.
މަރިޔަމް ޔަސްމާ
24 ޖުލައި ވަނަ ދުވަހުގެ ބަޔާ ގުޅޭ
އެނދާއި ކައިރިއަށް ދިޔައިރު މިސްކު ފެންނާކަށް ނެތެވެ. ޒާނަ ހައިރާންވި އެވެ. ވަށައިގެން ލޯ ހިންގާލިތަނާ އޭނާގެ ސަމާލުކަން ހުޅުވާފައިވާ ގޭގެ ދޮރާއި ދިމާއަށް ދިޔައެވެ. ދެފިކުރެއްގައި ހުރެފައި ޒާނަ ހިނގައިގަތެވެ. ދޮރުން ނިކުތުމާއެކު ޒާނައަށް ފެނުނީ ހުޅުވާފައިވާ ކާގެއިން ބޭރަށް ފޭދިފައިވާ ހޮޅިބުރި އައްޔެވެ. އެއާއެކުގައިމެ އެތާގައި ބަޔަކު ހޭއަޑުވެސް ނުހަނު ސާފުކޮށް އިވިއިވި ހުއްޓެވެ. ލަސްލަހުން ހިނގާފައި ގޮސް ދޮރުމައްޗަށް އެރިއިރު ކާމޭޒުގެ ވަށައިގެން މިސްކު އާއި އަލިޔާން އަދި ތިފްލާ ތިއްބެވެ. ޒާނަ ފެނިފައި ތިންމީހުންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.
“ޒާނަވެސް މިއޮތް އައީއެއްނު. އާދޭ އަވަހަށް ޕިއްޒާ ކާން!” އަލިޔާން ހިތްހެޔޮކަމާއިއެކު ދައުވަތު ދިނެވެ.
“ޒާނައަށް ގޮވަން އުޅެންފެށީމަ އިނގޭތަ މިސްކު ބުނި އެއްޗެއް؟ ތީ ކުޑަކުއްޖެކޯ. ތަންމަތީ ޖެހޭއިރަށް ނިދާނެއޯ. ދެން ނޭނގެ، ޒާނަގެ ނިދި ހަލާކުވާނެއޭ، ރެސްޓްކުރަން ބޭނުންވާނެއޭ ކިޔައިގެން މީނަ އެވަރަކަށް މަނާކުރީމަ މަށަށްވެސް ގޮވަން ނުކެރިފަ މިއިންނަނީ.” ތިފްލާ ތެދުވެފައި ހުސް ތައްޓަކަށް ކޯކްއަޅާ ފުރާލިއެވެ.
“އެއްޗެއް ކާންވީމަ އަހަރެން ބާކީކޮށްލީ. މަދުވެދާނެތީ ދޯ.” ޒާނަ އައިސް އެމީހުންނާއި ބައިވެރިވެގެން ހުސްގޮނޑިއެއްގައި އިށީނެވެ. އެއަޑު އަހާފައި މިސްކު ކާންއިން ޕިއްޒާފޮތި ދުރުކޮށްލާފައި އަނގައަށް މަޖާ ވައްތަރެއް ޖައްސާލިއެވެ. އެތަން ފެނިގެން ޒާނައަށް ހެވުނެވެ.
އެހާ ދަންކޮށްފައި ބަނޑަށް އެއްޗެއްލުމުން ޒާނަގެ ހަށިގަނޑު ހިސާބަކަށް ލޮނޑުވާގޮތްވެ ލޮލަށް ނިދީގެ އަސަރުކުރަން ފަށައިފިއެވެ. މޭޒުމަތިން ތަށިތައް ނަގާ ރީތިކޮށްފައި އެންމެންވެގެން ނިކުންނަން ދިޔައެވެ. އަލިޔާން ފޮނުވާލަންވެގެން މިސްކު ދޮރާއި ދިމާއަށް ދާންފެށުމުން ދެ އަންހެންކުދީން މިސްރާބުޖެހީ ގެއަށް ވަންނާށެވެ. އެނދުގައި ގޮސް ޖައްސާލުމަށްފަހު ނިދުމަށްޓަކައި ޒާނައަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުވެސް ޖެހުނެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިދީގެ ފުންއަރާމުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ.
