.
މަރިޔަމް ޔަސްމާ
10 ޖުލައި ވަނަ ދުވަހުގެ ބަޔާ ގުޅޭ
“ކޮބާ ނަތީޖާ؟” ސައްތާރަށް ނުހުރެވިގެން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއަޑަށް އިސްއުފުލާލި ރާކިން ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ.
“އެތެރެއަށް ގޮސްވެސް ވާހަކަ ދެއްކިދާނެ.” ރާކިންގެ މަޤްސަދަކަށްވީ ބައްޕަ ހަމައަކަށް އެޅުވުމެވެ. މާބޮޑަށް ހާސްވެއްޖެނަމަ ބަލިބޮޑުވާގޮތް ދިމާވެދާނެތީ އޭނާ ޖެހިލުންވެއެވެ. ރާކިންގެ ފަހަތުން ތިން މީހުން އެތެރެއަށް ވަނެވެ. އެކިމީހުން އެކިތަނުގައި އިށީންދެފައި ބަލަންފެށިގޮތުންވެސް އެ އެންމެން ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ރާކިންއަށް ވިސްނުނެވެ. އަނެއްކޮޅުން އޭނާގެ ހާސްކަމެއްވެސް ކުޑައެއް ނޫނެވެ. ބުނަންޖެހޭ ވާހަކައިގެ ބޮޑުކަމާހުރެ ފަށްޓާނެގޮތެއް ރާކިންގެ ހިޔާލަކަށް ނުގެނެވެއެވެ. ސައްތާރަކީ ކިތަންމެ ކުޑަކަމަކާއިވެސް ނުހަނު ބިރުގަންނަ މީހެކެވެ.
“ބައްޕާ. އަހަރެން ބުނަން މިއުޅެނީ ބޮޑު ވާހަކައެއް. އެކަމަކު އެއަށްވުރެކުރީން އަހަރެން ދޭން އޮތީ އުފާވެރި ޚަބަރެއް. އެއީ ބައްޕަގެ ބަލި އަދި އަތްނުފޯރާ ހިސާބަކަށްނުދޭ. ބޭރަށްގޮސް އޮޕަރޭޝަން ކޮށްގެން ދާދިފަސޭހައިން ތިކަމުން ސަލާމަތްވެވިދާނެ. އެގެރެންޓީ އެބައޮތް.” ރާކިން އެކިމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ސައްތާރުގެ މޫނުމަތިން ފެނިގެންދިޔައީ އިތުރު ނުތަނަވަސްކަމެވެ.
“ރިޕޯޓް ގެންގޮސް ދެއްކީމަ ޑޮކްޓަރ ލަފާދިނީ އަވަހަށް ބޭރަށް ގޮސް އޮޕަރޭޝަން ކުރަން. އަނގައިގާ ތިހުންނަ ފާރުކޮޅު ވަނީ ކެންސަރަށް ބަދަލުވެފައި.” ރާކިން އޮޅުންފިލުވައިދިނެވެ.
ސައްތާރު ވަގުތުން ކޮޅަށް ތެދުވެފައި ބޮލުގައި އަތްހާކާލިއެވެ. ވަސީމާ ހުރީ މާކުރިއްސުރެ ތައްޔާރުވެގެން ނެވެ. އޭނާ އަވަސްއަވަހަށް ކައިރިވެލާފައި ސައްތާރަށް ހިތްވަރުދިނެވެ.
“ބައްޕާ. ރާކިން އެބުނަނީއެއްނު ރަނގަޅުވާނެއޭ.” ސައްތާރުގެ ހާސްކަން ފެނި ޒާނަވެސް ވާހަކަދެއްކިއެވެ.
“ވީހާއަވަހަކަށް ފުރަން ތައްޔާރުވާންވީ. މިދުވަސްވަރު ފަސޭހަވެސް ވާނެ. ޗުއްޓީގައި ތިބި އެންމެން މާދަމާގެ ނިޔަލަށް ވަޒީފާއަށް ނިކުންނާނެ. އަނެއްކޮޅުން އާރިއާ ހުންނާނެ އަހަރެން ނެތްތަން ފޫބައްދަން.” އާރިއާގެ ނަން ބުނެވުމާއެކު ރާކިންގެ އަޑަށް ހިމޭންކަން ވެރިވިއެވެ. އެކަމަކު އަވަހަށް އެކަން ފޮރުވަން ވެގެން ތަންކޮޅެއް ބާރަށް ރޫބީއަށް ގޮވާލިއެވެ. ރޫބީގެ ފަހަތުން މިސްކުވެސް އައިސް އެތަނަށް ވަނެވެ.
