twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – މޮޔަ ހިތް މަގޭ (10)

Jul 3, 2012

  

މަރިޔަމް ޔަސްމާ

26 ޖޫން ވަނަ ދުވަހުގެ ބަޔާ ގުޅޭ

“ވަސީމައްތާ! ސައްތާރުބޭ!” އެންމެ ފުރަތަމަ ވާހަކަދެއްކީ މިސްކުއެވެ. ދުވަސްތަކަކަށްފަހު ބޮޑުދައިތަ އާއި ޅިޔަންބެ ފެނުމުން އޭނާ ނުހަނު އުފާވެއްޖެއެވެ. ވަސީމާއާއި ސައްތާރުވެސް ހިނިއައިސްފައި އެކަކު އަނެކަކަށް ބަލާލިއެވެ. މިސްކު އަވަހަށް އެމީހުން ވަންނަން ތަންދައްކާފައި ބޭރުގައި ހުރި ފޮށި ނަގަންދިޔައެވެ. ރޫބީއަށް ފެނިގެން އޭނާވެސް މަސައްކަތް ހުއްޓާލާފައި މިސްކުއާއި އެހީވާންވެގެން އައެވެ.

“މަންމަމެން ކީއްވެ އަންގާނުލާ އައީ؟” ރާކިން އައިސް ކައިރިއަށް ހުއްޓިފައި ޝަކުވާކުރިއެވެ. އޭނާ ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.

“އެއީ ދެން އެވަރުކަމެއް ނޫނޭ ދަރިފުޅާ!” ސައްތާރު ސޯފާގައި އިށީންދެފައި ހަމަޖެހިލިއެވެ. ވަސީމާ ޒާނަގެ އަތުގައި ހިފައިގެން އައިސް ޖެހިގެންހުރި ސޯފާގައި އިށީނެވެ. ރާކިން ހުރީ ކޮޅަށެވެ. ބޭރަށް ދާންވެގެން ނިކުމެހުރިހެން ހީވެއެވެ.

“ރަށު ޞިއްހީމަރުކަޒުން ބަލާފަ ބުނީ މާލެ އަންނާށޭ ޖެހޭނީ އެހެންވެގެން މިއައީ.” ސައްތާރު ބުނެލިއެވެ.

“ކޮބާ އަހަރެން އޭރުވެސް ބުނީމެއްނު. އެވަރަކަށް ކީމައިވެސް ބައްޕަ ނައީ. އަޅެ އެންމެފަހުން އަހަރެން އައިއިރު އައިނަމަ ކިހާ ފަސޭހަވީސް.” ރާކިން ވާހަކަދައްކަމުން އަތުކުރީގައި އޮތް ގަޑިއަށް ކަޅިއެއް އެއްލިއެވެ.

“ޒާނަ ކުލާހަށް ދާގަޑި ކައިރިވެއްޖެތަ؟ ހިނގާ އަހަރެން ގެންގޮސްދޭނަން.” ކުޑައިރުކޮޅެއްފަހު ރާކިން ގޮވާލިއެވެ.

ޒާނައަށް ހީވީ ހުވަފެނެއްގައި އުޅެވުނުހެންނެވެ. އޭނާ ނައިޓް ކުލާހަށް ދާން ފެށިފަހުން ރާކިން ދުވަހަކުވެސް އެފަދަ ހުށައެޅުމެއް ނުހުށައަޅައެވެ. އެހެން ހުރެފައި މިއަދު ހަމަ ކުއްލިއަކަށް އެގޮތަށް ކަންތައް ކުރަނީ މައިންބަފައިން ތިބީމައި ހެއްޔެވެ؟ ދަބަސް ހިފައިގެން އަންނާނެ ކަމުގައި ބުނެފައި ޒާނަ މައްޗަށް ދިޔައެވެ. އޭނާ އެނބުރި އައިއިރު ރާކިން ބޭރަށް ނިކުމެ ކާރަށް އަރާ އިނެވެ. ޒާނަ ކައިރިވެފައި ފަހަތު ދޮރުހުޅުވަން އުޅެންފެށުމުން ރާކިން އެއަށްވުރެ އަވަހަށް ކުރީދޮރު ހުޅުވާލާފައި އިށީންނަން އެންގިއެވެ. ޒާނަ ބަހެއް ނުބުނެއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރާކިން އެންގިގޮތަށް ކަންތައްކޮށްފިއެވެ.

