.
މާރިޔަތު ސުހުރާބު
އާދައިގެމަތިން މިއަދު ވެސް ޝާލިނީ އެއިނީ ޒިއާއުގެ އިންތިޒާރުގައި އަތިރިމަތީގައެވެ. ގޮނޑުދޮށަށް ބީއްސާ ރާޅުގެ އަޑު ފިޔަވައި އެހެން އަޑެއް އެހިސާބަކުން ނީވެއެވެ. ޝާލިނީ އާއި ޒިއާއުގެ ދެމީހުންގެ ގުޅުމަށް މިހާރު ވަނީ އެއް އަހަރު ވެފައެވެ. ދެ އާއިލާގެ ވެސް ރުހުން ވަނީ އެގުޅުމަށް ލިބިފައެވެ. ކުއްލިއަކަށް ޝާލިނީގެ ކޮނޑުގައި އަތްޖައްސާލީ ޒިއާއުއެވެ. ދެމީހުންގެވެސް ފޮނި ވާހަކަތަކަށް ފަހު ބައްދަލުވުން ނިމުނުއިރު ރޭވެ އަނދިރި ވެއްޖެއެވެ.
ޝާލިނީ ގެއަށް ދިޔައިރު ޝާލިނީ ނައިސްގެން މަންމަ ދޮރުމަތީގައި ހުއްޓެވެ. ވާނީ ވެސް އެހެންތާއެވެ. ޝާލިނީ އަކީ އެ ދެމަފިރިންނަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އަނެއް ދުވަހުގެ ހެނދުނު ޒިއާއުއާއި ޝާލިނީ ބައްދަލުވީ ސްކޫލުންނެވެ. އަހަރަކީ ދެމީހުންގެ ވެސް “އޭލެވެލް” އަހަރު ކަމުގައި ވާތީ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ދެމީހުން ވެސް ވަރަށް މަސައްކަތް ކުރެއެވެ. ޒިއާއުގެ ހުވަފެނަކީ މޮޅު ޑޮކްޓަރަކަށް ވުމެވެ. މިކަމުގައި އޭނާ އަށް އެންމެ ހިތްވަރު ދެނީ ޝާލިނީ އެވެ.
އިމްތިހާނު ނިމި ޓެސްޓްގެ ނަތީޖާ ލިބިއްޖެއެވެ. ޒިއާއުއަށް ލިބުނީ އޭނާ ދުވަހަކު ވެސް އުންމީދު ނުކުރާފަދަ ރަނގަޅު ނަތީޖާ އެކެވެ. މުޅި ރާއްޖެއިން އެންމެ މޮޅު 10 ކުދިންގެ ތެރޭގައި ހިމެނި މެލޭޝިއާ ގައި މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޮލާޝިޕް ޒިއާއުއަށް ލިބުނެވެ. އަދި 4 އަހަރު ދުވަހަށް ރާއްޖެ ދޫކޮށް ދާންޖެހުނެވެ. ޝާލިނީ އާއި ދުރުގައި ހުރުމަކީ ޒިއާއު އަށް އެންމެ އުނދަގޫ ކަންތަކެވެ. ނަމަވެސް ދެމީހުންގެ މުސްތަގްބަލަށްޓަކައި ޖެހުނީ ދާށެވެ.
ޒިއާއު ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް ޝާލިނީއާ ބައްދަލު ކޮށްލަން އައެވެ. އަދި ޝާލިނީ އަށް އެތައް ވައުދުތަކެއް ވިއެވެ. ވީހާ އަވަހަކަށް އަންނާނެ ކަމާއި ދުވަހަކުވެސް ޝާލިނީ ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދިނެވެ. އަދި ކޮންމެ ކަމެއް ދިމާވިޔަސް ވީހާ ވެސް އަވަހަށް ޒިއާއު އަށް އެންގުމަށް ޝާލިނީ ގާތު އެދުނެވެ.
