twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކުރުވާހަކަ – ބޭވަފާތެރިވިޔަސް…

Jul 21, 2012

.

މުހައިސިނާ ޙަސަން

ކައިވެންޏަކީ އާ ދިރިއުޅުމެއްގެ ފެށުމެވެ. ކޮންމެ މީހަކީވެސް، އެމީހެއްގެ ޒަވާޒީ ހަޔާތަކީ އުފާވެރި ހަޔާތަކަށް ވުމަށް އެދޭނެ މީހެކެވެ. އަހަރެން ވެސް ޒިޔާންއާ ގުޅުނީ އެ އުއްމީދުގައި އެވެ. އުމުރުން އެންމެ 10 އަހަރުގައި މައިންބަފައިންގެ ލޯބީގެ ހިޔަލުން މަހުރޫމް ވެފައި ވުމާއެކު 9 އަހަރު ވަންދެން ހޭދަކުރި އެކަނިވެރި ދިރިއުޅުމުން މިންޖުވުމަށްޓަކައި އެވެ.

ޒިޔާން ވީ އަހަރެން ބޭނުންވިފަދަ ފިރިއަކަށެވެ. ކައިވެންޏަށްފަހު މާލޭގައި އަހަރެމެން ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ހިތްހަމަޖެހުން ދުވަސްތަކެވެ. ޒިޔާންގެ ފަރާތުން އިންތިހާ ދަރަޖައިގެ އަޅާލުމާއި އޯގާތެރިކަން ލިބުނެވެ. އެންމެ ފަހަރަކު ވެސް އަހަރެންނަކީ އެކަނިވެރިއެއްކަން އިހްސާސް ވެސް ނުކުރެވޭ ފަދަ މިންވަރަކަށެވެ. އަހަރެން އެތައްފަހަރަކު ލިބުނު ނިއުމަތަށް ޝުކުރުވެރި ވީމެވެ.

އަހަރެމެންގެ ކައިވެންޏަށް އަހަރެއް ފުރުމާއެކު ޒިޔާން އޭނާގެ ރަށް ހުރާ އަށް ދިރިއުޅުން ބަދަލުކުރަން ނިންމިއެވެ. އަހަރެން އެއްވެސް ދެކޮޅު ހެދުމެއް ނެތި ފިރިމީހާގެ ނިންމުމާ އެއްބަސްވީމެވެ. އެހެނަސް އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދާންއުޅޭކަން އަހަރެންގެ މޮޔަ ސިކުނޑިއަށް ހިޔާލަކަށް ވެސް ނާންނަތާގައި ކުލަނޫން ހުވަފެނަކުންވެސް ނުފެނުނެވެ.

އަހަރެން ހުރީ އުފަލުންނެވެ. ޒިޔާންގެ މަންމައާ ބައްދަލުވުމުނެވެ. ދުވަސްގަނޑަކަށްފަހު މައިވަންތަކަމުގެ ކުލުނާއި ލޯބި ލިބުމުންނެވެ. އެގޭގައި ދެން އުޅެނީ ޒިޔާންގެ ކޮއްކޮ ޒަހާއެވެ. އެއީ ވަރަށް މަޑުމައިތިރި ވާހަކަ މަދު ކުއްޖެކެވެ. އަހަރެން އުޅެމުން ދިޔައީ އުފަލުގައެވެ. ޒަހާ އަހަރެން ދެކުނީ އަމިއްލަ ކޮއްކޮ އެއްގެ ގޮތުގައެވެ. ނަމަވެސް ފަރުދާގެ އަނެއްފަރާތުގައި ރޭވެމުންދާ ކުޅިގަނޑުގެ ކަންފުޅެއްވެސް އަހަރެންނަށް ރޭކާވެސް ނުލައެވެ.

ކަންތައް ވެގެންދިޔައީ އިންސާނެއްގެ ސިކުނޑިއަށް ނުގެނެވޭފަދަ ގޮތަކަށެވެ. ހުރާ ގައި އަހަރެން އެއްމަސް ދުވަސް ހޭދަކުރިފަހުން ޒިޔާން އާއި އޭނާގެ މަންމަގެ މިޒާޖަށް ބަދަލުތަކެއް އަންނަމުންދާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޒިޔާންގެ ކޮއްކޮ ޒަހާ އަކީ އަބަދުވެސް ބިރުގަނެފައި ހުންނަ ކުއްޖެކެވެ. އެއީ ކީއްވެގެންތޯ އެތައްފަހަރަކު އަހަރެން ޒިޔާން އާ ސުވާލުކޮށް ހެދީމެވެ. އެހެނަސް އެކަންވީ ބޭކާރެވެ. އެވާހަކަ އަހާ ކޮންމެ ފަހަރަކު ޒިޔާންގެ ގާތަށް އަންނަނީ ރުޅިއެވެ. އޭނާގެ ކައިރިއަށް ރުޅިއަންނަގޮތުން ހީވަނީ، އެއީ ޒިޔާން ރުޅިއަރުވާލަން އެންމެ ފަސޭހަގޮތްހެންނެވެ. އަހަރެން ބިރުގަތެވެ.

