twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޔާސިރު ޢަރަފާތު އަވަހާރަވީތަ؟ ނޫނީ އަވަހާރަ ކޮށްލީތަ؟

Jul 17, 2012

މިޒަމާނުގައި އިސްލާމީ އުއްމަތުން އެންމެ ފާހަގަ ވެގެންދިޔަ ނަންތަކުގެ ތެރޭގައި ޔާސިރު ޢަރަފާތު ގެ ނަން ހިމެނޭނެއެވެ. އެނަމެއް ބުނުމާއެކު ބޮލުގައި އަޅުއްވާފައި އޮންނަ ގޮޅިޖެހި ފަގުޑި މަތިން ހަނދާންވާ ޔާސިރު ޢަރަފާތަކީ މުސްލިމުންގެ އެންމެ މުގައްދަސް އެއްބިން މުސްލިމުންނަށް ހޯދުމަށް މުޅި އުމުރު ދުވަސް ހޭދަ ކުރެއްވި އިސްލާމީ އުއްމަތުގެ ފަހުލަވާނެކެވެ. އެންމެ ޒުވާން އިރުއްސުރެ ޔާސިރު ޢަރަފާތު ވަނީ ފަލަސްތީނުގައި އިސްލާމީ ދަޢުލަތެއް ގާއިމުކުރުމަށާއި މުސްލިމުންގެ ބިންތައް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ޔާސިރު ޢަރަފާތު ދުނިޔެ ދޫކުރެއްވީ ވެސް އެމަސައްކަތުގެ ތެރޭގައި އެވެ. ނަމަވެސް ޔާސިރު ޢަރަފާތުގެ މަރަށް 8 އަހަރު ފުރިގެން ދިޔައިރު، އޭނާގެ މަރާ ބެހޭގޮތުން ތަފާތު ސުވާލުތަކެއް ވަނީ އުފެދެން ފަށާފައެވެ.

ޢަރަފާތު އަވަހާރަވެފައި ވަނީ ކުއްލި ގޮތަކަށް ބައްޔެއް ޖެހި، 2004 ވަނަ އަހަރު ފްރާންސްގެ ހޮސްޕިޓަލެއްގައި އެވެ. އޭނާގެ ކުއްލި މަރާ ބެހޭގޮތުން ޑޮކްޓަރުން ވެސް ތިބީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް ޢަރަފާތަށް ޒަހަރު ދީގެން އަވަހާރަ ކޮށްލީކަމަށް ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް އޭރުވެސް ޝައްކު ކުރިއެވެ. އަދި މިހާރު، ސްވިޒަލެންޑްގެ ތަހުލީލު ކުރާ އިންސްޓިޓިއުޓެއް ކަމުގައިވާ އިންސްޓިޓިއުޓް ޑި ރޭޑިއޯފިޒީކް އިން ވަނީ ޢަރަފާތު ގެންގުޅުއްވި ބައެއް ހިފާގެންގުޅޭ ތަކެތީގައި ވިހައިގެ މާއްދާއެއް ކަމުގައިވާ ޕޮލޯނިއަމް-210 ގެ އަސަރު ހުރިކަމަށް ސާބިތުވާކަމަށް ބުނެފައެވެ. ޕޮލޯނިއަމް-210 އަކީ ވަރަށް މަދުން ފެންނަ، މަތީ މިންވަރަކަށް ރޭޑިއޯއެކްޓިވް އެލެމެންޓް ހިމެނޭ އެއްޗެކެވެ.

