twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރުވާހަކަ – ރަޙުމް

Jul 27, 2012

.

ފާތުމަތު ނަސްމާ

ގަޑިން މެންދަމުން އަނބުރާ 2 ޖަހަނީ އެވެ. ސިންގަޕޫރުގެ ހަލަބޮލި މަގުތައް ވަނީ ފަޅުވާން ފަށާފައެވެ. މީގެ ގަޑިއިރުތަކެއް ކުރިން ބުރަ މަސައްކަތުގައި، ހީވާގިކަމާއެކު ދުއްވަމުންދިޔަ ރިކްޝާތަކާއި ޓެކްސީތަކުގެ ވެރިން ތިބީ އަރާމު ނިންޖަކުން ނިދާމަރުވެފައި އެވެ. މުޅި އެހިސާބުގަނޑުގައި ވެސް ވަނީ ހަމަހިމޭންކަމުގެ ބޯ ފާރެއްލެވިފައެވެ. މި ހަމަހިމޭން ދަންވަރުގައި ވެސް ލަޔާޒް ދިޔައީ އޭނާގެ ބުރަ މަސައްކަތްތައް ނިންމަމުންނެވެ. މިހާރު އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ގެއަށް ހިނގައްޖެއެވެ. ނަމަވެސް ލަޔާޒްއަށް ވަގުތު ހިނގާހެންވެސް ހީނުވެއެވެ. ކުރަން ހުރި މަސައްކަތްތައް ނިންމާފައި ނޫނީ ލޮލުފިޔައެއް ޖަހާނުލާން އިން ލަޔާޒް ކުއްލިއަކަށް ސިހުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ގަޑިއަށް ބަލައިލާން ހަނދާން ވީ ވެސް ދެނެވެ. މާ ލަސްވެއްޖެކަން އެނގުމުން ކަންބޮޑުވެ ހުރެ ފޯނު ކަންފަތުގައި ޖައްސާލީ، އެވަގުތު ލަޔާޒްގެ ދަރިއަކަށް 5 މަހަށް ބަލިވެއިން ނޫރާ ނޫން އެހެން މީހަކަށް ނުވާނެކަން އެނގޭތީ އެވެ.

“ލަޔާ! ކޮން އިރަކުން ގެޔަށް އަންނަނީ؟ ނޫރާ މިހާރު ބަނޑުހައިވެގެން މިއޮށް މަރުވާވަރުވަނީ!” އެއްތަށިމަތިން ނޫނީ ނުކާން އާދަވެފައިވާ ނޫރާ ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ.

ލަޔާޒްގެ ޖަވާބު ވަރަށް ވެސް ކުރެއެވެ. މިދަނީއޭ ކިޔާފައި ފޯނު ބޭއްވިއެވެ. އަދި އޮފީސް ތަޅުލުމަށްފަހު ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ނޫރާ އެހާއިރު ވީއިރުވެސް ނުކައި ހުރުމުން ލަޔާޒް ހުރީ ކަންބޮޑުވެފައި އެވެ. އަދި އަމުދުން މިދުވަސްކޮޅު އޭނާއަށް އިތުރަށް ބަލައިގެން އުޅެން ޖެހޭނެކަން ނުވިސްނުނީތީ ދެރަވެސްވެފައެވެ. ނަމަވެސް މިއަދު ލަޔާޒް ނޫރާއަކާ ޝަކުވާއެއް ނުކުރާނެއެވެ. އެއީ ލަޔާޒް އަށް ނޫރާގެ އިޙްސާސްތައް ރަނގަޅަށް ދެނެގަނެވޭތީއެވެ. ލަޔާޒް ނޫރާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވާތީއެވެ. އަދި އެ ލޯތްބާއި އަޅާލުން އެހެން އެއްވެސް މީހަކަށް ނުދެވޭނެތީއެވެ.

ލަޔާޒް ގެޔަށް ވަންއިރު ނޫރާހުރީ ކާއެއްޗެހި ހޫނުކޮށްފައި، ކާންހަދާދީފައެވެ. ލަޔާޒް ހުރީ އަވަސް އަރުވާލާފައެވެ. އައިގޮތަށް އައިސް އެއްޗެހިވެސް ބަދަލުނުކޮށް ކާމޭޒު ދޮށުގައި އިށީނީ މިހާރުވެސް މާލަސްވެއްޖެކަމަށް ބުނެ ޝަކުވާ ކޮށްލަމުންނެވެ. ކައި ނިމިގެން ދެމަފިރިން އެކުގައި ކޮޓަރިއަށް ދާން ހިނގައިގަތީ ގަޑިން 3 ޖަހައި ބޮޑުވެފައި ހުއްޓައެވެ. ނަމަވެސް، އެވަގުތު ދެމީހުންނަށް ވެސް ކުއްލި ސިހުމެއް ލިބުނީ ދޮރުގައި މީހަކަ ޓަކިދިން އަޑަށެވެ. މިހާ ދަންވަރު ގެޔަށް އަންނާނީ ކާކު ބާވައެވެ؟ ދެމީހުން ވެސް ތިބީ ހައިރާން ވެފައެވެ.