ކާރު މަޑުކޮށްލާފައި ރާކިން ސަރަކައިން ދެއަތް ދޫކޮށްލިއެވެ. ފައިބަން އުޅެފައިވެސް ޒާނަ މަޑުކުރީ ރާކިން އެއްޗެކޭ ބުނަން އުޅޭހެން ހީވެގެންނެވެ. ދަބަހުގެ ޒިބު ކަހާލާފައި އެތެރެއިން އެއްޗެއް ހޯދަން އުޅޭކަމަށް ހެދިގެން އޭނާ އިނީ ރާކިން ވާހަކަދައްކާތޯއެވެ. ޒާނަގެ މަޤްސަދު ކާމިޔާބުވިއެވެ. ރާކިން ގޮވާލީ ޒާނަ ޒިބު ދަމާލާފައި ދަބަސް ކޮނޑުގައި އަޅުވާލިފަހުންނެވެ. ދޮރުފަތާއި ދިމާއަށް ގެންދިޔަ އަތްތިރިކޮށްލާފައި ޒާނަ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ރާކިން ގެ ނަޒަރު ސީދާވެފައި ހުރީ މަގުމައްޗަށެވެ.

ޒާނަ މަޑުކޮށްލިއެވެ. އެވަގުތު ރާކިން އަނެއްކާވެސް އޭނާގެ ނަމުން ގޮވާލައިފިއެވެ. ޒާނަގެ ހިތް ތެޅިގަތެވެ. ރާކިންގެ މިސިފަ އޭނާ އަދި ނުދެކެއެވެ. އޭނާއަށް ބުނަން ނުކެރިގެން އެއުޅެނީ ކޮންވާހަކައެއް ހެއްޔެވެ؟

“ޒާނަ. އަހަރެމެންގެ މެދުގައިވާ ދުރުކަން މަންމަމެންނަށް އެނގޭކަށް ބޭނުމެއް ނުވޭ.” ލަސްލަހުން ރާކިން ފެށިއެވެ. ޒާނައަށް އިސްޖަހާލެވުނެވެ.

“އަހަރެން ނެތަސް މިރޭ ނިދަންވީމަ ޒާނަ އަހަރެންގެ ކޮޓަރިއަށް ދޭ! މިރޭ އެހާ އަވަހަށް ގެއަށް އާދެވިދާނެހެން ހީނުވާތީ މިހެން މިބުނީ.” ޖުމްލަ ނިންމާފައި ރާކިން ޒާނައަށް ބަލައިލިއެވެ. ކާރުގައި ޖައްސާފައިވާ އޭސީގައިވެސް އޭނާގެ ނިއްކުރިމަތިން ދާތިކިތައް ހިލިފައިވާތަން ފެނުނެވެ. ރާކިންގެ ވާހަކައިން ޒާނަގެ ހިތާއި ރޫހަށް ލިބުނީ ބުނެދޭން ދަތި އުދާސްކަމެކެވެ. ޔަޤީނުންވެސް އޭނާ ޖެހިލުންވެއްޖެއެވެ. ރާކިން ދެކެއެއްނޫނެވެ. އެކަމަކު އެ ކޮޓަރި ދެކެއެވެ.

ދެއަތްދެއަތާއި މޮޑެލަމުން “ހޫމް” ލައްވާލި ނަމަވެސް ރާކިންއަށް ޒާނަގެ އަޑެއް ނީވުނެވެ. އަދި ރާކިންވެސް ކޮންމެހެން ޒާނަގެ ޖަވާބު އަހާކަށް މަސައްކަތެއް ނުކުރެއެވެ. އެހިމޭން ކަމަކީ އޭނާގެ އާބަސްކަމުގައި ރާކިން ނިންމިއެވެ.  ޒާނަ ނިކުމެގެން ދިއުމާއެކު ކާރު އަނބުރާލާފައި ރާކިން މިސްރާބުޖެހީ އޮފީހަށެވެ.

