twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރުވާހަކަ – ފާފައެއްގެ ކައްފާރާ

Aug 1, 2012

.

ހުމައިދު ޢަލީ

(މިއީ ހަޤީޤީ ހާދިސާއެކެވެ. ނަމަވެސް ބޭނުންކޮށްފައި މިވަނީ ޚިޔާލީ ނަންތަކެކެވެ.)

ހަފީޒާ އޭނާގެ މާނައެއްނެތް ފުރަތަމަ ޒަވާޖީ ޙަޔާތުގައި ސިއްކަ ޖެހުމަށްފަހު އާ ފެށުމަކާއި ކުރިމަތިލީ ހިތްވަރާއި އެކުއެވެ. މައިންބަފައިންގެ މަޖުބޫރުގައި އޭނާ ހަލީމާފުޅުގޭ މުޙައްމަދާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ކައިވެންޏަށްފަހު ދެމީހުން ދެގޭގައި ވޭތުކުރި 3 މަސް ދުވަހު ކައިވެނީގެ އެއްވެސް ފޮނިމީރުކަމެއް ހަފީޒާއަކަށް ލިބިފައެއް ނެތެވެ. ލޯބިނުވާ މީހަކާއެކު ދިރިއުޅުމެއް ނޫޅެވޭނެތީ އަމިއްލައަށް އިސްނަގައިގެން މުޙައްމަދުގެ ގާތުން ވަރިވީވެސް އޭނާ އަމިއްލަ އަށެވެ. މައިންބަފައިން ހޯހޯ ގޮވަމުން ދަނިކޮށެވެ.

ހަފީޒާގެ ފުރަތަމަ ކައިވެނި ވަރީގެ ފުއްޓަރުން ނިމުނުތާ މާގިނަ ދުވަހެއް ނުވެ އޭނާގެ މަންމަ ދުނިޔެ ދޫކޮށްފިއެވެ. ލިބުނު ހިތާމަޔާއި މީސްމީހުންގެ ފުރައްސާރަތައް އެންމެ ގިނައިން އަމާޒުވީ އާއިލާގެ ދޮށީކުއްޖާ، ހަފީޒާ އަށެވެ. ހަފީޒާއަކީ ގަޑިން ގަޑިއަށް ނަމާދުކޮށް ކުދިންނަށް ޤުރުއާން ކިޔަވައިދީ އުޅޭ، އުޅުންހުރި، ހެޔޮލަފާ، ރީތި ޒުވާނެކެވެ. ރިހޭ ފައިމައްޗަށް ވެއްޓުނުފޮއި އަމިއްލަ އަތުން ނަގައި އެއްފަރާތް ކޮށްލުމަށްފަހު ދެވަނަ ފަހަރަށް ކައިވެނީގެ ގޮށް ޖަހާލުމަށް އަޒުމު ކަނޑައެޅިއެވެ.

މިފަހަރު ހަފީޒާ ކައިވެނި ކުރީ އެންމެ ކުރީއްސުރެ އޭނާގެ އެކުވެރިޔާ އަބޫބަކުރާއެވެ. ބަކުރު ވެސް އޭނާ ދެކެ އިންތިހާއަށް ލޯބި ވާތީ އިތުރަށް ވަކިން ތިބެން ބޭނުން ނުވާތީ ދެހަށިގަނޑު ޒަވާޖީ ޙަޔާތުގެ ގޮށުން ބަނދެލިއެވެ. އަދި ވަކިން ގެޔަކަށް ދެމީހުންގެ ދިރިއުޅުން ބަދަލުކުރިއެވެ. އަބަދާއި އަބަދު ހަފީޒާ ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށް ވުމުންނާއި ބަކުރުގެ ލޯބީގެ ސަބަބުން ހިތާމައިން މިލާމޯޅިވެފައިވާ ހަފީޒާގެ ފިނިފެންމަލުގެ ހިތަށް ލިބުނީ އާރޯކަމާއި ތާޒާކަމެވެ.

ޤުރުއާން ކިޔަވައިދީގެން ހަފީޒާ ދިރިއުޅުމަށް ފައިސާ ހޯދާއިރު ވަޑާންކޮށްގެން ބަކުރު ވެސް ފުދޭވަރަކަށް އާމްދަނީ ހޯދައެވެ. ދެމީހުންނަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ ބައެއް ކަމުން ރަށުގެ އެންމެހާ ރައްޔިތުން ވެސް އެދެމަފިރިންނާއި ވަރަށް އެކުވެރިއެވެ. ލައިލާ އާއި މަޖުނޫނު ފަދައިން ނުވިޔަސް ބަކުރާއި ހަފީޒާގެ ޖޯޑަކީ ރަށުގައި ލާމަސީލު ނަމޫނާ ޖޯޑަކަށް ވަނީ ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމީހުންގެ ދިރިއުޅުން އުފާވެރި ނުވާންވީ ފަހެ ކީއްވެގެން ހެއްޔެވެ؟

