twitterviber whatsapp telegramfacebookyoutube instagram
3rd December 2024

ވާހަކަ – މޮޔަ ހިތް މަގޭ (9)

Jun 26, 2012

މަރިޔަމް ޔަސްމާ

(ޖޫން 19 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އެއްވެސް ހިސާބަކުން އާރިއާގެ އިޝާރާތެއް ނުފެނުމުން ރާކިންގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ޔޫންގެ އަތުގައި ހިފާލާފައި އޭނާ މާޔޫސްވެފައިވާ މީހަކު ފަދައިން އެތެރެއަށް ވަންނަންވެގެން އެނބުރިލިއެވެ. އެވަގުތު މިސްކުއަށް އެތަން ފެނިގެން ހިނިތުންވެފައި އައެވެ.

“މި ކޮންޕަރީއެއްތަ؟” ތިރީގައި ކުޑަކަކޫ ޖަހާލަމުން ޔޫންގެ ކުޑައަތުގައި މިސްކު ހިފާލިއެވެ. އެތުއްތު މޫނަށް ފެތުރުނީ އުފާވެރި ހިނިތުންވުމެކެވެ. ރާކިންގެ އަތުން ދޫކޮށްލާފައި މިސްކުގެ ކައިރިއަށް ޖެހިލުމާއެކު އޭނާ ޔޫން އުރާލައިގެން ހިނގައިގަތެވެ. ކުޑަކުޑަ ޔޫންއަށް މުބާރިކް ބާދީއާއި ހަދިޔާ ހަވާލުކުރުމަށްޓަކައި މައިންބަފައިންނާއިއެކު އައިސްތިބި އެއުމުރުގެ ކުދިންތައް އަވަސްވެގަތެވެ. ހިނިތުންވެފައިވާ މޫނަކާއިއެކު ޔޫން އޭނާގެ އެކުވެރިންނާއި ބައްދަލުވެ ވާހަކަދައްކާތަން ފެނިފައި ރާކިންގެ ހިތްވެސް އުފަލުން ފޮޅިއްޖެއެވެ. އޭނާ ޔޫންދެކެ އިންތިހާއަށް ލޯބިވެއެވެ.

ކޭކުފަޅާ ގަޑިއައިސް ކުރިމަތިވުމާއެކު އެންމެން އައިސް މޭޒު ވަށާލިއެވެ. ޔޫންގެ އެއްފަރާތުގައި ރާކިން ހުރެފައި އަނެއް ފަރާތުގައި ޒާނަ ޔޫންގެ އަތުގައި ހިފާލައިގެން ހުއްޓެވެ. މިސްކު ހުރީ ރާކިންއާއި ޖެހިގެންނެވެ. އެންމެން އުފަންދުވަހުގެ ލަވަކިޔާފައި އަތްތިލަބަޑި ތަޅަން ފެށުމުން ޔޫންއަށް ވިސްނުނެވެ. އެކަމަކު ކޭކު ފަޅަން އޭނާ ބޭނުމެއް ނުވެއެވެ. ވަށައިގެންވާ މީހުންތަކުން ޔޫން އެ ހޯދަނީ އާރިއާއެވެ.

ވިސްނާލާފައި ޔޫން ކުއްލިއަކަށް ރާކިންގެ އަތަށް ދަމާލިއެވެ. ޔޫން އެއްޗެއް ބުނަން އުޅޭކަހަލަ އިޝާރާތެއް ލިބުމުން ރާކިން ތިރީގައި ކުޑަކަކޫ ޖަހާލާފައި އެދަރިފުޅާއި ކައިރިވެލިއެވެ.

“މަންމަ ކޮބާ؟” ރާކިންގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޔޫން ބުނެލިއެވެ. ދުރަށް ޖެހިލުމާއެކު ރާކިންގެ މޫނުމަތީގައި ކުރިން ވި އުފާވެރިކަން ހާސްކަމަށް ބަދަލުވިތަން ފެނުނެވެ. ދޭނެ ޖަވާބެއް ނޭނގިގެން އޭނާ ކޮޅަށް ތެދުވެފައި މީހުންގަނޑުގެ ތެރެއަށް ލޯހިންގާލިއެވެ.