ކުލާސް ނިންމާފައި ޒާނަ ނިކުތްއިރު މިސްކު ހުއްޓެވެ. އެކަކު އަނެކަކު ފެނިފައި ދެމީހުންވެސް ހިނިތުންވެލިއެވެ.

“އެއީތަ ތިގޭގައި ހުންނަ ބޯއި އަކީ؟” ޒާނަގެ ކައިރީގައި ހުރި އަންހެންކުއްޖާ އަހައިލިއެވެ. ކުރިއަށް ހިނގަމުން ދިޔައިރު އާތިފާ އެތަކެއްފަހަރު މިސްކުއަށް ބެލިއެވެ. ޒާނައަށް އެކަން ނޭންގި ނަމަވެސް އޭނާ ހިތާއިހިތުން  މިސްކުގެ ރީތިކަމަށް ތައުރީފްކުރިއެވެ. ޒާނަ ހޫމް ލައްވާލާފައި އިސްޖަހާލިއެވެ. މިސްކު ބަލަންހުރުމުން އޭނާ ރަކިވާގޮތްވީއެވެ. އެދެމެދުގައިވި ބީރަށްޓެހިކަން ގާތް އެކުވެރިކަމަށް ބަދަލުވެފައި ވިއަސް ބައެއްފަހަރު ރަކިވާގޮތް ވަނީއެވެ. މިސްކުގެ ބެލުމުގައި އެހެންމީހުންނާއި ތަފާތު ގޮތެއް ހުންނަކަމުގައި ހިތް ބުނެއެވެ. އެކަމަކު ކީއްވެހެއްޔެވެ؟

“ހައެ” ދެ އަންހެން ކުދިން ގޮސް އަރާ ހަމަވުމާއެކު މިސްކު އާތިފާއަށް ނިތްއެއްލިއެވެ. އާތިފާ އުފަލުން ކޮޅެއްނެތިފައި ތަންމިނަށް ހިނިތުންވިއެވެ. ޒާނަ އޭރުވެސް ހުރީ އިސްޖެހިގޮތަށެވެ.

“ކޮބާ ދެން އެގްޒާމް ފަސޭހަތަ؟” މިސްކު ވާހަކަދެއްކީ އާތިފާ އެހެން މަގަކަށް އަޅާލި ފަހުންނެވެ.

“އުދަނގުލެއް ނޫން.” ޒާނަ ކުރުކޮށްލިއެވެ.

“މަވެސް މިރޭ އެގްޒާމްއެއް ނިންމާލާފައޭ މިއައީ. މަށަކަށްވެސް އުދަނގުލެއް ނޫން. އެކަމަކު ފެންނައިރަށް ދެކަންފަތުން ދުންއަރާފަ ބޮލުން ދެދަޅަ ނިކުމެއްޖެ.” މިސްކުގެ ވާހަކަ އަހާފައި ޒާނައަށް ހެވިއްޖެއެވެ. މިސްކުގެ ސަމާސާ ވާހަކަތަކުން އަބަދުހެން ޒާނަ ހުންނަން ޖެހޭނީ ހީލަހީލައެވެ. ބައެއްފަހަރު ހިތަށް އަރައެވެ. މިސްކު ދުވަހަކުވެސް ސީރިއަސްވި ބާވައެވެ؟