ހަންޏާމީދޫގައި ހަފްތާއެއް ހޭދަވެގެން ދިޔައިރު ޒާނަ އެމާހައުލަށް ރަނގަޅަށްވެސް ހޭނިއްޖެއެވެ. ހޭނިއްޖެއޭ ބުނުމަށްވުރެ ރަނގަޅުވާނީ ޒާނަ އެތަނަށް އާދަވެއްޖެއޭ ބުނިއްޔާއެވެ. އެނބުރި ދާންޖެހޭނެކަން ހަނދާންވުމާއެކު ސަބަބެއް ނޭނގިވެސް އޭނާ ދެރަވަނީ އެހެންވެ ކަންނޭނގެއެވެ. ރާކިންގެ ގޭގައި އުޅޭހެން އަރާމާއި މުއްސަނދިކަމުގައި ވަގުތުތައް ހޭދަނުވިޔަސް އެހެންކަހަލަ ކުދިކުދި އުފާތަކުން އެމުއްސަނދި ހަނދާންތަކުގެ މައްޗަށް ފަސްއެޅެމުން ދިޔައެވެ. ރާކިން އާއި އޭނާގެ މައިންބަފައިންނަކީ ޒާނަގެ ހަމައެކަނި ދުރުހަނދާންތަކެއް ފަދައެވެ. ހާއްސަ ގޮތެއްގައި މިސްކުއަށް އެހިތުން ދެވިފައިވާ މަޤާމު އިހުނަށްވުރެވެސް ހާއްސަވެފައިވެއެވެ. އިރުއަރައިގެން އޮއްސޭ ކޮންމެ ދުވަހަކީ މިސްކުގެ ސަމާސާތަކުން ޒާނަގެ ހިތަށް އެތަކެއް އުފާ ލިބިދޭ ދުވަހެކެވެ. އެ އާއިލާއާއިއެކު އޭނާ ކުރާ ކޮންމެ ކަމެއްގައިމެ ފޮރުވިފައިވާ ހަމަޖެހުމެއް އެކުލެވިފައިވިއެވެ. މިސްކުއާއި ގާތުގައި ވުމަށްޓަކައި އޭނާ ހުންނަނީ ކޮންމެފަދަ ހިސާބަކަށްވެސް ދާން ތައްޔާރަށެވެ. ކަނޑައެޅިގެން އެއީ ސަމާސާއެއްކަން އެނގުނަސް މިސްކު ބުނެލާ ބައެއް ބަސްތަކުން ހުވަފެނުގެ ގަނޑުވަރު ބިނާކޮށް އުޑާއިދިމާއަށް އުސްކުރަމުން ޒާނަ ދިޔައެވެ. އެކަމަކު ގިނަފަހަރަށް އެބަސްތަކުގައި ކޮންމެވެސް ހަޤީޤަތެއް އެކުލެވިފައިވާ ކަމުގައި ހިތް ބުނަނީ ކީއްވެކަމެއް ނޭނގުނެވެ.
