.
ފާތިމަތު ޢުމަރު
އާދުވަހަކަށް އިރު ފެނުން ތޮޅެލީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އާލިޔާ އޭނާގެ މަގަތުގައި ބާއްވާލާފައި އޮތް ތުއްތު ތުއްތު ދަރިފުޅަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޮލުން ކަރުނައިގެ މުތީތައް ވިދައިގަތެވެ. ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު އޭނާގެ ޚިޔާލަށް މާޒީގެ ހަނދާންތައް ވެރިވިއެވެ. ވޭނުން ފުރިގެންވާ އޭނާގެ ހިތި މާޒީއެވެ.
އާލިޔާ އަކީ ރީތި ޅަނދޮޅު ޒުވާން އަންހެން ކުއްޖެކެވެ. ރީތި ހުރިހާ ސިފަތަކެއް މިލްކު ކޮށްގެން ހުރި ޖިންސުއްލަތީފެކެވެ. އާލިޔާގެ ހަޔާތަށް ބަހާރު މޫސުން އައީ އޭނާ އެންމެ ލޯބިވާ ޒެނިލް އާއި ކައިވެނި ކުރެވުމުނެވެ. ޒެނިލްގެ އާއިލާއިން އާލިޔާއަށް ލިބުނީ ލޯތްބާއި އޯގާތެރިކަމެވެ. އެ ދެމަފިރިންގެ އެންމެ ބޮޑު އުއްމީދަކީ އެމީހުންގެ ލޯބީގެ ބަގީޗާގައި މަލެއް ފޮޅުމެވެ. ނަމަވެސް ކައިވެންޏަށް 2 އަހަރު ވީއިރުވެސް ކުއްޖަކު ނުލިބުނެވެ. އެދެމަފިރިންގެ މާޔޫސްކަން ދިޔައީ އިތުރު ވަމުންނެވެ.
“އަހަރެންނަށް ކުއްޖަކު ނުލިބިއްޖިއްޔާ ޒެން އަހަރެން ދޫކޮށްލާނަންތަ؟” ދެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ ބަލާ ހޮސްޕިޓަލަށް ގޮސްއިނދެ އާލިޔާ ޒެނިލް އާ ސުވާލު ކޮށްލިއެވެ.
“ނޫން. އަހަރެން އާލިޔާ ދޫކޮށެއް ނުލާނަން.” ޒެނިލްގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.
ދެމީހުންގެ ހިތުގައި ވެސް ވަނީ އާދަޔާ ޚިލާފު ބިރެއް އުފެދިފައެވެ. އެދެމީހުން ކުރެ ދަރިން ނުލިބޭނީ ކާކަށް ހެއްޔެވެ؟ ކޮންމެ އަކަސް ޓެސްޓްގެ ނަތީޖާ ލިބިއްޖެއެވެ. ދަރިން ނުލިބެނީ އާލިޔާ އަށެވެ. ބޭއިޚްތިޔާރުގައި އާލިޔާ އަށް ހަޅޭލަވައިގަނެވުނެވެ. އާލިޔާގެ ދުނިޔެ އަނދިރިވި ކަހަލައެވެ. ޒެނިލް ހިތްވަރުކޮށްފައި އާލިޔާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
އެ ޚަބަރު ޒެނިލްގެ އާއިލާއަށް ލިބުމާއެކު ގޭތެރޭގައި ހީވީ ބޮމެއް ގޮވިހެންނެވެ. އާލިޔާ އަށް ހިތްވަރު ދީ އަޅާލުމުގެ ބަދަލުގައި އެމީހުން އާލިޔާދެކެ އައީ ރުޅިއެވެ. ކުރަން ފެށީ ނަފުރަތެވެ. ޒެނިލް އަކީ އެމީހުންގެ ދޮށީ ދަރި އަދި ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ވީހިނދު ޒެނިލްގެ ދަރިއަކު އެމީހުންނަށް މާމަކާފަ ކިޔުމަކީ އެ މުސްކުޅި ދެމަފިރިންގެ ހުވަފެނެކެވެ. ޒެނިލް ވެސް ވަނީ ދަރިއަކަށް ނުހަނު އެދިއެދި އެވެ. ޒެނިލްގެ މުސްކުޅި މަންމަގެ އެދުމަށް ޒެނިލް ދެވަނަ ކައިވެންޏެއް ކުރަން ނިންމިއެވެ. އާލިޔާ ކިތަންމެ ހިތްނޭދުނަސް އެކަމަށް ރުހުނީ ލޯބިވާ ފިރިމީހާ ދަރިއެއްގެ އުފަލުން މަހުރޫމް ނުކުރަން ވެގެންނެވެ.
