މަރިޔަމް ޔަސްމާ
03 ޖުލައި ވަނަ ދުވަހުގެ ބަޔާ ގުޅޭ
ހެނދުނު ހޭލާފައި ޒާނަ ފުރަތަމަވެސް ރާކިން ފެންނަން ހުރިތޯ ހޯދާލިއެވެ. ކޮޓަރިތެރެއިން ފެންނަން ނެތިގެން ތެދުވެފައި ފާޚާނާވެސް ބެލިއެވެ. ގަޑި ބަލާލަން ހަނދާންވީ އެއަށްފަހުއެވެ. ޒާނައަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ރާކިން ވާނީ މިހާރު އޮފީހުގައެވެ. ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލާފައި އޭނާ ގޮސް ދޮރުހުޅުވާފައި ސިއްރުން ބޯ ދިއްކޮށްލިއެވެ. މީހަކު ނެތްކަން ޔަޤީންކޮށްފައި ޒާނަ އޭނާގެ ކޮޓަރިއަށް ވަދެ ތައްޔާރުވާން ފެށިއެވެ. އޭނާއަށް ނިކުމެވުނުއިރު ވަސީމާ އާއި ސައްތާރު ތިބީ ހެނދުނުގެ ސަޔަށް އިންސާފުކުރާށެވެ. މޭޒުކައިރީ އިށީނުމުގެ ކުރިން ޒާނަ ދެ ތައްޓަށް ފެންއަޅާފައި އެދެމީހުންގެ ކައިރިއަށް ޖައްސާލިއެވެ. ވަސީމާ ބުނެގެން ރޫބީ ހުރީ މަސްރިހަ ކައްކާފައެވެ. މިސްކު އައީ އެންމެން ސައިބޮއެގެން ބޭރަށް ނިކުންނަން ދަނިކޮށެވެ. އެވަގުތު ޒާނަ އަނބުރާލާފައި ގޮސް މިސްކުއަށް ސައި ތައްޔާރުކޮށްދޭން ފެށިއެވެ.
މެންދުރުވެގެން އައިއިރު ރާކިން ތައްޔާރުވަމުން ދިޔައީ ހުޅުމާލެއަށް ދާންވެގެންނެވެ. ދަތުރުތައް ޝެޑިއުލްކޮށްފައި އޮތްގޮތުން ހުޅުމާލެ ދަތުރު އޮތީ މެންދުރު ބާރަޖަހާއިރަށެވެ. ރާކިންގެ ފަހަތުން އާރިއާވެސް މަގުމައްޗަށް ނިކުމެފައި ކާރަށް އެރިއެވެ. އިތުރަށް ދާމީހަކަށް ހުރީ ރާކިންގެ ޕީއޭ އަހުމަދާއި ޝޮޕިންސެންޓަރ އެޅުމަށްޓަކައި ހަވާލުވެގެން އުޅޭ އާކިޓެކްޗަރ ގުރޫޕްގެ މީހެކެވެ. އެމީހުންނަށް ދެވުނުއިރު މާކުރިއްސުރެ ލޯންޗް ތައްޔާރަށް އޮތެވެ.
