.
މަރިޔަމް ޔަސްމާ
17 ޖުލައި ވަނަ ދުވަހުގެ ބަޔާ ގުޅޭ
ދޮރުމަތީ އައިސް ހުއްޓުނު ރޫބީ މީހަކު ހޯދަން އައިސް އެބަހުރި ވާހަކަ އަންގާލާފައި ނިކުތެވެ. ޒާނައަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ސަބަބެއްނެތި އޭނާ ބިރުގަތީ ކީއްވެކަމާއި ރޫބީ ފެނިގެން އެބިރު ފިލާދިޔަގޮތެއްވެސް ނުވިސްނުނެވެ. އަލްބަމް ކުރިން އޮތް ތަނަށް ލާފައި އަވަސްއަވަހަށް ނިކުމެގެން ދިޔައިރު ރާކިން ފޮނުވައިގެން އައިސް ހުރި އަހުމަދު ދޮރުކައިރީ ހުއްޓެވެ. ފައިލްގައި ހިފާފައި އޭނާ ޝުކުރުއަދާކޮށް ނިމިގެން ނިކުތެވެ. މިސްކުއައީ އެވަގުތުއެވެ.
“އަހަރެން ވާހަކައެއް އަހާލަންތަ؟” ދުރަށް ހިނގަހިނގާހުރި ރޫބީއަށް ބަލާލާފައި މިސްކު ވާހަކަދައްކަން ފެއްޓިއެވެ. ޒާނަ ބޯޖަހާލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް މިސްކު ކައިރިއަށް ޖެހިލިގޮތަށް ޒާނަގެ އަތުގައި ހިފާލިއެވެ. ޒާނައަށް ފުރަގަސްދީގެން ހުރިގޮތަށް ހުރެ އަނެއް އަތުން މެއާއި ދިމާލުގައި އަތްއަޅާލެވުނެވެ.
“އާއެކޭ ބުނެފަ ކޮންތާކަށް ފިލަންތި ދުވަނީ؟” މިސްކު ސުވާލުކުރީ ޒާނަގެ ކުރިމައްޗަށް ހުއްޓިފައެވެ. އޭރުވެސް އޭނާގެ އަތްތިލަ އޮތީ މިސްކުގެ އަތުތެރޭގައި ހައްޔަރުވެފައެވެ. ރަކިވިކަން ނާންގަންވެގެން ޒާނަ ހީނގަތެވެ.
“މޮޔަވީތަ؟” ޒާނަގެ އެއަމަލުން މިސްކުގެ މޫނުމައްޗަށްވެސް ލާނެތްކަން ވެރިވިއެވެ. ހަތަރުކަޅި ބައްދަލުވެފައި ސިކުންތުކޮޅެއް ހޭދަވެގެން ދިޔައިރު ޒާނަގެ މުޅިމޫނު ވަނީ ރަތްވެފައެވެ. ހީވީ ކުރެހުންތެރިޔަކު ފިއްސަކުން ފަވާލިހެންނެވެ.
“އައްދޭ! ހާދަ ވަރަކަށް ތިރަކިވަނީ؟ އެއީ ކީއްވެތަ އަހަރެން ބަލާލާއިރަށް މަލެއްހެން މޯޅިވަނީ؟” މިސްކު ހަމަ ގަސްތުގައި ޒާނަ ލަދުގަންނަވަން މަސައްކަތްކުރިއެވެ.
“އޭ. ދެން ދިމާނުކޮށް ތިއަހަން އުޅޭ ވާހަކައެއް އަހާބަލަ. އަހަރެން ވަރަށް މުހިންމު ކަމެއް ކުރަން ދާންވެއްޖެ.” ޒާނަ ވަގުތުން މައުޟޫ ބަދަލުކޮށްލިއެވެ. މިސްކުގެ ކުރިމަތީގައި ބޭޒާރުވާކަށް ޒާނަ ބޭނުމެއް ނުވިއެވެ.