ޒެނިލް އާއި އިނދެގެން ލައުޒާ ގެއަށް އައިތާ މަހެއް ވަނީއެވެ. ލައުޒާ އާއި އާލިޔާ ނުހަނު ގުޅެއެވެ. ނަމަވެސް ޒެނިލްގެ މަންމަ ރަޝީދާގެ ތަފާތު ކުރުންތަކުގެ ސަބަބުން އާލިޔާ އަބަދު ހުންނަނީ ރޮވިފައެވެ. ރަޝީދާގެ ވިހަބަސްތަކުން އާލިޔާގެ ހިތުގައި ލަކުނު ލަމުން ދިޔައެވެ. ރަޝީދާގެ ދޭތެރެ ޖެއްސުންތަކުގެ ސަބަބުން ލައުޒާ ވެސް އާލިޔާއަށް ނަފުރަތު ކުރަން ފެށިއެވެ. ދެން ހުރީ ޒެނިލް އެވެ. ޒެނިލްގެ އަޅާލުން ކުޑަވެފައިވާ މިންވަރުން ޒެނިލް ގާތު އެއްޗެއް ބުނުމަށް އާލިޔާ ޖެހިލުންވެއެވެ.
ދުވަސްކޮޅެއް ފަހުން މުޅިގޭތެރެއަށް އުފާވެރިކަން ފެތުރުނީ ލައުޒާ ބަލިވެއިން ޚަބަރު ލިބުމުންނެވެ. ޒެނިލް އުފަލުން ހޭ ވެސް ނެތްކަހަލައެވެ. މަންމަ އާއި ބައްޕަ އާއި ކޮއްކޮމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެ ހިސާބުން ލައުޒާ ގަސްތުކުރީ އާލިޔާ އެގެއިން އަދި ޒެނިލްގެ ހަޔާތުން ވެސް ނެރެލާށެވެ. ލައުޒާގެ މަކަރުވެރި ހީލަތުގެ އެއްވެސް ކަމެއް އާލިޔާއަށް ފަހުމްވެސް ނުވެއެވެ.
ޖެހިގެން އައިދުވަސް ވީ އާލިޔާގެ ހަޔާތުގައި އައި އެންމެ އަނދިރި ދުވަސް ކަމުގައެވެ. ބަދިގޭގައި ސައިހަދަން ހުއްޓާ އާލިޔާ ސިހުނީ ޒެނިލްގެ އަޑުންނެވެ.
“އާލިޔާ ނިކަން އަވަހަށް އާދެބަލަ.” ޒެނިލް އާލިޔާއަށް ގޮވާއަޑު އިވުމުން އަވަސް އަވަހަށް އަތްދޮވެލައިގެން އާލިޔާ ސިޓިންގ ރޫމަށް ނުކުތެވެ. ސޯފާގައި ލައުޒާ ރޯން އިން އިރު ކައިރީގައި ރަޝީދާ އާއި ޒެނިލްގެ ކޮއްކޮ އިނެވެ. ޒެނިލްގެ ބައްޕަ އެތާ ކައިރީގައި ކޮޅަށް ހުރިއިރު ޒެނިލްގެ ކުޑަ ކޮއްކޮ ޒާނާ ދުރުގައި ބަލަން ހުއްޓެވެ.
“އާލިޔާ… ކާކު ލައުޒާގެ ބޭސް ބަދަލުކުރީ.” ޒެނިލްގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
“ނޭނގެ.” ބިރުން ހުރި އާލިޔާ އަށް ބުނެވުނީ ހަމަ އެންމެ ލަފުޒެކެވެ.
“ނޭނގެޔޭ. އަދި ވެސް ދޮގުތަ ހަދަންވީ.” ޒެނިލް އާލިޔާގެ އިސްތަށިގަނޑުގައި ބާރަށް ހިފިއެވެ.
“ނޫން… އަހަންނެއްނޫން. އަހަރެން އެކަހަލަ ކަމެއް ނުކުރަން.” އާލިޔަ އަށް ބާރަށް ރޮއިގަނެވުނެވެ.
“ރޯނެ ކަމެއް ނެތް. ތި ކެހިވެރި ކަރުނަ އަކުން އަހަރެންނަކަށް އަސަރެއް ނުކުރާނެ. ލައުޒާ އަށާއި ޒީނާ އަށް އާލިޔާ ބޭސް ބަދަލު ކުރިތަން ފެނިފައި އޮތީ.” އާލިޔާ ކޮއްޕާލަމުން ޒެނިލް ބުންޏެވެ. ކޮއްޕާލަފާނެކަމަށް ނުވިސްނާހުރި އާލިޔާ ގޮސްޖެހުނީ ފާރުގައެވެ. އެއާއެކު އާލިޔާ އަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.
“އާލިޔާ ތިހުރީ ވަރިކޮށްފައި. ހަމަ މިހާރު މިގެއިން ނުކުމޭ. ތިކަހަލަ މާ ނާޅާ ގަހެއް އަހަރެން ބޭނުމެއް ނޫން.” ޒެނިލްގެ ވިހަ ބަސްތަކުން ހީވީ އާލިޔާގެ މެޔަށް ތީރުތަކެއް ހަރާލިހެންނެވެ. ދިފާއުގައި ބުނާނެ ލަފުޒެއް ހިތަކަށް ނައެވެ.