ހުޅުމާލެއިން ރާކިންމެންނަށް މަރުހަބާކީ ބިމުގެ ވެރިފަރާތުން ފޮނުވައިގެން އައިސް ހުރި ޒުވާނެކެވެ. އާރިއާ ލޯންޗުން ފޭބީއްސުރެ އާޒިމްގެ ނަޒަރު އޭނާއާއި ވަކިވާތަނެއް ނާދެއެވެ. ރާކިންއަށް އެކަން ފާހަގަ ކުރެވުނެވެ. ވާހަކަދައްކަމުން ވޭން އާއި ހަމައަށް ގޮއްސައި އާޒިމް އަވަސްއަވަހަށް އާރިއާގެ އަތުގައި ހިފަންވެގެން އުޅުނެވެ. ރާކިންގެ އެތެރެހަށީގައި ލޭތައް ކެކިގަތެވެ. ފޯނެއްގައި ހުރި އާރިއާ މާބޮޑު އަޅާލުމަކާއި ނުލާ ދިއްކޮށްލެވިފައިވާ އާޒިމްގެ އަތުގައި ހިފާލިތަން ފެނުނެވެ. އެންމެން އަރާ ހަމަޖެހުމާއެކު ޑްރައިވަރ ވޭން ދުއްވާލިއެވެ. އާރިއާއާއި އާޒިމް ތިބީ އެއްތާގައެވެ. ރާކިން އިންނަންޖެހުނީ އެދެމީހުންނަށް ކުރިމަތިވާ ގޮތަށެވެ. ނޫންކަމަށް ހެދިގެން އިނަސް އޭނާގެ ސިއްރު ނަޒަރު އެދެމީހުންނަށް ހުއްޓާލެވެއެވެ. އާރިއާ ފޯނެއްގައި ހުރުމުން ވާހަކަދައްކާނެ ފުރުސަތު ނުލިބުނު ނަމަވެސް އެދެމެދުގައި ބަދަލު ކުރެވުނު ހިނިތުންވުން ތައް ރާކިންގެ ހަމަޖެހުން ނަގާލިއެވެ.
ބާރަށް ދުއްވާފައިދިޔަ ބަހުގައި އެމީހުންގެ މަންޒިލަށް ފޯރާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ގިނަ އަދަދަކަށް ކުރެދިގަހާއި މަގޫގަސްތައް ފަޅާފައިވާ އެހުސްބިން އަވަށަކާއިވެސް މާދުރެއް ނޫނެވެ. ރާކިންމެން ފޭބިއިރު އަވި ކުޑައެއް ޖަހާފައި ވަށްމޭޒެއްގެ ދޮށުގައި ގޮނޑި ބަހައްޓާފައި ހުއްޓެވެ. އަދި މޭޒުމަތީގައި ފެންފުޅިތަކަކާއިއެކު ފިނި ބުއިމެއްގެ އިންތިޒާމް ހަމަޖެހިފައިވާތީ ފެނުނެވެ. އަހުމަދު އިށީންދެފައި ދަބަހުން ލެޕްޓޮޕް ނަގާ މޭޒުމަތީ ބަހައްޓާފައި ހުޅުވާލިއެވެ. އާޒިމް އެދިގެން އެހެންމީހުންވެސް ފުރަތަމަ ފިނިބުއިންތަކާއި ދިމާއަށް ދިޔައެވެ.
ހުސްތަށިތައް މޭޒުމައްޗަށް ދޫކޮށްލާފައި އެންމެން ހިނގައިގަތެވެ. އާޒިމް އާއި ރާކިންގެ ވާހަކައިގައި ދެން ބަސްބުނާ މީހަކަށް ހުރީ އާކިޓެކްޗަރ ގުރޫޕުން އައިސް ހުރި މީހާއެވެ. އަހުމަދު ލެޕްޓޮޕް އަތަށް ނަގައިގެން ރާކިންގެ ފަހަތުގައި ޖައްސާފައި ހުއްޓެވެ. އޭނާ އިރުއިރުކޮޅާ ޓައިޕްކުރަން ފަށައެވެ. ދަބަހުން އަވިއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލާފައި އާރިއާ ކައިރީގައި ހުރިގަހަކުން މަގޫފަތްކޯޅިއެއް ބުރިކޮށްލިއެވެ. އަވިން ސަލާމަތްވުމަށްޓަކައި އާރިއާ ފަތްކޯޅި ބޮލާއި ދިމާލަށް އުފުލާލައިގެން ހުއްޓެވެ. ދޭތެރެއަކުން ރާކިންމެންގެ ވާހަކައަށް އޭނާއަށް ފެންނަ ހިޔާލެއް އިތުރުކޮށްލައެވެ.