“ޔޫން! އަވަހަށް ކޭކު ފަޅާލާ!” މިސްކު ބުނެލިއެވެ. ޖަވާބުގައި ޔޫން ދެފަރާތަށް ބޯހޫރުވާލާފައި ރާކިންއަށް ބަލަންފެށިއެވެ. މިސްކުއަށްފަހު ފަހަރަކު ކުއްޖަކު ޔޫންއަށް ގޮވާލާފައި ކޭކު ފެޅުމަށް އެދެމުން ދިޔައެވެ. އެހެނަސް ޔޫން އެއަޑުތަކަށް ދިނީ ބީރުކަންފަތެކެވެ. އޭނާ ހުރީ އާރިއާ އައީމަ ނޫނީ އެކަން ނުކުރަން ނިންމައިގެންނެވެ.

“ދަރިފުޅާ މަންމަ ބިޒީވީ ކަންނޭނގެ. ދެން ބޮޑާނުހާކައި ކޭކު ފަޅަންއުޅޭ!” ރާކިން ޔޫން ރުއްސޭތޯ މަސައްކަތްކުރިއެވެ. އެކަން ކާމިޔާބު ނުވާނެކަން އެނގުމުން ޖިންސްގެ ޖީބަށް ދެއަތް ޖަހާލައިގެން މީހުންގަނޑު ތެރެއިން ނިކުންނަން ދިޔައެވެ. ޔޫން ހުރީ ބަލާށެވެ. އޭނާއަށް ޤަބޫލުކުރެވުނު ގޮތުގައި ބައްޕަ އެދަނީ މަންމަ ބަލައެވެ. ދޮރާއި ހަމައަށް ގޮއްސައި ރާކިން ފަސްއެނބުރި ޔޫންއަށް ބަލާލިއެވެ. އާރިއާއަށް އާދޭސްކުރުމަކީ އޭނާ ދުވަހެއްގައިވެސް ކުރަން ބޭނުންވާނެ ކަމެއްނޫނެވެ. އެހެނަސް މިއަދު ޔޫންގެ އުފަލަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ.

“އަހަރެންނަށްތަ ތިގުޅަނީ؟” ރާކިން ފޯންނަގާ އާރިއާގެ ނަންބަރަށް ޑައިލްކޮށްލިތަނާ ކުރިމަތިން އަޑުއައެވެ. ފޯން ކަންފަތާއި ދުރުކޮށްލާފައި އިސްއުފުލާލިއިރު އާރިއާ ހުއްޓެވެ. ރާކިންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ތަނބިކައްޓާއި ހަމައަށް އަންނަ ކަޅުކުލައިގެ މެކްސީގައި އާރިއާ ކުރިއަށްވުރެވެސް ރީއްޗެވެ. ފަންއިސްތަށިގަނޑުގައި ޖަހާފައިވާ ހުޅިއާއި ބޭނުންކޮށްފައިވާ ގަހަނާގައި ޝާހީ އާއިލާއެއްގެ ރަނިކަނބަލެއް ފަދައެވެ.

“އެޑަމް!” ރާކިންއަށް ހޭވެރިކަންވީ އާރިއާ ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކުމުންނެވެ. އާރިއާގެ ގޮވާލުމަށް އިޖާބަދެމުން ފަހަތުން ނިކުތް އާދަމް ފެނިފައި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރާކިން ބަލަހައްޓައިގެން ހުއްޓާ އާރިއާ އާދަމްގެ އަތުގައި ހިފާލައިގެން އެއްވެފައިވާ މީސްތަކުންނާއި ދިމާއަށް ދާންފެށިގޮތުން އޭނާގެ ރުޅިގަނޑު ހައްދުން ބޭރުވާން އުޅުނެވެ. އެކަމަކު ދެންވެސް އޭނާ ކެތްކުރިއެވެ. ޔޫންއަށްޓަކައެވެ. އޭނާގެ މޭގެ އެތިކޮޅަށްޓަކައެވެ.