ލަޔާޒް ގޮސް ދޮރުހުޅުވާލިއެވެ. އެވަގުތު އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އެވެ. އޭނާގެ ކުރިމަތީގައި ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއް އިރެއްގައި، އޭނާގެ ހިތުގައި ރަނިކަން ކުރަމުންދިޔަ، އޭނާ އެމީހަކަށްޓަކައި، ޖާނާއި މާލުން ޤުރުބާންވި، ނުހާއެވެ. ނުހާގެ ލޮލުގައި ވަނީ ހިތާމައެވެ. ފުން ހިތާމައެވެ. ހަށިގަނޑުގެ ބައެއް ހިސާބުތައް ވަނީ ރަތްވެފައި އެވެ. ލައިގެންހުރި ހެދުން ވަނީ ދެތިން ތަނުން ވީދިފައެވެ. އިސްތަށިގަނޑު ހޭވިފައި ހުރިއިރު، ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ލަޔާޒް ނުހާއަށް ހަމްދަރުދީ ވުމުގެ ބަދަލުގައި އައީ ރުޅިއެވެ.

“ކަލޭ ކީއްކުރަން މިގެއަށް ތިއައީ! ކަލެއަކަށް މިގެއަކުން ޖާގައެއް ނެތް. ދާން އުޅޭ!”

ނުހާ ލަޔާޒްގެ ދެފައި މައްޗަށް ތިރިވެ ދެފައިގައި ހިފިއެވެ. އަދި އާދޭސް ކުރަން ފެށިއެވެ.

“ލަޔާޒް ޕްލީޒް! އަހަންނަށް ތިހެން ނުހަދާ! އަހަންނަށް މާއާފު ކުރޭ…ހެޔޮ ނުވާނެ. އަހަރެން މިއައީ ބިޒް ކައިރިން ވަރިވެގެން. އެއީ ޑްރަގްސް ބޭނުންކުރާ މީހެއް. އަހަރެން ބޭނުމީ ލަޔާ…އަހަރެން ލަޔާއާ ދެއަންބަތް ވެސް އިންނަން މިހިރީ ތައްޔާރަށް.” ނުހާ ރޯން ފެށީއެވެ.

ނަމަވެސް ލަޔާޒްގެ ރުޅިގަނޑު ދިޔައީ އިތުރަށް ގަދަވަމުންނެވެ. އޭނާ ނުހާ ދޮރުން ބޭރަށް ކޮށްޕާލިއެވެ.

“ކަލޭ ހަނދާން ކުރާތި. ކަލޭ ކިތަންމެ ބޭނުންވިޔަސް ދެން މަށެއް ތިޔަ ވިހަގަދަ މަޅީގައެއް ނުޖެއްސޭނެ. ތިޔައީ މަކަރުވެރިއެއް. އަހަރެން ކަލެޔަށް މަޢާފް ކޮށްފާނަން. ކަލޭ ބޭނުމިއްޔާ ބޭނުންވަރަކަށް ފައިސާ ވެސް ދީފާނަން. އެކަމަކު ކަލެޔަށް މިހިތުން ދުވަހަކުވެސް ޖާގައެއް ނުލިބޭނެ. ހަނދާން ކުރާތި.” ރުޅިވެރި ބަސްތަކެއް ބޭރުކޮށްލި ކަމުގައި ވިޔަސް ލަޔާޒް އަށް ރޮވުނެވެ.

އިތުރަށް ބަލަން ނުހުރެ ލަޔާޒް ދޮރު ލެއްޕިއެވެ. އަދި އަވަސް ހިނގުމެއްގައި ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. މަންޒަރު ބަލަން ހުރި ނޫރާ ވެސް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އޭނާ ވަރަށް ހިތްވަރު ކޮށްފައި ލަޔާޒްގެ ގާތަށް ދިޔައެވެ.