ރާކިން އެނބުރި އައި ޚަބަރު ލިބުނުއިރު އަނެއްކޮޅުން ޒާނަމެން ދާންޖެހޭ ދުވަސްވެސް އޮތީ އައިސް ކުރިމަތިވެފައެވެ. ޒާނަ ކަންބޮޑުވާން ފެށީ ދެނެވެ. ދާން ހިތަށް އަރުވާލާ ކޮންމެ ފަހަރަކު ދެލޯ ފެންކަޅިވެއެވެ. އެއޮތް ހިތްވަރުގަދަ ކުއްޖާއަށް ކުއްލިއަކަށް މިވާން ފެށިގޮތުން ޚުދު ޒާނަވެސް ހައިރާންވިއެވެ. އެހާބޮޑު ހިތާމައެއް އޭނާއަށް ލިބެނީ ހަމަ އެއާއިލާ އާއި ވަކިވެގެން ދާންޖެހޭ ކަމަށްޓަކައި ހެއްޔެވެ؟ އުފަންރަށާއި ވަކިވެގެން އައިއިރު ނުވި ދެރައެއް މިހާރު ވާންފެށީ ކީއްވެހެއްޔެވެ؟ ހަތްދުވަހުގެ މުއްދަތުން ޒާނަގެ ހިތުން އެރަށަށް ދެވުނީ އުފަން ފަސްގަނޑަށްނުދެވުނު ކޮން ހާއްސަކަމެއް ހެއްޔެވެ؟
ފަހު ދުވަހުގެ އިރުއޮއްސިގެން އައިއިރު ޒާނަ ފެންނަނީ ފާޑަކަށް ނެގިމަޑުވެފައި އިންދައެވެ. އެކަން އެންމެންނަށްވެސް ފާހަގަވިއެވެ. އެރޭ ނިދަން އޮވެފައި ނިކުމެގެން ހަބީބާ އާއި ތިފްލާ ހަދިޔާ ފޮށިގަނޑުތައް ބަންދުކުރަމުން ދިޔައިރު ޒާނަ ބަހެއްވެސް ނުބުނެ އެތާގައި އިނެވެ. މިސްކު އައިސް ކޮޓަރިއަށް ވަދެފައި ގޮވާލުމާއެކު ޒާނަ އިސްއުފުލާލިއެވެ.
“ޕިސް.ޕިސް މިއޮތްކަމެއް؟ މަންޖެ މުޅިއުމުރަށްތަ މިގެއާއި ވަކިވާން ތިއުޅެނީ؟” މިސްކު އައިސް ޒާނަގެ ކޮނޑުގައި ހިފާ ތަޅުވާލާފައި ދެފަރާތަށް ބޯހޫރުވާލިއެވެ. އެވަގުތު ހަބީބާ އާއި ތިފްލާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
“ޒާނައަށް މިރަށް މާބޮޑަށް ކަމުދިޔައީއެއްނު.” ތިފްލާ ޒާނައަށް ބަލާލަމުން ބުނެލިއެވެ.
“ދެން އެކަމަކު ތިހެން ދެރަވެފައި އިންނާކަށް ނުވާނެއެއްނު. ޒާނައަށް އަދި އާދެވޭނެއޭ. މަންމަ ބުނާނަން ރާކިން ކައިރީ މިސްކު ދެން ޗުއްޓީއަށް އަންނައިރުވެސް ޒާނަ ފޮނުވާށޭ.” ހަބީބާ ޒާނަގެ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.
“ނޯ.ނޯ. އަހަރެންނަކަށް ނުކެރޭނެ ދެވަނަ ފަހަރަށް ޒާނަ މިރަށަށް ގެންނާކަށް. އެންމެ ފަހަރަކު އައިސް ހަފްތާއެއްވިތަނާ މިއީ ކޮށްލިވަރު. ދެންފަހަރަކުން ނޭނގެ ދާން ޤަބޫލުވާނެކަމެއްވެސް. މިހާރުވެސް މިރަށުގެ އާބާދީ ރަށަށް ނުކަތައިގެން މިއުޅެނީ. ދެން މީނަ އައިސް މީނަގެ ދަރިފަސްކޮޅު ފަތުރަންފެށީމަ މީހުން ބަދަލުކުރަންޖެހިއްޖެއްޔާ އޯ.” މިސްކު މަޤްސަދަކަށްވީ ޒާނަގެ ހިމޭންކަން ފޫއަޅުވާލުމެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ޒާނަގެ މޫޑު ބަދަލުވީ ކުއްލިއަކަށެވެ. ޖުމްލަ ނުނިމިއުޅެނިކޮށް އޭނާ ހީގެންފައި ތެދުވިގޮތަށް މިސްކުއާއި ދިމާކޮށްލިއެވެ. އެވަގުތު މިސްކުވެސް ހީގެންފައި ދޮރުން ނިކުމެވޭތޯ ދިޔައެވެ. ހަބީބާ އާއި ތިފްލާ ހީލަހީލާ ތިބެގެން އެދެމީހުން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބެލިއެވެ.