މަޝްވަރާތައް ނިންމާލާފައި އެނބުރި ދާންވެގެން ބެލިއިރު ވޭން ހިނގައްޖެއެވެ. ދުއްވަން ހުރި ޒުވާނާ ކުއްލިއަކަށް ދާންޖެހިގެން އެހެން މީހަކު ފޮނުވަން ނިންމާފައި ދިޔަ ނަމަވެސް ވަގުތު ޖެހުނުއިރު އޭނާއަށް އާދެވޭގޮތެއް ނުވިއެވެ. އަނެއްކޮޅުން މެންދުރު ވަގުތު ހިޔަނިތައް އެއްވަރުވެފައި ހުރުމުން އަވި ކުޑަދަށުގައިވެސް ހިޔާކަމެއް ނެތެވެ. ހޫނުގަދަކަމުން ތާރުއަޅާފައިވާ މަގުތަކުން އާވިނަގައެވެ. އާޒިމް ހިޔާލުދިނީ މަގު ހުރަސްކޮށްފައި ދެވެންހުރި ރެސްޓޯރެންޓްގައި މަޑުކޮށްދިނުމަށެވެ. އެ ހޫނުގައި ޓެކްސީއަކަށް އިންތިޒާރުކުރުންވެސް ވާނީ ވޭނަކަށެވެ. ރާކިން އެއްބަސްވިއެވެ. އެންމެން ހިނގައިގަތުމާއެކު އާރިއާވެސް މަގުހުރަސްކުރަންވެގެން ދިޔައެވެ. އެވަގުތު އޭނާގެ ފޯން ރިންގްވާންފެށީ ކުއްލިއަކަށެވެ. ކުރީގައި ތިބިމީހުންނަށް ބަލާލާފައި އާރިއާ ފޯނަށް ޖަވާބުދޭންވެގެން އަވަސްއަރުވާލާފައި ހުރިވަރުން މަގުމައްޗަކަށް ނުބަލައެވެ. ޖެހިގެން ހުރި އިމާރާތުގެ މަރާމާތެއް ކުރަންވެގެން ތަޅާލާފައިވާ ފާރުން ބުރަބުރައިގެން އައިސްފައިވާ ކުދިގާކޮޅުތަކުން ގާކޮޅަކަށް އެރިފައި ފައިފުރޮޅުނުގޮތަކުން އާރިއާ އަރައިގެން ހުރި އުސްކަށި ހަލާކުވެއްޖެއެވެ. ނަސީބު ރަނގަޅުކަމުން ފަޔަށް ގެއްލުމެއްނުވިތާގައި ވެއްޓުމުގެކުރީން އާރިއާއަށް އެހަށިގަނޑު ހިފެހެއްޓުނެވެ.
“ޝިޓް!” އާރިއާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އެއަޑު އިވިގެން އެންމެ ކައިރިއަށް ހުރި އާޒިމްއާއި ރާކިން ބަލާލިއެވެ. އަހުމަދާއި ކުރިއަށް ހުރި ޒުވާނާ އޭރު ރެސްޓޯރެންޓަށް ވަދެއްޖެއެވެ. ފޯން ކަންފަތުގައި ޖަހާލަމުން އާރިއާ ދެފައިވާންކިބަ ދޫކޮށްލާފައި ކުރިއަށް ދާން އުޅުނެވެ”އޯހ މައި ގޯޑް. އޯހ މައި ގޯޑް.” ކުރިއަށް ދެފިޔަވަޅު އަޅާއިރަށް ހީވީ އެދެފައި އެޅުނީ އަނގުރުތަކެއްގައި ހެންނެވެ. ފަޔަށްހޫނުވެގެން އާރިއާ ފުންމަމުން ދުވަމުން ފަހަތަށް ގޮސް ގަހުގެ ހިޔަލަށްވަނެވެ. ރާކިން އާއި އާޒިމް އެކަކު އަނެކަކަށް ބަލާލާފައި އާރިއާއަށް ބަލާލީ ދެން ހަދާނީ ކިހިނެތްކަން ވިސްނާލާފަދަ ގޮތަކަށެވެ. ރާކިންމެން ބަލަން ތިބުމުން އާރިއާ އަނެއްކާ ހިތްވަރުކޮށްލިއެވެ. އިނގިލިތަކުގެ ކުރިޖައްސައިގެން އޭނާ ދުވެލާފައި މަގު ހުރަސްކުރަން އުޅުނެވެ. އެކަމަކު ހަމަ ތަންކޮޅަކަށް ދެވުނުއިރަށް ކެތްނުކުރެވިގެން އަނެއްކާ ފަހަތަށް ފަހަތަށް ގޮސް ކުރިންހުރި ތަނަށް ހުއްޓުނެވެ.