“މިސްކު ތިއައީ އެންމެ ރަނގަޅު ގަޑިއަށް. އަހަރެން މިއުޅެނީ މަންމަމެން ގޮވައިގެން ލަންކާއަށް ފުރަން. މިސްކު އުޅެންޏާ ޒާނައާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެ. އަނެއްކޮޅުން ބަލާއިރު ޒާނަގެ ކުލާސް ކެންސަލްކޮށްފައި ގެންދާކަށް އަހަރެން އެހާ ހިތްހަމައެއްވެސް ނުޖެހޭ.” ރާކިން މިސްކުއަށް ބަލަންހުރެ ވާހަކަދެއްކިއެވެ.
“ކަންތައްތައް މާގޯސްވީތަ އަނެއްކާ؟” މިސްކުއަށް ސުވާލުނުކޮށެއް ނުހުރެވުނެވެ.
“އިރާދަކުރެއްވީތީ އަދި އެހާ ގޯހެއްނުވޭ. އެހެންވީމާ މާދަމާ ފުރާގޮތަށް ހަމަޖައްސަންވީދޯ.” ރާކިން މިސްކުއަށް ޖަވާބުދީފައި މަންމަމެން ގާތު އެހިއެވެ. އެދެމީހުންވެސް އިތުރަށް ލަސްކުރާކަށް ގަސްތެއް ނުކުރިއެވެ.
އޮފީސް ނިންމާލާފައި އާރިއާ ޔޫން ބަލައި ދިޔައިރު މަގުމަތީގައި އޮތް ރާކިންގެ ކާރު ފެނިފައި ސިހުނެވެ. ބުލޫޓޫތް ހެޑްސެޓްގެ އެހީގައި ވާހަކަތަކެއް ދައްކަން އިނދެފައި މަގުމައްޗަށް ކަޅިއެއް އެއްލިތަނުން ރާކިންއަށްވެސް އާރިއާ ފެނުނެވެ. ބެލްޖެހި އަޑަށް އާރިއާ ހިނގައިގަތީ ގޭޓުން ވަންނާށެވެ. އާރިއާއަށް ނިކުމެވުނުއިރު ރާކިން ކާރުން ފައިބަނީއެވެ.
“ޔޫން. މިއަދު ބައްޕައާއިއެކު ދޯ ގެއަށްދާނީ؟ އާރިއާ. ޔޫން ގޮވައިގެން ކާރަށް އަރާ.” ރާކިން އެއްފަހަރު ޔޫންއަށް އަނެއްފަހަރު އާރިއާއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ. ރާކިން ފަހަތަށް ޖެހިލާފައި ދޮރުފަތް ހުޅުވާލަދިނުމާއެކު އާރިއާ ކަންތައް ކުރިގޮތަކީ ޔޫން އެތާގައި ބައިންދާފައި ފަހަތަށް އެރީއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ރާކިން އެހިޔާލު ދޫކޮށްލިއެވެ. އާރިއާ އާއި އެމައުޟޫއަށް ވާހަކަދެއްކުން ވެގެންދާނީ ބޭކާރު ކަމަށެވެ. އަމިއްލަ ނަފްސްގެ މައްޗަށް ކޮންޓްރޯލް ހޯދަމުން އޭނާ އަނެއްފަރާތު ދޮރުފަތް ހުޅުވާލާފައި އަރާ އިށީންދެ ކާރު ދުއްވާލިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ޔޫން އިނީ ހިމޭންވެފައެވެ. ރާކިންއަށް އެކަން ފާހަގަކުރެވުނެވެ. އެހެންޏާ ބައްޕަ ފެންނައިރަށް އަނގަހިމޭނުންނުލާ ކުއްޖާ މިއަދު އެންމެ ބަހެއް ބުނެނުލައެވެ.