އާލިޔާ އޭނާގެ ފޮށިހިފައިގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ.
“ދޮންތާ.” ޒެނިލްގެ ކުޑަ ކޮއްކޮ އައިސް އާލިޔާގެ ކައިރިއަށް ހުއްޓުނެވެ.
“ދޮންތާ. ބޭބެއަށް އަދި ނުވިސްނެނީ. ބޭބެ އެހުރީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި.” ޒާނާ ވާހަކަ ދައްކަމުން ދިޔައެވެ.
“ކޮއްކޮ ދެން އެކަމާ އަޅާނުލާ. ޒެން އުފަލުގައި ހުރިއްޔާ ދޮންތަ އަށް އެވީ.” އާލިޔާ ބުނެލިއެވެ.
“ދޮންތަވެސް އުފަލުގައި އުޅޭތި.” ޒާނާގެ އެ ލޮބުވެތި ބަސްތަކުން ހިނިތުންވަމުން އާލިޔާ ގެޔަށް ދާން ހިނގައިގަތެވެ. އޭނާގެ އެހާލު ފެނުމުން މަންމަ އަށް ވާނެގޮތް ހިތަށް އެރުމުން އާލިޔާގެ ލޯ ކަރުނައިން ފުރުނެވެ. ހިތަށް ތަދުވިއެވެ. ކަންތައްވީވެސް ހަމަ އާލިޔާ ހީކުރި ގޮތަށެވެ. އާލިޔާ ގެޔަށް ވަނުމުން އެންމެންނަށް ލިބުނީ ސިހުމެކެވެ. ލޯބިވާ ދަރިފުޅު އެހާލުގައި ވާތަން ފެނުމުން މަންމަގެ ލޮލުން ކަރުނަ ހިލުނެވެ.
އެހިތާމަވެރި ދަނޑިވަޅުގައި އާލިޔާއަށް އެހީތެރިވެދިނީ ދެގޮތެއް ނުވާ އޭނާގެ އެކުވެރި ޔައީޝް އެވެ. ޔައީޝްގެ އެދުމާއި ދެއާއިލާގެ ގަދައެޅުމުގެ ސަބަބުން އާލިޔާ އާއި ޔައީޝްގެ ކައިވެނި ވެއްޖެއެވެ. ޔައީޝްގެ އިތުރުން އޭނަގެ އާއިލާއިން އާލިޔާ ބަލައިގަތީ ހިނިތުންވަމުނެވެ. އެމީހުންގެ ލޯބީގެ ސަބަބުން ޒެނިލްގެ ހަނދާންތަކާއި ދުރުވެވުން ނަމަވެސް އެފަދަ ކަމެއް ތަކުރާރު ވެދާނެތީ އާލިޔާ ބިރުގަނެއެވެ. ދެން އެފަދަ ކަމަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ.
އެދެމީހުން ކައިވެންޏަށް އަހަރެއް ވީއިރު އާލިޔާ ބަލިވެ އިންކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ޓެސްޓު ހެދުމުން ލިބުނު ނަތީޖާ އިން އާލިޔާ ވަރަށް އުފާވިއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމަށް ހެކިވެވުނެވެ. ދުވަސް ފުރާ އާލިޔާ ވިހެއީ ފިރިހެން ކުއްޖެކެވެ. ދަރިފުޅުގެ ރުއިމުގެ އަޑު އިވުނު ވަގުތު އާލިޔާއަށް ލިބުނީ ބަޔާން ނުކުރެވޭ ވަރުގެ އުފަލެކެވެ.
އާލިޔާ ސިހުނީ ޔައީޝް އެތެރެއަށް ވަނުމުންނެވެ. ލޮލުގައިވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އާލިޔާ ހިނިތުންވެލިއެވެ. އާލިޔާ ގެއަށް ދޫކޮށްލުމުން ގެއަށް ދިއުމުގެ ތައްޔާރީތައް ވާން ފެށިއެވެ. ތުއްތު ދަރިފުޅު އުރާލައިގެން އާލިޔާގެ ކޮނޑުގައި އަތް އަޅުވާލައިގެން ޔައީޝް ހިނގާފައި ދިޔައިރު ތަންކޮޅެއް ފަހަތުން ޔައީޝްގެ މަންމަ އާއި ބައްޕަ އާދެއެވެ. ޒެނިލް މިމަންޒަރު ދުށީ ކަރުނައިން ފުރިގެންވާ ލޮލަކުންނެވެ. އާލިޔާގެ މުހިއްމުކަން ޒެނިލް އަށް އިހުސާސް ވީ ލައުޒާ ދަރިފުޅު އޭނާގެ ބޮލަށް ޖަހާފައި ދިއުމުންނެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އާލިޔާގެ ހަޔާތަށް އައިއިރު ޒެނިލްގެ ހަޔާތަށް މިވަނީ އުސްގަނޑަކަށްފަހު އަޑިގަނޑެއް އައިސްފައެވެ.
ނިމުނީ
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ފާތިމަތު ޢުމަރު، ގްރޭޑް 12 އޭ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.