“ބައެއްފަހަރު އުޅޭގޮތުން ޅަކުއްޖެއްގެ ފާޑުޖެހިއަސް މިބޮލުގައި އޮތީ ވަރުގަދަ ސިކުނޑިއެއް. ބަލާބަލަ ވާހަކަ ބަދަލުކޮށްލިލެއް މޮޅުކަން.” މިސްކު ކުއްލިއަކަށް ޒާނަގެ އަތުން ދޫކޮށްލާފައި އޭނާގެ ނިއްކުރީގައި އިނގިލިޖައްސާ ފަހަތަށް ކޮށްޕާލިއެވެ.
“ނުބުނެވުނެއްނު ދޯ؟ މަށަށް އޭރުވެސް އެނގުނޭ ކޮންމެހެން ވާހަކައެއް އަހަންވެގެން ނޫންކަން އުޅުނީ.” ޒާނަ ކުއްލިއަކަށް ދުއްވައިގެންފައި ސިޑިއާއި ދިމާއަށް ދާންފެށުމުން މިސްކުއަށް އޭނާ އިތުރަށް ހުއްޓުވޭގޮތެއް ނުވިއެވެ. ދެން އެމީހުން ބައްދަލުވީ އެރޭ ސުފުރާމަތިންނެވެ. އެކިއެކި ވާހަކަ ދައްކަމުން ޒާނަ އެދުނީ އޭނާ ނިންމަން ޖެހޭ ހޯމްވޯކެއް ހަދަން އެހީވެދިނުމަށެވެ. މިސްކު ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އެކަމުން އަވަދިވެގެން ޒާނަ ކޮޓަރިއަށް ދިޔަތާ އިރުކޮޅެއްނުވަނީސް މިސްކުވެސް ގޮސް އެތަނަށް ވަނެވެ.
“ޒާނަ ކީއްވެ ރާކިން ކައިރީ ނުބުނީ؟” ލިޔާމޭޒުކައިރީ ޖެހިޖެހިގެން ދެގޮނޑީގައި އިށީންދެފައި މިސްކު އަހާލިއެވެ. ފޮތް ހުޅުވާލިގޮތަށް މޭޒުމަތީ ބާއްވާލާފައި ޒާނައަށް ބަލާލެވުނެވެ. މިސްކުގެ ސުވާލު އޭނާއަށް ދޭހައެއްނުވިއެވެ.
“ކީއްވެ ނުބުނީ މިހަފްތާ ތެރޭގައި ބްރޭކް ލިބޭ ވާހަކަ؟ އޭރުން ރާކިން މަޑުކުރީހެއްނު. އަހަރެންނަށް ހީވަނީ އެމީހުން ޒާނަ ގެންދަން ވަރަށް ބޭނުންވެފަހެން ހުރީ.” ޒާނަ ބަލަހައްޓައިގެން އިންނަން ފެށުމުން މިސްކު އިތުރުކޮށްލިއެވެ.
“އޯހ…އެވާހަކަ…އަހަރެންގެ ސަބަބުން ދަތުރު ލަސްވާން ބޭނުންނުވީ.” ޒާނަ އަނެއްކާވެސް ފޮތާއި ދިމާއަށް އެނބުރިފައި އެއަށް ސަމާލުކަން ހުއްޓުވާލެވޭތޯ އުޅުނެވެ. އެވާހަކަ ހުއްޓާލާފައި މިސްކު ކިޔައިދޭން ފެށުމާއެކު ޒާނަ ގަލަން ނަގައިގެން މަސައްކަތް ކުރިއަށް ގެންދިޔައެވެ. ދޭތެރެއަކުން ޒާނަގެ އަންނާރު އޮށްތަކެއްފަދަ ދެދަތްޕިލާ ދޭތެރޭގައި ގަލަމުގެކޮޅު ފިތެމުންދާ މަންޒަރު ފެނިފައި މިސްކުގާތަށް ހިނި އާދެއެވެ. މިސްކު ހޭންފަށާއިރަށް ޒާނަ މަސައްކަތް ހުއްޓާލާފައި ލޯބޮޑުކޮށްލުމުން އޭނާ ކަމެއް ހަނދާންވެގެން ކަމުގައި ބުނެ އޮޅުވާލައެވެ.