ޒިޔާން އަކީ މިހާރު މުޅިން ތަފާތު މީހެކެވެ. ޒިޔާންގެ އަޅާލުން ކުޑަވިއެވެ. އަހަރެންނާ ދިމާލަށް އަބަދު އެއްޗެހި ކިޔައެވެ. ފާޑުފާޑުގެ ބިރުވެރި އިންޒާރުތައް ވެސް ދެއެވެ. އަހަރެންނަށް ނޭނގޭ ސިއްރުތަކެއް ވާކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އަހަރެންނަށް ކުރެވެން ފެށީ އެހިސާބުންނެވެ. ނަމަވެސް ޒިޔާން އަށް އަހަރެން އަންބެއްގެ ލޯބި ދެމެވެ. އެކަމަށް އެއްވެސް އުނިކަމެއް ނުގެންނަމެވެ.

އެއްދުވަހެއްގެ ފަތިސް ވަގުތެވެ. ބަންގީގެ އަޑަށް އަހަރެންނަށް ހޭލެވުނު އިރު، ޒިޔާން އަހަރެންގެ މަގަތުގައި ނިދާފައި އޮތެވެ. ޒިޔާން އާދަޔާ ޚިލާފަށް ދާހިތްލާފައިވާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެންގެ ކޮޓަރިއަކީ އޭސީކޮށްފައި ހުންނަ، އެގޭގައިވެސް ހުންނަ އެންމެ ފިނިކޮޓަރިއަށް ވާހިނދު، ޒިޔާން އެހާވަރަށް ދާހިއްލަންވީ ސަބަބެއް ނުވިސްނުނެވެ.

“އެވާނީ ވަރަށް ބިޒީކޮށް ބޭރުގައި އުޅެފައި އައިސް ފެންނުވަރާ ނިދީކަމަށް.” އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ.

ފަތިސްނަމާދު ކޮށްގެން އަހަރެން ގޭގެ ދޮރު ހުޅުވާލައިފައި ބޭރަށް ނުކުތީ ގޭގެ ފުޅަފުތެރެ ކުނިކެހުމުގެ ބޭނުމުގައެވެ. ގޭގެ ދޮރުކައިރިން ފެށިގެން އަހަރެން ކުނިކަހަން ފެށީމެވެ. ކުނިކަހަމުން ގޮސް މެދުގޯތީގައި ހުރި ބަނބުކެޔޮގަހުގެ ބިއްދޮށަށް ވަދެވުމާއެކު ފެނުނު މަންޒަރުން އަހަރެންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. ހިތުގެ ވިންދު ހުއްޓުނު ހެން ހީވިއެވެ.

އަހަރެންގެ އަމިއްލަ ކޮއްކޮއެއް ގޮތުގައި ދެކޭ ޒަހާ އޮތީ ގަސްބުޑުގައި ވެއްޓިފައެވެ. ފައިގެ ކަށިމަތީގައި އޮތީ ހުސް ލެޔެވެ. މޫނުމަތީގައި އޮތީ ހުސް ވެއްޔެވެ. ގައިދަށުގައި ހެދިފައިވާ ތިލަ ވަޅުގަނޑުން މީހެއްގެ އަނިޔާއިން ސަލާމަތްވުމަށް ހަނާޖަހައިފައި އޮތްކަން ފާހަގަވިއެވެ. އަތުގައި އޮތް އިލޮށިފަތި އެއްލާލުމަށްފަހު އަވަސްއަވަހަށް ޒަހާގެ ބޯ ނަގައި އަހަރެންގެ އުނގުގައި ބޭއްވުމަށްފަހު ގޮވަންފެށީމެވެ.

“ޒަހާ. ޒަހާ. ކޮއްކޯ. ކިހިނެތް ވެފައި ތިއޮތޯ.” އަހަރެން ގޮވަން ފެށީމެވެ. ނަމަވެސް ޒަހާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ހޭނެތިފައި އޮތް ކަހަލައެވެ.

އަހަރެންނަށް ހަދާނެގޮތެއް ނޭނގުނެވެ. ބިރުންގޮސް ރޮވެންފެށިއެވެ. ޒިޔާންއަށް ގޮވުމުގެ ހިޔާލު އަހަރެންގެ ބޮލަށް ސަވާރުވީ އެވަގުތުއެވެ. މަޑުމަޑުން ޒަހާގެ ބޯ ބިންމަތީގައި ބޭއްވުމަށްފަހު ތެދުވަން އުޅުނު ވަގުތު އަހަރެންގެ އަތުގައި ޒަހާ ހިފެހެއްޓިއެވެ. އަދި މަޑުމަޑުން ބޯ ހޫރުވާލިއެވެ.