“މިތާކައިރީގަ ހުންނަ ޝޮޕަށްގޮސް ފައިވާނެއް ގެނެސްދީފާނަން. ކޮން ނަންބަރެއްތަ ތި ފަޔަށް ފިޓްވާނީ؟” އާޒިމް އާރިއާގެ ދޮން ފައިތިލިއަށް ބަލާލިގޮތުންވެސް ރާކިންގެ މެޔަށް ކައްޓެއްހަރާލި ކަހަލައެވެ. ފަޓްލޫނުގެ ޖީބަށް އެއްއަތް ޖަހައިގެން ހުރެ ހިނގައިގަތުމުން އާރިއާއަށް ރާކިންގެ މަޤްސަދު ވިސްނުނެވެ. އެކަމަކު އާޒިމް ހުރީ ރާކިން ކުރަން އެއުޅޭ ކަމަކާއިމެދު ސުވާލު އުފެދިފައެވެ.
“ރާކިން. އޭނާ އަހަރެންނަށް ފައިވާނެއް ގެނެސްދީފާނެ. މިފަޔަށް ފިޓްވާނީ ތާރޓީ އެއިޓް. ދޭ އަވަހަށް ގެނެސްދޭން. ކޭންޓް ވެއިޓް. ހޫނުވެގެން މަރުވަނީ.” ރާކިން ކައިރިވާން ފެށުމުން އާރިއާ އެއްފަހަރު ރާކިންއަށް އަނެއްފަހަރު އާޒިމްއަށް މުޚާތަބްކޮށް ބުނެލިއެވެ. އެކަމަކު ރާކިން އެއަޑެއްނާހައެވެ. ދާދިގާތަށް ހުއްޓިފައި ޖީބުން އަތްނަގާ އާރިއާގެ ހަށިގަނޑު އުފުލާލުމަށްޓަކައި އަދިވެސް ކައިރިވެލިއެވެ. އާރިއާ ޖެހިލީ ފަހަތަށެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނާ އެކަން ނުކުރުމަށް އަންގައަންގާ އޮތްވާ ރާކިން ގުދުވެލާފައި އެ އަތްދަނޑިމައްޗަށް އާރިއާ އުފުލާލައިފިއެވެ. އާޒިމްއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. ރާކިން ނުހަނު ހަމަޖެހިލައިގެން ހުރެ މަގުހުރަސްކޮށްފައި ގޮސް ރެސްޓޯރެންޓްގެ އިމާރާތުން ހިޔާއެޅިފައިވާ ހިސާބުގައި އާރިއާ ބެހެއްޓިއެވެ. އެތަނާއި އިންވެގެން ހުރީ ބޮޑު ފިހާރައެކެވެ. “ތޭންކްސް.” އާރިއާ ވަރަށްގިނަމީހުންނަށް ފެނުނުތޯ ބަލަންވެގެން ވަށައިގެން ލޯހިންގާލާފައި ފިހާރައަށް ވަންނަންދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް ފައިވާނެއް ގަންނާށެވެ. ރާކިން ވާހަކަދައްކަން ފެށުމުން އާޒިމްއަށް ޖެހުނީ އެދިމާއަށް ނުގޮސް ރެސްޓޯރެންޓަށް ވަންނާށެވެ.