“ޔޫން. ކިހިނެތްވީ؟” ރާކިން އެއްއަތުން ޔޫންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ޔޫން ކުއްލިއަކަށް މޫނުގައި އަތްއަޅާފައި ރޯން ފަށައިފިއެވެ. ރާކިންގެ ހިތަށް ތޫނު ކަށްޓެއް ހަރާލިފަދައެވެ. އިޙުތިޔާރަކާނުލާ އޭނާއަށް ބުރަކި ޖައްސާލެވިއްޖެއެވެ. އެވަގުތު އާރިއާވެސް އަވަހަށް ދޮރުހުޅުވާލާފައި ނިކުމެގެން އައިސް ޔޫން އުނގަށްލައިގެން ކުރީ ޝީޓުގައި އިށީންދެފިއެވެ. ރާކިންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުޑަކުޑަ ޔޫން ރޮމުން ގިސްލަމުން އާރިއާގެ މޭގައި މޫނު ފޮރުވާލައިގެން އޮތެވެ. އާރިއާ ސުވާލެއް ނުކުރެއެވެ. ދެއަތުން ޔޫން ވަށާލައިގެން އިނދެ އެތައްފަހަރަކު އެކުއްޖާގެ ބޮލުގައި ބޮސްދިނެވެ. ފެންކަޅިވެފައިވާ ދެލޮލުން ރާކިންއަށް ބަލާލާފައި އާރިއާ ދާންވީކަމަށް އަންގާލުމުން ރާކިންވެސް ބަހެއް ނުބުނެ އިނދެފައި ކާރު ދުއްވާލިއެވެ.
އެޕާޓްމަންޓްގެ ދޮރާއި ހަމައަށް ގޮއްސައި އާރިއާ ބެލްޖެހިތަން ފެނުމުން ރާކިން ހައިރާންވިއެވެ. އެކަމަކު އޭނާ އެސުވާލުކުރާކަށް ނުހަދައެވެ. ރާކިންއަށް އެވަގުތު ޔޫންއަށްވުރެ މުހިންމު އެހެން އެއްކަމެއް ނުވެއެވެ.
ޔޫން ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ރާކިން އާއި އާރިއާގެ އެތައް ވާހަކަތަކަކުން ޔޫންގެ ރުއިމަށް މެދުކެނޑުމެއް އައެވެ. އާރިއާ ޔޫން ގެންގޮސް ސޯފާގައި ބޭންދުމުން ރާކިންވެސް ގޮސް އަނެއްފަރާތުގައި އިށީންދެފައި ޔޫންއަށް ވެގެންއުޅޭ ގޮތެއް އޮޅުންފިލުވޭތޯ މަސައްކަތް ފެށިއެވެ.
“އަމީ ބުނީ ޔޫންގެ ބައްޕަ ދެން ނާންނާނެޔޯ ޔޫންއާއި މަންމިއާއި އެކު އުޅޭކަށް.” ޔޫންގެ ޖުމްލައިން ރާކިންއަށާއި އާރިއާ ސިހުނެވެ. ކަންބޮޑުވެފައިވާ ހާލު އަވަސް ނަޒަރެއް އެދެމެދުގައި ބަދަލުވެގެން ދިޔަތަން ފެނުނެވެ.
“މަންމި ބުނީމެއްނު ބައިވަރު ދުވަސްނުވެ ގެއަށްދާނަމޭ. ޑެޑީ ބުނެބަލަ ކޮންއިރަކުން ޔޫން ގެއަށް ގެންދާނީ؟” ދެމީހުންކުރެ އެކަކަށްވެސް އެއްވެސް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަދެއްކީ ޔޫންއެވެ. އެދެމީހުންނަށް ވީގޮތަކީ އެކަކު އަނެކަކަށް ބަލަބަލާ ތިބެވުނީއެވެ. ޔޫންއަށް އެމީހުން ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ޔޫން ހިތްހަމަޖެއްސުމަށްޓަކައި ދޮގުހަދަންވީ ހެއްޔެވެ؟
“ޔޫންއަށް އިނގޭތަ ޑެޑީ މިއަދު މިއައީ މާމަމެން ގޮވައިގެން ބޭރަށް ފުރާ ވާހަކަ ބުނަން. ކާފަ މާބޮޑަށް ބަލިވީމަ ޑެޑީ ޖެހޭނީ ދާން. އެކަމަކު ޑެޑީ އެނބުރި އައިއްސަ ޔޫން ގެންދިޔައީމަ އޯކޭވާނެއެއްނު ދޯ.” ޔޫން އަނެއްކާވެސް ރޯންފެށުމުން ރާކިން އަވަސްއަވަހަށް ބުނެލިއެވެ.