އެރޭ ކާންތިބެގެން ދަތުރާއި ބެހޭގޮތުން މިސްކު އޮޅުންފިލުވިއެވެ. އަދި ރާކިންގެ މައިންބަފައިން މިސްކުގެ މަންމައާއި އާއިލާގެ ޚަބަރުތައް ހޯދިއެވެ. އެވާހަކަތަކުން ޒާނައަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ މިސްކުގެ އާއިލާ އާއި ރާކިންގެ އާއިލާ ތެރޭގައި މާބޮޑު ގުޅުމެއް ނެތްކަމެވެ. ޓީވީ ބަލަން ތިބެފައި ވަސީމާ އާއި ސައްތާރު މާއަވަހަކަށް ނިދަން ހިނގައްޖެއެވެ. ދަތުރު ވަރުބައްޔާއެކު ކުރާނެކަމެއް ނެތި ފޫހިވެފައި ތިބެން ޖެހުމުން އެމީހުން ނިދިއައީއެވެ. ޒާނަ ހުރީ އެވަގުތު ނައިސްގެން ކަހަލައެވެ. އެމީހުން ގޮސް ގެއްލުމާއެކު އަވަސްއަވަހަށް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާލާފައި ނިދަންލާ އެއްޗެހި ހިފައިގެން ނިކުމެ ބޯދިއްކޮށްލާފައި ކުޑަކުއްޖެއްހެން ފިލަފިލަމުން ގޮސް ރާކިންގެ ކޮޓަރިއަށް ވަދެ ދޮރުފަތުގައި ބުރަކަށި ޖައްސާލިއެވެ.

ފުންނޭވާއެއް ދޫކޮށްލާފައި ކުރިއަށް ބަލާލުމާއެކު ޒާނަ ހައިރާންވިއެވެ. އޭނާއަށް ރާކިން އުޅޭ ކޮޓަރި މިފެނުނީ އަލަށެވެ. އެފަދަ ނަސީބެއް އަދި މިހާތަނަށް މިންވަރުކުރައްވާފައި ނުވަނީއެވެ. ޒާނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އެކޮޓަރީގެ ފާރުތަކުގައި ލާފައިވާ ކުލައިން ފެށިގެން ބޭނުންކޮށްފައިވާ ކޮންމެ އެއްޗަކާއި ބަލާލި ކޮންމެދިމާއަކުންވެސް ސިފަވެގެންދަނީ ޝާހީ ގަނޑުވަރެއްގައިވެސް ހުންނާނެ މުއްސަނދި ކަމާއި ހައިބަތެވެ. ރާކިންގެ ވަރުގަދަ ޝަހުސިއްޔަތު ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދެއެވެ.

ޒާނަގެ މަޤްސަދަކީ ރާކިން އައުމުގެ ކުރިން ނިދީގެ ތެރެއަށް ގެނބިގެން ދިއުމެވެ. ދެ ލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން ބަލަބަލާފައި އޭނާ އަވަހަށް ހެދުން ބަދަލުކުރިއެވެ. އެނދާއި ކައިރިވެލާފައި މަދިރިގެ ހިއްލާލުމަށްފަހު ޒާނަ އެނދުގައި އޮށޯވެލިއެވެ. އޭނާ އޮތީ ނިކަންބޮޑަށް އެއްފަރާތަކަށް ޖެހިގެންނެވެ. ފަހަރެއްގައިވެސް ރާކިންއަށް އޭނާގެ ސަބަބުން އުދަނގޫވާކަށް ޒާނަ ބޭނުމެއް ނުވެއެވެ. ކުޑައިރުކޮޅެއް ވީއިރު ޒާނަ ތުރުތުރު އަޅަން ފަށައިފިއެވެ. އޭސީ ހުރީ ސޯޅައަށް ލައިފައެވެ. އަމިއްލަ ކޮޓަރީގައި ނިދާއިރުވެސް އޭނާ ހީކަރުވާތީ އޭސީއެއް ނުޖައްސައެވެ. ރިމޯޓް ފެނޭތޯ އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. އެހެން ގޮތެއް ނެތުމުން ތެދުވެ އިށީންދެފައި ފައިލާކޮޅުގައި ފަތުރާފައިވާ ބޯރަޖާ ގެނެސް މުޅިހަށިގަނޑުގައި އޮޅާލައިގެން ޒާނަ އަނެއްކާވެސް އޮށޯވެ ލޯމަރާލިއެވެ.