އާދައިގެ އެހެން ދުވަސްތަކާއި ހިލާފަށް އާރިއާ އެދުވަހު މާއަވަހަށް ގެއަށްދާން ނިކުތެވެ. ގޭގައި ގެންގުޅޭ މީހާ ގުޅާފައި ޔޫން ހުންއައި ވާހަކަ ބުނުމުން އޭނާ އެންމެ މިނިޓެއްވެސް ނަގައެއްނުލައެވެ. ރާކިންއަށް އެޚަބަރުދީފައި އަވަސްއަވަހަށް ޓެކްސީއަކަށް އަރައިގެން ގެއަށް ހިނގައްޖެއެވެ. ބެލްޖަހާފައި ދޮރުހުޅުވުމާއި ދެމެދު ވީވަގުތުކޮޅުވެސް އޭނާއަށް ވީ ޤަރުނަކަށެވެ. ތުއްތު ޔޫންގެ ކައިރިއަށް ދިއުމަށްޓަކައި އާރިއާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އެދަރިފުޅަށް ކަމެއްވެއްޖެނަމަ އޭނާ މޮޔަވާވަރުވެއެވެ. ޔޫން ކިބިއްސެއް އަޅާލިއަސް އެދެން ކަންތަކާއި ޖެހުނީއެވެ. ރަނގަޅުވާންދެން އެންމެ ސިކުންތަކަށްވެސް އާރިއާގެ ލޯމަތިން ގެއްލުނަކަ ނުދޭނެއެވެ. އަދި ނިމުނީއެއްނޫނެވެ. ހޫނު ފެނުން އާވި އަރުވައެވެ. ޔޫންއަށް ބޮވޭވަރަށް ކަޅުސައި ހަދާފައި އެއަށް ލިނބޯ ހުތްއަޅައިގެން ސައިބޯންދެއެވެ. ވަގުތުން ކައްކާ ހިހޫކުރި ކާއެއްޗެއްނޫނީ ޔޫންގެ އަރުން އެތެރެވިޔަ ނުދެއެވެ. ކުޅެންއުޅޭއިރު އަނގައަށް އަތްލުމާއި ތިރީގައި އިށީނުން މަނާވެއެވެ. އަދި ހަމައެހެންމެ ގޭގައި ގެންގުޅޭމީހާ ލައްވާ ދުވާލަކު ދެފަހަރު މުޅި އެޕާޓްމެންޓް ފޮޅައި ސާފުކޮށްފައި މޮޕްކުރުވައެވެ.
“ލަތާ! ކޮބާ ޔޫން ކޮޓަރީގައިތަ؟” ލަތާ ދޮރުހުޅުވާލުމާއެކު އާރިއާ ފުރަތަމަވެސް ފައިވާނުގެ މަޅިގަނޑު ނައްޓާލާފައި ދެކިބަ ހުރިތަނަށް ދޫކޮށްލަމުން ޔޫންގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ސުވާލު ކުރިނަމަވެސް އޭގެ ޖަވާބަކަށް އިންތިޒާރެއް ނުކުރެއެވެ.
“ޔޫން ބޭބީ. މަންމި މިއައީއޭ. ދޫނި ކޮންތާކު؟” ކޮޓަރި ދޮރުމައްޗަށް އަރާފައި ޔޫން އެނދުގައި ނެތިގެން އާރިއަށް ހޯދާލެވުނެވެ. އެވަގުތު ޔޫންގެ ކުޅޭކޯނަރ ގައި ތިބި ސައްތާރާއި ވަސީމާ ފެނިފައި އޭނާއަށް ހުއްޓުން އަރާގޮތްވިއެވެ. ޔޫން އިނީ ވަސީމާގެ އުނގުގައެވެ.
“މަންމާ. ބައްޕާ! ކޮންއިރަކު އައީ؟” އާރިއާގެ ދެލޮލަށް ގިނަވެގަތީ އުފާވެރިކަމުގެ ކަރުނަތަކެވެ. އޭނާ އަވަސްއަވަހަށް ގޮސް އެމީހުންގެ ކައިރިއަށް ހުއްޓުނެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ތެދުވިއެވެ. ޖަވާބުދިނީ ވަސީމާއެވެ. އެވަގުތު އާރިއާ ކައިރިވެލާފައި ޔޫން ހުންހުރިތޯ ބަލަންވެގެން އެކުއްޖާގެ ކަރުދޮށުގައާއި ނިތުގައި އަތްޖައްސާލިއެވެ.