އާރިއާމެން އެދިމާއަށް ދާން ފެށުމާއެކު އިސާހިތަކު އެހެން އެންމެންގެ ސަމާލުކަންވެސް އެދެމީހުންނަށް ހުއްޓިއްޖެއެވެ. ޔޫންއަށް ނުހުރެވިގެން ދުވެފައި އައިސް އާރިއާގެ ދެފައިގައި އޮޅުލައިގަތެވެ. ޔޫން މަންމާއޭ ގޮވާލިއަޑަށް ޒާނައަށްވެސް ބަލާލެވުނެވެ. އޭނާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އާރިއާގެ ފައިންފެށިގެން ބޮލަށް ދާންދެން ޝައުޤުވެރިކަމާއިއެކު ލޯހިންގާލެވުނެވެ. ހިތަށްއެރިއެވެ. މިހާ ރީތިކުއްޖަކު ދޫކޮށްލަން ރާކިންއަށް ކެރުނީ ކިހިނެތް ހެއްޔެވެ؟ ރާކިން އަށް އޭނާގެ ފަރާތުން ފެނުނީ އާރިއާގެ ކިބައިގައި ނެތް ކޮންސިފައެއް ހެއްޔެވެ؟ ހުރިހާގޮތަކުން އާރިއާ އަންހެންވަންތަވެފައި ރީތިކަމަށް ޒާނަގެ ހިތް ބުންޏެވެ. ޔޫންގެ ދެއަތުގައި ހިފާލަމުން ތުންފަތަށް ގެނަ ހިނިތުންވުމާއިއެކު ކޮލުން ފާޅުވި އަޑިކޮޅު އެހިނިތުންވުން ދުނިޔޭގެ ލިސްޓަށް ލާނެކަން ކަށަވަރެވެ.

ޒާނަ މިފަދަ ހިޔާލުތަކެއްގައި ހުއްޓާ އާރިއާ ޔޫންގެ އަތުގައި ހިފައިގެން ގޮސް މޭޒާއި ކައިރިވެފައި ކޭކުފަޅަން ތައްޔާރުވިއެވެ.

“ޑެޑީ!” ޔޫންގެ އަތާއިއެކު އާރިއާ ވަޅީގައި ހިފުމާއެކު ޔޫން ގޮވާލިއެވެ. ދުރުގައި ހުރި ރާކިންއަށް އިތުރު ގޮތެއްނެތެވެ. ގަދަކަމުން ހިނިތުންވެލާފައި އޭނާވެސް އައިސް އެތަނަށް ހުއްޓިއްޖެއެވެ. އެއްފަހަރު ޒާނައަށް އަނެއްފަހަރު ވަށައިގެންވާ މީހުންތަކަށް ބަލާލާފައި ޔޫންއާއި އާރިއާގެ އަތާއިއެކު ރާކިންވެސް ކޭކުފަޅަންވެގެން ވަޅީގައި ހިފެހެއްޓިއެވެ. އެވަގުތު އެދެހަށިގަނޑަށް ލިބުނު ލޮޅުމަކުން އެއްފަހަރާ ކަހަލަ ގޮތަކަށް އެކަކު އަނެކަކަށް ބަލާލެވިއްޖެއެވެ. ޒާނަހުރީ ވަރަށް ފަރުވާވެ ބަލާށެވެ. ދެޒުވާނުންގެ ލޮލުންވެސް އޭނާއަށް ފެނުނީ އެއްކުލައެކެވެ. އޭނާއަށް ޔަޤީނެވެ. އެދެމީހުން މެދުގައި އަދިވެސް ވަނީ ވަރަށް ގާތް ގުޅުމެކެވެ.