ޒިއާއު ފުރިފަހުން ޝާލިނީ ވަރަށް އެކަނިވެރި ވިއެވެ. އަބަދު ކޮޓަރި ތެރޭގައި އިނދެގެން ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. ޝާލިނީ ގެ މުސްތަގްބަލަށްޓަކައި އެއްވެސް ކަމެއް ނުކުރެއެވެ.
އެއް ދުވަހެއްގެ ހެނދުނެވެ. ޝާލިނީ މާބޮޑަށް ބޮލުގައި ރިއްސާފައި އެނބުރުން އަރަން ފެށިއެވެ. އެކަމުގައި ދެދުވަސް ފާއިތުވީ އިރުވެސް ރަނގަޅު ވާގޮތެއް ނުވިއެވެ. ޝާލިނީގެ މަންމަ ކައިރީގައި އެވާހަކަ ބުންޏެވެ. މަންމަ ވަގުތުން ޝާލިނީ ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. އަދި ޑޮކްޓަރ ބުނުއްވި ޓެސްޓްތައް ހެދިއެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ ދެ ދުވަސް ފަހުން ކަމަށް ހޮސްޕިޓަލްގެ ލެބޯޓަރީ ގައި އިން ކުއްޖާ ބުންޏެވެ.
އޭގެ ދެދުވަސް ފަހުން ޓެސްޓްތަކުގެ ނަތީޖާ ބަލާ ޝާލިނީ މަންމަ އާއެކު ހޮސްޕިޓަލަށް ދިޔައެވެ. ޓެސްޓް ތަކުގެ ނަތީޖާ ޝީޓް ދީފައި ޑޮކްޓަރުގެ އަރިހަށް ލެބޯޓަރީ ގައި އިން ކުއްޖާ ބުންޏެވެ. ޝާލިނީ ހުރީ ވަރަށް ބިރުގެންފައެވެ. ދުވަހަކުވެސް ނުވާ ގޮތްތަކެއް އޭނާއަށް މިހާރު ވަމުންދާތީއެވެ. ޑޮކްޓަރުގެ ރޫމަށް ދެމީހުން ވަނެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް ޝާލިނީގެ މޫނަށް ބަލާލިއެވެ.
“ޝާލިނީ އަށް ޖެހިފައިވަނީ ބޮޑު ބައްޔެއް. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވޭ. ޝާލިނީ އަށް ވަނީ ކެންސަރު ޖެހިފައި.” ޑޮކްޓަރުގެ ބަސްތައް އިވުމާއެކު ޝާލިނީ އަށް ވީގޮތްވެސް ނޭނގުނެވެ. ﷲ ގެ އިރާދަފުޅު ފިޔަވައި އެހެން އެއްޗެއް ޝާލިނީއާއެކު ނުވާކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. ޝާލިނީ އަށް ހިތްވަރު ދެވޭތޯ މަންމަ މަސައްކަތް ކުރިއެވެ.
މި ބޮޑު ބަލީގެ ވާހަކަ ޒިއާއުގެ ކައިރީގައި ބުނާނީ ކިހިނެތް ކަމެއް ވެސް ޝާލިނީ އަކަށް ނުވިސްނެއެވެ. ޝާލިނީގެ މަންމަގެ އިރުޝާދުގެ މަތިން ޝާލިނީ އަޒުމް ކަނޑައެޅީ ޒިއާއު ކައިރީ އެވާހަކަ ނުބުނުމަށެވެ. އޭރުން ޒިއާއުގެ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ފުނޑުފުނޑު ވެދާނެތީއެވެ.
ޝާލިނީ ބަރާބަރަށް ލިބެންހުރި ފަރުވާތައް ފުރިހަމަ ކުރަމުން ދިޔައެވެ. ނަމަވެސް ކުޑަކޮށްވެސް ބަލި ރަނގަޅު ވުމުގެ އަލާމާތެއް ނުފެނެއެވެ. ދުވަހެއް ދުވަހަކަށް ޝާލިނީ ދިޔައީ ބަލިކަށިވަމުންނެވެ. ނަމަވެސް ޒިއާއު ގުޅާ ކޮންމެ ފަހަރަކު ވެސް ޝާލިނީގެ ހާލު ރަނގަޅު ކަމަށް ބުނެއެވެ.