“ގެޓެއްނުވި.” ކުޑައިރުކޮޅެއްފަހުން ޒާނަ ބުނެލިއެވެ. ފޮތުން އަތްދޫކޮށްލާފައި އޭނާ އަނެއްކާވެސް ގަލަން އަނގައަށް ލައިގެން ހަފަންފެށިއެވެ.
“ރަފް ޕޭޕަރއެއް ދީބަލަ.” މިސްކު ކުއްލިއަކަށް ޒާނަގެ އަނގައިގާ އޮތް ގަލަން ދަމައިގަތެވެ. ކުޑަކޮށް ތަދުވާގޮތްވުމުން ލޯއަޅާލާފައި ޒާނަ އެހެން ފޮތެއްނަގާ ހުޅުވާލާފައި ކައިރިކޮށްލަދިނެވެ. ހުސްކަރުދާހުގައި ތުނޑު ޖައްސާލިގޮތަށް މިސްކު ތެދުވެފައި މޭޒާއި ދިމާއަށް ގުދުވިއެވެ. އޭނާގެ އެއްއަތް ޒާނަ އިން ގޮނޑީގެ އަތްގަނޑުމަތީ އޮވެފައި އަނެއްއަތާއިއެކު އެބިޔަހަށިގަނޑު މޭޒާއިދިމާއަށް ލެފިގެން އޮތްގޮތުން ޒާނަ އިނީ ފާޑަކަށް ވަށާލެވިފައެވެ. އެވަގުތު އެހަށިގަނޑު ދުވަންފެށި ސެންޓެއްގެ ވަހުން ޒާނަގެ ހިތް މަސްތުކޮށްލިއެވެ. އެހާކައިރިން މިސްކުގެ ރީތިމޫނު ފެނިފައި ޒާނަ ހިތުތެރޭގައި ނޭނގޭ އިހްސާސްތަކެއް ހޭލައިގަތެވެ. އަޑުފޯރިނަމަވެސް މިސްކު ދައްކަމުންދިޔަ އެއްވެސް ވާހަކައެއް ޒާނަގެ ސިކުނޑިއާއި ހަމައަށް ވާސިލެއް ނުވެއެވެ. އޭނާ އިނީ ބުދެއްހެން ހުއްޓުންއަރާފައެވެ.
ޒާނައަށް ހޭވެރިކަންވީ މިސްކު ދުރަށް ޖެހިލާފައި ވާހަކަދައްކަން ފެށުމުންނެވެ.
“އަހަރެން ބުނީ މިހާރު އޮޅުންފިލައިފިހޭ؟” ޒާނަގެ ފަރާތުން ޖަވާބެއް ނައުމުން މިސްކު ކުރި ސުވާލު އަނެއްކާ ތަކުރާރުކޮށްލިއެވެ. ކަންބޮޑުވެފައި އިނދެ ޒާނަ ދެފަރާތަށް ބޯހޫރުވާލުމާއެކު ދެކޮޅުހެދިއެވެ.
“ސާބަސް މިއޮތް ހުރިހާއިރު އަޑުއަހާކަށް ނޫންތަ އިނީ؟” މިސްކު ގާތަށް ހިނިއައެވެ. އެވަގުތު ޒާނަ އަވަސްއަވަހަށް އިސްޖެހިއެވެ.
“އޯކޭ. އަނެއްކާވެސް ކިޔައިދީފާނަމޭ…އެކަމަކު އޭގެކުރިން ވާހަކައެއް އަހާލިއަސް އޯކޭތަ؟” މިސްކު ގޮނޑީގައި އިށީންދެފައި ޒާނައަށް ބަލައިލިއެވެ.
“ހިނގާ ޗުއްޓީގަ އަހަރުމެން ރަށަށް ދާން.” މިސްކު ބުނެލިއެވެ. ޒާނައަށް ލިބުނީ ކުއްލި ސިހުމެކެވެ. ލޯބޮޑުކޮށްލާފައި އޭނާ މިސްކުއަށް ބަލަންފެށިއެވެ.
