.
މުޙައްމަދު ޖުނޫދު
މުޅިތަނަށް ވެރިވެފައި ވަނީ ހިތާމައިގެ ކުލަވަރެވެ. ރުއިމުގެ އަޑުން މުޅިތަން އެއް އަޑު ކޮށްލާފައެވެ. ކޮންމެ ލޮލެއްވެސް ވަނީ ކަރުނައިން ތެމި ފޯވެފައެވެ. ރިޔާޒުގެ ފުރާނަ ނެތް މަސްގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ހަށިގަނޑުގެ އެތަންމިތަން ތޫނު އެއްޗަކުން ޒަހަމް ކޮށްލައިފައި ހުރުމުން ކަށިގަނޑު ފެންނަން ހުއްޓެވެ. ތެޅެމުން ފޮޅެމުން ޔުމްނާ އެތަނަށް އައެވެ. އޭނާގެ މޫނު މަތީގައި ވަނީ ހާސްކަމާއި ބިރުވެރިކަމުގެ ނިޝާންތަކެވެ. ރިޔާޒްގެ ހަށިގަނޑު ވަށާލައިގެން މީހުން ތިބުމުގެ ސަބަބުން ރިޔާޒް އާ ހަމައަށް އެތެރެއަށް ވަދެވުނީ ވަރަށް މަސައްކަތުންނެވެ. އެތެރެއަށް ވަދެވުމާއެކު ޔުމްނާގެ ލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އަޑުން އަޑުނަގައި ރޮއި ގަނެވުނެވެ. ޔުމްނާގެ ހުވަފެންތައް ވެއްޔާ މޮޑެވުނީއެވެ. ލޯބިގެ ގަނޑުވަރު ވިއްސިވިހާލިވީއެވެ. ޒަވާޖީ ހަޔާތަށް އެންމެ އެދުނު މީހާ އަބަދަށްޓަކައި އަލްވަދާއު ކީއެވެ.
ޔުމްނާގެ ނަޒަރު ހުއްޓުނީ އެތަނުގައި އިށީނދެލައިގެން އިން ޒުވާނަކަށެވެ. އޭނާ ވެސް ވަނީ ރިޔާޒްގެ ލެއިން ތެމި ފޯވެފައެވެ. އަތުގައި އޮތީ ތޫނު ހަތިޔާރެކެވެ. ޔުމްނާއަށް ލިބުނީ ސިހުމެކެވެ. މަޑުމަޑުން އެޒުވާނާއާއި ކައިރިވަމުން ދިޔައީ އެޒުވާނާގެ ސޫރަ ފެނޭތޯއެވެ. އެ ޒުވާނާ އިސްއުފުލާލުމާއެކު ޔުމްނާއަށް ހީވީ ފައިތިލަ ދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އެ ޝަހުސިއްޔަތަކީ ޔުމްނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ފަޒީލެވެ. ޔުމްނާގެ ހިތް ކުދިކުދި ވިކަހަލައެވެ. ހިތަށް ލިބުނީ އިތުރު ވޭނެކެވެ. އޭނާ ކުރިމަތީގައި ގަނޑުވެފައި ހުރި ބުދެއްހެން ޔުމްނާ އިރުކޮޅަކު ހުއްޓެވެ. ހަރަކާތް ހުއްޓިފައެވެ. ލޮލުން ކަރުތައް އޮހެމުން ދިޔައެވެ. އަދި އެ އޮއިވަރުގައި ޔުމްނާ ޚިޔާލުތަކުގެ ކަނޑަކަށް ބެހިގެން ދިޔައެވެ.
ބަސް ސްޓޮޕްގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބަސް ދުއްވަން ފެށިއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން ކުއްޖަކު ހަޅޭލަވާއަޑު އިވުނެވެ. ބަސް ހުއްޓުމަށް އެދި ގޮވަމުންނެވެ. އެއީ ޔުމްނާއެވެ. އޭނާއަށް ރީތި ފަން އިސްތަށިގަނޑެއް ލިބިފައިވެއެވެ. ފިނިފެންމަލެއްގެ ނާޒުކު ފިޔައެއް ފަދަ ތުންފަތެކެވެ. އެތައް ޒުވާނުންނެއްގެ ހިތްތައް ކަތިލާފަދަ ނިޔަނެތި ކަޅިރަވައެކެވެ. ބަސް ހުއްޓުވައި ބަހަށް އެރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް އޭނާލިއެވެ. ބަސް ނައްޓާލުމުގެ ކުރިން އިށީންނާނެ ތަންކޮޅެއް ހޯދިއެވެ.