ޒަހާގެ ހޭ ހުރިކަން އެނގުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. ހަމައެއާއެކު އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެއްވެސް މީހަކަށް ނުގޮވުމަށް ޒަހާ އެދުނީ ކީއްވެހެއްޔެވެ؟ ޒަހާ އަށް އެހެން ހެދީ ކާކު ހެއްޔެވެ؟ ނަމަވެސް މާގިނަ ސުވާލު ކުރަން ނުހަދައި އަހަރެން ޒަހާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ވަޅުދޮށަށް ގެންދިޔައީމެވެ. އެފަކީރަށް އަހަރެންގެ އެހީއާއެކުވެސް ހިނގުނީ ކިރިޔާއެވެ. އެހެނަސް އުމުރުންވީ 19 އަހަރަށް ވުރެ އޭނާގެ ހަށިގަނޑު ދައްކަނީ ކުޑަކޮށެވެ. އެހެން ކަމުން ޒަހާ ގެންދާކަށް އަހަރެންނަކަށް މާ އުނދަގުލެއް ނުވިއެވެ.

ޒަހާ ފެންވަރުވާ ހަދައިގެން އަހަރެން އޭނާ ކޮޓަރިއަށް ގެނެސް އެނދުމަތީގައި ބޭންދީމެވެ. އޭރު ގަޑިން ހެނދުނު ހަގަޑި ބައިވަނީއެވެ. އަހަރެން ޒަހާއާއި ސުވާލު ކުރީމެވެ.

“މިއީ ކިހިނެތްވީ ކަމެއް؟ ކާކު ޒަހާ އަށް އަނިޔާ ކުރީ؟” އަހަރެން އެހީމެވެ.

ނަމަވެސް ޒަހާއަކަށް ޖަވާބެއް ނުދެވުނެވެ. އަދި ޒަހާ އަށް ރޮވެން ފެށިއެވެ. އަހަރެންގެ ގައިގައި ބައްދާލާފައި ބާރުބާރަށް ޒަހާ ރޯން ފެށިއެވެ. އަދި އަހަރެން އެގޭގައި ނުހުރެ ދިއުމަށް އެދެންފެށިއެވެ. އެގޭގައި ހުރެއްޖެނަމަ ސަލާމަތް ނުވާނެކަމަށް ތުރުތުރު އަޅާ އަޑަކުން ޒަހާ ބުންޏެވެ.

އަހަހެންނަކަށް ޒަހާ ކިޔާއެއްޗެއް ނުވިސްނުނެވެ. ހައިރާންކަން އިންތިހާއަށް ދިޔައެވެ. ބުނަން ބޭނުންވަނީ ކޮން ވާހަކައެއްތޯ އެތައްފަހަރަކު ސުވާލު ކުރީމެވެ. އެހެން ނަމަވެސް ޒަހާ ތަކުރާރުކޮށް ބުނަމުންދިޔައީ އެއް ވާހަކަ އެކެވެ. އެންމެ ފަހުން އަހަރެން ކުރުނުކުރުމުން އެނދުކައިރީގައި ހުރި މޭޒުމަތީގައި އޮތް ރަތް ބަނޑޭރިގަނޑުލީ ފޮތެއް ދައްކާލިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

އެއީ ޑައިރީ އެކެވެ. ފޮތް ހުޅުވާލުމަށްފަހު އަހަރެން އެފޮތް ކިޔަންފެށީމެވެ. އޭގައި ހުރީ ކޮންމެ ދުވަހަކުވެސް ޒަހާގެ މަންމަ އާއި ބޭބެގެ ފަރާތުން ލިބެމުންދާ އަނިޔާގެ ވާހަކައެވެ. އަހަރެންނަށް ލިބުނީ ޝޮކެކެވެ. އަހަރެންނަށް ގަބޫލު ވެސް ނުކުރެވުނެވެ. އަހަރެންގެ ފިރިމީހާއަކީ އެފަދަ ނުބައި މީހެއްބާއެވެ؟ އަހަރެންނަށް ރޮވުނެވެ. އެއްލަމުންދާ ކޮންމެ ގަނޑަކާއެކު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނައާއި ހިތަށް ކުރަމުންދިޔަ އަސަރު އިތުރު ވަމުން ދިޔައެވެ. ހިތް ނުތަނަވަސް ކަމާއި ބިރުވެރިކަން އަހަރެން ވަށާލިއެވެ.