“ކީއްތަވީ؟ ކިހާ ފޫހިވާނެ އަހަރެން ދިޔައީމަ. ރާކިންވެސް އަންނާނެ ދުވަހެއް ނޭނގެ. ކީކޭ ބުނަނީ؟” މިސްކު ބަލަހައްޓައިގެން އިނެވެ.
“ޒާނައަށް ނުކެރެންޏާ އަހަރެން ހުއްދަ ހޯދަދީފާނަމޭ ރާކިންއަށް ގުޅައިގެން. ރާކިން އަހަރެންގެ އެދުމަކަށް ދެކޮޅެއްނުހަދާނެ.”މިސްކު އަނެއްކާވެސް ބުނެލިއެވެ.
“ރާކިން އޯކޭވިއްޔާ ހިނގައިދާނަން.” ޒާނަ އެއްބަސްވިއެވެ. މިސްކުގެ އެއެދުމާއި ދެކޮޅުހަދަން އޭނާގެ ހިތެއް ނޭދުނެވެ.
ޖެހިގެން އައި ހަފްތާގެ އާދީއްތަ ދުވަހަށް އިރުއަރައިގެން އައިއިރު ޒާނައާއި މިސްކު ތައްޔާރުވަމުން ދިޔައީ ޗުއްޓީއަށް މިސްކުގެ ރަށަށް ދާށެވެ. ރާކިންއަށް ގުޅައިގެން ހުއްދަ އަތުލީ މިސްކުއެވެ. ދިހައެއްޖެހިއިރު ފުރައިގެން އެއްގަޑިއިރު ވީއިރު ޒާނަމެން ތިބި ލޯންޗް ހަންޏާމީދޫގެ ފާލަމާއި ގާތްކޮށްލިއެވެ. އެމީހުންގެ އިސްތިޤްބާލުގައި އައިސް ތިބީ މިސްކުގެ ދައްތަ ތިފްލާ އާއި މަންމަ ހަބީބާއެވެ. ފާލަންމައްޗަށް ފައިބާފައި މިސްކު ދުރުގައި ތިބި ދެމީހުން ދައްކާލިއެވެ. އެމީހުން ހިނިއައިސްފައި ހުރެ އައިސް ކައިރިއަށް ހުއްޓިފައި ތިފްލާ ޒާނަގެ އަތުގައި ހިފާލިއެވެ. ޒާނަ ހުރީ ވަރަށް އުފާވެފައެވެ. މިސްކުގެ އާއިލާގެ ފަރާތުން ފެނިގެންދިޔަ ގާތްކަމުން އޭނާ ނުހަނު ހިތްހަމަޖެހުނެވެ.
ގޭގެ ދޮރުމައްޗަށް އެރިހާއިރުން ޒުވާނަކު އައިސް ދިއްކޮށްލީ ދެ ކުރުނބައެވެ.
“އައްދޭ! މެހުމާނުން ގެނައީމަ ހާދަ އިންތިޒާމް ރަނގަޅޭދޯ؟” މިސްކު ހީގެންފައި ކުރުނބާގައި ހިފާ ކޯވަރެއް ބޯލިއެވެ.
“ޒާނަ. މީ އަލިޔާން އިނގޭ. ފްރެންޑެއް.” މިސްކު އެޒުވާނާ ތައާރަފްކޮށްދިނެވެ. އަލިޔާން ހިނިތުންވެފައި ކުރިއަށް ޖެހިލާ ޒާނައާއި ސަލާމްކޮށްލިއެވެ. އެންމެންގެ ފަހަތުގައި ހުރެގެން ޒާނަވެސް ގެއާއި ދިމާއަށް ބަލަމުން ކުރިއަށް ހިނގައިގަތެވެ.