ޔުމްނާގެ ނަޒަރު ގޮސް އަމާޒުވީ ދުރުނޫން ގޮނޑިއެއްގައި އިން ޒުވާނަކަށެވެ. ދޮނެއް ނޫނެވެ. ކަޅެއް ވެސް ނޫނެވެ. ޔުމްނާއަށް ބަލާލެވުނީ ޔުމްނާއާއި އެއްގޮތް ޔުނީފޯމެއް އޭނާ އަޅައިގެން ހުރުމުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގެ ޔުނީފޯމެވެ. އެ ޒުވާނާއަކީ ރިޔާޒްކަން ޔުމްނާއަށް ޔަގީން ވިއެވެ. އެއީ މިއަދު އަލަށް އޮފީހަށް ގުޅުނު ކުއްޖެކެވެ. އެހިނދު ރިޔާޒް އަށް ވެސް ޔުމްނާއަށް ބަލާލެވުނެވެ. ނޭނގިނަމަވެސް ލޮލައި ލޯ ދިމާވިއެވެ.
އެކަކު އަނެކެއްގެ ޖާދޫގައި ޖެހި ހިނދުކޮޅެއް ވަންދެން އެހެން ތިއްބެވެ. އެހެނަސް، ޔުމްނާ އަވަހަށް އެ އަސަރު ގަދަ ލޮލުގެ މަޅިން މިންޖުވެގަތެވެ. ދެހިތުގައި ކޮންމެ ވެސް ވަރެއްގެ ޝުއޫރުތަކެއް އާލާވިއެވެ. ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް ބަސްހުއްޓުމުން ދެމީހުން އެކީގައި ފޭބިއެވެ. މަޑުމައިތިރި ކަމާއެކު ދެމީހުން ވެސް އެތެރެއަށް ވަންނަން ހިނގަމުން ދިޔައެވެ. ރިޔާޒް ދެ ޚިޔާލެއްގައި ހުރެފައި ތަޢާރަފް ވެލިއެވެ. ޔުމްނާ ލަދުވެތި ހިނިތުންވުމަކުން ހީލިއެވެ. އޮފީސް ތެރެއަށް ވަދެ ދެމީހުން ވެސް ދުވަހުގެ މަސައްކަތުގައި ބުރަ ވެއްޖެއެވެ.
ދުވަސްތައް މާޒީގެ ޞަފްހާތަކާއި އެކުވަމުން ދިޔައެވެ. ރިޔާޒް އާއި ޔުމްނާގެ ދެމެދުގައި އުފެދެމުން އައި ޝުއޫރުތައް ކުރިލައި ހެދެން ފެށިއެވެ. އެކުގައި ވަގުތުތައް ހޭދަކުރެވެމުން ދިޔައެވެ. އެކަކު އަނެކެއްގެ ހިޔާލުތަކާއި ހަނދާންތައް ހިތާއި ސިކުނޑިން ފިލައިގެން ނުދެއެވެ. އޮފީހުގައި ވެސް އެތައް އިޝާރާތެއް ކުރެވެމުން ދިޔައެވެ.
ނަމަވެސް ރިޔާޒް އާއި ޔުމްނާގެ އުފާވެރިކަމުގެ ސަބަބުން އެހެން މީހެއްގެ ހިތް ދިޔައީ ވެއްޔާއި މޮޑެވެމުންނެވެ. ޔުމްނާ ކުޑައިރުއްސުރެ އެންމެ ގާތް ރަހްމަތްތެރިޔާ ފަޒީލް ވެސް ޔުމްނާދެކެ ލޯބި ވެއެވެ. ފަޒީލް ޔުމްނާއަށް ކުރިން ވަނީ އޭނާގެ ހިތް ހުށަހަޅާފައެވެ. ނަމަވެސް ޔުމްނާ ވަނީ އެކަމަށް ފުރަގަސްދީފައެވެ. ފަޒީލް އަކީ ރުޅިގަދަ އަދި ބައެއް ފަހަރު ރުޅި ކޮންޓްރޯލުން ނައްޓާ މީހެކެވެ.