ލަޔާޒް ކޮޓަރި ތެރޭގައި އޮވެގެން ގިސްލަގިސްލާފައި ރޮނީއެވެ. އޭނާ އަކީ މީގެކުރިން އެހާ ހިތްހަރު ރަހުމް ކުޑަ މީހެއް ނޫނެވެ. އޭނާގެ ހިތް ހަރުކުރީ ނުހާއެވެ. ނޫރާ އައިސް ލަޔާޒްގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ލަޔާޒްގެ ރުއިންވީ ބާރެވެ. އެފަކީރަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. ގިސްލަ ގިސްލާފައި ރޮވެއެވެ. ވާނީ ވެސް އެހެންތާއެވެ. އެ އަންހެން ކުއްޖަކަށްޓަކައި އޭނާގެ ހުރިހާ އުފަލެއް ގުރުބާން ކުރި އަންހެން ކުއްޖާވެސް އޭނާ އަށް އޮޅުވާލައިފައި ދިޔައީ އެވެ. އޭނާ ދުނިޔެއަށް ބާކީ ކޮށްލައިފައެވެ. ލަޔާޒްގެ ސިކުނޑީގައި އޭނާގެ މާޒީގެ ޞަފްހާތައް އެނބުރެން ފެށިއެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. ލަޔާޒް ނުހާއާއެކު އުޅުނީ ވަރަށް ލޯބިންނެވެ. ނުހާއަކީ، ދުނިޔޭގައި އަޅާލާނެ މީހެއް ނެތް ނިކަމެއްޗެކެވެ. ލަޔާޒްގެ ވެސް އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. އޭނާ މަސައްކަތް ކުރީ މާލޭ ކައިރީ ރިސޯޓެއްގައި އެވެ. އޭނާ ނުހާ ދެކެ ވީ ހަގީގީ ލޯތްބެވެ. ނުހާ ބޭނުންވިހާ ކަމެއް ކޮށްދިނީ އަންބަކަށް ނުވިޔަސް، ކޮންމެ ވެސް ދުވަހަކުން އަންބެއްގެ ގޮތުގައި ވެސް ލިބޭނެ ކަމުގައި ޔަގީންކަން އޮތީމައެވެ. ނުހާ ބޭނުންވީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާށެވެ. އެއަށްފަހު ރަނގަޅު ވަޒީފާއެއް ހޯދައި، އުފަލާއި އަރާމުގައި އުޅޭށެވެ. ނަމަވެސް ނުހާއަކީ ނިކަމެއްޗެކެވެ. އެހާ ފެންވަރު ހުރި ކުއްޖެއް ނޫނެވެ. ނަމަވެސް ލަޔާޒް ބޭނުންވީ ނުހާގެ ކޮންމެ އެދުމެއްވެސް ފުއްދައިދޭށެވެ. ނުހާއަކީ އަމިއްލަ މިލްކެއް ކަމަށް ދެކިގެންނެވެ. އެހެން ކަމުން ނުހާ އަށް ކިޔަވައި ދިނުމަށްޓަކައި ލަޔާޒްގެ ހަރަދުގައި އޭނާ ރާއްޖޭން ބޭރަށް ފޮނުވިއެވެ. އަމިއްލަ ހަރަދުގައެވެ. ދުވާލުދާ ހަތަރުދަމު އޭނާ ނުކައި ހުންނަން ޖެހުނަސް ނުހާ އަށް އެކަމުގައި އިހްސާސް ވެސް ނުވާނެހެންނެވެ. އެހާވެސް ފޮނި އުންމީދާ އެކުގައެވެ. އޭނާއަށް ނުކިޔެވުނަސް ނުހާއަށް ކިޔަވައިދެވޭތޯއެވެ.