ރާކިން ގެއަށް އައިއިރު ބާރަ ޖަހައިފިއެވެ. ގަރާޖުގައި ކާރު ޕާކް ކޮށްފައި އޭނާ ވަންއިރު ރޫބީ ޓީވީ ހުޅުވައިގެން ސިޓިންރޫމްގައި އިނެވެ.  ރޫބީ އެއިންނަނީ އޭނާ ނާންނާތީ ގޭގެ ދޮރުތައްނުލެއްޕިފައި ކަން ރާކިންއަށް ވިސްނުނެވެ. ކޮޓަރިއަށް ވަންނަން ދަމުން އޭނާ އެންމެން ނިދީތޯ އަހައިލިއެވެ. ރޫބީ ތެދުވެފައި ބޯޖަހާލިއެވެ.

ރާކިން ދޮރުހުޅުވާލި އަޑަށް ޒާނައަށް ހޭލެވިއްޖެއެވެ. އޭނާއަށް ނިދުނީވެސް ނުހަނު އުދަނގުލުންނެވެ.  އެތެރެއަށް ވަދެގެން ދިޔައިރު ޒާނަ ކައިރީ ނިދަން އަންނަން ބުނެފައިވާ ކަމެއް ރާކިން ހަނދާން ނެތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގައި އެނދުގައި އޮތް ޒާނަ ފާހަގައެއްވެސް ނުކުރެވެއެވެ. އަތުކުރީގައި އޮތް ގަޑި ބާލާފައި ޑްރެސިންޓޭބަލް މަތީ ބާއްވާލުމަށްފަހު ރާކިން ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އާދައިގެމަތިން އޭނާ މިރޭވެސް އެތައްޔާރުވަނީ ފެންވަރަން ވަންނާށެވެ. ނިދުމުގެކުރިން ފެންވަރާލުމުން އޭނާއަށް ނިދަން ފަސޭހައެވެ.

އަނެއްކޮޅުން ޒާނަގެ ހިތް ވަނީ އަވަސްވެފައެވެ. ލޯމަރާލައިގެން އޮތްއިރު ރާކިންގެ ފިޔަވަޅު އަޑުއިވިފައި ރަޖާތެރޭގައިވެސް ޒާނަ ފިނިވާންފެށިއެވެ. ގަމީސް އެއްފަރާތެއްގައި ބާއްވާފައި ރާކިން ފަޓްލޫނު ބާލަންވެގެން ބެލްޓް ނެއްޓިއަޑު އިވިފައި ޒާނަގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ހީވީ ރާކިން އެއުޅެނީ އޭނާގެ ކައިރިއަށް އަންނަން ކަމުގައެވެ. ކައިވެނި ކުރުމަށްފަހު ރާކިންގެ ކޮންމެ އެދުމަކަށް އޭނާ ކިޔަމަން ވާންޖެހެއެވެ. ކުރަން މިއުޅެނީ ނުރަނގަޅު ކަމެއްކަން އެނގޭއިރުވެސް ޒާނަ ބޭނުންވީ ދެކޮޅުހަދާށެވެ. ކައިވެނީގެ ރޭ ރާކިން ބުނެފައިވަނީ ދެ އަހަރު ވާންދެން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގައެވެ. ދެން ހަމަ ހުރެފައި ކުއްލިއަކަށް ހިޔާލު ބަދަލުވީ ކިހިނެތްވެގެން ހެއްޔެވެ؟ ކުޑަމިނުން ސުވާލު ކުރުމުގެ ހައްޤު އޭނާއަށް އޮންނާނެއެވެ.

“ހަމަ މިހާރު ހުއްޓޭ! އަހަރެންނަށް ޖަވާބުދީފައި ނޫނީ ދެން އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި! ” ޒާނަ ފުންމައިގެން ތެދުވެފައި ރަޖާގަނޑު އެއްލާލިއެވެ. އޭނާއަށް ފެނުނުއިރު ރާކިން ހުރީ ބޮކްސާގައެވެ. ޒާނައަށް މޫނުގައި ދެ އަތްއެޅުނެވެ.