ދުނިޔެ ދައުރުވުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ރިޔާޒާއި ޔުމްނާގެ ގުޅުން ލޯތްބަށް ބަދަލު ވިއެވެ. ދުވަހެއް ދުވަހަށް އެގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންގެ އާއިލާގެ މީހުންނާވެސް ބައްދަލު ވެއްޖެއެވެ. ދެމީހުންގެ ހަޔާތުގައި މުޅިން އާ ދައުރެއް ފެށެން އުޅެނީއެވެ. ނަމަވެސް ވާނެ ގޮތެއް އެނގެނީ ﷲ ފިޔަވާ ދެން ކާކަށް ހެއްޔެވެ؟
ކުރިމަތިން ފެންނަމުން ދިޔަ ކަންތައްތަކުން ފަޒީލްގެ ހިތަށް ތޫނު ކަށިތަކެއް ހެރޭކަހަލައެވެ. ހިތް ކަނޑިފާރު ކޮށްފިއެވެ. ފަޒީލްގެ ހިތުގައި އެތައްހާސް ހިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. އެކަންތައްތައް ވެގެންދިޔައީ ފަޒީލްގެ ހިތަށް ކެތްކުރުން ދަތި އުނދަގޫ ކަންތައްތަކަށެވެ. ޔުމްނާގެ ހަޔާތުން ފަޒީލް ބޭނުންވާ ޖާގަ އެހެން މީހަކަށް މިލްކު ވާތީއެވެ. ހިތުގައި ރުޅިވެރިކަމުގެ އަލިފާން ގަދަވެ ހައްދުން ބޭރުވާން ފެށިއެވެ. އެއަލިފާންގަނޑުގައި ވަނީ ރިޔާޒާއި ޔުމްނާގެ ޒަވާޖީ ހަޔާތުގެ ފޮނި ހުވަފެންތައް އަންދާ އަޅިއަށް ހަދާނެ އުއްމީދު ތަކެވެ. ފަޒީލަށް ޔުމްނާ ހާސިލް ނުކުރެވޭ ނަމަ އެހެން މީހަކަށް އެއުފާ ލިބޭކަށް ފަޒީލް ބޭނުމެއް ނޫނެވެ. މި ހިޔާލުތަކުގައި ފަޒީލް މޮޔަވަމުން ދިޔައެވެ.
އެއް ރެޔެއްގެ ދަންވަރު ގަޑިއެވެ. މަގުމަތިން އެއްވެސް ދިރުމެއްގެ ހިލަމެއް ވެސް ނުވާކަހަލައެވެ. ކަޅުފޮއިރޭގައި ރިޔާޒް ޔުމްނާ ގާތުގައި އިނދެގައި ގެޔަށް ދަނީއެވެ. މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. އެއްވެސް ކަހަލަ ފިކުރެއް ހިޔާލެއް ނެތެވެ. ސިހިގެން ދިޔައީ ކުއްލިޔަކަށް ތޫނު އެއްޗެއް ރިޔާޒުގެ ބުރަކައްޓަށް ހަރާލުމުންނެވެ. ރިޔާޒްގެ ދެލޯ ބޮޑުވިއެވެ. ރިޔާޒްގެ ހަށިގަނޑުން ހޯސްލައިފައި ބިން މައްޗަށް ލޭ އޮހެރެމުން ދިޔައެވެ. ރިޔާޒް ފަހަތަށް ބަލާލިއެވެ. ފަހަތުގައި ހުރީ ފަޒީލްއެވެ. މީހާވަނީ ހޫނު އަރާ ދަލުން ފޯވެފައެވެ. ދެލޯވަނީ ރަތްވެ ބޮޑުވެފައެވެ. އޭނާހުރީ މަސްތުވެގެންވާ ހާލުގައެވެ. ރިޔާޒަށް އެންމެ ބަހެއް ބުނުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ. ފަޒީލްގެ ހަށިގަނޑަށް ވަނީ އޭނާގެ ރުޅިވެރިކަން ގަދަވެގަނެފައެވެ. އޭނާ ހުރީ ހަމައެއްގައެއް ނޫނެވެ. ފަޒީލް ރިޔާޒްގެ ގަޔަށް ހަމަލަ ދޭން ފެށީ އެއްވެސް ރަހުމެއްނެތި އެވެ.
އާއެކެވެ. ރިޔާޒް މަރާލީއެވެ. ފަޒީލަށް ހަމަހޭވެރިކަން ވީދެނެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ. ފަޒީލަށް އެތަނުގައި ހަރަކާތް ހުއްޓިފައި ހުރެވުނެވެ. ނޭވާލީކަމުގައި ވިޔަސް ދިރުމެއް ނެތް ކަހަލައެވެ. އެހެން އެއްވެސް ހަރަކާތެއް ނެތި ހުއްޓައި އިރުގެ އަލިކަން ދުނިޔެ އުޖާލާ ކޮށްލިއެވެ. ނަމަވެސް ހިތްތަކަށް ވެރިވެގެން ދިޔައީ މާޔޫސްކަމާއި މޮޅިވެރިކަމެވެ. ހިތްދަތިކަމެވެ.
ޔުމްނާއަށް ހިޔާލުތަކުން ދުރަށް ޖެހިލެވުނީ އެއްވެފައިވާ މީހުންތައް ރިޔާޒްގެ ހަށިގަނޑު ނަގައި އޭނާގެ ގެޔަށް ގެންދަން އުޅުމުންނެވެ. ޔުމްނާއަށް ތެޅިގަނެވުނެވެ. އޭރުވެސް ކޯތާފަތްމައްޗަށް ލޮލުން ކަރުނަ އޮހެނީއެވެ. ޔުމްނާގެ ހިތަށް ފަރުވާއެއް ނެތެވެ. ޔުމްނާގެ ލޮލުން ކަރުނަ ހިކުމެއް ނެތެވެ.
ނިމުނީ
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި މުޙައްމަދު ޖުނޫދު، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.