.
މަރިޔަމް ޔަސްމާ
31 ޖުލައި ވަނަ ދުވަހުގެ ބަޔާ ގުޅޭ
އެވަގުތު ޒާނަ ތުންތަޅުވާލިއެވެ. އެހެނަސް އަޑެއް ނުނިކުތެވެ. ތިރީތުންފަތުގައި ދައިގެންފައި ޒާނަ އިސްއޮބައިލިއެވެ. މިސްކުއަށް އެތަން ފެނިގެން އެއްމިޔަކަނުން ހިނިތުންވެލިއެވެ. ޒާނަ އެހާ ފިނިވެފައި ހުއްޓާ އޭނާ ދުވަހަކުވެސް ނުދެކެއެވެ. ލަދުވެތިކަމުގެ މައްޗަށް ފަރިކަން އިތުރުވަނީ މާގަހަކަށް ފެންލިބުމުން ތާޒާވެހެދިގަންނަ ފަދައިންނެވެ.
“ހޭއި!” ޖަންބުކުލައަރާފައިވާ ޒާނަގެ ކޯތާފަތުގައި މިސްކު ފިރުމާލިއެވެ.
ޒާނަ ހުރީ އިސްނުނަގަން ހުވާކޮށްގެން ކަންނޭނގެއެވެ. ތުންފަތްހަފާތަން ފެނި އުދަނގޫވެގެން އެކަން ހުއްޓުވަންޖެހުނީވެސް މިސްކުއަށެވެ.
“އައްދޭ! ތިހާވަރަށް ހާސްނުވެބަލަ. ޤައުމުގެ އިންމެ އިސްވެރިޔާގެ ކުރިމައްޗަކުނޫނޭ ތިހުރީ. އަހަރެން ބޭނުމީ ހަމައެންމެފަހަރަކު ޒާނަ އާއެކޭ ބުނާއަޑުއަހަން.” ޒާނަގެ މޫޑުބަދަލުކުރަން އޭނާ އަބަދުވެސް ގެންގުޅޭ މަޖާމިޒާޖު އިހްތިޔާރުކުރިއެވެ.
ދެއަތުގެ އިނގިލިތައް މަހާލާފައި ގެނެސް ދަތްދޮޅީގައި ޖައްސާލިގޮތަށް ބޯޖަހާލާފައި ޒާނަ އަވަސްއަވަހަށް ފުރަގަސްދިނެވެ. ކުޑަމިނުން މިސްކުގެ މޫނަށް ބަލައިވެސްނުލިއެވެ.
މިސްކުގެ އުފާވެރި މޫނަށް އަނެއްކާވެސް ވެރިވެގެންދިޔައީ ހިނިތުންވުމެކެވެ.
“އަހަރެންބޭނުންވި ޖަވާބު ލިބިއްޖެ. ދެން ދަނީ. މިތާ މާގިނައިރު ހުންނަންވެއްޖެއްޔާ އަމިއްލަ ނަފްސް ކޮންޓްރޯލުން ނެއްޓިގެން ކުރަންނުވާވަރު ކަމެއްކުރެވިދާނެ.” މިސްކު ހިނގައިގެން އަޑުއަހާފައި ދެން އިވުނީ ދޮރުހުޅުވާ ލައްޕާލިއަޑެވެ.
ޒާނަ ހުރީ އޭރުވެސް ފުރަގަސްދީގެންނެވެ. އަވަސްވެފައިވާ ހިތާއިއެކު އޭނާ ލަމުންދިޔައީ ފުންނޭވާތަކެކެވެ. ހީވަނީ ބޮލުން ބޮޑުބުރައެއް ނެތިގެންދިޔަ ހެންނެވެ. އެންމެބޮޑު އަޖާއިބަކަށްވީ ހިތަށްވެރިވެފައިވާ އުފާވެރިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނީ ރަނގަޅުކަމެއް ކަމުގައި އެހިތް ބުނަމުން ދިޔައެވެ. ލިބިފައިވާ ހަމަޖެހުން އެކަން ކަށަވަރުކޮށްދިނެވެ.