“ޝިޓް. ޒާނަ މިތާގަ؟” ރާކިންގެ އަނގައިން ނިކުތެވެ.  ޒާނަ އެއްލާލި ރަޖާގަނޑު އަވަސްއަވަހަށް ނަގާ އުނަގަނޑާއި ހިސާބުން އޮޅާލާފައި އެއްއަތުން ހިފެހެއްޓިއެވެ.

“ތިހެންބުނީމަ ހީވަނީ ރާކިންއަށް ނުވެސް އެނގޭހެން އަހަރެން މިތާ އޮތްކަމެއް.” ޒާނަ އަދިވެސް އިނީ މޫނުގައި ދެއަތް އަޅައިގެންނެވެ.

“އަހަރެން ހަނދާންނެތް ޒާނަކައިރީ އަންނަން ބުނެވުނުކަމެއް.” ރާކިން އަނެއް އަތް އިސްތަށިގަނޑަށް މަހާލާފައި ތިރިކޮށްލިއެވެ.

“ދޮގެއް. ދޮގެއް. ރާކިން އުޅުނީ އެހެން ބޭނުމަކު. ބަސްޓްވީމަ އޮޅުވާލަން މަސައްކަތް ނުކުރޭ.” ޒާނައަށް ހީވަނީ މުޅިން އާހިތްވަރެއް ލިބިގެން އުޅޭހެންނެވެ. ރާކިންއަށް ހެވިއްޖެއެވެ. ޒާނައަށް އަޑުއިވިއްޖެއްޔާ ރުޅިއަތުވެދާނެތީ އޭނާ ހުސްކޮށްއޮތް އަތް މުށްކަވާލާފައި ތުންފަތުގައި ޖައްސާލަމުން އަނެއްފަރާތަށް އެނބުރި ފާޚާނާއާއި ދިމާއަށް ދިޔައެވެ. ޒާނަގެ ޅަކަމާއިމެދު ހިތާއިހިތުން މަލާމާތްކުރަމުންނެވެ.

“ޒާނަ. އަހަރެން އާންމުކޮށް ނިދުމުގެކުރިން ފެންވަރަން. އެހެންވެ މިރޭވެސް… އަސްލު އެއްގޮތަކަށްވެސް ހަނދާންނެތް ޒާނަ މިތާއި އޮންނާނެކަމެއް.” ރާކިން ޒާނައަށް ބަލަންހުރެ ރަޖާގަނޑު ދޫކޮށްލާފައި ތުވާލިޖަހައިގެން ގޮސް ފާޚާނާއަށް ވަދެ ދޮރުލެއްޕިއެވެ. ޒާނަ މޫނުން ދެއަތްނެގީ ދޮރުލެއްޕި އަޑަށެވެ. ދޮރާއި ދިމާއަށް ބަލަން އިނދެގެން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފާޚާނާއާއި ދިމާލުގައި އޮތް ރަޖާ ދެކެފައި ޒާނަ ތެދުވެގެން ގޮސް އެހިފައިގެން އައެވެ. އަނެއްކާވެސް ނިދޭތޯ އޭނާ މަސައްކަތްކުރިއެވެ. އެކަމަކު ލޯމެރިލާއިރަށް ސިހިފައި ހޭލެވެއެވެ. ޒާނައަށް ހީވަނީ ރާކިން ފެންވަރައިގެން ނިކުމެ އޭނާއަށް ގޮތެއްހަދަން އުޅެފާނެހެންނެވެ. ދެ އަހަރު ވާންދެން ދުރުގައި އުޅެން ބުނެފައިވިއަސް ރާކިން އަކީވެސް ފިރިހެނެކެވެ. އޭނާގެވެސް އެދުންތަކެއް ހުންނާނެއެވެ. އަމުދުން ޒާނަ އެއީ ރާކިންގެ ހަލާލު އަނބިމީހާއެވެ. މިހިޔާލުތަކެއްގައި ޒާނަ އޮންނަތާ އިރުގަނޑެއްފަހުން ފާޚާނާގެ ދޮރުހުޅުވާލާފައި ރާކިން ނިކުތެވެ. ކުޑަކުޑަކޮށް ރަޖާގަނޑު ތިރިކޮށްލާފައި ޒާނަ ބަލާލިއެވެ. ރާކިންއަށް އެތަން ފެނުނެވެ.