ހިތްވަރާއެކު ފޮތް ކިޔާ ނިންމާލުމަށްފަހު އެނދުމަތީގައި އިސްދަށަށް ޖަހައިގެން އިން ޒަހާގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު ބޮލުގެ އިޝާރާތުން ނުރުއިމަށް ބުނީމެވެ. ކައިރީގައި އިށީނުމަށްފަހު ޒަހާ އަހަރެންގެ ގަޔާ ކައިރިކޮށްލީމެވެ.

އަހަރެންނަށް މިއަދު ހުރިހާ އެއްޗެއް އެނގި ހާމަ ވެއްޖެއެވެ. ޒިޔާން އާއި މަންމަގެ މިޒާޖަށް އަންނަމުންދިޔަ ބަދަލެވެ. ޒިޔާން ދާހިތްލާފައި އޮތް ސަބަބާއި ހަތެއް ޖަހާއިރުވެސް މަންމަ ނުނިކުންނަ ސަބަބެވެ. ޒިޔާން އަށް ކުރި އިތުބާރު ގެއްލުމާއެކު އަހަރެންގެ ހިތްވަރު އެލުނެވެ. ދިރިއުޅުން މަތިން ފޫހިވިއެވެ. ނަމަވެސް ޒަހާއާއި އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަޒުމް ކަނޑައެޅީމެވެ. ހިތްވަރު ދެރަވެ ބަލިކަށި ނުވުމަށެވެ. އިންސާފު ހޯދުމަށެވެ.

އެދުވަހުވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހެނދުނުގެ ސައި ތައްޔާރު ކުރީމެވެ. އެއަށްފަހު އަހަރެންގެ މަސައްކަތައިގެން ފެށީމެވެ. ޒަހާގެ ފަރާތުން ލިބުނު މައުލޫމާތާއި ހެކީގެ އަލީގައި އަހަރެން ޕޮލިހަށް މައްސަލަ ހުށަހެޅީމެވެ. މަންމަ އަކާއި އޭނާގެ ފިރިހެން ދަރިފުޅު ގުޅިގެން އޭނާގެ ކުރީގެ އަނބިމީހާ މަރާލުމާއި ކޮއްކޮއަށް އަނިޔާ ކުރުމުގެ މައްސަލައެވެ. އަދި ކޮއްކޮ އެވާހަކަ އަހަރެންނަށް އެންގުމަށް މަސައްކަތް ކުރުމުން އަހަރެންނާއި ޒަހާ މަރާލާނެކަމުގެ އިންޒާރު ދިން މައްސަލައެވެ.

އެންމެ ފުރަތަމަ އަހަރެން ބިރުގަތެވެ. ނަމަވެސް އެފަދަ ވިޔާނުދާ މީހަކާއި އިނދެގެން އުޅުމަކީވެސް އެކަހަލަ މީހަކަށް ވުންކަމަށް އަހަރެން ދެކޭތީ ވަރިވުމަށް ސިޓީ ވެސް ލީމެވެ. ހިތަށް އަސަރު ކުރިއެވެ. ގިސްލާ ރުއިމެވެ. ނަމަވެސް އިތުބާރު ގެއްލުމުން ކުރާނީ ކީއްހެއްޔެވެ؟ ޕޮލިހުން ވަރަށް އަވަހަށް މައްސަލަ ބަލަން ފެށިއެވެ. އަދި ޝަރީއަތުން ޒިޔާން އާއި އަހަރެންގެ މައިދައިތަގެ މައްޗަށް ކުށް ސާބިތު ވުމުން އުމުރަށް ޖަލަށް ލާން ހުކުމް އިއްވިއެވެ. ޒަހާއަށާއި ޒިޔާންގެ ކުރީގެ އަންހެނުން ޝަރޫނާއަށް އިންސާފު ލިބުނީއެވެ.

މިހާރު ޒަހާއަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އަންނަ ކުއްޖެކެވެ. އޭނާގެ އަބަދުގެވެސް އުއްމީދު ކަމަށްވާ ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ އުއްމީދީ ތަރިއެކެވެ. އަހަރެންގެ މިހާރުގެ ދިރިއުޅުމަކީ އަހަރެންގެ ތުއްތު ދަރިފުޅު މާޒިންއެވެ. އަހަރެންނާއި ޒިޔާންގެ ދަރިފުޅެވެ. އެދަރިފުޅަށްޓަކައި އަދި ޒަހާ އަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރާނަމެވެ. އުފަލާއި ހިނިތުންވުމާއެކުއެވެ. ބޭވަފާތެރި ވިޔަސް މެއެވެ.

ނިމުނީ

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި މުހައިސިނާ ޙަސަން، ގްރޭޑް 12 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355