ކޭކު ފަޅައިފި އެވެ. އަތްތިލަބަނޑީގެ އަޑާއި މަރުހަބާގެ އަޑުން މުޅިތަން ގުގުމާލިއެވެ. ރާކިން އަވަސްއަވަހަށް އަތް ދުރަށްލާފައި ތެދުވެ ހިންދެމިލިއެވެ. އާރިއާ ކޭކުކޮޅު ޔޫންގެ އަތަށް ލައިދިނުމާއެކު އެކުއްޖާ މަންމައާއި ބައްޕައަށް ކޭކު ކާންދީފިއެވެ. ޔޫން ކިޔަންފެށުމުން ރާކިން އާއި އާރިއާއަށްވެސް ޖެހުނީ އެކަކު އަނެކަކަށް ކޭކު ކާންދޭށެވެ. އެއިން ކޮންމެ މަންޒަރެއް ކެމެރާމޭންގެ ކެމެރާގައި ރައްކާކުރެވެމުން ދިޔައެވެ. އެހެން އަހަރުތަކެކޭ އެއްވެސް ތަފާތެއް ނެތިއެވެ. ހަމައެކަނި ތަފާތަކީ އެދެމެދުގައި މިއަދު ލެވިފައިވާ އުސްފާރު ފޮޓޯއިން ފާހަގަނުވިކަމެވެ.

މެންދަމުން އަލިވެ ބާރަ ޖަހައިފިއެވެ. އެހެނަސް ރާކިންގެ ލޮލަކަށް މިރޭ ނިންޖެއްނައެވެ. ޔޫންގެ ޕާޓީގައި ކަންހިނގާދިޔަ ގޮތުން އޭނާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ރާކިންއަށް އުދަނގޫވަނީއެވެ. މާޒީގެ ހަނދާންތައް ތުނޑު ތޫނު ކަށިތަކެއްފަދައިން އެހިތަށް ތަދުކުރަމުން ދިޔައެވެ. ދުރަށްދާން މަސައްކަތް ކުރިވަރަކަށް އަންނަ ނާންނަތަނެއް ނޭނގި އެހިޔާލުތައް ހިތާއި ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. ބޯން އިން ސިގިރޭޓް ހުލިކޮށްލުމަށްފަހު އަޅިކެނޑިއަށް ވައްޓާލާފައި ރާކިން ތެދުވެގެން ހިނގައިގަތެވެ. ހުޅުވާފައިވާ ދޮރުން އޭނާ ބެލްކަންޏަށް ނިކުމެފައި މަގުމަތި ބަލާލިއެވެ. ލައިގެންހުރި ގަމީހުގެ ގޮށްތައް ނައްޓާފައި ހުރުމުން ޖެހެމުންދިޔަ ވައިރޯޅިތައް ހުރަހެއްނެތި އެތަނަވަސް މޭމަތީގައި ބޮސްދޭން ފެށިއެވެ.

ފިނިފިނި އިނގިލި ތަކަކުން ރާކިންގެ މޭމަތީގައި ފިރުމާލައިފިއެވެ. އަދި ފަހަތުގައި ހުރި އާރިއާ ކުރިއަށް ވުރެވެސް ބޮޑަށް ކައިރިވެލާފައި އޭނާގެ ބުރަކަށީގައި ބޯޖައްސާލިއެވެ. ރާކިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އާރިއާގެ އިނގިލިތަކުގައި ފިރުމާލާފައި އޭނާ އެދެއަތުގައި ހިފާ ގަޔާ ވަކިކޮށްލިއެވެ.

“ކިހިނެތްވީ ތިހޭލެވުނީ؟” އާރިއާ އާއި ކުރިމަތިލާފައި ރާކިން ސުވާލުކުރިއެވެ. އޭނާ ހުރީ އާރިއާގެ ދެއަތުގައި ހިފަހައްޓާލި ގޮތަށެވެ.

“ރިކް ނެތީމަ.” އާރިއާ އަނެއްކާވެސް ކައިރިވެލާފައި ރާކިންގެ އަތުތެރެއަށް ވަނެވެ.

