުހަނު ލޯބިން އޭގައި ފިރުމާލިއެވެ. ދާދިއަވަހަށް ދޮރުހުޅުވުނެވެ. ރާކިން އަދި ވަކިންބޮޑަށް ހިތްހަމަޖެހުނީ ކުރިމަތީގައި ހުރީ އާރިއާ ކަމަށްނުވީތީއެވެ. ގޭގައި ގެންގުޅޭމީހާ ކައިރިން ޔޫން އޮތީ ނިދާފައިކަން އޮޅުންފިލުމުން ރާކިން ހިނގައިގަތީ ސީދާ ޔޫންގެ ކޮޓަރިއާއި ދިމާއަށެވެ.
ލަސްލަހުން ދޮރުހުޅުވާލާފައި އޭނާ އެތެރެއަށް ވަނެވެ. ކައިރިއަށް ގޮސް ފިޔާތޮށިކުލައިގެ ލޭސް މަދިރިގެ ހިއްލާލާފައި ރާކިން ޔޫންއަށް ބަލަހައްޓައިގެން ހުއްޓެވެ. ނިދިފައި އޮތް އިރު އެތުއްތު މޫނު ވަރަށް މައުސޫމެވެ. ޔޫންއަށް ލިބިފައިވަނީ އާރިއާގެ ރީތިކަމެވެ. ޕާރސަލް ފައިލާކޮޅުގައި ބާއްވާފައި ރާކިން ގުދުވިއެވެ.
“ހެޕީ ބާތްޑޭ މައިޑިއަރ.” ޔޫންގެ ނިއްކުރީގައި ރާކިން ބޮސްދިނެވެ. އެވަގުތު އެކުއްޖާ އެސްފިޔަތައް ތަޅުވާލިއެވެ. އެކަމަކު ލޯހުޅުވާލުމުގެ ބަދަލުގައި އަނެއްކާވެސް ހިމޭންވީއެވެ.
ފާޚާނާއިން ނިކުމެފައި ބޮލުގެ އިސްތަށިގަނޑު ހިއްކަމުން އާރިއާ ކުޑަދޮރާއި ކައިރިވެލިއެވެ. އެއްލި ކަޅިއަކުން އޭނާއަށް މަގުމަތީ އޮތް ރާކިންގެ ކާރު ފެނުމާއެކު ފާޑަކަށް ސިހުނެވެ. ތުވާލި އެނދުމައްޗަށް ދޫކޮށްލާފައި ބާރުބާރަށް ހިނގާފައި އެތަނުން ނިކުމެގެން ޔޫންގެ ކޮޓަރިއަށް ވަންނަންވެގެން ދިޔައެވެ. އިއްތިފާޤުން އާރިއާ ގޮސް ދޮރާއި ހަމަވިވަގުތާއި ރާކިން ދޮރުހުޅުވާލާފައި ބޭރަށް ނިކުތް ވަގުތާއި ވީ އެއްވަގުތަކަށެވެ. ދެ މީހުންނަށްވެސް ލިބުނީ ސިހުމެކެވެ. އަދި ހުއްޓުންއަރާ ގޮތްވެފައި ދެމީހުންނަށްމެ އެއްއަޑަކުން އެކަކު އަނެކަކުގެ ނަމުން ގޮވާލެވިއްޖެއެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 08