twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރުވާހަކަ – ތަޤްދީރު

Aug 6, 2012

.

އިފާޒާ ޢަލީ

މިހާރު އިރުއޮއްސި ހަތެއް ޖަހަނީ އެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މިތާނގައި ދެންމެއަކާއި ޖެހެންދެން ހީ ސަކަރާތްޖަހަމުން ދިޔަ ކުޑަކުދިންނާއި ހިތް އުފާކޮށްލުމަށްޓަކައި އައިސްތިބި މީހުންތައް ވެސް ގެއަށް ގޮސްނިމި، މުޅި މާހައުލަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އަހަރެން މިތާނގައި މިއިންނަނީ ހެނދުނުއްސުރެ އެވެ. އަހަރެން އެންމެ އުފާކުރަންވީ ވަގުތު، އަހަރެން އެކަނި އައިސް މިތަނުގައި މިކުރަނީ ކީއްހެއްޔެވެ؟

އާނއެކެވެ. މިއީ އަހަރެން އެންމެ އުފާވާންވީ ވަގުތެވެ. އަހަރެންގެ މައިންބަފައިން އަހަރެންގެ ކައިވެނި ހަމަޖައްސަނީއެވެ. އަދި އަހަރެން އިންނަން މިއުޅެނީވެސް އަހަރެން ދެކެ އިންތިހާ ލޯބިވާ މަންމަ އާއި ބައްޕަ އަހަރެންނަށް ހޯދައިދިން މުއާޒްއާއެވެ. އެއީ އެންމެ އެކީގައި ކުޅެންއުޅުނު ބައިވެރިޔާ ވެސް މެއެވެ. އަހަރެންގެ އުމުރުން މިހާރު އެކާވީސް އަހަރު ފުރިފައިވާއިރު، ދިރިއުޅުމުގައި ފާއިތުވި ކޮންމެ ދުވަހެއްގައި ވެސް އެންމެ ކައިރީގައިވި މީހާއެވެ. އެކަމަކުވެސް އަހަރެން އޭނާ ދެކެ ލޯތްބެއް ނުވެއެވެ. ކުޑަކޮށްވެސް ނުވެއެވެ. އަހަރެން ލޯބިވީ ހަމައެކަނި އެންމެ އިންސާނެއް ދެކެއެވެ. އެކަމަކު ތަޤްދީރު ރޭވިފައިވާ ގޮތުން އަހަރެންނަށް އޭނާއެއް ދެން ނުލިބޭނެއެވެ.

އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ލަސްވެގެން މަންމަ ގުޅަނީއެވެ. އަހަރެން ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އަހަރެންނަކީ އިސްކޮޅުންދިގު ފަތިހަށި ރީނދޫ ހަށިގަނޑެއްގެ ވެރިއެކެވެ. ދިހުންގަދަ ދިގު އިސްތަށިގަނޑަކާއި ދޮން މޫނެއް ލިބިފައިވެއެވެ. މަގުމަތިން ހިނގާފައި ދާއިރު މީހުން އަހަރެން ރީއްޗޭ ބުނާނެއެވެ. ސްކޫލުގައި އުޅުނުއިރުވެސް ބައެއް ކުދިން އަހަރެންނަކީ ރީތީގެ ރާނީއޭ ކިޔާ ފޮށޭނެއެވެ. އެކަމަކު އަހަރެން އެކަމެއް ގަބޫލެއް ނުކުރަމެވެ. އަހަރެންނަށް އަހަރެންގެ އެއްވެސް ސިފައެއް ކަމަކުވެސް ނުދެއެވެ. އަމިއްލައަށް ރީތިކަމަށް ގަބޫލުކުރާ މީހުންދެކެވެސް އަހަރެން ފޫހިވެއެވެ.

އަހަރެންގެ މައިންބަފައިންނަކީ މުޅިރަށުގައި ވެސް ތިބި މުއްސަނދިންގެ ތެރޭގައި ހޮވާލެވޭނެ ބައެއްކަން ދެބުރިއަށް ނަގާފައިވާ ގެއަށް ނަޒަރު ހިންގާލުމުން އެނގިގެން ދާނެއެވެ. ގެއަށް ވަނުމާއެކު އޮހިގެން ދިޔައީ މަންމަގެ ސުވާލުތަކެވެ.

“ދަރިފުޅާ އަޒަހާ! ކޮންތާކުން ތިއައީ؟ ބުނީމެއްނު އެކަނި ނުދާށޭ ތަންތަނަށް.” މިއީ މަންމަ ގެ އާދައެވެ.