“ހެހެ” ރާކިން މަޑުމަޑުން ހީލިއެވެ. އަދި އާރިއާގެ ލޫޅާފަތި ހަށިގަނޑު ދެއަތުން ވަށާލާފައި އެއިސްތަށިގަނޑުގައި ބޮސްދިނެވެ.

“ރިކް!” އާރިއާ ގޮވާލިއެވެ. ރާކިން އެހުރިގޮތަށް ހުރެފައި ހޫމް ލައްވާލިއެވެ.

“އަހަރެމެން ކޮންއިރަކުންތަ ކިޑެއް ހޯދާނީ؟” އާރިއާ ކުރިއަށްވުރެވެސް ބޮޑަށް ރާކިންގެ މޭގައި މޫނު ފޮރުވާލިއެވެ.

“ރިއާ ބޭނުންވީމަ.” ރާކިން މޫނު އުފުލާލާފައި އާރިއާގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން ހުއްޓެވެ.

“ސީރިއަސްކޮށްތަ؟” އާރިއާ ބޭނުންވީ ޔަޤީންކުރާށެވެ.

“ހޫމް…ކިހިނެތްވީ؟ ޤަބޫލު ނުކުރެވެނީތަ؟ ރިއާއަށް އެޒިންމާ ނެގޭނެކަން ޔަޤީންވީމަ ހަމަ ހޯދަންވީ.” ރާކިން ހުރިހާ ބާރެއް ދޫކޮށްލީ އާރިއާގެ އަތްމައްޗަށެވެ.

“ރިކް. އައިމް ރެޑީ.” އާރިއާގެ ޖުމްލަ ރާކިންގެ ކަންފަތުގައި ގުގުމާލިއެވެ.

ވަޔާއިއެކު އައި ވާރޭ ތިއްކެއް އޭނާގެ ހިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އުޑާއި ދިމާއަށް މޫނު އުފުލާލިއިރު އެންމެ ތަރިއެއްވެސް ފެންނަން ނެތެވެ. ހިނދުކޮޅެއްގެ ތެރޭގައި އައި އެތައް ބައިވަރު ވާރޭތިކިތަކުން ރާކިންގެ މޫނު ތެންމާލިއެވެ. އެއްއަތުން މޫނު ފުހެލާފައި އޭނާ އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.

ޒާނަގެ ކުރިމަތީގައި ހުރި މޭޒުގައި ހުޅުވާފައިވާ ފޮތެއް އޮތް ނަމަވެސް އޭނާ އިނީ ދަތްދޮޅީގައި އަތް ވިދެލިގޮތަށް އިސްޖަހާލައިގެންނެވެ. އެއްއަތުން ގަލަމުގައި ހިފައިގެން ހުރެ އެއްރާގަކަށް މޭޒުގައި ތަޅަމުން ދިޔައެވެ. ވާރޭވެހެން ފެށި އަޑަށް އޭނާއަށް ބަލާލެވުނެވެ. ހުޅުވާފައިވާ ކުޑަދޮރުން ވަންނަން ފެށި ފެންތިކިތަކުގެ އަސަރު ދޮރުފޮތިތަކަށްވެސް ކުރިއެވެ. ދަތްދޮޅިން އަތްނައްޓާލާފައި ޒާނަ ތެދުވެގެން ދިޔައެވެ. ކުޑަދޮރު ލައްޕަންވެގެން ކައިރިވިތަނާ އޭނާއަށް ރާކިންގެކޮޓަރިން ބޭރަށް އެޅިފައިވާ އަލި ފެނުނެވެ. ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލާފައި ޒާނަ ބަލައިލިއެވެ. ދޮރުފޮތިތައް ކަހާލާފައި ހުރިނަމަވެސް ރާކިން ފެންނަހިސާބަކު ނެތެވެ. އެކަމަކު ޒާނައަށް އެއްކަމެއް ޔަޤީންވިއެވެ. ރާކިން އުޅެނީ ހޭލައެވެ.