“ލަތާ ގުޅާފަ ޔޫން ހުންއައި ވާހަކަ ބުނީމަ އަހަރެންވެސް އަވަހަށް މިއައީ. މަންމަމެން މިގެއަށް އައިފަހުން ވަރަށް ގިނައިރުވެއްޖެތަ؟ ދެން ހަވީރު ސައިބޮއެގެން ދާންވާނީ.” ޔޫންގެ ތޮބީއަތް ރަނގަޅުކަމަށް ފެންނާތީ މައިދައިތަމެންނާއި އެކުއްޖާ ހަވާލުކޮށްފައި އާރިއާ ހެދުން ބަދަލު ކުރަން ދިޔައެވެ.
ސައިބޯން ތިބެގެން އާރިއާ ވަސީމާމެން އައި ސަބަބު އޮޅުންފިލުވިއެވެ. މީގެ އިތުރުންވެސް ރަށާއި ގާތްތިމާގެ މީހުންގެ ޚަބަރުތައް އެހިއެވެ. ދުވަސްތަކަކަށްފަހު އެމީހުންނާއި ބައްދަލުވުމުން އާރިއާ އިނީ ވަރަށް އުފާވެފައެވެ. ރާކިންގެ މައިންބަފައިންނަށް ވިއަސް އެމީހުން ދުވަހަކުވެސް އޭނާ އާއި ރާކިން ތަފާތެއް ނުކުރެއެވެ. ދޭތެރެއަކުން ޔޫންގެ ޅަވާހަކަތައް އިވިފައި އެންމެން ހީގަނެއެވެ. ރާކިން އެގެއަށް އައީ އެމީހުން ސައިބޮއެ ނިމެން އުޅެނިކޮށެވެ. އެތެރެއަށް ވަދެގެން އަންނަނިކޮށް ސައިމޭޒު ދޮށުގައި ތިބި މަންމަމެން ފެނިފައި ރާކިން ހިސާބަކަށް ޖެހިލުންވެއްޖެއެވެ.
“ރާކިން. އާދޭ ސައިބޯން!” އާރިއާ ތެދުވެފައި ރާކިންއަށް ސައި އަޅައިދިނެވެ. އެމޫނުމަތިން އުފާވެރިކަން ނޫން އެހެން ކުލައެއް ފާޅުވިއަކަ ނުދެއެވެ. އެކަމަކު މައިންބަފައިން ތިބުމުން އާރިއާ އާއި ރާކިންއަށްވެސް ބުނެދޭން ދަތި އުދަނގޫތަކެއް ވިއެވެ. ރާކިން އެންމެ ފުރަތަމަ އައިސް ޔޫންގެ ކައިރިއަށް ހުއްޓިފައި އެކުއްޖާ އާއި ވާހަކަދެއްކިއެވެ.
“ބޭސްދީފައިތަ އެއިނީ؟” ރާކިން ގޮސް ޔޫންގެ އަނެއްފަރާތުގައި އިށީންދެ ހަމަޖެހިލިއެވެ. އަނގައިން ނުބުނެ ތިބި ނަމަވެސް ވަސީމާ އާއި ސައްތާރު އެމީހުންގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
“ހޫމ. ލަތާ ޑޮކްޓަރ ގެނެސްގެން ބޭސްލިޔެ، ބޭސް ވެސް ދީފަ ހުރީ.” ސައިޖޯޑުގައި ތުންޖަހާފައި އާރިއާ ސިއްރުން ވަސީމާއަށް ބަލައިލިއެވެ. ސައިން ނިމިގެން ރާކިން އާއި އާރިއާ އެކަނިކޮށްލާފައި އެމީހުން ޔޫން ގޮވައިގެން ދާން ތެދުވިއެވެ. އާރިއާއަށް މަޖުބޫރުވީ ރާކިން ނިމެންދެން އެތާގައި މަޑުކުރާށެވެ.