އަޑުގަނެތްތަނަށް ހޭން ޒާނަ ބޭނުންވިއެވެ. ފުމެމުން ނަށަން ހިތްއެދެން ފެށިއެވެ. އެނދާއި ކައިރިވެލާފައި ބާލީސްތައް އެތަންމިތަނަށް އުކާލުމަށްފަހު އެންމެފަހުން އަތުޖެހުނު ބާލީސް ގެނެސް މޭގައި ޖައްސާބާރުކޮށްލައިގެން ޒާނަ ސަލްސާ ޖެއްސިއެވެ. އެބާލީހަކީ މިސްކު ކަމުގައި ދެކިގެން ހިތާއިހިތުން ހިނިތުންވަމުން ދިޔައެވެ. ކުޑަދޮރުން ބޭރަށް ވެހެމުންދިޔަ ވާރޭތިކިތައް އެއީ މަތިން އޮހެމުންދިޔަ ފިނިފެންމާ ފިޔަތަކެއްފަދައިން ހިތަށް ފެނުނެވެ. ޖެހިލާ ރޯޅިތަކުން ގެނެސްދެނީ މިސްކުގެ ހަށިގަނޑުން ދުވާ މީރުވަހެވެ. އެސްފިޔަތަކުގެ ފަހަތުގައި އެރީތި ތަސްވީރެވެ. ޒާނަގެ ތުންފަތުން ހިނިތުން ފިލާނުދެއެވެ. އެގޮތުގައި އެތަކެއް އިރުވާންދެން އޭނާ ދެމިހުއްޓެވެ. ވާރޭހުއްޓާލައި ދުނިޔެމަތި އަމާންވަންދެން އުފާފާޅުކުރިއެވެ. މެންދަމުން އަލިވެ ފަތިސްދަމަށް އަޅާންދެން ނިންޖާއި ސަމާސަކުރިއެވެ. ތަންމަތީ އޮށޯތްފަހުންވެސް ދެފަރާތަށް ފުރޮޅުން ފިޔަވައި އިތުރުކަމެއް ނުވިއެވެ. ފަތިސްނަމާދު ބަންޤީގެ ހިތްގައިމު އަޑު އައިސް ކަންފަތުގައި ޖެހުމާއެކު ދެންއަވަހަށް ވުޟޫކުރަން އަވަސްވެގަތެވެ. ޒާނައަށް ނިދުނީ އެއަށްފަހުގައެވެ.
ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ އަނެއްކާވެސް މުޅިން އައު ކުލަތަކާއެކުގައެވެ. ޒާނައާއި މިސްކުގެ ހިތަށް އެތަކެއް ހާސް އުފާތައް ގެނެސްދީފައިވާއިރު އޭގެ އިދިކޮޅު ފެންނާނީ ކިހިނެތް ކޮންއިރަކު ކަމާއިމެދު އެކަކުވެސް ވިސްނާފައެއް ނުވެއެވެ.
ނުވައެއް ޖަހާކަށްހާއިރު ހަންޏާމީދުގެ ފާލަމަށް ގާތްކޮށްލި ހުދު ލޯންޗުން އެރަށަށް ފޭބިތަން ފެނުނީ ރާކިންއެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލާފައި އަނެއްއަތުން، އިސްތަށިގަނޑުތެރޭ އިން އައިނުތިރިކޮށްލާފައި ލޯނިވާކޮށްލަމުން އޭނާ ރަށުތެރެއަށް ދާން ހިނގައިގަތެވެ. ދުވަސްތަކެއް ފާއިތުވެ ދިޔަނަމަވެސް ރާކިންއަށް ހަންޏާމީދޫގެ މަގުތައް ހިތުދަހެވެ.
ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއިއެކު މަގުމަތިން ފެނިގެއްލެމުންދިޔަ އެތަކެއް ބައެއްގެ ލޯތައް ރާކިންއަށް ހުއްޓުނެވެ. އެތަކެއް ޒުވާން ހިތްތައް އަވަސްވެގެން ދިޔައީ ރާކިންގެ ރީތި ސިފައިގެ ސަބަބުންނެވެ. އެކަމަކު ރާކިންގެ ނަޒަރު ވަނީ ކުރިމަތީގައިވާ މަގަށްއެކަނި ހުސްކޮށްލެވިފައެވެ. މިސްކުމެން އުޅޭ ގޭގެ ފޫޓުފާރުން އެތެރެއަށް ފިޔަވަޅު އަޅާންދެން އޭނާ ފަރާތަކަށް ބަލައިވެސްނުލައެވެ.
“ރާކިން!” އިލޮށިފަތި ހިފައިގެން ގެއިން ނިކުތް ހަބީބާއަށް ރާކިން ފެނިފައި އަނގަ ހުޅުވުނެވެ. އެފަދަ ގޮތަކަށް ރާކިން އައިސް ހުއްޓާ ފެނިދާނެކަމަށް ހީކުރެވިފައިވެސް ނެތީއެވެ.
“ދައްތާ. ކިހިނެތްތަ؟” ރާކިން ކުރިއަށް ޖެހިލާފައި ސަލާމްކުރުމަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ހިފިއިރުވެސް ހަބީބާއަށް ހުރެވުނީ ބަސްމަދުވެފައެވެ. އޭނާގެ ހައިރާންކަން އަދިވެސް ފިލާނުދަނީއެވެ.
“ކޮބާ މިސްކުމެން؟ ތިފޫ އުޅޭތަ؟” ރާކިންގެ ނަޒަރު އެކިފަރާތް ފަރާތަށް ދަތުރުކުރިއެވެ.
“އާދޭ އެތެރެއަށް. އެމީހުން އެބަތިބި ސައިބޯން.” ހަބީބާ ރާކިންއަށް މަގު ދައްކާފައި ކުރީގައި ހުރެގެން ގޮސް ކާގެއަށް ވަނެވެ.
ފަހަތުން ގޮސް ހުއްޓުނު ރާކިން ފެނިފައި ތިފްލާ އާއި މިސްކުއަށްވެސް ވީ ހަބީބާއަށް ވީކަހަލަ ގޮތެކެވެ. އެކަމަކު ދެވަނަ ސިކުންތުގައި ތިފްލާ އަވަސްއަވަހަށް ރާކިންއަށް ސައިތައްޔާރު ކޮށްދީފައި އިށީންނަން ތަންދެއްކުމާއެކު މިސްކު ތެދުވެފައި ރާކިންގެ ދަބަސް އަތުލައިގެން ގެންގޮސް ގެއަށް ލާފައި އައެވެ.
ދުވަސްތަކެއްވެފައި ބައްދަލުވުމުން ތިފްލާ އާއި ރާކިން ވަރަށް ވާހަކަ ހުއްޓެވެ. މިސްކު ދޭތެރެއަކުން ކޮންމެވެސް އެއްޗެއް އިތުރުކޮށްލައެވެ. ހަބީބާ ގިނަފަހަރަށް އިންނަނީ އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ. ސައިގެ ކަންތައް ކުރިއަށް ދިޔަނަމަވެސް ދޭތެރެއަކުން ރާކިންގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރުކުރަނީ ޒާނަ ފެނިދާނެކަމަށް ހީކޮށްގެންނެވެ.
“ޒާނަ އަދި ނުތެދުވޭ. އެންމެފަހު ދުވަސްވީމަ ވާވަރަށް ނިދާލަނީ ކަންނޭނގެ.” ތިފްލާއަށް އެކަން ފާހަގަ ކުރެވިގެން ވާހަކަދެއްކިއެވެ.