މިސްކު ހުއްޓުނީ މަގުމައްޗަށް ނިކުމެފައެވެ. ޒާނަ އޭރު ދުވަމުން އައިސް ނިކުންނަނީއެވެ. ފާރާއި ކައިރިއަށް ޖެހިލާފައި މިސްކު ހެދިނެހެދިއެއް ނޭނގުނެވެ. ޒާނަ އައިސް އަރާހަމަވުމާއެކު އަރިއަޅާލައިގެން ވެއްޓެން ދަނިކޮށް މިސްކު އެއަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. ފާރުގައި އައިސް ލައްވިއިރު ޒާނަ ހުރީ މާނޭވާ ލެވިފައެވެ. ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
“ތޭންކްސް.” ޒާނަގެ އަޑުނިކުތީ ނިކަން އުދަނގުލުންނެވެ.
“އެނީ ޓައިމް.” ފާރުމަތީގައި ޒާނަގެ އަތްމަތީގައި މިސްކު އަތްބާއްވާލިއެވެ. ލިބުނު ސިހުމާއެކު ޒާނަ އެއަތް ދުރަށް ލާން އުޅުނުވަގުތު މިސްކު ކުއްލިއަކަށް ޒާނަގެ އިނގިލިތަކަށް ފިތާލިއެވެ. އެދިމާއަށް މޫނު އަނބުރާލިއިރު މިސްކު ހުރީ ބަލަހައްޓައިގެން ހިނިތުންވެފައެވެ. އެރީތި ހިނިތުންވުމުގެ ޖާދޫގައި ޒާނަ ޖައްސަން ގަސްތުކޮށްގެން ހުރި ކަހަލައެވެ. ކަންތައްވީ ވެސް އެހެންނެވެ. ލޮލާލޯ ބައްދަލުވުމާއެކު ޒާނަގެ ހަރަކާތްތައް ހުއްޓުނެވެ. މިސްކުގެ އަތުތެރޭގައި އޮތް އަތް ސަލާމަތްކުރުމަށްޓަކައި ކުރަމުން އައި މަސައްކަތްވެސް މެއެވެ.
“ވާރޭވެހެނީތަ؟” މިސްކުގެ ވާހަކައަށްފަހު ދެމީހުންވެސް އުޑުމަތި ބަލާލީ އެކުއެކީގައެވެ. މިސްކުއަށް ހީވީ ރަނގަޅަށެވެ. ޖެހެމުންދިޔަ ވައިރޯޅިއާއިއެކު ހިމަފޮދުވާރޭ ވެހެން ފަށައިފިއެވެ. އަތްފޮޅުވާލާފައި ޒާނަ އުޅުނީ އަވަހަށް އެތެރެއަށް ވަންނަންވެގެންނެވެ. އެކަމަކު މިފަހަރުވެސް އެކަން ކާމިޔާބުނުވީ މިސްކުގެ ސަބަބުންނެވެ.
“އިހަށް މަޑުކޮށްބަލަ! ކީއްކުރަންތަ ގެއަށް ވަންނަނީ؟ ހިނގާބަލަ ވާރެއާ ތެމިލަން. ވަރަށް މަޖާވާނެ.” ޒާނަގެ އަތުގައި ހިފާބާރުކޮށްލައިގެން ހުރެ މިސްކު ވާހަކަ ދެއްކިއެވެ. އެއްފަހަރު ގޭގެ ދޮރާއި ދިމާއަށް އަނެއްފަހަރު ވެހެމުންދިޔަ ވާރޭއަށް ބަލާލި ޒާނަގެ ސިކުނޑީގައި އުފެދުނީ ހައިޖާނުގަނޑެކެވެ. ވަކިގޮތަކަށް ނިންމަން އޭނާއަށް އުދަނގޫވިއެވެ.
“ކަމްއޯން ޒާނަ. ސޭ ޔެސް. ކޮންކަމަކާތަ ތިވިސްނަނީ؟ ކޮންމެ ކަމަކަށް ތިހާވަރަށް ވިސްނަންވެއްޖެއްޔާ ސަލާމަތެއް ނެތެއްނު.” މިސްކު މަސައްކަތްކުރީ ޒާނަ އެއްބަސް ކުރުވޭތޯއެވެ.