އެ އިންސްޓިޓިއުޓްގެ ތަރުޖަމާނު ޑާސީ ކްރިސްޓެން ބުނެފައިވަނީ، ޕޮލޯނިއަމް-210 ޢަރަފާތުގެ ގެންގުޅޭ ސާމާނުގައި ހުއްޓެވެ. ނަމަވެސް ޢަރަފާތުގެ ހަށިގަނޑު އަލުން ޓެސްޓް ކޮށްގެން މެނުވީ ގޮތެއް ނުނިންމޭނެ ކަމަށް އޭނާ ބުނެއެވެ. އަދި އަލްޖަޒީރާ ޓީވީ އިން ދާދި ފަހުން އާއްމު ކުރި ޑޮކިއުމެންޓްރީއެއްގައި ވެސް މިފަދަ ވާހަކަތަކެއް ވަނީ ހާމަކޮށްފައެވެ. މިގޮތުން ޔާސިރު ޢަރަފާތު ތުރުކުރެއްވި ބައެއް ގަމީހާއި، ދަތްއުނގުޅާ ބުރުސް، އަދި ބޮލުގައި އަޅުއްވާ ފަގުޑިތަކުގައި ޕޮލޯނިއަމް-210 އަސަރު ވަރަށް ބޮޑަށް ހުރިކަމަށް ބުނެފައި ވެއެވެ.

ޕޮލޯނިއަމް-210 ގެ އަސަރު ޢަރަފާތުގެ ހަށިގަނޑުގައި ހުރިތޯ ޗެކް ކުރަން ވިސްނާނަމަ އެކަން ވަރަށް އަވަހަށް ކުރަންޖެހޭ ކަމަށް ތަހްލީލު ކުރާ އިންސްޓިޓިއުޓުން ބުނެއެވެ. އެހެންނޫންނަމަ އެ ވިހައިގެ އަސަރު ޢަރަފާތުގެ ހަށިގަނޑުން ފިލައިގެން ދާނެއެވެ.

ޕޮލޯނިއަމް ބޭނުންކޮށްގެން މަރާލައިފާވާ މަޝްހޫރު މީހުންގެ ތެރޭގައި، ރަޝިއާގެ ކުރީގެ ޖާސޫސެއް ކަމުގައިވާ އެލެގްޒެންޑާ ލިޓްވިނެންކޯ ހިމެނެއެވެ. އޭނާ 2006 ވަނަ އަހަރު ލަންޑަންގައި މަރާލާފައިވަނީ ޕޮލޯނިއަމް ބޭނުން ކޮށްގެންކަން ވަނީ ސާބިތު ވެފައެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ފަސްދާނުލެވިފައިވާ ޢަރަފާތުގެ ހަށިގަނޑުގައި ވިހައިގެ އަސަރު ހުރިތޯ ބަލަން ބޭނުންކަމަށް، ހުވަފަތް އަނބިކަނބަލުން ސުވާ ވަނީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ގައި ބުނެފައެވެ.

“މިކަން އިތުރަށް ސާފުކުރަން އަހަރެން ބޭނުން. އަދި ޢަރަފާތުގެ މަރުގެ ހަގީގަތް ހުރިހާ މުސްލިމުންނާއި ޢަރަބި ދުނިޔެއަށް ހާމަ ކުރާނަން.” ސުހާ ބުނެފައިވެއެވެ.

ޢަރަފާތު ވަނީި 1960 ވަނަ އަހަރު ޕަލަސްޓީނިއަން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އުފައްދަވާ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ފައްޓަވާފައެވެ. އަދި 1993 ވަނަ އަހަރު ވަނީ ހުޅަނގު އައްސޭރިއާއި ގާޒާގެ ބިންތައް ފަލަސްތީނާ ހަވާލުކުރުމަށް އިޒްރޭލާއެކު އެއްބަސްވުމެއްގައި ސޮއި ކުރަށްވާފައެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން އިޒްރޭލާއެކު ސުލްހަވެރިކަމާއެކު ވާހަކަތައް ކުރިއަށް ގެންދަން މަސައްކަތްކޮށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން 2000 ވަނަ އަހަރު އިންތިފާޟާއެއް ފެއްޓެވިއެވެ. ޢަރަފާތު އަވަހާރަ ވެފައިވަނީ އޭގެ ހަތަރު އަހަރު ފަހުންނެވެ. ޢަރަފާތަށް ފަރުވާދިން ފްރާންސްގެ ޑޮކްޓަރުންނަށް ވަނީ އޭނާ އަވަހާރަވި ސަބަބެއް ބުނެދޭން ނޭނގިފައެވެ. އަދި ފްރާންސްގެ ސަރުކާރުން ވެސް އެކަމާބެހޭގޮތުން އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355