“އެހެންދޯ. މިހިތަށް އަރަނީ ކޮބައިބާވައޭ. އަހަރެން ހުރީ މިސްކުއާއިއެކު ޒާނަ ދާނެކަމަށް ނިންމައިގެން އަޅާނުލާން. އެކަމަކު މަންމަ ކިޔާވަރުން މިއައީ.” ރާކިން އައި ސަބަބު އޮޅުންފިލުވައި ދިނެވެ.
އެއަޑު އަހާފައި ހަބީބާއަށް ވިސްނާލެވުނެވެ. ރާކިންމެންނަށް ޒާނަ އެހާ މުހިންމުވެގެން އެއުޅެނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. މިސްކުގެ ފަރާތުން އެނގިފައިވާ ގޮތުން ޒާނައަކީ އެގޭގައި ކިޔަވަން ހުންނަ އެރަށަށް ނިސްބަތްވާ ކުއްޖެކެވެ. އެނޫނީ އެމީހުންނާއި ޒާނައާއިމެދު އާއިލީ ގުޅުމެއް އޮންނަކަމެއްވެސް އެނގިފައެއް ނެތެވެ. ވެދާނެއެވެ. ޒާނަ އެރަށުގައި ގިނަދުވަހު ބަހައްޓަން ރާކިންގެ މަންމަ ބޭނުން ނުވަނީއެވެ. އަދިވެސް އެއުޅެނީ ކުރީގެ މައްސަލަގަނޑު ފެންމަތިކޮށްގެންނެވެ. ވަސީމާ ދުވަހަކުވެސް އެކަމަށް ހައްލެއް ގެންނަން ގަސްތެއް ނުކުރާނެއެވެ. ހަބީބާ ވިސްނުމަކަށް ގެއްލިފައި ހުރެގެން އެތަނުން ނިކުންނަން ދިޔައެވެ. އޭރު ދެންތިބި މީހުންވެސް ނިމެން އުޅެއެވެ.
އަނެއްކާވެސް ކުނިކަހަންވެގެން އިލޮށިފަތި އަތަށް ނެގި ހަބީބާ ހިޔާލު ބަދަލުވެގެން ޒާނަގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އެތެރެއަށް ވަންއިރު ޒާނަ ފުންނިދީގައި އޮތެވެ. ކައިރިއަށް ގޮސް އެނދުގެ މަގަތުގައި އިށީންދެފައި ހަބީބާ ދެފަހަރަކު ގޮވާލިއެވެ.
“ޒާނަ ބަލައި ރާކިން އަތުވެއްޖެ.” ޒާނަ ލޯހުޅުވާލުމާއެކު ހަބީބާ ބުނެލިއެވެ.
އެވަގުތު ޒާނަ ފުންމައިގެން ތެދުވިއެވެ. އޭނާއަށް ހީވީ ދިގު ހުވަފެނަކުން ހޭލެވުނުހެންނެވެ. ބޮޑުވެފައިވާ ޒާނަގެ ދެލޮލަށާއި ނުތަނަވަސް މޫނަށް ބެލުމެއްނެތި ހަބީބާ ނިކުމެގެން ދިޔައެވެ. އެނދުން ފައިބައިގެން ގިފިއްޔާއި ދިމާއަށް ދިޔައިރު ހިޔާލުތަކުން ޒާނަގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. އެކިފަހަރު އެކިހިސާބުގައި އަޑުގަދަކުރާ ބަހައްޓައިގެން ގޮވަމުންދިޔަ އިއުލާނެއްފަދައިން ހަބީބާގެ ޖުމްލަ ޒާނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެތެރެއަށްވަދެ ދޮރުލައްޕާލާފައި ފުރަތަމަ ނެގި ފެންދާނި ތަޅުންމަތީ ބަހައްޓަމުން ފެންގޮއްޓެއްނަގާ މޫނަށް ވިއްސާލީ ބިރުވެރި ހުވަފެނަކުން ހޭލަން ބޭނުންވެފައިވާ މީހަކުފަދައިންނެވެ. ދެވަނަ ސިކުންތުގައި އޭނާ ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލައިގެން ހުއްޓެވެ.