ނަމަވެސް އެއުއްމީދުތައް ކުދިކުދިވެ ފެނަށް ވީ ނުހާ އެނބުރި ރާއްޖެއައި ދުވަހުއެވެ. އެދުވަހު ނުހާއަށް ލަޔާޒް އެއީ ކާކުކަންވެސް އެނގުނުކަމަށް ނުހެދީމައެވެ. ލަޔާޒް ނުހާ ކައިރިއަށްގޮސް އާދޭސް ކުރިއެވެ. ނަމަވެސް ނުހާ އެދުވަހު އޭނާގެ މޮޅުކަން ދައްކާލިއެވެ. އަދި ލަޔާޒްއަކީ އޭނާއާ އެކަށީގެންވާ މީހެއް ނޫންކަމަށް ބުނެ އޭނާ ކޮށްޕާލީ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތް ގޮތަށެވެ. އަދި ނުހާއާއެކު އައި ބިޒް ދައްކާލުމަށްފަހު “މިއީ އަހަރެންގެ ފެންވަރުގެ މީހެކޭ” ބުނުމުން ލަޔާޒް އެޅި ކަރުނައަށް ފުރަގަސްދިނެވެ. އެދުވަހު ލަޔާޒްގެ ތަޤްދީރާމެދު އޭނާ ރުޅިވެސް އައެވެ. މިދުނިޔެ މަތީގައި މުޅިންވެސް އުޅެނީ ކާންދޭއަތުގައި ދަތްއަޅާ މީހުންބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ލަޔާޒްގެ ހަޔާތަށް ނޫރާ އައީ ޖާދޫގެ ޕަރީއެއް ފަދައިންނެވެ. އޭނާގެ ހަޔާތަށް ބަހާރު މޫސުމް ގެންނަމުންނެވެ.

ނޫރާ އަކީ ވެސް ބޭރުން ކިޔަވައިގެން ހުރި މޮޅު ކުއްޖެކެވެ. އޭނާއަށް ލަޔާޒް ފެނުނު ފުރަތަމަ ދުވަހުވެސް ލަޔާޒްއަށް ބޭނުންވިއެވެ. އަދި ލަޔާޒްގެ ގާތު ލޯބިވާ ވާހަކަވެސް ބުންޏެވެ. ނަމަވެސް ލަޔާޒް ނޫރާ އަށް ވިސްނައިދެމުން ދިޔައީ، އޭނާއަކީ ނޫރާ އާ އެކަށީގެންވާވަރަށް ވުރެ ދަށުދަރަޖައިގެ މީހެއް ކަމަށެވެ. އަދި އޭނާއަށް ދިމާވި ހިތާމަވެރި ހާދިސާއެވެ. ނޫރާގެ ޖަވާބު ކުރެވެ.

“އަހަރެން ބޭނުންވަނީ ހަމައެކަނި ލަޔާގެ ލޯބި. އަދި ލަޔާ ބުނިތާކު ބުނިގޮތަކަށް އަހަރެން އުޅެން މިހިރީ ތައްޔާރަށް،” ނޫރާ ބުންޏެވެ.

ލަޔާޒް ނޫރާގެ ބަސް ގަބޫލު ކުރިއެވެ. ނޫރާ އަކީ ލަޔާޒް ހީކުރިވަރަށްވުރެ މާހެޔޮ ކުއްޖެކެވެ. އޭނާ ނޫރާ އާ އިނދެގެން ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރިއެވެ. އަދި ނޫރާގެ މަސައްކަތުން ލަޔާޒް ވެސް ކިޔަވާ މޮޅު މީހަކަށް ވިއެވެ. މިއަދު ލަޔާޒް އަކީ 4 އޮފީހެއްގެ ވެރިއެކެވެ. އޭނާގެ ބައިވަރު ފިހާރަތައް އެބަހުއްޓެވެ. ލޯބިވާ އަންބެތްއެބަހުއްޓެވެ. އުފާވެރި ދިރިއުޅުމެއް ލިބިއްޖެއެވެ. ވީމާ، ދެން މިއަދު އޭނާ އިތުރަށް ބޭނުންވާނީ ކޮންއެއްޗެއް ހެއްޔެވެ. ނުހާ އަށް ވިސްނުނީތީ މިއަދު ލަޔާޒް އުފާކުރެއެވެ. ނަމަވެސް އޭނާ ނުހާގެ އާދޭހަކަށް ނުހެއްލޭނެއެވެ. އެއަށްވުރެ މާބޮޑަށް އޭނާ ނޫރާ ދެކެ ލޯބިވެއެވެ. އެލޯބީގެ ދެމެދަށް ހުރަސްއަޅާ ކޮންމެ މީހަކީ އޭނާގެ ނަޒަރުގައި ވިހަގަދަ ހަރުފައެކެވެ. ކަތުރުފަންޏެކެވެ. އަދި އެފަދަ ނުބައި ނުލަފާ އަންހެނަކަށް އޭނާގެ ހިތުގައިވާ ރަޙުމްވެސް އެއީ މަރުވެފައިވާ އެއްޗެކެވެ. އެއީ އޭނާގެ ފުރާނަ ކަމުގައި ވިޔަސް މެއެވެ.

ނިމުނީ

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ފާތިމަތު ނަސްމާ، ގްރޭޑް 12 އޭ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355