ހަތަރު އަހަރު ދުވަހަށްފަހު ޒިއާއު އެނބުރި ރަށަށް އަތުވެއްޖެއެވެ. ހަމަ ރަށަށް އައުމާއެކު، ޒިއާއުގެ ވަޒީފާ ހޮސްޕިޓަލުން ހަމަޖެހުނެވެ. ޒިއާއު މަސައްކަތް ކުރަން ޖެހުނީ ޝާލިނީ އަށް ފަރުވާ ދެމުންދާ ޑޮކްޓަރުގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. ޒިއާއު އެނބުރި ރަށަށް އައިފަހުން ޝާލިނީ ޒިއާއުއާ ދުރުގައި ހުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ޒިއާއުގެ ވެސް މަސައްކަތުގެ ބުރަކަމުން އަމުދުން ޝާލިނީ އާއި ބައްދަލުކޮށްލަން ދާނެ ވަގުތެއް ވެސް ނުވަނީއެވެ. ޒިއާއު ހޮސްޕިޓަލްގައި އުޅޭތީ ޝާލިނީ އަށް ހޮސްޕިޓަލަށް ދާން ވަރަށް އުނދަގޫ ވިއެވެ. ޒިއާއުއަށް އެނގިދާނެތީއެވެ.
އެއްދުވަހެއްގެ ހެނދުނު އާދައިގެ މަތިން ޒިއާއު މަސައްކަތުގައި އުޅެނިކޮށް ޑޮކްޓަރު ބުނެގެން ފައިލެއް ޑޮކްޓަރުގެ މޭޒުމަތިން ހޯދަނިކޮށް ކުއްލިއަކަށް ޒިއާއުގެ ލޮލުގައި އަޅައިގަތީ “ޝާލިނީ އަލީ” މިހެން ޖަހާފައިވާ ފައިލެކެވެ. ފައިލް ނަގައި އެއްކޮޅުން އަނެއް ކޮޅަށް ޒިއާއު ކިޔެވެ. ޒިއާއު އަށް ވީގޮތް ވެސް ނޭނގުނެވެ. ޑޮކްޓަރު ކައިރިން ޒިއާއު ބޭނުން ހުރިހާ މަޢުލޫމާތެއް އޮޅުންފިލުވިއެވެ. ޒިއާއު ހައިރާންވީ ޒިއާއުގެ ކައިރީގައި ޝާލިނީގެ އެބޮޑު ބަލީގެ ވާހަކަ ނުބުނެ ވާތީއެވެ.
ޒިއާއު ވަގުތުން މިސްރާބު ޖެހީ ޝާލިނީގެ ގެއާ ދިމާލަށެވެ. އެގެއާ ކައިރިވަމުން ދިޔަ ވަރަކަށް ޒިއާއުގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އެގޭ ދޮށަށް ރަށުގެ ގިނަބަޔަކު ވަނީ ޖަމާވެފައެވެ. މީހުން ދުރުކުރަމުން ކަހަލަ ގޮތަކަށް ޒިއާއުއަށް ޒިއާއުއަށް ވަދެވުނީ އެގޭ ފެންޑާއާ ހަމައަށެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާނެހައި ހިތްވަރު ވެސް ޒިއާއު އަކަށް ނުލިބުނެވެ.
ޒިއާއު އަށް ހޭ އެރިއިރު ޝާލިނީގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމާ ވަޅުލައިފިއެވެ. އަބަދުގެ އަބަދަށް ޒިއާއުގެ ހަޔާތުން ޝާލިނީ ބީވެގެން ދިޔައީ އެވެ.
ނިމުނީ
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި މާރިޔަތު ސުހުރާބު، ގްރޭޑް 10 ޑީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.