“އަހަރެން ދުވަހަކުވެސް ރޭގަނޑު ވާރެއެއް ނުތެމެން.” ޒާނަ އެންމެފަހުން ބުނެލިއެވެ.
“ސީރިއަސްކޮށްތަ؟ އެހެންވިއްޔާ މިރޭ ކޮންމެހެންވެސް ތެމެންޖެހޭނެ.” މިސްކު ޒާނަގެ އަތަށް ކުއްލިއެއްޖަހާފައި ކައިރިއަށް ގެނައެވެ. މަދުސިކުންތުކޮޅެއްގެ ތެރޭގައި ވާރޭބޯކޮށްލައި ދެމީހުންވެސް ތެމިފޯވެއްޖެއެވެ. ޒާނަ ހިމޭނުން ހުންނަން ފެށުމުން މިސްކު އެތާއޮތް ފެންގަނޑަކަށް އެރިފައި ޒާނައާއި ދިމާއަށް، ފައިން ފެންތައް ބުރުއްސަން ފެށިއެވެ. މިސްކުގެ މިފަދަ ގޯނާތަކުން ޒާނަގެ ހަލަބޮލި މިޒާޖުވެސް ހޭލައިފިއެވެ. އޭނާގެ އެހުންނަ ޅަގޮތްގަނޑާއެކު ހެމުން ސަކަރާތްޖަހަން ފެށީ ވަކިގޮތެއް ބަލާފައެއްނޫނެވެ.
މަސައްކަތް ނިންމާލާފައި ދޮރުލައްޕަންވެގެން ދިޔަ ހަބީބާއަށް މަގުމަތީ ތިބި ދެޒުވާނުން ފެނުނެވެ. އެވަގުތު އޭނާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. އެހާ ދަންވެފައި ހުއްޓާ އެކުދިން ވާރެއާއި ތެމުނީތީ އޭނާ ހިސާބަކަށް ހިތްހަމަނުޖެހުނެވެ.
“ދަރިފުޅާ މިސްކު. ޒާނަ ގޮވައިގެން އެތެރެއަށް އާދޭ. މިހާލަހުން ވާރެއާއި ތެމުނީމަ ހުންއަތުވެދާނެއެއްނު.” ހަބީބާ ގޮވިއެވެ. ޒާނައަށް އެއަޑު އިވިގެން ހުއްޓުނެވެ. އެހެނަސް މިސްކުގެ އަޅާލުމެއް ނުފެނުމުން އޭނާވެސް ފަހުން އަޅައެއްނުލިއެވެ. ތިފްލާ ކައިރީ ދޮރުތަޅުނުލާ ބަހައްޓަން ބުނެފައި ހަބީބާ ވަނީ ކޮޓަރިއަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ތިފްލާވެސް ނިދިއައިސްގެން ކޮޓަރިއަށްވަދެ ނިދައިފިއެވެ.
ވާރޭ ވެހޭލެއް ބޯކަމުން ކައިރި ހިސާބަކުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެކަކު އަނެކަކަށް ގޯނާކުރުމާއި ސަކަރާތްޖެހުމުގައި ވަގުތު ހިނގަމުންދިޔަ ގޮތްވެސް އެމީހުންނަށް އިހްސާސްނުވާ ކަހަލައެވެ. މިސްކު ހުއްޓާލީ ޒާނަ ތުރުތުރުއަޅާތަން ފެނިގެންނެވެ. ކައިރިއަށް ގޮސް ހުއްޓުމާއެކު ޒާނަގެ ދެދަތްޕިލާވެސް ގުޑުގުޑު އަޅަމުންދިޔަކަން އެނގުނެވެ. މިސްކުގެ ހިތަށް ތަދުވިއެވެ. އެހާވަރުވީ އިރުވެސް ޒާނަ އެތެރެއަށް ވަންނަން ބާރު ނޭޅީތީ ޝަކުވާކުރެވުނެވެ.