ހަތަރު ފޫޓަށް ރާނާފައިވާ ފާރުގެމަތިން ފެންނަންހުރި މެދުފަންތީގެ ގެއެކެވެ. ތެޅިގަލުން ރޭނިގޮތަށް ސިމެންތިނުޖަހައެވެ. ފުރާޅުގައިވެސް ހުރީ ދަބަރުޖަހަން ފަށާފައިވާ ޓިނުތަކެކެވެ. އެކަމަކު ގޯތިތެރޭގައި ގިނައަދަދެއްގެ ގަސް ހައްދާފައި ހުރުމުން ފެހިކަންގަދަވެފައި ހިތްގައިމެވެ. ގެއަށް ވަންނަން ދާއިރު އެއްފަރާތެއްގައި މާ ބަގީޗާއެކެވެ. އަނެއްފަރާތުގައި ހަތަރުފަރާތުން މުޑިޖަހައި މަތީގައި ކަންވާރުފުރައިގެން އަރުވާފައިވާ ޖުމްހޫރީމޭވާ ވެޔޮގެ ދަށުން ދެވެނީ އެގޭގެ ބަދިގެފަރާތަށެވެ.
ޒާނަ އިށީންދެލީ ފުރުޓް ވެޔޮގެ ދަށުގައި ހުރި ޖޯލިފަތީގައެވެ. ކުރިމަތީ ހުރި ދިގުގޮނޑިއެއްގައި މިސްކު އާއި އަލިޔާންއެވެ. ހަބީބާ އަދި ތިފްލާ ހުއްޓިނުލާ ގޮސް ކާގެއަށް ވަދެފައި ތަބަކެއްގައި ޖޫސްތަށިތަކަކާއިއެކު ބިސްކޯދުހުރި ތައްޓެއްލައިގެން އައެވެ. ޖޫސް ބޮއިގެން ޒާނަގެ ކޮޓަރިއާއި ހަމައަށް ދާންދެން އޭނާގެ އަތްދަބަސް އުފުލައިދިނީ ތިފްލާއެވެ. ކުޑައިރުއްސުރެ އަމިއްލަ ހުރިހާ ކަމެއް އެކަނި ކޮށްފައި މިއަދު ކުއްލިއަކަށް މިސްކުގެ އާއިލާއިން އޭނާއަށް އެހާބޮޑު އަޅާލުމެއް ގެންގުޅޭތީ ޒާނައަށް ކުޑަކޮށް އުދަނގޫވިއެވެ. ރާކިންގެ ގޭގައި ރޫބީ ގޭގެ މަސައްކަތް ކުރިއަސް އަމިއްލަ ކަންތައްތައް ޒާނަ ކޮށް އުޅެނީ އަމިއްލައަށެވެ.
އެތެރެއަށް ވަންއިރު އެއީ ކުޑަކުޑަ ކޮޓަރިއެކެވެ. އެއް އެނދާއި ކުޑަ އަލަމާރިއެއްގެ އިތުރުން ލިޔާމޭޒަކާއި ގޮނޑިއެއް ފިޔަވައި އިތުރު އެއްޗެއް ނުވެއެވެ. ބިތުގައި ހަރުކޮށްފައިވާ މިސްކުގެ ކުޑައިރުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް ޒާނަގެ ސަމާލުކަން ދަމައިގަތެވެ. އެކޮޓަރިއަކީ މިސްކުގެ ކޮޓަރިކަން ޒާނައަށް އެނގުނީ އެފޮޓޯތައް ހުރީމައެވެ. އަރާމުކޮށްލަން ވަގުތުދީފައި ތިފްލާ ނިކުމެގެން ދިއުމާއެކު ޒާނަ އެނދުގައި ޖައްސާލިއެވެ. މިސްކު އެތެރެއަށް ވަނީ އެވަގުތުއެވެ. މިސްކު ފެނިފައި ޒާނަ އަވަސްއަވަހަށް ތެދުވެ އިށީންދެފައި ބަލަންފެށިއެވެ. ހިތް އަވަސްވީ ކުއްލިއަކަށެވެ. މިސްކުގެ ރަށުގައި އޭނާގެ ކޮޓަރިތެރޭގައި ދެމީހުން އެގޮތަށް އެކަނިވުމުން އެހިތުގައި ހިލުވައިލީ ނުތަނަވަސްކަމެވެ. އެއްކޮޅުން މިސްކުގެ ކޮންމެ ފެނިލުމެއް ޒާނަގެ ރޫޚަށް ހަމަޖެހުމާއި މީރުކަން ގެނެސްދޭގޮތަށް އަނެއްކޮޅުން ނޭނގޭ ނުތަނަވަސްކަމަކުން އެހިތް ވަށާލައެވެ. ޒާނައަށް ނުވިސްނެނީ މިސްކުއާއިމެދު އޭނާގެ ހިތުގައިވާ ޝުއޫރެވެ. އެއިހްސާސްތަކަށް ދޭނެ ނަމެވެ. އެހެން އެންމެންނާއި ހިލާފަށް މިސްކުއަށް އޭނާގެ ހިތުން ދެވިފައިވާ ހާއްސަ މަޤާމުގެ އަސްލު ސަބަބެވެ.