ރާކިން ބަލާލުމާއެކު އާރިއާ ދެފަރާތަށް ބޯހޫރުވާލިއެވެ. ރާކިން އެބުނި ބަސް އޭނާއަށް ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެއޭ ބުނާފަދަ ގޮތަކަށެވެ. އެކަމަކު ރާކިންގެ ވިސްނުން ހުރީ އެގޮތަކަށް ނޫނެވެ. ކުޑަކުދިންނަކީ ނިކަން އަވަހަށް ކަންތައްތައް ހިތުން ފިލުވާލާ ބައެކެވެ. އެނބުރި އަންނައިރު ޔޫން އެވަޢުދު ހަނދާންނެތިދާނެއެވެ. ބަދަލުގައި ޔޫންގެ ހިތް އުފާކޮށްދޭން ރާކިން ފިހާރައެއް ހުޅުވާވަރަށް ހަދިޔާ ގެންނަން ނިންމިއެވެ.
ޔޫންގެ ދެއަތުގައި ހިފާ ގެނެސް ރާކިންގެ މެޔާލައި ބޮނޑިކޮށްލިއެވެ. ޔުނީފޯމް ބަދަލުކުރަން ދެކޮޅުހެދުމުން އާރިއާ ތެދުވެގެން ހިނގައިގަތީ ޔޫންއަށް ކޮންމެވެސް ކާއެއްޗެއް ގެނެސްދިނުމުގެ ނިޔަތުގައެވެ. އާރިއާ އެނބުރި އައިއިރު ޔޫން އިނީ ހަމައަކަށް އެޅިފައެވެ. އެތުއްތު މޫނުން ހިނިތުންވުން ދެކެފައި އާރިއާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ކަންތައްވެގެން ދިޔަގޮތުން ރާކިން ނިންމީ ގެއަށްދިއުން ލަސްކޮށްލާށެވެ. ޔޫންއަށް ކާންދީފައި ފެންވަރުވައިގެން ނެރުނުފަހުން އެންމެ ހިނދުކޮޅަކަށް ހިމޭންވެނުލައެވެ. ޔޫންގެ ކޮންމެ އުފަލެއްގައި ރާކިން ބައިވެރިވަމުން ދިޔައީ އުފަލާއެކުގައެވެ. ކުޑަކުއްޖެއް ފަދައިން އެކުގައި ކުޅުނެވެ. ޓީޗަރަކަށްވެގެން ފިލާވަޅުބުނެދީ ދަސްކުރުވިއެވެ. އެކުވެރިއަކަށްވެގެން މަޖާވާހަކަތައް ކިޔައިދީ އެތުއްތު މޫނަށް އެތަކެއް ހިނިތުންވުން ގެނުވިއެވެ. އެހުރިހާއިރު އާރިއާ އުޅުނީ ދުރުދުރުންނެވެ. އެހެނަސް ކިތަންމެ ފަހަރަކު އޭނާ ކުރަންހުންނަ މަސައްކަތް ހުއްޓާލާފައި ސިއްރުން އެދެބަފައިންގެ ހަރަކާތްތަކަށް ބަލަން ހުރެއެވެ. އެމީހުން ހޭތަން ފެނުމުން އޭނާއަށްވެސް ހެވެއެވެ. ފެންކަޅިވެފައިވާ ދެލޮލުން ޔޫންގެ ޅަހަރަކާތްތަކަށް ބަލަމުން ހިތާއިދިމާއިން މޭގައި އަތްއަޅާލާފައި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލައެވެ.
އިރުއޮއްސި އަނދިރިވީފަހުން އާރިއާ ގޮސް ޔޫން ނިދަން ތައްޔާރުކުރިއެވެ. އެނދަށް އަރާ އޮށޯވެފައި ޔޫން އެދިގެން އާރިއާއި ރާކިންވެސް އެކުއްޖާގެ ދެފަރާތުގައި އަރާއޮށޯތެވެ. ރާކިން ވާހަކަ ކިޔައިދޭން ފެށުމާއެކު ޔޫން އޮވެފައި ދެމީހުންގެ އަތްތިލަނަގާ ގެންގޮސް މޭމަތީގައި ބޭއްވިއެވެ. އެވަގުތު އާރިއާއަށާއި ރާކިންއަށް ބަލާލެވުނީ އެކުއެކީގައެވެ. ދެއަތުގެ ބީހިލުން އެހިތްތަކަށް ހަލަބޮލިކަމެއް ގެނުވައިފިއެވެ. އެކަމަކު އެކަކުވެސް އެކަން ހުއްޓުވާކަށް ނޫޅެއެވެ. ޔޫން ބޭނުންގޮތެއް ހަދަންދީގެން އޮތެވެ. ނިދެމުން ނިދެމުންދިޔަ ޔޫންގެ ދެލޯމެރުނުއިރުވެސް މަންމައާއި ބައްޕަގެ އަތުން ދޫކޮށެއްނުލައެވެ. ދެމީހުން މަޑުކުރީ ޔޫންއަށް ރަނގަޅަށް ނިދެންދެނެވެ. އެންމެފުރަތަމަ ތެދުވީ ރާކިންއެވެ. ޖިންސްގެ ޖީބަށް ދެއަތްޖަހާލައިގެން އެކޮޓަރިން ނިކުންނަން ދިޔައިރު ފަހަތުން އާރިއާވެސް ދިޔައެވެ.