މި ދެމަފިރިންގެ އުފާވެރި ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވީ އެދެމީހުން އިންދާ ހެއްދި ބަގީޗާގައި މާފޮޅި މޭވާ އަންނަން ތައްޔާރު ވުމުންނެވެ. ދެމީހުންގެ އަލަތު ދަރިފުޅަށް ހަފީޒާ ބަނޑު ބޮޑު ވުމުންނެވެ. ލޯބި އިހުނަށްވުރެ އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ. މާބަނޑު ވުމުން ދިމާވަމުންދިޔަ އުނދަގޫތަކަށް ކެތްކުރަމުން ދިޔައީ ދެމަފިރިން އަތުގުޅާލައިގެން ތިބެއެވެ. އުފަންވާން އުޅޭ ދަރިފުޅަށްޓަކައި ހިތާމަތަށް އެއްފަރާތްކޮށް އުފަލުގެ ސާލުން ވަށާލައިގެން ތިބެއެވެ.

ދުވަސް ފުރެމުން އައިހެން ހަފީޒާގެ ޙާލުވެސް ދިޔައީ ދަށްވަމުންނެވެ. އެންމެ ފަހުން ދެމީހުންގެ ދަރިފުޅު ރަޙުމާ އުފަންވީއިރު ވެސް ހަފީޒާއަށް ހޭވެރިކަމެއް ނުވިއެވެ. ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައި އޮށްވާ ތުއްތުތުއްތު ރަޙުމާގެ ފުރާނަ ﷲ ގެ ޙަޞްރަތަށް ދަތުރު ކޮށްފިއެވެ. ބަލިވެ ނުތެދުވެވިފައި އޮތް ހަފީޒާ އަށާއި ހަދާނެ ގޮތެއް ނޭނގިފައި ހުރި ބަކުރަށް ލިބުނީ ކުއްލި ޝޮކެކެވެ. އެހެން ނަމަވެސް ދެމީހުން ކެއްތެރިވިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދަރިއަކު ދެއްވިކަމުގެ މައްޗަށް ޙަމްދުކޮށް މިންވަރަށް ޝުކުރު ކުރިއެވެ.

އެ ހާދިސާ އަށްފަހު އަނެއްކާ ވެސް ދެމީހުން ދިރިއުޅުން އާރާސްތު ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް ހިތާމަތަކަށް ލުޔެއް ނުލިބެއެވެ. ހިތުގެ ކަނެއްގައި ރަޙުމާގެ ހަނދާންތައް ފޮރުވިފައި އަބަދުމެ އޮވެއެވެ. މިހެން އުޅެނިކޮށް ބޯޓު ދަތުރުކުރާ ދޯންޏަކުން ބަކުރަށް ވަޒީފާ ލިބިއްޖެއެވެ. ހަފީޒާ އެކަނި ދޫކޮށްލާފައި ނުދިއުމަށް ހިތް އެދި ރޮމުން ދަނިކޮށްވެސް ފުރައިގެން ދާން މަޖުބޫރު ވީ ހަފީޒާގެ ބާރު އެޅުމުގެ މަތިންނާއި ރަށުގައި ވަޑާންކޮށްގެން ރަނގަޅު އާމްދަނީ އެއް އޭރު ލިބެމުން ނުދާތީއެވެ.

ބަކުރު ދިއުމަށްފަހު ހަފީޒާ ވަރަށް އެކަނިވެރި ވިއެވެ. ހިތާމަތައް ދެގުނައަށް އިތުރު ވެއްޖެއެވެ. ރަޙުމާގެ މަތިން އަނެއްކާވެސް ހަނދާން ވާން ފަށައިފިއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުން މަދުވާން ފަށައިފި އެވެ. މިހެން އުޅުމުގެ ތެރޭގައި ރަށަށް ކަރަންޓްލުމަށް ރަށް ސާރވޭ ކުރުމަށް ޓީމެއް އަތުވެއްޖެ އެވެ. ބަކުރުގެ ދައްތަގެ އެދުމުގެ މަތިން އެޓީމުގެ ބައިވެރިންގެ ކެއުމުގެ އިންތިޒާމު ހަފީޒާގެ ގެއިން ހަމަޖައްސައިފި އެވެ.

މިޓީމުގެ ވެރިއަކަށް އައި އާދަނަކީ އަންހެނުންނާއި ވަރަށް ދޯޅު މީހެކެވެ. ފިރިމީހާ ނެތި އެކަނިއުޅޭ ހަފީޒާ އޭނާއަށް ފެނުމާއެކު މިރަށުން ފޫހި ފިލުވާނޭ މިތުރަކީ އެއީ ކަމުގައި ހިތުގައި ކަނޑައަޅައި ނިންމައިފިއެވެ. އާދަނަކީ ވެސް ބަލާލަން ހުތުރު މީހަކަށް ނުވުމާއި އެހީވާނޭ މިތުރަކަށް ބޭނުންވެފައި ހުރި ހަފީޒާ އަށް ކުއްލިއަކަށް އާދަނުގެ ފަރާތުން ލިބެންފެށި އެކުވެރި ކަމުގެ ސަބަބުން ހަފީޒާގެ ހިތްވެސް އާދަނާ ދިމާއަށް ލެނބެން ފަށައިފިއެވެ. އާދަނުގެ މަޅީގައި ހަފީޒާ ރަނގަޅަށް ޖެހުމާއެކު އޭނަގެ ޙަޤީޤީ “ޕްރޮޕެގަންޑާ” އަށް އަމަލީ ސިފަ ގެންނަން ފަށައިފިއެވެ. ހަފީޒާ ނިދާފައި އޮއްވާ ވަދެ ގަތްގަނޑުގައި ހަފީޒާ އަށް ވެސް ކޮންމެވެސް މިންވަރަކަށް ބައިވެރި ވެވިއްޖެއެވެ. އެކަނި ހުރި އަންހެނަކަށް އުފާ ލިބުމުން ވާނީ ވެސް އެހެންތާއެވެ.