މަންމަގެ ލޯމަތިން އަހަރެން އެންމެ ހިނދުކޮޅަކަށް ގެއްލުނަސް މަންމަ ހާސްވެ ކަންބޮޑުވާނެއެވެ. އަހަރެންގެ މައިންބަފައިން އަހަރެން ދެކެވާލޯބީގެ ހައްގުގައި ނަމަވެސް އަހަރެން މުއާޒްއާއި ކައިވެނި ކުރުމަށް އެއްބަސް ވީމެވެ. އެހެން ނަމަވެސް މަންމަމެން ހީކުރީ އަހަރެން ހުރީ އުފަލުގައި ކަމަށެވެ. އުފާވެރިކަން މޫނުމަތިން ދެއްކުމަކީ އަބަދުވެސް އަހަރެންގެ އާދައެވެ.

ހަފްތާއެއްގެ ތެރޭގައި އަހަރެންގެ ކައިވެނި ކުރުމަށް ވަނީ ނިންމާފައެވެ. އަހަރެންގެ މަންމަ އާއި މުއާޒުގެ މަންމަގެ އޮތް އެކުވެރިކަން ތިމާގެ ކަމުގެ ގުޅުމަށް ބަދަލުވާތީވެ އެމީހުންވެސް ތިބީ އުފަލުންނެވެ. ކައިވެނި ހަފްލާއަށް އަހަރެންގެ މުޅި ގެ ވަނީ ޒީނަތްތެރި ކުރެވިފައެވެ. ކުލަބޮކިތަކުންނާއި މާމެލާމެލިން ޒީނަތްތެރިވެފައިވާ ގެ ހީވަނީ ގަނޑުވަރެއް ހެންނެވެ. އަހަރެންގެ ކައިވެނީގެ ހެދުމަކީ ވެސް އެތައް ހާސްރުފިޔާކަން އެހެދުމަށް ބަލާލުން އެނގިގެން ދެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޤާޟީއާއި ހެކިވެރިން އައެވެ. މުއާޒް “އަނބި ޤަބޫލުކޮށްފިން” ބުނުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އަހަރެންނަކީ އެއްގޮތަކަށް ވެސް ފޭސްބުކް ބޭނުންކޮށް އުޅުނު ކުއްޖެއް ނޫނެވެ. އެހެނަސް ހަމަ ކުއްލިއަކަށް ވަދެލާހިތްވީއެވެ. އޭގެ ސަބަބުން އަހަރެންނަށް އާ ރައްޓެހިންތަކެއް ލިބިގެން ދިޔައެވެ. ނުދަންނަ މީހުންނާވެސް އަހަރެން ވާހަކަ ދައްކަމެވެ. އެކަމަކު އެއްގޮތަކަށް ވެސް އަހަރެންގެ އަމިއްލަ ވާހަކައެއް ނުދައްކަމެވެ. އެއްދުވަހަކު ދިމާވި ރައްޓެއްސެކެވެ. ކިޔަނީ ހަސަން އެއްކަން އެނގުނެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުންނަ ގޮތް އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަހަރެމެން ވާހަކަ ދައްކަން ތިބޭ ވަގުތުތައް ތިން ހަތަރު ގަޑިއިރަށް ވެގެން ދިއުމެވެ. ކިތަންމެ ގިނައިރެއް ވިޔަސް އަހަރެން ފޫއްސެއް ނުވެއެވެ. ހަސަން ވެސް ފޫހިނުވާކަން އަހަރެންނަށް އެނގުނީ ދައްކާ ވާހަކަ ތަކުންނެވެ. އޭނާ އަހަރެންގެ ފޯނު ނަންބަރު ވެސް ހޯދިއެވެ. ހޯދީ ކިހިނެތްކަން ބަލާކަށް އަހަރެން ބޭނުމެއްވެސް ނުވިއެވެ.

އެއްދުވަހެއްގައި ޗެޓް ކުރަމުން އޭނާ ވަރަށް ސީރިއަސްކަމާއެކު އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތޯ އެހިއެވެ. އަހަރެންގެ ދިރިއުޅުމަށް އަދި ފިރިހެނެއް ނާންނަ ވާހަކަ ފަހުރުވެރިވެލާފައި ބުނުމުން އޭނާ ރައްޓެހިވާން އެހިއެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަހަރެންމީ އޭނާގެ ލޯބިވެރިޔާ ކަމުގައި ނިންމިއެވެ. ދުވަސްވަރަކީ އޭލެވެލް އިމްތިހާން ކައިރިވަމުން އައި ދުވަސްވަރު ކަމުގައި ވުމުން ބައްދަލު ކުރުމަށް އަހަރެން އިންކާރު ކުރީމެވެ. ހަސަން އަކީ ރީތި މީހެކެވެ. އަހަރެންނަށް ވުރެ ހަތަރު އަހަރު ދޮއްޓެއްކަމަކު ހެޔޮވަރު އިސްކޮޅަކާއި ފުރިހަމަކަމެއް ލިބިގެންވެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެންގެ ހިތް ވަނީ އޭނާ އަށް ދެވިފައެވެ.