“އަދިވެސް ނުނިދަނީތަ؟” ރާކިން ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. ޒާނަ ޖަވާބެއް ނުދެއެވެ.

“މިފަރާތަށް ނުއެނބުރޭތި!” ނިދަންލާ ދޫހަރުވާޅު ނަގާފައި ރާކިން ޒާނައާއި ކުރިމަތިލިއެވެ. ޒާނަ އޮތީ އަނެއްފަރާތަށް އެނބުރިއެވެ. އެކަމަކު އެއަޑު އަހާފައި ދެ ލޯމަރާ ތަގުޅިކޮށްލެވުނެވެ. އޭގެފަހުން ދިހަވަރަކަށް މިނިޓްވެގެން ދިޔައިރުވެސް ރާކިންގެ ހިލަމެއް ނުވިއެވެ. އޭނާ އަދިވެސް އިންތިޒާރުކުރިއެވެ. އެންމެފަހުން ނޯވެވިގެން ލޯހުޅުވާލާފައި ތެދުވެއްޖެއެވެ.

ޒާނަ ހައިރާންވިއެވެ. ރާކިން އޮތީ ދުރުގައި އޮތް ސޯފާގައި ދިގުދިގަށް އޮށޯވެ ނިދާލައިފައެވެ. އޭނާ އެންމެ ހައިރާންވީ ރާކިން ދިޔައަޑުވެސް ނީވުނީމައެވެ. ގަޑި ބަލާލިއިރު އެކެއް ޖަހަން އުޅެއެވެ. ރާކިން އެހާ ފުންނިންޖެއްގައި އޮތްވާ ފެނުމުން ޒާނަވެސް ނިދިއަންނަހެން ހީވިއެވެ. އަނެއްކާވެސް އޮށޯވެ ރަޖާގަނޑު ރަނގަޅުކޮށްލާފައި އޭނާ ލޯމަރާލައިފިއެވެ.

“ސަރ. ކޮފީ.” ކެބިންގެ ދޮރުހުޅުވާލާފައި ޝިއުނާ ގޮވާލިއެވެ. ރާކިން އިނީ ފޯނެއްގައެވެ. އަތުގެ އިޝާރާތުން އޭނާ ކޮފީތަށި ބެހެއްޓުމަށް އަންގާލުމާއެކު ޝިއުނާ އެތެރެއަށް ވަނެވެ. އޭނާގެ އެއްއަތުގައި ފައިލެއްވެސް އޮތެވެ. ރާކިން ނިމެންދެން ޝިއުނާ މަޑުކުރިއެވެ.

“ދަތުރު ޝެޑިއުލް.” ރާކިން ފޯން ބާއްވާފައި ބަލާލިތަނާ ޝިއުނާ ފައިލް ދައްކާލިއެވެ. އަދި ހުއްދައަށް އެދިފައި ނިކުމެގެން ހިނގައްޖެއެވެ. ފައިލް ނަގާ ހުޅުވާލާފައި ރާކިން އެއަށް އަވަސްނަޒަރެއް ހިންގާލިއެވެ. އަދި އަނެއްކާވެސް ބާއްވާފައި ކޮފީ ބޯން ފަށައިފިއެވެ. އެހެން އިނދެގެން އޭނާ އިރުއިރުކޮޅާ އާރިއާއަށް ބަލާލައެވެ.

(ނުނިމޭ)

މޮޔަ ހިތް މަގޭ 11

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355