ރާކިންމަތިން ކުރިން ހަނދާންނުވީ ކީއްވެ ހެއްޔެވެ؟ މިސްކުގެ ކުރިމަތީގައި ހިތުގެ ސިއްރު ބަޔާންކުރިއިރު އެންމެ ފަހަރަކުވެސް އޭނާގެ މަޤާމަކީ ކޮބައިކަން ހިތަށް ނައީ ކީއްވެ ހެއްޔެވެ؟ އޭނާ އަކީ ރާކިންގެ އަނބިމީހާ ކަން އެނގުމުން މިސްކުގެ ނިންމުން ބަދަލުނުވެދާނެ ބާވައެވެ؟ މިސްކުއަށް ރާކިން އާއި އޭނާގެ ގުޅުމާއި ބެހޭގޮތުން އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ މިހާދުވަސް ފާއިތުވެދިޔައިރު ދުވަހަކުވެސް އެފަދަ ސުވާލެއް މިސްކު ކުރިމަތިކޮށްފައެއް ނުވެއެވެ. އެކަން އެނގޭނަމަ މިސްކު އެގޮތަށް ކަންތަކެއް ނުކުރާނެއެވެ. ޔަޤީނެވެ. މިސްކުގެ ދެބެންގެ ދެދަރި ބޭބެގެ އަންހެނުންނާއި ދޭތެރޭ އޭނާ ދުވަހަކުވެސް ގޯސް ގޮތަކަށް ނުދެކޭނެއެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިސްކުއާއި އޭނާ ކުރިމަތިލާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ ހަޤީޤަތް ކިޔައިދީފިނަމަ މިސްކު އޭނާއަށް މާފުކުރާނެ ހެއްޔެވެ؟ ނޭވާލާންވެސް ޒާނައަށް ދަތިވިއެވެ. އޮކްސިޖަންނެތް ކުޑަގޮޅިއެއްގައި ތާށިވެފައި ހުރެވުނުކަހަލަ އިހްސާސެއް ކުރެވެން ފެށިއެވެ. ނޭވާކޮޅަށް ގޮސް ފުރާނަ ނިކުމެދާނެހެން ހީވިއެވެ.
ޒާނައަށް ހޭވެރިކަން ވީ ދޮރުފަތުގައި ތަޅައިގަތް އަޑަށެވެ. ކޮޓަރިތެރެއިން ތިފްލާގެ އަޑު އިވިފައި އޭނާ އަވަސްއަވަހަށް ފެންވަރަން ފެށިއެވެ. މޫސުން ކިތަންމެ ފިނިވެފައި ހެނދުނުގެ ވަގުތަށްވިއަސް ބޮލަށް އެޅެމުންދިޔަ ފެނުން ޒާނަ މިއަދު ހީކަރުވާގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ އެތެރެހަށިވަނީ އުދާސްވެފައެވެ. ނިމިގެން ކޮޓަރިއަށް ވަންއިރު ތިފްލާ ފެންނާކަށް ނެތެވެ. ފަންކާ ދޮށުގައި ހުރެ އިސްތަށިގަނޑު ހިއްކައިގެން ޒާނަ ތައްޔާރުވިއެވެ. ބޭރަށް ނިކުތްއިރު ގޭގެ ސިޓިންރޫމްގައި އެންމެން ތިއްބެވެ.
“ކޮބާ ދަތުރު މަޖާތަ؟ ތިފޫބުނި ޒާނަ ދާންޖެހިގެން ދެރަވެގެން އުޅޭވާހަކަ.” ރާކިން ހިނިތުންވެފައި ވާހަކަދެއްކިއެވެ.
ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިނަމަވެސް ޒާނައަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިސްކުއާއި ރާކިން ޖެހިޖެހިގެން ތިއްބާ ފެނުމުން އޭނާއަށް އިތުރަށް އުދަނގޫވިއެވެ.