ވިޔަފާރި ކަމަކު އޭނާ މާލެ ދިޔައެވެ. އަހަރެންގެ ލޯ ތޮޅެލިއެވެ. އެއީ އަހަރެން ވަރަށް ބިރުގަންނަ ކަމެއްވެސް މެއެވެ. އެހެނީ ލޯތޮޅިލާ ކޮންމެ ފަހަރަކު އަހަރެންނަށް ދިމާވެފައިވަނީ ހުސްހިތާމަވެރި ކަންތައްތަކެވެ. މީގެ މަހެއް ކުރިން އަހަރެންގެ ލޯތޮޅިލިރޭ އަހަރެން ގޮނޑިއަކުން ވެއްޓި ފައި އެނބުރުނެވެ. ހަސަން މާލެ ދިޔައީ އަހަރެންނާ ބައްދަލުވެސް ނުކޮށެވެ. އެކަމަކު ދަމުން އަހަރެންގެ ކައިރީގައި ބުންޏެވެ.

ޖެހިގެން އައިދުވަހަކީ އަހަރެންގެ ވަރަށް މުހިއްމު ޕޭޕަރެއް ހެދުމަށް ހަމަޖެހިފައިވާ ދުވަހެކެވެ. އެހެންކަމުން ފަތިހާ ތެދުވެ ފިލާވަޅު މުޠާލިޔާ ކުރީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ދައްތައެކެވެ. އެކަމަކު އެހެންޏާ ނުވައެއް ދިހައެއް ޖެހީމަ ނޫނީ ނުތެދުވާ މީހާއަށް މިއަދު އަނެއްކާ ކޮންފަދަ ހުވަފެނެއް ފެނުނީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ދައްތަ ދިން ހަބަރަކީ އަހަރެން ހިތަށް ވެސް ނާރާ، އުއްމީދު ވެސް ނުކުރާ، އަދި ގަބޫލުކުރަންވެސް ބޭނުންނުވި ހަބަރެކެވެ. އާނއެކެވެ. މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަސަން މަރުވީ އެވެ. އަހަރެން ހަސަންގެ ކައިރިއަށް ދާން ކިތަންމެހައިވެސް ބޭނުންވިއެވެ. އެކަމަކު އޭނާވީ މާދުރުގައެވެ.

އަހަރެން ކެއްތެރިކަމާއެކު އަހަރެންގެ މަންމަ އަށް ހުރިހާ ވާހަކަތަކެއް ކިޔާދިނީމެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އަހަރެންނަށް ހަސަނު ކައިރީގައި ވެސް ނުބުނެވި އޮތް ހަމައެކަނި ވާހަކައެވެ. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ. މަންމަ އަހަރެންނަށް ހިތްވަރު ދިނެވެ. ވިސްނައިދިނެވެ. މަންމަ ހީކުރީ އެހާ ގާތް އެކުވެރިއެއް ނިޔާވުމުން އަހަރެން ދެރަވަނީ ކަމަށެވެ. އެކަމަކު އަހަރެން ދެރަވަނީ އަހަރެންގެ ލޯބިވެރިޔާ ނިޔާވުމުންނެވެ. އަދި އެންމެ ދެރަވީ އޭނާގެ މޫނު އެންމެ ފަހުފަހަރަށް ބަލާލުމުގެ ނަސީބު އަހަރެންނަށް ނުލިބުނީތީއެވެ. އަދި ހަސަންގެ ރައްޓެއްސަކަށް ވެސް ބަލާލުމުގެ ނަސީބު އަހަރެންނަށް ނުލިބުނީތީއެވެ.

ހަސަންގެ ރައްޓެއްސަކަށް ވެސް އަދި އަހަރެންގެ ރައްޓެއްސަކަށް ވެސް އަހަރެން އޭނާ ދެކެ ލޯބިވީ ކަމެއް އަދި ހަސަން ވެސް އަހަރެން ދެކެ ލޯބިވީކަމެއް ނޭނގޭނެއެވެ. އެހެންކަމުން އަހަރެންނަށް ރައްޓެހިންގެ ކުރިމަތީގައި ވެސް ހިތާމަތައް ފޮރުވަން އާދަކުރީމެވެ. އެއީ އެއްވެސް މީހަކަށް އެސިއްރު އަންގަން ބޭނުން ނުވާތީއެވެ. ސިއްރެއްގެ ގޮތުގައި އެކަން ބޭއްވުން މާރަނގަޅު ކަމުގައި އަހަރެން ދެކުނީމެވެ. ދުވަސްތައް މާޒީވަމުން ދިޔައެވެ. އަހަރެންގެ ހަޔާތަށް އިތުރު އެއްވެސް މީހަކު ނާދެއެވެ. ފޭސްބުކް އަށް ވަނުންވެސް ހުއްޓާލީމެވެ. އޭނާގެ ހަނދާންތައް އަބަދުވެސް އަހަރެންނާއެކު ވިއެވެ. އަދި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ ކައިވެނި ކުރުމަށް މަޖުބޫރު ވިއެވެ.