“ޒާނަ. ދެން ހިނގާ އެތެރެއަށް ވަންނަން. މިހާރު މާލަސްވެއްޖެ.” ޒާނައަށް އެއްވެސް ފުރުސަތެއް ނުދީ އޭނާގެ އަތުގައި ހިފާލައިގެން މިސްކު ހިނގައިގަތެވެ. ގެއަށް ވަދެފައި ޒާނަ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. މިސްކު ފެންވަރަންވެގެން ތުވާލި ނެގިއެވެ. ގިފިލީގެ ދެފަރާތުގައި ތިބެ ފެންވަރަންޖެހުމުން ޒާނަގެ ހިތް ނުތަނަވަސްވިއެވެ. އަނެއްފަރާތުން މިސްކު ވަޅުން ފެންނަގާ އަޑުއިވިފައި އޭނާ ފަސްޖެހުނެވެ. ޒާނަ ފެންވަރަން ފެށީ މިސްކު ދާނި ބާއްވާފައި ނިކުތްކަން ޔަޤީންކޮށްފައެވެ.
ސިޓިންރޫމް ފިނިކަމުން މިސްކު އޮށޯތީ ނިދަންލާ ދޫހަރުވާޅާއިއެކު މަތިން ޓީޝާޓެއްވެސް ބޮލަށް މަހާލައިގެންނެވެ. އެހެންނޫނީ އާންމުކޮށްވެސް އޭނާ ނިދަނީ ހުސްއެކަނި ހަރުވާޅުގައެވެ. ވާރޭވެހޭ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައިރުވެސް މިސްކުގެ ލޮލަށް ނިދިއަންނަ ގޮތެއްނުވިއެވެ. އޭނާއަށް ހިޔާލުކުރެވެން ފެށީ ޒާނަގެ ހާލާއިމެދުގައެވެ. ނިދުމުގެ ކުރީން ޒާނަގެ ހާލުދެކިލަން ހިތް އެދެމުން ދިޔައެވެ. މާބޮޑަށް ފިނިވެގެން ޒާނަ ހުންއައީ ބާވައެވެ؟ ނޫނީ ނުނިނިދިގެން އޮވެ ދެފަރާތަށް ފުރޮޅެނީބާވައެވެ؟
ދެފިކުރެއްގައި އޮވެފައި މިސްކު ތެދުވެގެން ހިނގައިގަތެވެ. ނަސީބަކުން ދޮރުހުރީ ތަޅުނުލައެވެ. ތަޅުގައިހިފާ އަނބުރާލިހާއިރުން ހުޅުވިއްޖެއެވެ. އެއަޑަށް ކުޑަދޮރުކައިރީ ހުރި ޒާނަވެސް ބަލައިލިއެވެ. އޭނާ ހުރީ ތުވާލިން ބޮލުގެ އިސްތަށިގަނޑު ހިއްކާށެވެ. ލައިގެން ހުރި ޓީޝާޓްކޮޅާއި ހަރުވާޅުގައި ކުރިއަށްވުރެވެސް ލޯބިހެން މިސްކުއަށް ހީވިއެވެ. ނޫނީ އެސިފައިގައި ފުރަތަމަ ފަހަރަށް ފެނުމުން ހީވިގޮތަކަށްވެސް ވެދާނެއެވެ.
“ކިހިނެތްވީ؟” މިސްކު ބަލަހައްޓައިގެން ހުންނަން ފެށުމުން ޒާނަ ލަދުގަތެވެ. އަނެއްފަރާތަށް މޫނު އަނބުރާލާފައި އޭނާ ފެންހިއްކުން ކުރިއަށް ގެންދިޔައެވެ.
“ޒާނައަށް ނިދުނީތޯ ބަލައިލަން މިއައީ.” މިސްކު ގޮސް ކައިރިއަށް ހުއްޓުނެވެ. އޭރުވެސް އޭނާގެ ނަޒަރު އެމޫނުން ވަކިވާގޮތެއް ނުވެއެވެ. ޓިކެޓް ކަނޑައިގެން މިއުޒިއަމްއަކަށް ވަދެ އެތަނުގައި ހުރި އެއްޗަކަށް ބަލަހައްޓައިގެން ހުރިކަހަލައެވެ.