“ޒާނަ ބޭނުމިއްޔާ ދެންފަހަރަކުންވެސް ފޮނުވަފާނަން.” ރާކިންގެ ޖުމްލައިން ދެންތިބި މީހުން ހިނިތުންވެލިއެވެ.
“ޒާނަ އަވަހަށް ސައިބޮއެގެން ރެޑީވޭ. އަހަރުމެން ދާނަން ރާކިން ގޮވައިގެން ހިނގާލަން.” ތިފްލާ ދާންވެގެން ތެދުވިއެވެ.
ސައިބޯންދާކަށް ޒާނަ ބޭނުމެއްނުވިއެވެ. އޭގެ ބަދަލުގައި މިސްކުއާއިއެކު އެކަނިހުރެ ދައްކަން ބޭނުން އެތައް ވާހަކައެއް ވިއެވެ. އެކަމަކު މިސްކު ހުއްޓުވަން އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟
މަޖުބޫރުވެފައިވާ މީހަކު ފަދައިން ޒާނަ ހިނގައިގަތެވެ. ރާކިން އާއިއެކު މިސްކު އާއި ތިފްލާ ނިކުމެގެން ދިޔަފަހުން ހަބީބާ ކުނިކަހާ ނިމިގެން ކުނިބަރޯ އުކާލަން ދިއުމުން ޒާނަ އެކަނިވީއެވެ. ކާގެއަށް ވަދެފައިވެސް އޭނާ ސައިނުބޮއެ ބޭރަށް ނިކުތީއެވެ. ގޯތިތެރޭގައި ހުރެގެން ޒާނަ ދެކޮޅަށް ހިނގަންފެށިއެވެ. ކަމެއް ހަނދާންވެގެން ނަމަވެސް މިސްކު އެދެމީހުންނާއި ވަކިން ގެއަށް އަންނާނެނަމައޭ ޒާނަގެ ހިތަށް އަރަމުން ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އޭނާ އިންތިޒާރުކުރިއެވެ.
އެއާއި ހިލާފަށް އެނބުރިއައިއިރު ތިފްލާއި ރާކިންވެސް މިސްކުގެ ފަހަތުގައި ހުއްޓެވެ. ކޮޓަރީގައި ފޮށްޓަށް އެއްޗެހި އަޅަން ހުރެގެންވެސް ޒާނަ އިރުއިރުކޮޅާ ފޮތިގަނޑު ދުރުކޮށްގެން ބޭރުބަލައެވެ. މިސްކު ހަމަ ތެދުވަން ހިތަށްވެސް ނާރައެވެ. ގޯތިތެރޭ ހުރި ޖޯލިފަތީގައި ރާކިން އާއި ތިފްލާގެ މެދުގައި ވާހަކަ ދައްކަން އިނެވެ. މިސްކުގެ ނަޒަރުގައި އޭނާ ބޭނުން ކަންތައްވީއެވެ. ދެން އޮންނާނެކަމަކީ މާލެގޮސް އެގުޅުން ކުރިއަށް ގެންދިއުމެވެ. އެކަމަކު އެއީ ފެށުމުގެ ކުރިން ނިމުމުގެ ސިއްކަ ޖެހިފައިވާ ގުޅުމެއްކަން މިސްކުއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟
ޒާނަގެ އަނެއް މަޤްސަދަކަށްވީ ރާކިން ފަހަރެއްގައިވެސް އެދެމީހުންގެ ގުޅުމުގެ ވާހަކަ މިސްކުގެ ކަންފަތާއި ހަމައަށް ފޯރުވަން އުޅެފިނަމަ އެކަން ހުއްޓުވުމެވެ. އެދެމެދުގައި ކޮންމެ ވާހަކައެއް ދެކެވުނަސް އޭނާ ހުންނަނީ ސިހިސިހިއެވެ. ފުރަން ދާން ވަގުތު ކުޑަތަންވިއެވެ. މެންދުރު ކައިނިމިގެން އެންމެން ބޭރަށް ނިކުނަން ފެށިއިރު ޒާނަ އިނީ މޭޒުދޮށުގައެވެ. ކޮންމެ ސުވައެއް އޭނާ އެތެރެކުރަނީ ގަދަކަމުންނެވެ. އެކަމަކު ހަބީބާ އިނުމުން ބަތްތަށި ހުސްނުކޮށް ނިކުންނަން ނުކެރިގެން ހިތްވަރުކުރަމުން ދިޔައެވެ. މިސްކު އާއި ރާކިން ބޭރުގައި ވާހަކަ ދައްކާ އަޑުއިވެއެވެ.