ރާކިން އާއި އާރިއާ ވަކިވީ ކީއްވެހެއްޔެވެ؟ އެދެމެދުގައި ޖެހުނީ އެވަރުގެ ކޮން މައްސަލައެއް ބާވައެވެ؟ ޒާނަ ސުވާލުކުރީ އަމިއްލަ ހިތާއެވެ. އޭގެ ޖަވާބެއް ނޭނގެއެވެ. ހޯދޭނެގޮތެއްވެސް ނެތެވެ. ރާކިން ކައިރިން އަހާކަށް ނުކެރޭނެއެވެ. ދެން ހުރީ ރޫބީއެވެ. ފިރިމީހާގެ އަމިއްލަ ހަޔާތުގެ ވާހަކަ ގޭގައި ގެންގުޅޭ ނޯކަރު ކައިރިން އޮޅުން ފިލުވުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. އޭނާ ރޫބީ ކައިރިއަކު ނާހާނެއެވެ. އަމުދުން އެކަން އޮޅުންފިލުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާކިންގެ ފަރާތުން ޒާނަ ބޭނުންވަނީ ހަމައެކަނި މުއްސަނދިކަމެވެ. އަރާމު ދިރިއުޅުމެކެވެ. ﷲ ގެ އިރާދަފުޅާއިއެކު މިއަދު އެހުވަފެން ސީދާ ވެއްޖެއެވެ. އިތުރަށް ދެން ރާކިންގެ ދިރިއުޅުމުގެ ތެރެއަކަށް ޒާނަ ނުވަންނާނެއެވެ.

ރާކިންގެ ހިޔާލުތައް ހިތުން ނެރެ އެއްލާލާފައި ޒާނަ އަނެއްކާވެސް އައިސް މޭޒުކައިރީ އިށީންދެ ފިލާވަޅު ދަސްކުރަން ފެށިއެވެ. ކުރިއަށް އޮތް ދުވަހަކީ އޭނާގެ ފުރަތަމަ އިމްތިހާނު އޮންނަ ދުވަހެވެ. ޒާނަގެ އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. މިއަޒުމުގައި އޭނާ އެތައް އިރެއް ވާންދެން ފޮތްކިޔަން އިނެވެ.

ހެނދު ހެނދުނާ ރާކިން އޮފީހަށް ދިޔައެވެ. ހާއްސަ މީޓިންއެއް އޮންނާތީވެ އޭނާ ބޭނުންވީ ކުރީބައިގަ ތައްޔާރުވެގެން ހުންނާށެވެ. ކަނޑައަޅާފައިވާ ވަގުތު ކައިރިވާން ފެށުމާއެކު ރާކިން ކެބިން އިން ނިކުމެގެން ގޮސް މީޓިން ހޯލަށް ވަދެއްޖެއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފަހަރަކު މީހަކު ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ދިޔައެވެ. ވަގުތު ޖެހުނުއިރު އެންމެން ހަމަވިއެވެ. މީޓިންގެ މަޤްސަދަކަށްވީ އެ ކޮމްޕެނީގެ ފަރާތުން އަޅަން ހަމަޖެހިފައިވާ ޝޮޕިންސެންޓަރގެ މަސައްކަތް ކުރިއަށް ގެންދާނޭ ގޮތުގެ މަޝްވަރާތައް ކުރުމެވެ. އޭގެ އިތުރުންވެސް އެތަން އަޅަން ހަވާލުކުރާނެ އާކިޓެކްޗަރުންގެ ގުރޫޕެއްވެސް ކަނޑައެޅުން އޮތެވެ. ދެގަޑިއެއްހާއިރަށް ދެމިގެންދިޔަ އެމީޓިން ނިމުނުއިރުވެސް ބައެއް ކަންތައްތައް މުޅިން ނުނިންމި ހުއްޓެވެ.

މީޓިން ނިންމާލާފައި އެންމެން ބޭރަށް ނިކުންނަން ފެށުމާއެކު ރާކިން އާރިއާއަށް ގޮވާލާފައި މަޑުކުރުމަށް އެދުނެވެ. އިތުރަށް އެތާގައި ދެން އިނީ ރާކިންގެ ޕީއޭ އަހުމަދެވެ.