މިސްކު ބަލަހައްޓައިގެން ހުރެލާފައި ޒާނަގެ މަގަތުގައި އިށީންދެލިއެވެ. ޒާނަ އިނީ އަދިވެސް ބަލަހައްޓައިގެންނެވެ. އެއްއަތް އުނގުމަތީ އޮތްއިރު އަނެއްއަތުން އެނދުގައި އަޅާފައިވާ ބެޑްޝީޓް ބޮނޑިކުރަމުން ދިޔައެވެ.
“ސޯ؟ ކޮންއިރަކުން ބޭރަށް ނިކުމެލާނީ؟ ރަށުތެރެ ބަލާލަން ދާންވާނެއެއްނު. ޒާނަ ބޭނުމިއްޔާ ރެސްޓްކޮށްލާފަ ނިކުތަސް އޯކޭ.” މިސްކު އެނބުރިފައި ޒާނަ ކުރެން އަހައިލިއެވެ.
“ފެންވަރާލައިގެން ދޯ.” ޒާނަ ދޯދިނެވެ. އޭނާ ބޭނުންވީ ބޭރަށް ނިކުތުމުގެ ކުރީން ތާޒާވެލާށެވެ. މިސްކު އެގޮތާއި އެއްބަސްވިއެވެ. އޭނާ ތެދުވެގެން ގޮސް ބޭރަށް ނިކުމެފައި ދޮރުލައްޕާ ލުމާއެކު ޒާނަ ފެންވަރަން ދާން ތައްޔާރުވިއެވެ.
ގިފިއްޔަށް ވަދެ ވަޅުންނެގި ފުރަތަމަ ފެންދާނި ބޮލަށް އޮއްސާލުމާއެކުވެސް ޒާނަގެ ހަނދާނަށް އައީ ރަށުގައި ހޭދަކުރި ދުވަސްތަކެވެ. އެގޭގައި އިތުރަށް އޭނާ ހޭދަކުރި ކޮންމެ ވަގުތެއްމެ އާ ތަޖުރިބާއަކަށްވުރެ އަމިއްލަ ވަންތަކަން އެކުލެވިގެންދިޔަ ހަނދާންތަކަކަށް ބަދަލުވެގެން ދިޔައީ ރަށުގައި އުޅުނު ދިރިއުޅުމާއި މިސްކުގެ ގޭގައި އުޅެންޖެހުނު ގޮތާއި މާބޮޑު ތަފާތުތަކެއް ނެތުމުންނެވެ. އަބަދުވެސް މުއްސަދި ދިރިއުޅުމެއް އުޅުމަށް ހުވަފެން ދެކެމުންދިޔަ ޒާނައަށް ދެވަނަ ފަހަރަށް އެފަޤީރު ދިރިއުޅުން އުޅެލަން ލިބުމުން ވީ ފޫއްސެއް ނޫނެވެ. ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ޅައިރުގެ އުފާވެރި ދުވަސްތަކާއި ރަށުގެ ހަނދާންތައް ފިލްމެއްގެ މަންޒަރުތަކެއްހެން އަލުން އަނބުރާ އޭނާގެ ލޯމަތިން ފެންނަމުން ދިޔަކަހަލައެވެ.