“އޭ ރާކިން. އަންގާވެސް ނުލަމެއްނު. އަހަރެން މިރަށުގައޭ މިއުޅެނީ. ބަދޫ ދިމާވެގެން ބުނި ނިއުވައިފްވެސް ގޮވައިގެންނޭ އައިސް އުޅެނީ. އެއީ ތެދެއްތަ؟ ކޮބާ ވައިފް؟ ތައާރަފްކޮށްދޭން ވާނެއެއްނު.” ބޭރުން ޒުވާނަކު ވާހަކަދެއްކި އަޑުއަހާފައި ޒާނަ ބޭރަށް ލައިލައި އިން ނޭވާވެސް ކަރުތެރޭގައި ތާށިވިކަހަލައެވެ.
ބިރެއް ފެނިގެން ތެދުވިހެން ފުންމައިގެން ތެދުވިއެވެ. އެވީގޮތެއް ނޭނގިގެން ހަބީބާ ބަލަންފެށުމުން ޒާނަ ކަންބޮޑުވިއެވެ. ރާކިން ޒާނައޭ ކިޔާ ގޮވާލުމާއެކު ދުރުން އެއްޗެއް ތަޅައިގެންދިޔަ އަޑުއައީ އެވަގުތުއެވެ. ހިތާއިދެކޮޅަށްވެސް ޒާނައަށް ނިކުންނަން ޖެހުނީ ރާކިން އަނެއްކާވެސް ގޮވާލުމުންނެވެ. އަތްދޮވެލައިގެން އައިސް ދޮރާއި ހަމައިގައި ޒާނަ ހުއްޓުނީ ސުވާލުކުރަން ކޮށިގަނޑަށް ހާޒިރުކޮށްފައިވާ ކުށްވެރިއެއްފަދައިންނެވެ. އިސްއުފުލާލާނެހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ. މިސްކުގެ މޫނުގައި މިވަގުތުވަނީ ކޮންފަދަ ކުލަވަރެއް ކަމެއްވެސް ނޭނގެއެވެ.
“ތިދެން ނަގާނެކަމެއް ނެތް. ތިއޮތީ ކުދިކުދިވެފައެއްނު.” ތިފްލާ ވާހަކަދެއްކި އަޑަށް ޒާނައަށް ބަލާލެވިއްޖެއެވެ.
މާލެގެންދަންވެގެން މިސްކު ތައްޔާރުކޮށްފައިވާ މާވަށިގަނޑު އޮތީ ފާރުކައިރީގައި ކުދިކުދިވެފައެވެ. ޒާނަގެ މައްޗަށް މިސްކު ކުރި އިތުބާރުފަދައިންނެވެ. މާވަށިގަނޑު ވެއްޓުނީ މިސްކުގެ އަތުންނެވެ. ޒާނައަށް ފެނުނުއިރު ތިރީގައި ކުޑަކަކޫ ޖަހައިގެން އިނދެވެސް މިސްކު ބަލަމުން ދިޔައީ އޭނާއަށެވެ. އެތޫނު ދެލޮލުން އެއްފަހަރާ އެތައްހާސް އަސަރެއް ފާޅުވާން ހުއްޓެވެ. ހަތަރުކަޅި ހަމަކޮށްގެން ހުންނަން ނުކެރިގެން ޒާނައަށް ޖެހުނީ އަނެއްކާވެސް އިސްޖަހާށެވެ.
ނުނިމޭ