“ސޯ؟” ޒާނަގެ ދަޔްޕިލާ ގުޑުގުޑު އަޅައިގަތެވެ. މިސްކު ކައިރިވެލިކަން އެނގިގެން އެއަށްވުރެ ބާރަށް އެހިތް ތެޅިގަތެވެ.
“އަދިވެސް ހީކަރުވާތަ؟” ކުއްލިއަކަށް ޒާނަގެ އުނަގަނޑާއި ދިމާލުން މިސްކުގެ ދެއަތްތިލަ ވަށާލުމާއެކު އެބިޔަހަށިގަނޑު ތެރޭގައި އޭނާ ވިރިގެންދިޔަ ކަހަލައެވެ. ޒާނަގެ އެތެރެހަށީގައި އެންމެ ހިމަނާރުތަކަށް ދާންދެން ގިޓައެއްގެ ނަރުތަކެއްގައި ކުޅެލުމުން އެވެގެންދާފަދަ ގޮތްތަކެއް ވިއެވެ. އެބީހިލުން ވަރަށްވެސް އަރާމެވެ. ޒާނަ ވަނީ އެފަދަ ބީހިލުމަކަށް ނުހަނު ބޭނުންވެފައެވެ. ހިތާއި ސިކުނޑިން ދުރަށްދާން އެދެމުންދިޔައިރުވެސް ބުދެއް ފަދައިން ގުޑިލަން ނޭނގިފައި ޒާނައަށް ހުރެވުނީ މިސްކުގެ އަޅެއް ފަދައިންނެވެ.
“ޒާން! އައި ލައިކް ޔޫ ސޯމަޗް.”މިސްކުގެ ލަފްޒް ޒާނަގެ ކަންފަތުގައި ޖެހިފައި ވެހޭވާރޭގެ އަޑާއިއެކުވެގެން ދިޔައެވެ. އަތުގައި އޮތް ތުވާލި އެހުރިތަނަށް ދޫކޮށްލާފައި ޒާނައަށް މިސްކުގެ ދެއަތުގައިހިފާ ބާރުކޮށްލެވުނެވެ. ދުވަހަކުވެސް އޭނާ ދޫކޮށްލާފައި ނުދާށޭ ބުނެލިކަހަލައެވެ. އެހަރަކާތުން މިސްކު ބޭނުންވި ޖަވާބު ލިބުނެވެ. އަދިވެސް ބޮޑަށް ޒާނަގެ އުނަގަނޑަށް ބާރުކޮށްލާފައި މިސްކު ދަތްދޮޅިޖައްސާލީ ޒާނަގެ އޮމާން ކޮނޑުގައެވެ. ޒާނަގެ ކޮންމެ ހިއްސެއްގައިމެ ކަރަންޓްގެ ރާޅުބާނިތައް ދުވެލިއެވެ.
މިސްކު ކުއްލިއަކަށް ޒާނަގެ ކޮނޑުގައިހިފާ މަގަތަށް އަނބުރާލިއެވެ.
“ޒާން. އަހަރެން ބުނީ އަހަރެން ވަރަށް ލައިކްވެއޭ.” މިސްކު ކުރިންވެސް ބުނެލި ޖުމްލަ އަނެއްކާ ތަކުރާރުކޮށްލިއެވެ. އިސްއުފުލާލުމުން އެތޫނު ދެލޮލުން ޒާނައަށް ފެނުނީ ސުވާލުމާކުތަކެވެ. ޒާނައަށް ވިސްނުނެވެ. މިސްކު އެއިންތިޒާރުކުރަނީ އޭނާގެ ޖަވާބަކަށެވެ. މިސްކުގެ ހިތުގައިވާ ގޮތަށް ޒާނަވެސް އޭނާއާއި ދޭތެރޭ ދެކޭކަން ނުވަތަ ނޫންކަން އޮޅުންފިލުވަން އެދިގެންނެވެ. އެވަގުތު ޒާނަ ތުންތަޅުވާލިއެވެ.
ނުނިމޭ