“މިސްކު ނިދަނީ ކޮންތާކު؟” ޒާނަ ސުވާލުކުރީ މިސްކުގެ ދައްތައާއެވެ. އެދެއަންހެން ކުދީން ތިބީ ޒާނަ އުޅޭ ކޮޓަރިތެރޭގައެވެ. އަލަމާރީގައި ފަތްޖަހާފައިވާ އަންނައުނު ތަކުތެރެއިން ޒާނަ ނިދަންލާ އެއްޗެހި ހޯދަން އުޅުނުއިރު ތިފްލާ އެހެން ދޮރުފަތެއް ހުޅުވާލާފައި ޒާނަގެ ގައިމަތީ އަޅަން ރަޖައެއް ނަގައިދިނެވެ. ރަޖާ އެނދުމަތީ ބާއްވާފައި ތިފްލާ ލުއިހިނިތުންވުމަކާއިއެކު ޒާނަ އާއި ކުރިމަތިލިއެވެ. އޭރު ޒާނަ ހުރީ ނިދަންލާ އެއްޗެހި ނަގާ މޭގައިޖައްސާލި ގޮތަށް ތިފްލާ ދޭން އުޅޭ ޖަވާބަކަށް ތައްޔާރުވެގެން ނެވެ.
“ސިޓިންރޫމް އެއޮތީނު. އެތާ އެހުންނަ އެނދުގައި އޭނަ ނިދާލާނެ.” ތިފްލާ އާދައިގެ ގޮތަކަށް ޖަވާބުދިނެވެ.
“އެކަމަކު އެތާގައި ގޮދަޑިއެއްވެސް ނޯވެއެއްނު. އަޅޭ..އަހަރެންނާހެދި…” ޒާނަ ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. އޭނާގެ ސަބަބުން މިސްކުއަށް ބޭރުގައި އޮންނަން ޖެހުނީތީ ޒާނަ ދެރަވިއެވެ. އެއަޑުއަހާފައި ތިފްލާ ފެށީ ހޭށެވެ.
“ޒާނަ ކަންބޮޑުނުވެބަލަ. މިސްކު ވަރަށް ގިނަ ރޭރޭ އެތާގައި އޮންނާނެ. އޭނާ ޓީވީބަލަން އޮވެގެންވެސް އެއެނދުގައި އޮވެ ނިދާނެ ބައެއް ރޭރޭ.” ތިފްލާ ޒާނަގެ އަތުގައި ހިފާލާފައި އޭނާ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. ޒާނަ ދެން އިތުރު އެއްޗެއް ނުބުނެއެވެ. ތިފްލާ ނިކުތުމާއެކު ހެދުން ބަދަލުކޮށްލައިގެން ނިދަން އޮށޯވެ ދެލޯމަރާލިއެވެ. ނިދަން ފަސޭހަ ނުވާނެކަން ޒާނައަށް މާކުރިންވެސް އެނގުނެވެ. ކަންތައްވީ ވެސް އެހެންނެވެ. އާންމުގޮތެއްގައި ނިދާތަން ބަދަލުވުމުން ފުރަތަމަ ފަހަރަށް ނިދަން އެހާ ފަސޭހައެއް ނުވާނެއެވެ.
މިސްކުގެ ފޮޓޯތަކަށް ބަލަހައްޓައިގެން އޮވެއޮވެފައި އިރުގަނޑެއްފަހުން ޒާނަ ތެދުވެގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެދޮރުފަތް އޭނާ ހުޅުވާލީ އެކަކަށްވެސް އަޑުނީވޭނެހާ ސިއްރުންނެވެ. ސިޓިންރޫމްގައި ދިއްލާފައިވާ ރަތްބޮކީގެ ފަނޑުއަލި އެހިސާބަށްވެސް ފެތުރިފައިވެއެވެ. ދެކޮޅު ބަލާލާފައި ފައިވާނަކަށްވެސް ނާރައި ޒާނަ ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ސިޓިންރޫމާއި ދިމާއަށެވެ.
ނުނިމޭ