އަހަރެންނަށް ހޭވެރިކަންވީ އަހަރެންގެ އަލަތު ފިރިމީހާ އަހަރެންނަށް ގޮވާލުމުންނެވެ. އަހަރެމެންގެ ކައިވެނި ކުރެވުނީއެވެ. އާއިލާގެ މީހުންނާއި ދުރުތާތިމާގެ މީހުންނާއި އެކުވެރިން އަހަރެމެންނަށް މަރުހަބާ ކިޔެވެ. ގޭ ހޯލްތެރޭގައި އޮތް ކުޑަކުޑަ ހަފްލާއަށް ވަރަށް ގިނަ މެހެމާނުން އައިވެސްމެއެވެ. އެންމެންގެ ހެޔޮދުއާތައް އަހަރެމެންނަށް އޮއްސާލިއެވެ. މުއާޒް ހުރީ ވަރަށް އުފަލުންނެވެ. ޕާޓީގެ ހަފްލާއަށްފަހު އަހަރެންނާއި އަހަރެންގެ ފިރިމީހާ އަހަރެމެންގެ ކޮޓަރި އަށް ދިޔައީމެވެ. މުޅި ކޮޓަރިވެސް ވަނީ މާމެލާމެލިން ޒީނަތްތެރި ކުރެވިފައެވެ. އަހަރެންގެ މާޒީ މުއާޒް ނާހައެވެ. އޭނާ ދެކޭގޮތުގައި އަހަރެންގެ ދިރިއުޅުމަށް އެކަކުވެސް ނާދެއެވެ. އަހަރެންވެސް އިސްވެ އަހަރެންގެ މާޒީ ކިޔައިދޭކަށް ނޫޅެމެވެ. މުއާޒް އެންމެ ކުޑައިރުއްސުރެވެސް އަހަރެން ދެކެ ލޯބިވެއެވެ. އަހަރެންނަށް އޭނާ އިންތިޒާރު ކުރާތާ ބާވީސް އަހަރު ވެދާނެއެވެ.

އަހަރެންގެ ދިރިއުޅުމާއި ފުރާނައާއި މުޅި ޖިސްމާއި ހަށިގަނޑު އަހަރެންގެ އަލަތު ފިރިމީހާއަށް ހަވާލު ކުރީމެވެ. ލޯބި ނުވެވުނަސް މެއެވެ. އަހަރެންގެ އަލަތު ލޯބިވެރިޔާގެ މަތިން އަދިވެސް އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. ހަނދާން ނައްތާ ނުވެސް ނުލެވޭނެއެވެ. އެކަނިވެރިވާ ކޮންމެ ފަހަރަކު އަހަރެން ރޮމެވެ. އެކަމަކު މިއަދު އަހަރެން މިއިނީ އަހަރެންގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. މުއާޒް އަކީ ވަރަށް ރަނގަޅު އަހަރެން ދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. އަހަރެންނަށް މުއާޒް ލިބުނީތީ އަހަރެން އަބަދުވެސް ﷲ ތަޢާލާއަށް ޝުކުރުވެރި ވަމެވެ. އެކަމަކު އަހަރެންގެ އަލަތު ލޯބިވެރިޔާއަށް އަބަދުވެސް ދުޢާ ކޮށްދެމެވެ. ދިރިއުޅުމަކީ ވެސް އިމްތިހާނެކެވެ. ތިމާ އެންމެ ލޯބިވާ މީހާ ތިމާއަށް ނުލިބިދާނެއެވެ. އެހެން ނަމަވެސް ތިމާދެކެ އިންތިހާ ލޯބިވާ މީހަކު ދޫކޮށްނުލާށެވެ. ތަޤްދީރަކީ ބަދަލުކުރެވޭނޭ އެއްޗެއް ނަމަ އަހަރެން ބަދަލު ކުރީމުހެވެ. އެހެނަސް އަހަރެންގެ ދިރިއުޅުން މިއަދު ވަރަށް އުފާވެރިއެވެ.

ނިމުނީ

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި

އިފާޒާ ޢަލީ، ގްރޭޑް 12 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355