“އާރިއާ! ޝޮޕިން ސެންޓަރ އަޅާނެ ބިމެއްވެސް އަދި ނިންމަން ޖެހޭނެ. މިހާރު ކޮށްފައިވާ އިއުލާނާއި ގުޅިގެން ދެތިން ފަރާތަކުން އެބަހުރި ބައްދަލުކޮށްފައި. ހުޅުމާލެ އާއި މިއަތޮޅު ކާށިދޫގެ އިތުރުން ލަންކާއިންވެސް ބިމެއް ލިބެން އެބައޮތް. އެކަމަކު އޭގެކުރިން އަހަރެން ބޭނުން މިތަންތަން ބަލާލަން. ވީހާވެސް ކާރޫބާރުބޮޑުވެފައި ފަސޭހަ ހިސާބެއްގައި ހުރިއްޔާ އެތައް ގޮތަކުން މަންފާކުރާނެ.” ރާކިން ބަލަން އިނީ އާރިއާއަށެވެ. އެއަޑު އަހާފައި އާރިއާ ބޯޖަހާލިއެވެ.

“ދެން އެހެންވީމަ އަހުމަދާއި ޝިއުނާ ވެގެން ކްލައިންޓުންނާއި ގުޅައިގެން ދަތުރު ޝެޑިއުލް ހަމަޖައްސާލާފަ އަހަރެންނަށް އަންގާލާތި!” ރާކިން ދާންވެގެން ތެދުވިއެވެ. ފަޓްލޫނުގެ ޖީބަށް ދެއަތްޖަހާލައިގެން އޭނާ ނިކުމެގެން ދިޔައިރު އާރިއާއަށް އިނދެވުނީ ބަލާށެވެ. ރާކިންގެ އެފިރިހެންވަންތަކަމާއިއެކު ހިނގާފައިދާ ހިތްގައިމުކަމުން ބަލާފޫހިނުވެއެވެ. ހިތް ނޭދުނަސް އޭނާއަށް ސިއްރުސިއްރުން ރާކިންގެ ހަރަކާތްތަކަށް ބެލެއެވެ.

ކަންބޮޑުވެފައި ހުރެ އަތްމަތީގައި ހުޅުވާލާފައިވާ ފޮތަށް ބަލާލާފައި އަނެއް ސިކުންތުގައި އެފޮތް މޭގައިޖައްސާލައިގެން ހުރެ ހަނދާންކުރަމުން އެއްޗެހިތަކެއް ކިޔާފައި ޒާނަ ދެކޮޅަށް ހިނގައެވެ. ކޮޓަރިން ނިކުތް މިސްކުއަށް އެތަން ފެނިގެން ލާނެތް ހިނިތުންވުމަކާއިއެކު ކައިރިއަށްއައެވެ. މިސްކުއަށް ވާހަކަނުދެއްކިގެން އުޅެނިކޮށް ގޭގެ ބެލްޖަހާލިއެވެ. ދޮރާއި ދިމާއަށް ދިޔައީ ދެމީހުން އެއްފަހަރާ ކަހަލަގޮތަކަށެވެ. ސިޑިން ފޭބި ރާކިންއަށްވެސް އެއަޑު އިވިގެން އައީ ކާކުތޯ ބަލަންވެގެން ކައިރިވެލިއެވެ. މިސްކުގެ މޫނަށް ބަލާލާފައި ދޮރުހުޅުވީ ޒާނައެވެ. އެވަގުތު ކުރިމަތީ ހުރި ދެމީހުން ރާކިންއަށްވެސް ފެނުނެވެ. އެކަމަކު ޒާނައާއި މިސްކުއާއި ހިލާފަށް ރާކިންގެ މޫނުން ފެނިގެންދިޔައީ ނުތަނަވަސްކަމެވެ

(ނުނިމޭ)

މޮޔަ ހިތް މަގޭ 10

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355