ޖޯޑުތައް ދޮންނަންކަމަށް ހަދާފައި އާރިއާ އަވަހަށް ތެދުވެގެން ޒިންކު ކައިރިއަށް ދިޔައެވެ. ފުރަގަސްދީގެން ހުރިނަމަވެސް ރާކިންގެ ނަޒަރު އޭނާއަށް އަމާޒުވާނެކަން އިހްސާސްވެފައި އާރިއާ ފިނިވާގޮތްވިއެވެ.
“ފައި ކިހިނެތްތަ؟” ރާކިން އަހާލިއެވެ.
“ނަސީބަކުން ފިހޭވަރެއްނުވޭ.” އާރިއާ އަވަސްއަވަހަށް ޖަވާބުދިނެވެ. ޖޯޑުތައް ބަހައްޓާފައި އެނބުރިލިއިރު ރާކިން ކައިރީގައި ހުރުމުން އޭނާ ސިހުނެވެ. ރާކިން ދިއްކޮށްލީ އަތުގައި ހުރި ހުސް ޖޯޑެވެ. ތުންފަތް ހަފާލަމުން ޖޯޑުގައި ހިފާފައި އާރިއާ އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. އެހެން ހުއްޓާ ރާކިން ނިކުމެގެން ދިޔަ އަޑުއިވުނެވެ. އާރިއާއަށް ދެވުނުއިރު އެންމެން ދާން ތައްޔާރުވެއްޖެއެވެ. ވަސީމާ ދަމުން އަދި އަންނާނެ ވާހަކަ ބުންޏެވެ. އެމީހުންނާއި ވަދާޢު ކިއުމަށްޓަކައި ދެމައިން އެޕާޓްމެންޓްގެ ދޮރާއި ހަމައަށް ދިޔައެވެ. ބައްޕަ އާއި މާމަ މެންނަށް ޓާޓާކިޔާފައި ޔޫން އެނބުރިލުމާއެކު އާރިއާ އެކުއްޖާ ނަގާ އުރާލައިގެން އެތެރެއަށް ވަދެއްޖެއެވެ.
ޖެހިގެން އައި ދުވަހު ރާކިން އޮފީހުން ޗުއްޓީއެއް ނަގައިގެން ބައްޕަ ޑޮކްޓަރަށް ދައްކަން ގެންދިޔައެވެ. ޑޮކްޓަރ ޓެސްޓްތަކެއް ހެދިއެވެ. ވާގޮތެއް އެނގޭނީ އެއަށްފަހުއެވެ. ނަތީޖާ ލިބޭވަރުވީ ދެދުވަހެއް ފަހުންނެވެ. ހެނދުނު ރާކިން ދިޔައީއްސުރެ ސައްތާރު ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ވަސީމާ އައިސް އެތަކެއްފަހަރު ވިސްނައިދީފިއެވެ. އެކަމަކު ސައްތާރުގެ ހިތްވަނީ ހާސްވެފައެވެ. ބަފާބެގެ މިހާސްކަން ފެނިފައި ޒާނައަށްވެސް އުދަނގޫވިއެވެ. އެންމެފަހުން ޒާނަވެސް އައިސް ވަސީމާ އާއި ބައިވެރިވެގެން ސައްތާރުގެ އެ ނުތަނަވަސް ކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރިއެވެ.
ބޭރުން ކާރުގެ އަޑު އިވިފައި ޒާނައަށްވެސް ތެދުވެވުނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ގޮސް ދޮރާއި ހިސާބުގައި ހުއްޓުނު ފަހުން ރާކިން އަންނާތީ ފެނުނެވެ. އޭނާގެ އަތުގައި ފައިލެއް އޮތެވެ. އިސްޖަހައިގެން ހުރުމުން ރާކިންގެ މޫނުމަތީގައި ވަނީ ކޮންފަދަ އަސަރުތަކެއްކަން ދެނެގަންނަން މާފަސޭހައެއް ނުވިއެވެ.
(ނުނިމޭ)
މޮޔަ ހިތް މަގޭ 12