ރާކިން ހުއްޓުނީ ދޮރާއި ހަމައަށް ގޮއްސައެވެ.އެނބުރި ބަލާލިއިރު އާރިއާ ހުރީ ފަހަތުގައި ޖައްސާފައެވެ. ހަތަރުކަޅި ބައްދަލުވިތަނާ އާރިއާ އިސްޖަހާލިއެވެ. ތަނަށްވެރިވެފައިވާ ހިމޭންކަމުގެ ފާރު ފޫދުއްވާލުމަށްޓަކައި ދައްކާނެ ވާހަކައެއް އެކަކަށްވެސް ނޭނގުނެވެ. އާރިއާއަށް ބަލަންހުރެގެން ރާކިން ތަޅުގައިހިފާލަންވެގެން އަތްއުފުލާލިއެވެ. އެވަގުތު ބޭރުން ކޮންމެވެސްމީހަކު ތަޅަށް ތަޅުދަނޑިޖަހާ އަނބުރާލި އަޑު އިވިގެންދިޔައެވެ. ހައިރާންކަމެއް ވެރިވެގެންދިޔަ ދެޒުވާނުންވެސް ތައްޔާރުވީ އެތެރެއަށް ވަންނަން އެއުޅެނީ ކާކުކަން އޮޅުންފިލުވާށެވެ. ހުޅުވިގެންދިޔަ ދޮރުން އެތެރެއަށް ވަންނަން އައި އާދަމް ފެނިފައި ރާކިންގެ މޫނުގެ ކުލަ މުޅިން ބަދަލުވެގެން ދިޔައެވެ. އަނެއްކޮޅުން އާރިއާއަށްވެސް ހުރެވުނީ ފާޑަކަށް ހުއްޓުން އަރައިފައެވެ. ރާކިންގެ ކުރިމަތީގައި އެފަދަކަމެއް ހިނގާކަށް އާރިއާ ބޭނުމެއްނުވިއެވެ. ވާހަކަދައްކަންވެގެން އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު އަޑު ނިކުތީ ނިކަން އުދަނގުލުންނެވެ.
“އެޑަމް! ތަޅުދަނޑި…” އާރިއާގެ ޖުމްލަ ފުރިހަމަކޮށްލާނެ ފުރުސަތެއްނުދީ ރާކިން ޒޫން ކަނޑާފައި ނިކުމެގެން ދިޔައެވެ. އެއްފަހަރު ރާކިން ނިކުމެގެން ދިޔަ ދިމާއަށް އަނެއްފަހަރު އާރިއާއަށް ބަލާލާފައި އާދަމް އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.
އާރިއާ އިތުރަށް ޖުމްލަ ފުރިހަމަކުރާކަށް ނުވެސް އުޅުނެވެ. މިއަދު އަނެއްކާވެސް ފެންނަންނުވާ މަންޒަރެއް ފެނި، އެދެމެދުގައިވާ ދުރުކަން އެތައްހާސް މޭލެއް އިތުރުވީއެވެ. ރާކިން ހިތްހަމަނުޖެހޭނެވަރު އިހްސާސްވެފައި އާރިއާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ވެދިޔަ ކަންތަކާއިމެދު އޭނާ ވަރަށް ދެރަވެއްޖެއެވެ.
“ބުނާނެ މަށެއް ނޫޅެމޭ ރާކިންއާއި ހެދިގެނެއް. ދެން މިހާރު ކިހިނެތްތިވަނީ؟ އޭނާ ރުޅިއައީމަ ހާދަ އަސަރެކޭ ތިކުރަނީ.” އާދަމް އައިސް އާރިއާގެ ކުރިމައްޗަށް ހުއްޓިފައި ތަޅުދަނޑި ދިއްކޮށްލިއެވެ. އާރިއާ ވަކި ޖަވާބެއް ނުދެއެވެ. ތަޅުދަނޑީގައި ހިފާފައި އަނެއްފަރާތަށް އެނބުރި ހިނގައިގެންފިއެވެ.