އެހެން ނަމަވެސް އެރޭގެ “އުފާ” ހޯދުމަށްފަހު ހަފީޒާއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ކުރެވުނު ފާފައިގެ ސަބަބުން އެކަމާ ދެރަވެ ހިތާމަ ކުރެވެން ފަށައިފި އެވެ. އަބަދާއި އަބަދު އެކަމާ ވިސްނާ ފިކުރުކޮށް ރޭގަނޑު ދަންވަރު ވެސް ނަމާދު ކޮށް އުޅެން ފަށައިފި އެވެ. ހަފްތާއެއް ފަހުން އާދަނު ފުރައިގެން ދިއުމުން ކަންތައް ބޮޑަށް ގޯސްވެއްޖެއެވެ. ހަފީޒާއަށް ހަމަނިދި ނިދެނީކީ ނޫނެވެ. ރޭގަނޑު ދަންވަރު ވެސް އާދަނުގެ ރަށް ފެންނަ ހިސާބަށް ދެއެވެ. އާދަނު ހޯދަން އެރަށަށް ވެސް ދެއެވެ. ނަމަވެސް އާދަނެއް ނުފެނެއެވެ. ރަށުގެ މީހުން ގާތު އޭނާ އިނީ ބަލިވެކަމަށް ވެސް ވާހަކަ ދެއްކެން ފަށައިފިއެވެ. ހަމަރަނގަޅަށް ވެސް ހަފީޒާގެ ބޯ ސަކަރާތް ވެއްޖެއެވެ.

ބަކުރު ބޯޓުދަތުރު ކޮށްފައި އެނބުރި އައުމާއެކު ބުޅާ ގޯނިން ބޭރުވެއްޖެއެވެ. ހަފީޒާ އާއި އާދަނާއި ދެމެދު އެފަދަ ކަންތައްގަނޑެއް ހިނގިކަމަށް ހެކިވާނޭ އެތައްބަޔަކު ތިބުމުން ހަފީޒާ އަށް ދެއްކޭނޭ މާބޮޑު ބަހަނާއެއް ނެތެވެ. ބަކުރު ވަގުތުން ހަފީޒާ ވަރިކޮށްފިއެވެ. ހަފީޒާގެ ސިކުނޑިއަށް އިތުރު ބުރައެއް ލިބިއްޖެއެވެ. މުޅި ރަށުގައި ބަކުރަށް ގޮވަމުން ދުވާލު ހަތަރުދަމު ރޮމުން ހިނގަން ފަށައިފިއެވެ. ފާހާނާގައި ނަމާދު ކުރަން ފަށައިފިއެވެ. ހިތާމަ ކޮށްކޮށް މީހާގެ ބުއްދިފިލައި ގޮއްސިއެވެ.

ހަފީޒާގެ އާއިލާގެ މީހުން އޭނާ މާލެ ގެނެސް ފަރުވާ ކުރަން ފެށިއެވެ. ނަމަވެސް ޑިޕްރެޝަންގެ ބަލި މާބޮޑުވަރު ވެފައި ވުމުން ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އިތުރު މީހަކާ އިންނަމަވެސް އެކީ އުޅެވޭ ގޮތެއް ނުވިއެވެ. އާއިލާގެ އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑެއް ނާހައެވެ. ހަފީޒާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އަދި އެހެން މީހުންނަށް އޮތް އިތުބާރު ވެސް ވަނީ ގެއްލިފައި އެވެ.

މިއަދު ހަފީޒާ އުޅެމުން ދަނީ އެކަނިވެރި ދިރިއުޅުމެކެވެ. ވަކިން ގެއެއްގައި އެކަނިމާ އެކަންޏެވެ. ކަނު އަނދިރީގައެވެ. ބޮކި ދިއްލަން ނުރުހޭތީއެވެ. އޭނާ ބުނާގޮތުގައި އޭނާ ނަސީރު ކިޔާމީހަކާއި އިނދެ އާދިލް ކިޔާ ކުއްޖަކު ހުރެއެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. މިއީ ހަފީޒާ އަށް ކުރެވުނު ބޮޑު ފާޙިޝް އަމަލެއްގެ ކައްފާރާ ކަމުގައި އަމިއްލަ އަށް ވެސް ގަބޫލު ކުރާ ޙާލުގައެވެ.

ނިމުނީ

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ހުމެއިދު ޢަލީ، ގްރޭޑް 12 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355