“ސޮރީ. އަހަރެން ހިއެއްނުކުރަން ރާކިން އައިސް އުޅޭނެ ކަމަކަށް. އެހެންނޫނަސް ތަޅުދަނޑި ފެނުނީމަ ހިތަށްއެރީ އަވަހަށް ގެނެސްދޭނީއޭ. ހީވަނީ ޔޫން ހެން މަގޭ ދަބަހަށް ލާފައި އެއޮތީ.” އާދަމް އާރިއާގެ ފަހަތުން ދިޔައެވެ.
ޖެހިގެން އައިދުވަހު ރާކިން ލަންކާއަށް ފުރައިފިއެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އާރިއާގެ ފޯނަކަށް ނުގުޅައެވެ. ޔޫންގެ ޚަބަރުތައް އޭނާ ހޯދަނީ މިސްކުއާއި ޒާނަ މެދުވެރިކޮށެވެ. ދެދުވަސްކުރިން ކަންތައް ވެދިޔަގޮތުން އާރިއާގެ ހިތަށް އުދަނގޫވަމުން ދިޔައެވެ. ނުފެނިއުޅުނުއިރު ރާކިންދެކެ ރުޅިން ހުރި ނަމަވެސް އޮފީހަށް ނިކުންނަން ފެށިފަހުން ކަންތައްތައް އަނެއްކާވެސް ބަދަލުވާން ފަށާފައިވެއެވެ. ރާކިންގެ ރުޅިމައިތިރިކުރަން އޭނާ އެހާބޮޑަށް ބޭނުންވާ ސަބަބަކީ އެއީކަމަށް ވެދާނެއެވެ.
އެއްރެއަކު ޒާނަ ކައިނިންމާލާފައި ކޮޓަރިއަށް ވަންނަން އުޅެނިކޮށް ފޯނެއް އައެވެ. މިސްކު ވީ ފޯނެއް ކުރަންވެގެން ބޭރަށް ނިކުމެއެވެ. ރޫބީވެސް ފެންނާކަށް ނެތެވެ. ފޯން ނެގިއިރު ރާކިންގެ ޕީއޭ އަހުމަދުގެ ފޯނެކެވެ. އޭނާ އެދުނީ ރާކިންގެ އަލަމާރީގައި އޮތް ފައިލެއް ފޮނުވާދިނުމަށެވެ. ދެކޮޅު ބަލާލާފައި ޒާނަ ގޮސް އެކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާލިތަނާ ވަރަށް ފަސޭހައިން އެބުނާ ފައިލެއް ފެނުނެވެ. ފައިލް ނަގަންވެގެން އޭގެ މަތީގައި ހުރި ފޮތްތަކެއްގައި އަތްއަޅާފައި ދަމައިގަތްގޮތުން ދަށުގައި އޮތް ފޮތްވެސް ވެއްޓުނެވެ. ފައިލާއެކު ވެއްޓުނީ ފޮޓޯ އަލްބަމްއެއްކަން ޒާނައަށް އެނގުނީ ނަގަންވެގެން ތިރީގައި ކުޑަކަކޫ ޖެހިފަހުންނެވެ.
ވިސްނާލަން އިނދެފައި ޒާނަ އަލްބަމްގެ ގަނޑުތައް އުކަންފެށިއެވެ. އާރިއާއާއި ރާކިން އެކަކު އަނެކަކުދެކެ ލޯބިވާވަރު އެފޮޓޯތަކުން އެކަނިވެސް ޒާނައަށް އިހްސާސްކޮށްލެވުނެވެ. ޒާނަ ހުއްޓުނީ ރާކިންގެ ދެވަނަ ކައިވެނީގެ ފޮޓޯތައް ދެކެފައެވެ. ކުރީގެ ފޮޓޯތަކާއި ހިލާފަށް އެމޫނުގައި އެއްވެސް އުޖާލާކަމެއް ނުވެއެވެ. ޒާނަ އަމިއްލައަށްވެސް އެދެ ފޮޓޯތައް އަޅާކިޔާލެވުނެވެ. ރާކިން އެވަރަކުން އޭނާއާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟ ސުވާލު އައީ ހިތުންނެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ޒާނަ ސިހިފައި އަލްބަމް ލައްޕާލިއެވެ. ދޮރާއި ދިމާއަށް އޭނާ ބަލާލީ ކަންބޮޑުވެފައިވާ ގޮތަކަށެވެ.
ނުނިމޭ